ދީނީ ސުވާލެއް އޮތީތަ؟
ޞިއްޙަތު
ޝުކުރުވެރިވުމުގެ އާދަ އަށަގަންނުވައިދޭނެ ކުދިކުދި 5 ކަމެއް

ދިރިއުޅުމުގެ ކުދިކުދި އުފާވެރިކަން ދެނެގަނެ، ގުޅުންތައް ވަރުގަދަކޮށް، ހެޔޮ ކަންކަމަށް ސަމާލުކަން ދިނުމަށްޓަކައި ތިރީގައިވާ ފަސޭހަ ކަންކަން ދިރިއުޅުމުގެ އާދައަކަށް ހަދާށެވެ.

ޝުކުރުވެރިވުމަކީ ހަމައެކަނި ލިބިފައިވާ ހުރިހާ ނިޢުމަތްތަކުގެ ދިގު ލިސްޓެއް ތައްޔާރުކުރުމެއް ނޫނެވެ. އަދި ދިރިއުޅުމަކީ މައްސަލައެއް ނެތް ފުރިހަމަ އެއްޗެއްކަމަށް ދެއްކުމެއްވެސް ނޫނެވެ. ބައެއް ފަހަރު މިއީ ބޯލާ މީރު ކޮފީތަށްޓަކަށް ނުވަތަ ބޭނުންވި ވަގުތު އެހީތެރިވި ރަޙުމަތްތެރިއަކަށް ޝުކުރުވެރިވުން ފަދަ ކުޑަކުޑަ ކަމަކުން ފެށިދާނެ ކަމެކެވެ.

މިފަދަ ކުދިކުދި ކަންކަމުގެ ސަބަބުން އުފާވެރިކަން އިތުރުވެ، ގުޅުންތައް ބަދަހިވެގެންދެއެވެ. އަދި ޝުކުރުވެރިވުމުގެ ސިފަ ހުރުމަކީ އަރާމު ނިދި ލިބުމަށާއި، މޫޑު ރަނގަޅުވުމަށާއި، އަދި ސިއްޙީ ބައެއް މައްސަލަތަކުން ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ.

ޝުކުރުވެރިވުމަކީ ހަމައެކަނި ކަންކަން ރަނގަޅަށްދާ ވަގުތު އިޙުސާސްވާ އެއްޗެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ދަސްކުރެވިދާނެ ހުނަރެކެވެ. އުފާވާ ކަންކަން ލިޔުމުން ނުވަތަ މީހެއްގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރުމަކީ މިކަމަށް އޮތް މަގެކެވެ.

މިކަން ފެށުމަކަށް ޚާއްސަ ޑައިރީއެއް ނުވަތަ އުނދަގޫ ކަންތައްތަކެއް ކުރާކަށް ނުޖެހެއެވެ. މުހިންމީ ދިރިއުޅުމުގެ ތެރެއިން މިކަމަށް ފުރުސަތު ހޯދުމެވެ. “ރީޑާރސް ޑައިޖެސްޓް” އިން ފާހަގަކޮށްފައިވާ ގޮތުގައި، ތިމާއަށް ލިބިފައިވާ ކަންކަމަށް ސަމާލުކަން ދިނުމާއި، އެހެން މީހުންނާ އޮންނަ ގުޅުން ބަދަހިކުރުމަކީ ޝުކުރުވެރިކަން އިތުރުވާނެ ކަންކަމެވެ.

ޝުކުރުވެރިވުމުގެ އާދަ އަށަގަންނުވަން މިއަދުން ފެށިގެން ކުރެވިދާނެ 5 ކަމެއް ތިރީގައި އެވަނީއެވެ.

1 – ޝުކުރުވެރިވާ ކަންކަން ދުލުން ބުނުން

ހިތުގެ އަޑިން ޝުކުރުވެރިވުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް އެކަން ދުލުން ބޭރުކުރުމަކީ އޭގެ އަސަރު މާ ބޮޑަށް ކުރާނެ ކަމެއްކަމަށް ރީޑާރސް ޑައިޖެސްޓްގައިވެއެވެ. ބަހުން އެކަން ހާމަކުރުމުން ތިމާ ޝުކުރުވެރިވަނީ ކޮން ކަމަކަށްކަން ސާފުވެ، އޭގެ ސަބަބުން ލިބޭ އުފާވެރިކަން އިތުރުވެއެވެ.

