އެއީ ވަރަށް ހިތްގައިމު ހަނދުވަރުދޭ ރެއެއްގައި ހުޅުމާލޭގެ އަތިރިމަތީގައި ޒޯޔާއަށްޓަކައި އޭނާ ތައްޔާރުކުރި ކެންޑްލް ޑިނާ ނައިޓެއްގައި އޭނާ ޒޯޔާއަށް ކިޔައިދިން ލަވައެކެވެ. މިހާރު އޭނާ ހަމަ ރަނގަޅަށްވެސް ހަނދާން ވެއްޖެއެވެ.
ލަވައިގެ ބާކީ ބައި ކުރިއަށް ގެންދިޔައީ އަޔާންއެވެ.
“ހަނުތިބެ ލޯބީގެ ތެރޭން، މި ހިމޭންކަމުގާވެ ޝުޢޫރު
ބުނެދޭނެޔެ ދެން ލޯބިން، ވަކިވާކަށް ދެން ނޭދެން
ވަކިވާކަށް ނޭދެން، ވަކިވާކަށް ނޭދެން”
އަޔާންގެ އިނގިލިތައް ގިޓާގެ ނަރުތަކުގެ މަތީގައި މަޑުޖެހިލިއެވެ. ކުޑަ ހިނދުކޮޅަކަށް އެއްވެސް ހަރަކާތެއް ނެތި އޭނާ ޒޯޔާއަށް ބަލަހައްޓައިގެން އިނީ، ކުޑަވެސް ހަރަކާތެއް ކޮށްފިނަމަ ޒޯޔާ ލޯމަތިން ގެއްލިދާނެކަމުގެ ބިރު އޮތް ފަދައަކުންނެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.
ޒޯޔާވެސް އަޔާންއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ވޭތުވެދިޔަ ދޮޅު އަހަރު އޭނާ މިދުވަހަށް ހާދަ އިންތިޒާރެއް ކުރިއެވެ. އޭނާގެ ދިރިއުޅުމުގައި ހުސްވެފައިވާކަމަށް އިޙުސާސްވަމުން އައި ޖާގަ ފުރޭނެ ދުވަހަކަށް އޭނާ ކެނޑިޅޭޅި އިންތިޒާރު ކުރިއެވެ.
އެތައް ދުޢާއަކާ އެތައް އުއްމީދަކަށްފަހު މިއަދު މިވަނީ އެދުވަސް އައިސްފައެވެ. އޭނާ މަޑުމަޑުން އަޔާންއާ ގާތަށް ދިޔައެވެ. އަފްޒާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އަޔާން.” ޒޯޔާ މަޑުމަޑުން ގޮވާލިއެވެ. އަޔާން މަޑުމަޑުން ތެދުވެ ގޮނޑި ކައިރީ އެއްފަރާތުގައި ގިޓާ ބެހެއްޓިއެވެ.
“ޒޯޔާ. އަހަރެންގެ ޒޯޔާ.” އަޔާން ކުއްލިއަކަށް ޒޯޔާ އޭނާގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. އެއީ ގެއްލިފައިވާ ހުރިހާ ވަގުތުތަކެއް އަނބުރާ ހޯދަން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. ޒޯޔާވެސް އަޔާންގެ ގަމީހުގައި ބާރަށް ހިފަހައްޓައިގެން ހުރެ، އޭނާގެ މޭމަތީ ބޯއަޅައިގެން ހުރެ ރޮމުން ދިޔައެވެ.
އެތައް އިރެއް ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެ ބައްދާލުމުގައި ފާއިތުވި ދޮޅު އަހަރު ދުވަހު ބުނަން ބޭނުންވި ނަމަވެސް ނުބުނެވި ހުރި ހުރިހާ ވާހަކައެއް އެކުލެވިގެންވެއެވެ. އެކަނިވެރިކަމާއި، ހަނދާން ނެތިފައިވާ ވަޢުދުތަކާއި، ހިތުގެ ފުންމިނުގައި ފޮރުވިފައިވާ ހަނދާންތަކުގެ ތަދު އެ ބައްދާލުމުން އިޙުސާސް ކުރެވުނެވެ.
