އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 އަންހެން ޑިވިޝަންގެ ހަވަނަ މެޗުން މޮޅުވި މޯލްޑިވްސް ޕޮލިސް ސާވިސް ފައިނަލަށް އަދި އެ މެޗުން ބަލިވި، އެމްއޭސީއެލް އާއި ފަސްވަނަ މެޗުން މޮޅުވި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އެވެ. މިއީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމު ވެސް ކުރިން ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު އޮތުމުން ދެ ޓީމުން ވެސް ވަނީ މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ތިން ސެޓްގައި ވެސް މޮޅު ކުޅުމެއް ދެއްކި އެޑިއުކޭޝަން މިނިސްޓްރީއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދާފައިވަނީ 25-12 އާއި 25-16 އަދި 25-14 އިން ނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލީގުގެ ބުރުގެ ތިންވަނައަށް ޖެހިލި އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ލިބިފަ އެވެ. އަދި ޔޫތު މިނިސްޓްރީ ވަނީ މުބާރާތުން ކަޓައިފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޑިއުކޭޝަން މިނިސްޓްރީގެ އާއިޝަތު ޖުމާނާ އެވެ.
މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
މިއީ މި ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗު، ދެ ޓީމު ވެސް ކާމިޔާބުކޮށްފައި އޮތުމުން މި މެޗުން މޮޅުވާ ޓީމަކަށް ލީގު ބުރުގެ އެއްވަނަ އާއި ފައިނަލްގެ ސީދާ ޖާގަ ލިބޭނެ އެވެ. މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.
ސީދާ ތިން ސެޓުން ޕޮލިސް މޮޅުވި މި މެޗުގެ ސެޓްތައް އެ ޓީމު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތުތަކުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް 14-25 އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 11-25 އިން ނެވެ. ތިންވަނަ ސެޓްގައި ވެސް އެމްއޭސީއެލްއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ. މި ސެޓް ޕޮލިސް ކާމިޔާބުކުރީ 10-25 އިން ނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު، ނުވަ ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައި، މުބާރާތުގެ ފައިނަލްގެ ސީދާ ޖާގައެއް ޕޮލިސް ވަނީ ހޯދައިފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚަދީޖާ އިބްރާހިމް އެވެ.
