ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހަޔާތުގެ ބައިވެރިޔާއަށް އޮންނަ ލޯތްބަކީ މައިވަންތަކަމުގެ އިޙުސާސަކަށް ވެގެން ނުވާނެ!
މުނިއަވަސް ގްރެފިކްސް

“މީހަކާ އެކީ އުޅޭއިރު ތިބާގެ ކިބައިގައިވާ ކުޑަކުއްޖެއްގެ ސަކަ މިޒާޖު ނެރެދޭނަމަ، ތިބާއަށް ތިޔަ އުޅެވެނީ ބޮޑުވެފައި ހުރި ފިރިހެނަކާ އެކީގައެވެ. ނަމަވެސް ތިބާގެ ކިބައިގައިވާ މައިވަންތަކަމުގެ ސިފަތައް ނެރެދޭނަމަ، ތިޔަ އުޅެވެނީ ކުޑަކުއްޖަކާ އެކީގައެވެ. އަދި ތިބާއަށް މަޖުބޫރުވެގެން ކަންކަމުގައި ފިރިހެންވަންތަ ސިފަ ނެރެންޖެހޭނަމަ، ތިބާއަށް ތިޔަ އުޅެވެނީ އެއްވެސް ފިރިހެންވަންތަކަމެއް ނެތް ފިނޑި މީހަކާ އެކީގައެވެ.”

މި ބުނުންތަކަކީ ތިބާ އަޑުއަހާފައިވާ ވާހަކަތަކެއް ހެއްޔެވެ؟ މިއީ މަޖާ ވާހަކައަކަށް ވެދާނެއެވެ. ނުވަތަ ބައެއް ފަހަރު ހަޤީޤަތާ އެކުވެފައިވާ ހަރުކަށި ބަސްތަކަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް، މި ސަމާސާގެ ފަހަތުގައި އޮތީ އިޙުސާސްތަކަށް ބޯލަނބާ މިންވަރާއި، ޒިންމާދާރުކަމާއި، އަދި ބައިވެރިއަކަށް ވުމުގެ ހަޤީޤީ މާނައާ ބެހޭގޮތުން ކުރެވޭ މުހިންމު މަޝްވަރާއެކެވެ.

ކޮންމެ ދުޅަހެޔޮ ގުޅުމެއްގައި ވެސް ކުޑަކުދިން ފަދަ ސަކަރާތްޖެހުމަށް ފުރުސަތު އޮންނަންވާނެއެވެ. ކުދިކުދި ކަންކަމުގައި ހީނލުމާއި، މަޖާކުރުމާއި، ކުއްލި ރޭވުންތައް ރޭވުމާއި، އަދި އެއްވެސް ޖެހިލުމެއްނެތި އެކަކު އަނެކަކަށް ހިތް ހުޅުވާލުމަކީ ލޯބީގެ އެންމެ ފުރިހަމަ ސިފަތަކެވެ. އުމުރުން ދުވަސްވުމަކީ އެކުގައި އުފާވެރި ވަގުތުތައް ހޭދަކުރުން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. ނަމަވެސް، ތިބާގެ މަޖާ ސިފަތައް ނެރެދޭ މީހަކާއި، ހުރިހާ ކަމެއްގެ ޒިންމާ ތިބާގެ ބޮލުގައި އަޅުވާ މީހަކާ ދެމެދު ބޮޑު ތަފާތެއްވެއެވެ.

