ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމު “މަޖުނޫނު” އަކީ އޭގެ ވާހަކަ ގެނެސްދީފައިވާ ގޮތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ އަދި ބަލާ މީހުން ސިނަމާއިން ނުކުމެގެންދާއިރު ހިތުގައި އެތައް ސުވާލުތަކެއް އުފައްދާނެ ފިލްމެއް ކަމަށާއި، ފިލްމު ފުރިހަމައަށް ފަހުމްވާނީ ދެވަނަ ފަހަރަށް ބަލައިލުމުން ކަމަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފިއެވެ.
ނަހުލާ ބުނި ގޮތުގައި މިއީ ބެލުންތެރިން ޝައުގުވެރިކުރުވައި، ވާހަކައިގެ ތެރެއަށް ގެނބިގެންދާ ގޮތަށް އޭނާ ގަސްދުގައި ބޭނުންކޮށްފައިވާ “ޓްރިކް” އެކެވެ. އޭނާ ބޭނުންވީ ބެލުންތެރިންގެ ހިތުގައި ސުވާލު އުފެދި، އެކަމާ މެދު ވިސްނާ، އެ ވާހަކަތައް ދައްކާނެ ގޮތަކަށް ފިލްމު ބައްޓަން ކުރާށެވެ. އަދި އުފެދޭ އެ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނީ ފިލްމު ދެ ފަހަރަކު ބަލައިލުމުން ކަމަށް ވެސް ނަހުލާ ފާހަގަކުރިއެވެ.
ފިލްމު ބަލާއިރު ބެލުންތެރިންނަށް ކުރިމަތިވާ އިހުސާސްތަކަށް އަލިއަޅުވާލަމުން ނަހުލާ ބުނީ، ފުރަތަމަ ފަހަރު ފިލްމު ބަލާއިރު އޯޑިއަންސް ތިބެނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. ފިލްމު ބަލާ މީހާ އިންނަނީ ހުދު އޭނާގެ އަމިއްލަ ސަލާމަތަށް ވެސް މަސައްކަތްކުރާ ކަހަލަ އިހުސާސެއްގައެވެ. އެހެންވެ، ބައެއް ކަންކަން ރަނގަޅަށް ފަހުމް ނުވެ، އެކަމާ މެދު ވިސްނަން އުޅެނިކޮށް ފިލްމު ނިމިގެންދެއެވެ.
“ދެން ގެއަށް ގޮސް އެކަމާ ވިސްނައި، އެހެން މީހުންނާ އެކު މަޝްވަރާކޮށް ވާހަކަ ދައްކައިގެން މި ޖަވާބުތައް ހޯދަން ޖެހެނީ. އެހެންވެ، ސިކުނޑީގައި ސުވާލުތައް ގިނަވެގެން ގިނަ ބަޔަކު ދެވަނަ ފަހަރަށް ވެސް ފިލްމު ބަލަން އާދޭ،” ނަހުލާ ބުންޏެވެ.
ނަހުލާ ޔަގީންކަން ދިން ގޮތުގައި ފިލްމުގައި ހަމަނުޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ. އަދި އަލުން އެއްފަހަރު ފިލްމު ބަލައިލުމުން ހުރިހާ ކަމެއް ވަރަށް ސާފުވެ، ފުރިހަމައަށް އެނގިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓިކްޓޮކް މެދުވެރިކޮށް ސިލްސިލާކޮށް ނަހުލާ ގެނެސްދެމުން އަންނަ “ލައިވް”ގެ މިރޭގެ ޝޯ އަކީ ނަހޫގެ ފޭނުންނަށް ވަރަށް ރަނގަޅު ފުރުޞަތަކަށް ވާނެ ޝޯއެކެވެ. މިރޭގެ ޝޯގައި “މަޖުނޫނު” އާ ގުޅޭގޮތުން އާންމުންގެ ޚިޔާލުތަކާއި ރިވިއުތައް އަޑުއަހައި، ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ނަހުލާ އަދި ފިލްމުގެ ބައެއް ކާސްޓުން ތިބޭނެއެވެ. މި ލައިވް ސެޝަން އޮންނާނީ މިރޭ 09:30 ގައެވެ.
