ތިން އަހަރުވީ އަގުބޮޑު ކަސްތޮޅު
މިރުޒާ ވަރަށް ހިތްހަމަނުޖެހިފައި މަޑުމަޑުން އިށީނދެލިއެވެ. އޭނާގެ ހަނދާނަށް އައީ އެ މުއްސަނދި ގެއެވެ. ވަޝިއްޔާގެ ދިރިއުޅުމަށް އައި ކުއްލި ބަދަލެވެ. އާ ނަމެވެ. އަދި އޭނާއަށް ލިބިފައިވާ ރައްކާތެރިކަމެވެ. ޖާބިރު ރަޙްމާނެވެ. ހުރިހާ ކަމެއް އެކަތި އަނެކައްޗާ ގުޅެން ފެށިއެވެ.
“އަލުން އޭނާގެ ފޮޓޯއެއް ދައްކާލަބަލަ.”
އެ ޒުވާނާ ހޯދައި ބެލުމަށްފަހު ފޮޓޯއެއް ދައްކާލިއެވެ. މިރުޒާ އެ ފޮޓޯއަށް ފުންކޮށް ބަލައިލިއެވެ. އޭނާ ދުވަހަކުވެސް ޖާބިރާ އަމިއްލައަށް ބައްދަލުވެފައެއް ނުވެއެވެ. ނަމަވެސް، އެއީ ކޮންކަހަލަ މީހެއްކަން އޭނާއަށް އެނގެއެވެ. ފައިސާގެ ބާރުގައި ހުރިހާ ދޮރުތަކެއް ހުޅުވައި، ނުފޫޒުގެ އެހީގައި އުނދަގޫ ސުވާލުތަކުން ރެކިގަންނަން ދަންނަ ކަހަލަ މީހެކެވެ.
“އޭނާ ޖާބިރާއެކު އުޅޭތާ ކިހާ ދުވަހެއް ވެއްޖެތޯ ބަލާ.”
“އާދެ ސަރ.”
“އަދި އެމީހުންގެ މެދުގައި އޮތީ ކޮން ކަހަލަ ގުޅުމެއް؟”
އެ ޒުވާނާ ކުޑަކޮށް ފަސްޖެހުނެވެ.
“އާންމުކޮށް އޭނާ ތައާރަފުކުރަނީ ގާތް އެކުވެރިއެއްގެ ގޮތުގައި. ބައެއް ރިޕޯޓްތަކުގައި އޭނާއަކީ ބައިވެރިޔާ ނުވަތަ އަނބިމީހާއޭވެސް ބުނެފައިވާއިރު، އަނެއްބައި ތަންތަނުގައި ހަމައެކަނި މިސް ރަޙްމާންގެ ނަމުން މުޚާތަބުކޮށްފައިވޭ.”
މިރުޒާ އަނެއްކާވެސް ވަޝިއްޔާގެ ފޮޓޯއަށް ބަލައިލިއެވެ. ތިން އަހަރު ކުރިން، އޭނާއަކީ ކޮންމެ ތަނަކަށް ދިޔަޔަސް ނޯޓުފޮތެއް ހިފައިގެން އުޅޭ، ކޮންމެ ކަމަކާ ސުވާލުކުރާ، އަދި މީހުންގެ ސަމާލުކަން ލިބުމުން އުނދަގޫވާ އަންހެނެކެވެ. ނަމަވެސް މިއަދު އޭނާ ގިނަ ބައެއްގެ ކުރިމައްޗަށް ނުކުމެ އެ އުޅެނީ ޝްރެޔާ ރަޙްމާންގެ ނަމުގައެވެ.