މިވެސް ކިޔާލަން:  ގޭގެ ބަގީޗާއަށް އަލިފާން ކޮކާ ޝައުޤުވެރިކުރުވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް

މިކަމަށްޓަކައި ދިގު ތަޤުރީރެއް ދޭކަށް ނުޖެހެއެވެ. ހަމަހިމޭން ހެނދުނަކަށް، ނުވަތަ އޮފީހުގައި އެހީތެރިވި މުވައްޒަފަކަށް ނުވަތަ ހީނލަން ލިބުނު ފުރުސަތަކަށް ޝުކުރުވެރިވާކަން ހާމަކުރާށެވެ. ބަހުން އެކަން ބުނުމަކީ އެކަމުގެ އަގު ވަޒަންކުރަން ލިބޭ ފުރުސަތެކެވެ.

ފޯނުގައި އަޑު ރެކޯޑުކޮށްލުމަކީވެސް މިކަމަށް އޮތް ފަސޭހަ މަގެކެވެ. އަދި އާއިލާއާއެކު ކެއުމުގެ ވަގުތުގައި، އެ ދުވަހު އުފާވި އެއް ކަމެއްގެ ވާހަކަ ދެއްކިދާނެއެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މީގެ ބޭނުމަކީ ތިމާއަށް ލިބޭ އުފާތަކަށް ސަމާލުކަން ދިނުމުގެ އާދަ ހަރުލެއްވުމެވެ.

2 – ޝުކުރުވެރިވާ ތިން ކަމެއް ލިޔުން

ޝުކުރުވެރިވާ ކަންކަން ލިޔެ ބެލެހެއްޓުމަކީ ހެޔޮ ވިސްނުން ދެމެހެއްޓުމަށް އޮތް ފަސޭހަ ގޮތެކެވެ. މިގޮތަށް ލިޔުމުން، ދިރިއުޅުމުގެ އަވަސްމިނުގެ ތެރޭގައި އެފަދަ މުހިންމު ވަގުތުތައް ބޭކާރުވެގެން ދިޔަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

މިކަމަށްޓަކައި ކުޑަ ނޯޓުފޮތެއް ނުވަތަ ފޯނުގައިވާ އެޕެއް ބޭނުންކުރެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް ޝުކުރުވެރިވާ ތިން ކަމެއް ލިޔާށެވެ. އެއީ ރަނގަޅު ނިދި ލިބުމާއި، މީރު ކެއުމެއް ލިބުން ފަދަ އާދައިގެ ކަންކަމަށްވެސް ވެދާނެއެވެ. މުހިންމީ އެކަމެއްގެ ސަބަބުން އުފާވި ސަބަބު ހަނދާން ހުންނާނެ ވަރަށް ތަފްސީލުކޮށް ލިޔުމެވެ.

ކަމެއް ދިމާވާ ވަގުތު އެކަން ލިޔެލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުން ދިރިއުޅުމުގައި ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވާ ވަގުތު، އެ ލިޔުންތަކުން ތިމާއަށް ހިތްހަމަޖެހުން ލިބޭނެއެވެ.

3 – ކޮންމެ ދުވަހަކުވެސް މީހަކަށް ޝުކުރު އަދާކުރުން

ޝުކުރުވެރިވުމަކީ ހަމައެކަނި އަމިއްލަ ނަފްސަށް އޮތް ކަމެއް ނޫނެވެ. އެހެން މީހުންނާ އެކަން ހިއްސާކުރުމުން އޭގެ ފައިދާ މާ ބޮޑެވެ. އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމުން، އެމީހެއްގެ މަސައްކަތުގެ އަގު ވަޒަންކުރާކަން ހާމަވެ، ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެއެވެ.

