ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ބައްދަލުކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.
ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޓެލްކޯ އެވެ. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ސްޓެލްކޯއިން ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ވެސް ފެނުނީ ވާދަވެރިކަން ބޮޑު ސެޓެއްގެ ގޮތުގަ އެވެ. ގުރޫޕް ސްޓޭޖްގައި ހޯދި ކާމިޔާބީ ތަކުރާރުކުރަން ނުކުތް ސްޓެލްކޯގެ މައްޗަށް މި ސެޓްގައި ކާމިޔާބު ހޯދީ މޯލްޑިވްސް ޕޮލިސް އެވެ. ފުރަތަމަ ސެޓް ގެއްލުނު ނަމަވެސް ދެވަނަ ސެޓްގައި ސްޓެލްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް މޯލްޑިވްސްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. މި ސެޓް ސްޓެލްކޯއިން ކާމިޔާބުކުރީ 18-25 އިން ނެވެ.
ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. ސެޓް ކާމިޔާބުކުރުމަށްޓަކައި ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި ސެޓް، ސްޓެލްކޯއިން ކާމިޔާބުކުރީ 19-25 އިން ނެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ނުކުތް ސްޓެލްކޯއަށް މި ސެޓްގައި މޯލްޑިވްސް ޕޮލިސްގެ މައްޗަށް ގަދަވެވޭ ގޮތެއް ނުވި އެވެ. ޗެމްޕިއަންކަން ހޯދުމަށްޓަކައި މި ސެޓް ވެސް ހޯދަން މަޖުބޫރުވި މޯލްޑިވްސް ޕޮލިސްއިން މި ސެޓްގައި ވަނީ ތަފާތު ހިތްވަރެއް ދައްކައިފަ އެވެ. ސެޓް ނިންމުމާއި ގާތަށް ދެ ޓީމުން ވެސް ޖެހިލި މި ސެޓް މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ 25-22 އިން ނެވެ.
ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ނަތީޖާ ނެރުމަށްޓަކައި ކުޅެން ޖެހުނު ފަސްވަނަ ސެޓްގައި، ސްޓެލްކޯއިން ވަނީ އަނެއްކާ ވެސް އެ ޓީމުގެ އަސްލު ފެންވަރު ދައްކައިލާފަ އެވެ. ސެޓް ފެށިގޮތަށް އެއްވަރެއްގައި ހިފަހައްޓައިލި ސްޓެލްކޯއިން މި ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތު ބޮޑުކޮށެވެ. މި ސެޓްގައި ސްޓެލްކޯއިން 15 ޕޮއިންޓް ހޯދިއިރު މޯލްޑިވްސް ޕޮލިސްއަށް ހޯދުނީ 7 ޕޮއިންޓެވެ.
3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޝިރުހާން އަލީ އެވެ.
މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމްތަކަށް ބަލައިލާއިރު، ބެސްޓް އައުޑްސައިޑް ހިޓާރއަކީ ސްޓެލްކޯގެ ޝިރުހާން ޢަލީ، ބެސްޓް އައުޑްސައިޑް ހިޓާރ މޯލްޑިވްސް ޕޮލިސްގެ މާއިޝް އަޙްމަދު، ބެސްޓް މިޑްލް ބްލޮކާރ ސްޓެލްކޯގެ ހުސައިން އިމްތިޔާޒް، ބެސްޓް މިޑްލް ބްލޮކާރ މޯލްޑިވްސް ޕޮލިސްގެ މުޙައްމަދު ހަމްދޫން، ބެސްޓް ސެޓާރ ސްޓެލްކޯގެ އަޙްމަދު އާދަމް، ބެސްޓް އޮޕަސިޓް ޕްލޭޔާރ ސްޓެލްކޯ ރަޒީން އިބްރާހިމް މުފީދު، ބެސްޓް ލިބަރޯ މޯލްޑިވްސް ޕޮލިސްގެ މުޙައްމަދު ނުސޫހް، މޯސްޓް ވެލިއުބަލް ޕްލޭޔާރ ސްޓެލްކޯގެ ޝިރުހާން ޢަލީ އަދި މޯސްޓް ވެލިއުބަލް ކޯޗް ސްޓެލްކޯގެ އިރުފާން ނަސީރު އެވެ.