މިރުޒާއަށް ކުރެވުނީ ހިތްހަމަޖެހުމާއި ބިރުވެރިކަން އެކުލެވިގެންވާ އާދަޔާ ޚިލާފު އިޙުސާސެކެވެ. އޭނާ ދުނިޔޭގައި އެބަހުއްޓެވެ. އެކަނި އެކަމަށްޓަކައިވެސް އޭނާ ޝުކުރުވެރިވާން ޖެހެއެވެ. ނަމަވެސް އޭނާގެ ނަން ބަދަލުކުރީ ކީއްވެ ހެއްޔެވެ؟ ޖާބިރުގެ ކައިރީގައި މަޑުކުރީ ކީއްވެ ހެއްޔެވެ؟ އޭނާގެ އާއިލާއަށް ވީގޮތް އޭނާއަށް އެނގޭބާވައެވެ؟ އެ އެޕާޓްމަންޓާއި، ނައިޓް ކްލަބާއި، އަދި އޭނާ ވަޝިއްޔާ ގެއަށް ގެންގޮސްދިން ރޭގެ ހަނދާންތައް އޭނާގެ ހުރިބާވައެވެ؟ އަދި އެންމެ މުހިންމު ކަމަކީ އަދިވެސް އޭނާގެ މަތިން ވަޝިއްޔާ ހަނދާން އެބަހުރިބާވައެވެ؟
“ސާރ، އަދި އެއް ވާހަކަ އެބައޮތް..”
މިރުޒާ އެ ޒުވާނާއަށް ބަލައިލިއެވެ. “ކޮން ކަމެއް؟”
“ބުޓީކް ހުޅުވުމަކީ ހަމައެކަނި އަމިއްލަ ޕްރައިވެޓް ހަފުލާއެއް ނޫން. އިންޓަނެޓުގައި އިތުރު ވީޑިއޯތައް އެބަހުރި. ނިމިދިޔަ މަހު ލައިފްސްޓައިލް ޗެނަލަކަށް އޭނާ އިންޓަވިއުއެއްވެސް ދީފައިވޭ.”
“އެ ހޯދާ، އަހަންނަށް ދައްކާ.”
ދެން އެ ޒުވާނާ އެހެން ވީޑިއޯއެއް ހުޅުވައިލިއެވެ. މިފަހަރު، ވަޝިއްޔާ އިނީ ފަރުމާކޮށްފައިވާ ރީތި ކޮޓަރިއެއްގައި އިންޓަވިއުއަކަށް އިށީނދެގެންނެވެ. އޭނާ ދައްކަމުންދިޔައީ ފެޝަނާއި، ވިޔަފާރިއާއި، ބުޓީކް ސިނާއަތުގައި އޭނާގެ ބައިވެރިވުމާ ބެހޭގޮތުންނެވެ. އިންޓަވިއު ކުރާ މީހާ ހިނިތުންވެލިއެވެ.
“ޝްރެޔާ، ތިޔައީ މިހާރު ވިޔަފާރިވެރިންގެ ތެރޭގައި ވަރަށް މަޤުބޫލު މޫނެއް. މިއަދު ތިބާގެ ދިރިއުޅުން ސިފަކޮށްދޭނީ ކިހިނެއް؟” ވަޝިއްޔާ އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ.
“އަހަރެން މިއީ ނަސީބުވެރިއެއް. ކުރިއަރައި ދިއުމަށާއި، އައު ކަންކަން ދަސްކުރުމަށާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް އަހަންނަށް ފުރުސަތުތައް ލިބުނު. އަހަރެން ޤަބޫލުކުރާ ގޮތުގައި ކޮންމެ އަންހެނަކަށްވެސް އަމާން އަދި މިނިވަން ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ލިބެންޖެހޭ.”
މިރުޒާ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. “އަމާން އަދި މިނިވަން.” އެ ބަސްތަކުގެ މާނައަކީ މިހާރު އޭނާއަށް ކޮބައިބާއޭ މިރުޒާގެ ހިތަށް އެރިއެވެ.
އިންޓަވިއު ކުރާ މީހާ ކުރިއަށް ގެންދިޔައެވެ. “އަދި ކުރިއަށް އޮތް ތަނުގައި ތިޔަ ފަރާތުން ފެންނާނީ ކޮން ކަންތައްތަކެއް؟”
“އުންމީދު ކުރަނީ އިތުރު މަޝްރޫއުތަކެއް ފެންނާނެ ކަމަށް. އަހަރެން މަސައްކަތް ކުރަމުންދާ ބައެއް ކަންކަން އެބަހުރި. ނަމަވެސް، މިވަގުތު އެކަންކަން ސިއްރުކޮށް ބާއްވަން އަހަރެން ބޭނުން. ސަސްޕެންސް.”