“އަހަންނަށް މަޢާފްކުރޭ.” އަޔާން މަޑުމަޑުން ޒޯޔާގެ ބޮލުގައި ކޯތާފަތް ޖައްސާލަމުން ސިއްރުސިއްރުން ބުނެލިއެވެ.
“ތިހެން ނުބުނޭ އަޔާން.”
“އަހަރެން ޒޯޔާ އެކަނިކޮށްލީ.”
“ތިހެން ނުބުނޭ. އަޔާން އަހަރެން ދޫކޮށެއް ނުލާ. އަހަންނަށްވެސް ވީ ހަމަ އެހެން. އަހަރެމެންގެ ހަނދާންތައް ދިޔައީ. އަދި އޭގެ ސަބަބުން މީހަކު އޭގެ ނާޖާއިޒު ފައިދާ ނެގީ.” ޒޯޔާ ބުނެލިއެވެ.
އަޔާން ކުޑަކޮށް ދުރުވެލާފައި ޒޯޔާގެ މޫނަށް ބަލައިލިއެވެ. “ތިބުނީ؟”
ޒޯޔާ އެކްސިޑެންޓްވީ ދުވަހުގެ ކަންތައް އަޔާންއަށް ކިޔައިދިނެވެ. އެދުވަހު އޭނާ ރުޅިއައިސްގެން މަންމަ ގެޔަށް ގޮސް އިންދާ މަންމަ ދެއްކި ވާހަކަތަކެވެ. ރުޅިއައިސްފައި ހުރި ވަގުތު އިބިލީސް ފަދައިން މަންމަ އޭނާގެ ބޮލަށް ސަވާރުވި ގޮތެވެ. އަދި އެވަގުތު ވިސްނުމަކާއިނުލައި ވަރީގެ ފޯމުގައި ސޮއިކުރި ވާހަކައެވެ. އަދި އެވަގުތު އަޔާން ގުޅުމުން އެ ހުރިހާ ކަމެއް ހަނދާން ނައްތާލައި އަލުން ދާން ނުކުތް ވާހަކައެވެ.
ޒޯޔާއަށް ނޭނގުނީ އެ ވަރި ފޯމުގެ ބޭނުން އާފިޔާ ހިފިކަމެވެ. އެކަން އެނގެނީ ކައިރީގައި މަންޒަރު ބަލަން ހުރި އަފްޒާއަށެވެ. ނަމަވެސް އެވާހަކައެއް އޭނާ ނުބުނެއެވެ. އޭނާ އެ އަސަރުގަދަ ވަގުތުކޮޅު ޒޯޔާގެ ހިތަށް ދަތިކަން ލިބޭނެ އިތުރު ކަމެއް ކުރަން ބޭނުން ނުވީއެވެ. ލޮލުން އޮހެމުންދިޔަ އުފާވެރިކަމުގެ ކަރުނަތައް ފޮހެލައި އޭނާ މާތް ﷲ އަށް ޙަމްދުކުރިއެވެ. އެންމެ ފަހުން އެތައް ދުވަހެއްގެ ދުޢާ މާތް ﷲ އިޖާބަކުރައްވައިފިއެވެ.
“އެހެންވީމާ، މިހާރު ޒޯޔާ ހުރިހާ ކަމެއް ހަނދާން ވެއްޖެކަން މަންމަ ގާތު ބުނެފިންތަ؟” އަޔާން އަހާލިއެވެ.
“ނޫން. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ އަޔާން ގާތަށް އަންނަން. އަހަރެންގެ ލޯބިވާ ފިރިމީހާ ގާތަށް އަންނަން. އަހަރެން މަންމަ ގާތު ބުނިނަމަ އަހަރެން އަޔަކަ ނުދޭނެ. މަންމަ އަޔާންއަށް ނަފުރަތުކުރާވަރު އަޔާންއަށްވެސް އެނގެއެއްނު. ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުވެސް މަންމަ އަހަރެމެން ދެމީހުން ދުރުކުރަން ކުރިހާ މަސައްކަތުގެ އަސްލު މިހާރު މި އެނގުނީ އަދި ކިރިޔާ.” ޒޯޔާ އަޔާންއަށް ބަލައިލަމުން ބުނެލިއެވެ.