ބައިވެރިޔާއަށް ކަންކަމުގައި މަޝްވަރާކުރުމަށާއި، ޒިންމާ އަދާކުރުމަށާއި، އިންތަކަށް އިޙުތިރާމްކުރުމަށާއި، އިޙުސާސްތައް ކޮންޓްރޯލްކުރުމަށް ނުވަތަ ކުރެވޭ ކުށްތަކަށް މާފަށް އެދުމަށް އަބަދުމެ ހަނދާންކޮށްދޭން ޖެހޭނަމަ، އެ ލޯބީގެ ގުޅުން މަޑުމަޑުން ބަދަލުވަމުންދާނީ މުސާރައެއް ނުލިބޭ ބެލެނިވެރިއެއްގެ މަގާމަށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އެކަކީ ކަންކަން ހަނދާންކޮށްދޭ މީހާއަށްވެ، އަނެކާގެ ނަފްސާނީ އެހީތެރިޔާއަށާއި، ގޭތެރެ ބަލަހައްޓާ މީހާއަށާއި، އަދި ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރާ މީހާއަށް ބަދަލުވެއެވެ. ހިތާމައަކީ މިފަދަ މަސައްކަތަކަށް އެއްވެސް އުޖޫރައެއް، ޗުއްޓީއެއް ނުވަތަ ރިޓަޔަރމަންޓް ޕެކޭޖެއް ވެސް ނޯންނަކަމެވެ.

މިވެސް ކިޔާލަން:  ކައިވެނީގެ ގުޅުމެއްގައި "އަމާންކަން" ނުވަތަ "ހަމަޖެހުން"

ޝައްކެއްވެސް ނެތްގޮތުގައި، ކޮންމެ މީހަކީ ވެސް ނިކަމެތިވާ ވަގުތުތަކެއް އަންނާނެ މީހެކެވެ. ބައެއް ފަހަރު އަހަރެމެންނަށް ހިތްވަރާއި، ކެތްތެރިކަމާއި، ބާރުވެރިކަމާއި އަދި ބުރަވާނެ ކޮނޑެއް ބޭނުންވެއެވެ. އެހީތެރިކަމަށް ނުވަތަ އަޅާލުމަށް ބޭނުންވުމަކީ ގޯހެއް ނޫނެވެ. ގުޅުމެއްގެ ތެރޭގައި ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި ނިކަމެތިވާ ހާލަތުގައި އަޅާލުމުގެ ފުރުސަތު އޮންނަންވާނެއެވެ.

މައްސަލަ އުފެދެން ފަށަނީ އެހީތެރިކަމަކީ ހަމައެކަނި އެކަކު އަދާކުރަންޖެހޭ ދާއިމީ ޒިންމާއަކަށް ވުމުންނެވެ. އުނދަގޫ ދަނޑިވަޅެއްގައި މީހަކަށް އެހީތެރިވުމާއި، އަމިއްލަ އުޅުމުގެ ޒިންމާ އުފުލަން ދެކޮޅުހަދާ މީހަކު އަބަދު ކޮނޑުޖަހައިގެން އުޅުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ.

އަދި “ބައިވެރިޔާ ތިބާގެ ކިބައިގައިވާ ފިރިހެންވަންތަ ސިފަތައް ނެރެދޭނަމަ، ތިބާ އެ އުޅެނީ އެއްވެސް ކަމަކަށް ނުވާ މީހަކާ އެކީގައި” ކަމަށް ބުނާ ބުނުމަށް ބަލާއިރު، މިއީ ހައިރާންކުރުވަނިވި ސަމާސާއަކަށް ވެދާނެއެވެ. ނަމަވެސް، އަންހެނަކު ބާރުވެރިވުމަކީ، މިނިވަންވުމަކީ ނުވަތަ ކަންކަމުގައި އިސްނެގުމަކީ އޭނާގެ އަންހެންވަންތަކަން ގެއްލޭ ކަމެއް ނޫނެވެ. އަދި އެއީ ބައިވެރިޔާއަކީ ކަމަކަށް ނުވާ މީހަކަށް ވާންޖެހޭ ސަބަބެއް ވެސް ނޫނެވެ. މައްސަލައަކީ އަނެކާ އެއްވެސް ކަމެއްގައި ބައިވެރިވާން ދެކޮޅުހަދާތީ، އެކަކު ހުރިހާ ކަމެއް ކުރަން ޖެހުމެވެ.