އެއަށްފަހު ސީދާ ކެމެރާއަށް މޫނު އަނބުރާލާފައި އޭނާ މަޑުމައިތިރިކަމާއެކު ހީނލިއެވެ. އިންޓަވިއު ކުރާ މީހާވެސް އޭނާއާއެކު ހީނލިއެވެ. ނަމަވެސް މިރުޒާގެ މޫނުމައްޗަކަށް ހިނިތުންވުމެއް ނާދެއެވެ.
މިރުޒާ ބަލަމުން ދިޔައީ ވަޝިއްޔާގެ އަތަށެވެ. އޭނާގެ އަތުކުރީގައި ރަން އަގުބޮޑު އަލިމަސް ބްރޭސްލެޓެއް އޮތެވެ. އެއީ ކިހިނެއް ލިބުނު ކޮން އެއްޗެއްކަން މިރުޒާއަށް އެނގުނެވެ. އެއީ ޔަގީނުންވެސް ޖާބިރު އޭނާއަށް ދިން އެއްޗެކެވެ.
ތިން އަހަރު ފާއިތުވެދިޔަ ފަހުން، ވަޝިއްޔާ މިހާރު މި ފެންނަނީ ބަރާބަރަށް މަސްތުގެ ދުނިޔެ ތެރެއަށްވަދެ އެ ދިރިއުޅުމުގެ ދަޅަ ގަދަ، އަގުބޮޑު ކަސްތޮޅު އަޅައިގެން ހުއްޓައެވެ.
“އޭނާ މިހާރު ދިރިއުޅޭ އެޑްރެހާއި ގުޅޭނެ ނަންބަރެއް އަހަންނަށް ހޯދައިދީ.” މިރުޒާ އަމުރުކުރިއެވެ.
“ސާރ، ތި ކަމަށް ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ނަގާފާނެ..”
“އެހެންވީމާ ވަގުތު ބޭކާރު ނުކުރޭ!.”
މިރުޒާ މަޑުޖެހިލުމަށްފަހު، އަނެއްކާވެސް ސްކްރީނަށް ބަލައިލިއެވެ.
“އަދި ކަނުލައި ރަނގަޅަށް އަޑުއަހާ.. އެއްވެސް މީހަކު އޭނާ ބިރުގަންނުވާ ނޫނީ އޭނާކަން އެނގޭކަށް އަހަރެން ބޭނުމެއް ނޫން. ކުއްލި ޒިޔާރަތެއް ނުކުރާތި.. މެސެޖެއް ނުކުރާތި.. އަދި އޭނާ މިތަނަށް ގެނައުމަށް އެއްވެސް މަސައްކަތެއް އިހަށް އަހަރެން އަންގަންދެން ނުކުރާތި.”
“ލައްބަ، އެނގިއްޖެ ސާރ.. އަންޑަސްޓޫޑް.”
މިރުޒާ ލެޕްޓޮޕް ލައްޕައިލިއެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހު، ވަޝިއްޔާ ގާތު ބައްދަލުވެއްޖެނަމަ ބުނާނެ ވާހަކަތައް މިރުޒާ އައީ ހިތުން ރާވަމުންނެވެ. އޭނާ އައީ މަޢާފަށް އެދޭނެ ގޮތްތަކާއި، ކަންކަން ސާފުކޮށްދޭނެ ގޮތްތަކާއި، ވީ ވަޢުދުތައް ފަރިތަކުރަމުންނެވެ. ބައެއް ފަހަރު، އޭނާ ދުވެފައި މިރުޒާގެ ގާތަށް އަންނާނެކަމަށް ތަޞައްވުރު ކުރެވުނެވެ. އަނެއްބައި ފަހަރު، އޭނާ މިރުޒާގެ މޫނުމަތީގައި ޖަހައި، ހަޅޭއްލަވައި، ނުވަތަ އެންމެ ބަހެއްވެސް އަޑުއަހަން ދެކޮޅު ހަދާނެކަމަށް ހީކުރެވުނެވެ. އަދި މިހާރު ވަޝިއްޔާ ދުނިޔޭގައި ހުރިކަން އެނގުމުން، މިރުޒާ ކުއްލިއަކަށް އޭނާއާ ބައްދަލުކުރަން ބިރުގަތެވެ. އޭނާއަށް މިރުޒާ ވަކިކުރަން ނޭނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ކަމެއް ހަނދާން ހުރެ، މިރުޒާގެ ބޮލުގައި އިލްޒާމް އަޅުވައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އޭނާ އުފަލުގައި އެއްވެސް ބަދަލެއް ދެން ބޭނުން ނުވެ ހުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން އެ ހިތަށް އެރި ސުވާލާމެދު މިރުޒާ ހީކުރި ވަރަށްވުރެ ބޮޑަށް ކަންބޮޑުވިއެވެ. މިރުޒާ ތެދުވެ ކުޑަދޮރު ކައިރިއަށް ހިނގައިގަތެވެ.
