ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން ވެސް ބޮޑު ތަފާތަކުން ދިވެހިރާއްޖެ ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު، ކޮލިފައިންގައި ކުޅުނު ފަހު މެޗުން ވެސް ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ. މިއަދު މެންދުރުފަހު ދިވެހިރާއްޖެ ގަޑިން 13:00 ގައި ފެށި މި މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި އިރާޤެވެ.

ކުރިން ކުޅުނު ތިން މެޗުން ތަފާތު ބޮޑުކޮށް ބަލިވެ ގުރޫޕްގެ ފުލުގައި އޮތް ދިވެހިރާއްޖެ އާއި އިރާޤް މިއަދުގެ މެޗަށް ނުކުތްއިރު، އިރާޤް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި ދެވަނައިގައި އޮތް ހޮންގް ކޮންގް އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ.

މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިރާޤުން ވަނީ މެޗުގެ 6 މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަސޫލް އަލް ނިޑަވީ އެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ދިވެހިރާއްޖެއިން ކައުންޓާރ އެޓޭކްގައި ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް އިރާޤުން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. 19 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައްބާސް އަލީ މަގްސޫސީ އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި އިރާޤް ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގެ ފެށިގެން މާގިނައިރެއް ނުވެ ޢަބްދުﷲ އަލް ޖުބައިނަވީ ޖެހި ލަނޑާއިއެކު އިރާޤުން 3-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މިވެސް ކިޔާލަން:  ތިންވަނަ މެޗުން ވެސް ބޮޑު ތަފާތަކުން ދިވެހިރާއްޖެ ބަލިވެއްޖެ

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިރާޤް ފަހު ދެ ލަނޑު ޖެހީ 70 ވަނަ މިނިޓާއި 72 ވަނަ މިނިޓްގަ އެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަލް ފުރައިޖި އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 7 ޕޮއިންޓް ހަމަކޮށް އިރާޤުން ވަނީ ވަގުތީ ގޮތުން މި ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހިރާއްޖެ ގަޑިން 17:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގް އާއި ތައިލެންޑެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top