އިޙުސާސްތަކުގެ ފުރިހަމަކަމާއި ޒިންމާދާރުކަމަކީ އަގުބޮޑު ހަދިޔާތަކަކާ، މަތީ މުސާރައަކާ ނުވަތަ ލޯބީގެ ކުލަގަދަ ހަރަކާތްތަކަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެކަން ފެންނާނީ ދިރިއުޅުމުގެ އާދައިގެ ކަންކަމުންނެވެ. އެއީ ވަޢުދު ފުއްދުމާއި، ތެދުވެރިކަމާއެކު މުއާމަލާތްކުރުމާއި، އިންތަކަށް އިޙުތިރާމްކުރުމާއި، ކުށްތައް ޤަބޫލުކުރުމާއި، އަދި ލޯތްބަކީ ޒިންމާދާރުކަން ކުޑަކުރުމަށް އޮތް ބަހަނާއެއް ނޫންކަން ދެނެގަތުމެވެ.

މިވެސް ކިޔާލަން:  އަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް

އެއްވެސް މީހަކަށް ފުރިހަމަ ބައިވެރިއަކު ބޭނުމެއް ނުވެއެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް އުނިސިފަތައް ހުންނާނެއެވެ. ކުށްތައް ކުރެވޭނެއެވެ. އަދި ހެދިބޮޑުވުމާއި ތަސައްރަފު ފުދުމުގައި އެކަކު އަނެކަކަށްވުރެ ލަސްވެދާނެއެވެ. ނަމަވެސް، ގުޅުމެއް ކުރިއަށްދާނީ ދެމީހުންގެ ވެސް އެއްވަރުގެ ބައިވެރިވުމެއް އޮވެގެންނެވެ. އެއީ އެކަކު ބޮޑު މީހަކަށް ވެފައި އަނެކަކީ އަބަދު އިސްލާހުކުރަންޖެހޭ “މަޝްރޫއަކަށް” ވެގެންނެއް ނޫނެވެ.

ލޯބީގައި ލިބޭނެ އެންމެ ބޮޑު ނަސީބަކީ، މޮޔައަކަށް ވެދާނެތީ ބިރުގަތުމެއް ނެތި ސަކަރާތް ޖަހާލެވޭނެ، ބަލިކަށިވެދާނެތީ ޖެހިލުންވުމެއް ނެތި ހިތް ހުޅުވާލެވޭނެ، އަދި އެކަނިވެރިކަން އިޙުސާސްވުމެއް ނެތި މިނިވަންކަމާއެކު އުޅެވޭނެ ބައިވެރިއަކު ފެނުމެވެ.

އެންމެ ފުރިހަމަ ގުޅުމަކީ މީހެއްގެ ބެލެނިވެރިއަކަށް، ސަލާމަތްކޮށްދޭ މީހަކަށް ނުވަތަ އަމިއްލަ ދިރިއުޅުން މެނޭޖުކޮށްދޭ މީހަކަށް ވުމެއް ނޫނެވެ. އެއީ ކުޑަކުދިން ފަދައިން ހީނލެވޭ، އެއް ޓީމެއްގެ ގޮތުގައި ދަތިތަކާ ކުރިމަތިލާ، އަދި ހަމަހަމަ ބައިވެރިންގެ ގޮތުގައި ޒިންމާ އުފުލާ ދެ ބޮޑެތި މީހުންގެ ދެމެދުގައި އޮންނަ ގުޅުމެކެވެ.

ލޯބީގެ އިޙުސާސްތަކަކީ ހިތްގައިމު ކަންކަމެވެ. ރޮމޭންސްއަކީ ރީތި ކަމެކެވެ. އަދި މީހެއްގެ އެންމެ ޚާއްސަ މީހާއަށް ވުމަކީ އަގުނުކުރެވޭނެ ފަދަ ނަސީބެކެވެ. ނަމަވެސް، ކޮންމެ ދުވަހަކު ބައިވެރިއަކަށް ވާންޖެހޭނެ ގޮތުގެ އަސާސީ ފިލާވަޅުތައް މީހަކަށް އުނގަންނައިދޭން ޖެހުމަކީ ލޯތްބެއް ނޫނެވެ. އެއީ އެއްވެސް މީހަކު ކުރަން ބޭނުންނުވާ، އުޖޫރައެއް ނެތް އިތުރު ވަޒީފާއެކެވެ!

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top