ބޭރުގައި، އިރުއޮއްސުނު ވަގުތު ޓްރެފިކް ބާރުބޮޑުވެފައިވިއެވެ. ހަމަ އެ ސިޓީގެ ކޮންމެވެސް ހިސާބެއްގައި، ވަޝިއްޔާ އުޅެމުންދަނީ އެހެން ނަމެއްގައެވެ. އޭނާ ވަށައިގެންވަނީ މުއްސަނދިކަމާއި އިއްޒަތެވެ. މިރުޒާއަށް ބާކީވެފައިވަނީ، އެއްއިރެއްގައި އޭނާއަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު، މިހާރު ފަނާވެފައިވާ ދިރިއުޅުމުގެ ކުނިބުންޏެވެ.
މިރުޒާ ތިން އަހަރު ހޭދަކުރީ، އޭނާއަށް ރައްކާތެރިކަން ނުދެވުނު އަންހެނަކު ހޯދުމުގައެވެ. މިހާރު އޭނާ އެވަނީ ފެނިފައެވެ. ނަމަވެސް، އޭނާ ހޯދަން އެ އަންހެންމީހާ ބޭނުންވާކަމެއް ނުވަތަ ނޫންކަމެއް މިރުޒާއަކަށް ނޭނގެއެވެ.
އޭނާގެ ފޯނު ވައިބްރޭޓްވިއެވެ. އެ ޒުވާނާގެ ފަރާތުން ލިބުނު މެސެޖެކެވެ.
“ސާރ، އިތުރު ތަފްސީލެއް ލިބިއްޖެ. މި ހަފުތާ ބަންދުގައި ޖާބިރު ރަޙުމާން އަމިއްލަ އަހަރީ ހަފުލާއެއް ބާއްވާ. މި ހަފުލާގައި މިސް ޝްރެޔާ ބައިވެރިވާނެކަމަށް ބެލެވޭ.”
މިރުޒާ އެ މެސެޖު ދެ ފަހަރު ކިޔައިލިއެވެ. “އަމިއްލަ ހަފުލާއެއް. ޖާބިރު. ވަޝިއްޔާ.”
އޭނާ ސްކްރީނަށް ބަލައިލުމަށްފަހު، މަޑުމަޑުން ފޯނު ޖީބަށް ލިއެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އޭނާއާ އަލުން ބައްދަލުވުމުގެ ހަޤީޤީ ފުރުސަތެއް މިރުޒާއަށް ލިބުނެވެ. ނަމަވެސް، މިހާރު އޮތް ސުވާލަކީ ވަޝިއްޔާއާ ހަމައަށް މިރުޒާއަށް ދެވޭނެތޯއެއް ނޫނެވެ. އެ ސުވާލަކީ، ޝްރެޔާގެ ނަމުގައި ހުރި އެ އަންހެންމީހާ، އަލުން އަނބުރާ މިރުޒާ ގަފޫރު އޭނާގެ ގާތަށް އައުމުގެ ފުރުސަތު ދޭނެތޯއެވެ.
(ނުނިމޭ)
