އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ސެނެޓަށް އިންތިޚާބުވި ފަލަސްޠީނު ދަރިކޮޅުގެ ފުރަތަމަ މީހަކަށް މުސްލިމް އެކްޓިވިސްޓެއް ކަމަށްވާ އަބީރު ޤަވާސް ވެއްޖެއެވެ. މިއީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފަލަސްޠީނާއި މުސްލިމް މުޖުތަމަޢަށް ލިބުނު ވަރަށް ތާރީޚީ އަދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ނިއުޔޯކްގެ ބްރޫކްލިންއަށް އުފަން އަދި އެ ސިޓީގައި ބޮޑުވި އަބީރު ޤަވާސް ސެނެޓްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޢާންމު ރައްޔިތުންނާ ގުޅުންހުރި ގިނަ މައްސަލަތަކަކަށް ވަކާލާތު ކުރައްވައި ކުރިއަށް ގެންދެވި ކާމިޔާބު ކެމްޕޭނަކަށް ފަހުގައެވެ.
އަބީރު ޤަވާސްއަކީ ޒަމާނުއްސުރެ މުޖުތަމަޢުގެ ޙައްޤުތަކާއި، ހިޖުރަކުރާ މީހުންގެ ޙައްޤުތަކުގެ އިތުރުން ފަލަސްޠީނުގެ މިނިވަންކަމަށް އަޑުއުފުލުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ ހީވާގި ލީޑަރެކެވެ. ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާ ދެކޮޅަށް އެމެރިކާގެ މަގުތަކުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
މި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އަބީރު ވިދާޅުވީ، މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ އެމެރިކާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނާއި، އަޑުއުފުލުމުގެ ފުރުޞަތު ގެއްލިފައިވާ ހުރިހާ ނިކަމެތި މުޖުތަމަޢުތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސެނެޓްގެ ތެރެއިން އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ބޯހިޔާވަހިކަމާއި ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ފަލަސްޠީނު ދަރިކޮޅުގެ އަންހެނަކު ނިއުޔޯކްގެ ޤާނޫނުހަދާ މަޖިލީހަށް ހޮވިގެން ދިއުމަކީ، އެމެރިކާގެ ސިޔާސީ ނިޒާމުގެ ތެރޭގައި ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އަޑުތައް އިތުރަށް ގަދަވެގެންދާނެ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
