އިންޑޮނޭޝިއާއިން ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ޚާއްޞަކޮށްގެން ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ތަރައްޤީކުރާ “ޙައްޖު ވިލެޖު”ގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މަޝްރޫޢަކީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީއަށް ދަތުރުކުރާ އެތައް ލައްކަ ހައްޖުވެރިންނަށް އެކަށީގެންވާ ފަސޭހަ އަދި އަގުހެޔޮ އެކޮމޮޑޭޝަން ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މައްކާގެ ޙަރަމްފުޅާ ކައިރި ސަރަޙައްދެއްގައި ބިނާކުރާ މި ވިލެޖުގައި ޙައްޖުވެރިންނަށް ބޭނުންވާނެ ހުރިހާ ޒަމާނީ ވަސީލަތްތަކެއް ޤާއިމުކުރެވިގެންދާނެއެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢު ނިމުމުން ކޮންމެ އަހަރަކު އެޤައުމުން ޙައްޖަށްދާ އެތައް ހާސް މީހުންގެ އެކޮމޮޑޭޝަން ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި އަމިއްލަ ތަނެއް ހުރުމުގެ ސަބަބުން ޙައްޖުވެރިންގެ އިންތިޒާމުތައް ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށުމަށް ސަޢޫދީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށް، ބޭނުންވާ ހުއްދަތައް ހޯދުމުގެ އެންމެ ފަހުގެ މަރުޙަލާތައް ފުރިހަމަކޮށްފައެވެ.
އިންޑޮނޭޝިއާއަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ ޢަދަދަކަށް މީހުން ޙައްޖަށް ފޮނުވާ ޤައުމަށް ވުމާއެކު، މައްކާގައި މިފަދަ ޚާއްޞަ ވިލެޖެއް ޤާއިމުކުރެވިގެން ދިއުމަކީ އެ ޤައުމުގެ ޙައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