މިވެސް ކިޔާލަން:  ޒީ-ޖެނެރޭޝަނަށް ގެއްލުނު ހިތްވަރުގަދަކަމުގެ 9 ސިއްރު

މިއީ ކުޑަކުޑަ ކަމަކުންވެސް ފެށިދާނެ ކަމެކެވެ. ރަޙުމަތްތެރިއަކަށް، އާއިލާގެ މީހަކަށް ނުވަތަ މަގުމަތިން ދިމާވާ ބީރައްޓެއްސަކަށްވެސް ޝުކުރު އަދާކުރެވިދާނެއެވެ. ޝުކުރު އަދާކުރާއިރު އެކަން ކުރަނީ ކޮން ސަބަބަކާ ހުރެކަން ބުނެދިނުމުން އޭގެ އަސަރު ގަދަވާނެއެވެ.

ފޯނުން ގުޅާލައިގެން ނުވަތަ މެސެޖެއް ކޮށްލައިގެންވެސް މިކަން ކުރެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެކަކަށް ޝުކުރު އަދާކުރުމަށް އަމާޒު ހިފާށެވެ.

4 – ޝުކުރުވެރިވުމަށްޓަކައި ހަމަހިމޭން ވަގުތުކޮޅެއް ހޭދަކުރުން

ކަންކަމުގައި މަޝްޣޫލުވެ އުޅޭއިރު، ދިރިއުޅުމުގައި ހުރި ރަނގަޅު ކަންކަން ފާހަގަކުރަން އުނދަގޫވެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ހަމަހިމޭން ވަގުތުކޮޅެއް ހޯދައި، ލިބިފައިވާ ނިޢުމަތްތަކާއި، ގާތް މީހުންނާއި، އަދި އުފާވެރި ތަޖުރިބާތަކާމެދު ފުންކޮށް ވިސްނާލާށެވެ.

ކޮންމެ ދުވަހަކު ހެނދުނު އެއް މިނެޓާއި ފަސް މިނެޓާ ދެމެދުގެ ވަގުތުކޮޅެއް މިކަމަށް ހުސްކުރާށެވެ. މިއީ މުޅި ދުވަހު ތިމާގެ މޫޑު ރަނގަޅުކޮށްދީ، ހެޔޮ ވިސްނުމަކުން ދުވަސް ފެށުމަށް އެހީތެރިވެދޭނެ ކަމެކެވެ.

5 – ޝުކުރުވެރިވާނެ ސަބަބުތައް ދެނެގަތުމަށް ރޭވުން

ޝުކުރުވެރިވުމަށްޓަކައި މާ ބޮޑު ކަމެއް ދިމާވަންދެން މަޑުކުރާކަށް ނުޖެހެއެވެ. ދުރާލައި ރޭވުމުން، ދަތި ދުވަސްތަކުގައިވެސް ހިތްހަމަޖެހުން ހޯދިދާނެއެވެ.

ތިމާ ހިތްހަމަނުޖެހޭ ނުވަތަ ފޫހިވާ ކަންކަމުގައިވެސް، އޭގެ ތެރެއިން ޝުކުރުވެރިވެވިދާނެ ކަމެއް އޮތްތޯ ބަލާށެވެ. އަދި ޝުކުރުވެރިވާ ކަންކަމުގެ ލިސްޓެއް ތައްޔާރުކޮށް، ދަތި ވަގުތުތަކުގައި އެ ލިސްޓު ބަލާލާށެވެ. މީގެ އިތުރުން، އެހެން މީހުންނަށް އެހީތެރިވުން ފަދަ ކަންކަމަކީވެސް ޝުކުރުވެރިވުމުގެ އިޙުސާސް އިތުރުކޮށްދޭނެ ކަންކަމެވެ.

މީގެ ބޭނުމަކީ ޝުކުރުވެރިވުމަކީ ދިރިއުޅުމުގެ ބަޔަކަށް ހެދުމެވެ. މިގޮތަށް އާދަކުރުމުން، އާދައިގެ މަތިން ފާހަގަނުކުރެވޭ އެތައް ރަނގަޅު ކަންތައްތަކެއް ފާހަގަކުރަން ފެށޭނެއެވެ.

މިވެސް ކިޔާލަން:  ލެމިނޭޓް ފްލޯ ވިދުންގަދަކޮށް ބަހައްޓާނެ ގޮތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top