އަޔާން ވަރަށް ލޯބިން ޒޯޔާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެތާނގައި އިތުރު މީހަކު ހުރިކަންވެސް އެމީހުން ހަނދާން ނެތް ކަހަލައެވެ. މަޑުމަޑުން ދެމީހުން ކައިރިވަމުން ދިޔައެވެ. އެވަގުތު އަފްޒާ ކަރުކެހިލުމުން ސިހިފައި ދެމީހުން ދުރަށް ޖެހިލިއެވެ. އަދި އަފްޒާ ފެނުމާއެކު ޒޯޔާ ލަދުން ދުރަށް އެނބުރިލިއިރު، އަޔާން ބޮލުގައި އަތް ހާކާލިއެވެ.
“މިހާރު ކޮން ލަދެއް ތި ގަންނަނީ؟ ޕަބްލިކް ތަނެއްގަ ކޮންޓްރޯލް ކުރަންވާނެ ދޯ.” ހެމުންހެމުން އަފްޒާ ބުންޏެވެ.
“ފަހަރީ.” އަޔާން ބުނެލިއެވެ.
އަފްޒާ ހެމުންހެމުން އައިސް ދެމީހުންގެ ގާތަށް ހުއްޓުނެވެ. އަދި ޒޯޔާ އޭނައާ ދިމާއަށް އަނބުރާލައި ބައްދާލިއެވެ. އަނެއް އަތުން އަޔާން ގެނެސް ބައްދާލިއެވެ. މިއަދު އޭނާގެ ހިތް އުފަލުން ފުރިއްޖެއެވެ. އެތައް މަހެއް ވަންދެން އަޔާންގެ ހިތުގައިވާ ހުސްކަމާ އޭނާ ކުރަމުންދިޔަ ހަނގުރާމަ އަފްޒާ ދުށްޓެވެ. ކޮންމެ ދުވަހަކު ކުރާ ޒުވާބުތަކަށްފަހުވެސް ޒޯޔާގެ ނަން ކިޔާ ކޮންމެ ފަހަރަކު، ސަބަބެއް ނޭނގުނަސް އަޔާން ނުތަނަވަސްވާ މަންޒަރު އޭނާ ދުށްޓެވެ. އަދި ހުޅުވާނުލެވޭ ސިއްރެއް ފޮރުވިފައިވާފަދަ ގޮތަކަށް އަޔާން ގިޓާގައި ހިފަހައްޓައިގެން އިންނަ މަންޒަރުވެސް އޭނާ ދުށްޓެވެ. ނަމަވެސް މިހާރު އެންމެ ފަހުން އޭނާއަށް އެ ސިއްރު ހާމަވެއްޖެއެވެ.
“އަޔާން، ޒޯޔާ. އަހަންނަށް މަޢާފުކޮށްދޭތި. އަޔާން އެތައް ފަހަރަކު އެދުމުންވެސް އަހަރެމެން ހަޤީޤަތް ސިއްރުކުރީ ތި ދެކުދިންދެކެ ހަޤީޤަތުގައިވެސް ލޯބިވާތީ. އެކްސިޑެންޓްވި ދުވަސްކޮޅު ޑޮކްޓަރުން އިންޒާރުދިން ތި ދެކުދިން ވަކިން ގެންގުޅުމަށް. އެއީ އޭރު ތި ދެކުދިންގެ ސިކުނޑީގައި އެ ހުރިހާ ކަމެއް ތަހައްމަލުކުރާހާ ބާރު ނެތީމަ. ކުއްލިއަކަށް ކަންކަން ހަނދާންކުރަން މަސައްކަތްކުރުމުން ކޮންމެ ފަދަ ގޮތެއްވެސް ވެދާނެކަމަށް ޑޮކްޓަރު ބުނީމަ އަހަރެމެން ބިރުގަތީ.” އަފްޒާ ބުންޏެވެ.
“ފަހަރި އަހަރެމެން ގާތުން މަޢާފަށް އެދޭކަށް ނުޖެހޭނެ. އެއީ ފަހަރި އަބަދުވެސް ވިސްނީ އަހަރެމެންނަށް އެންމެ ރަނގަޅު ގޮތަށް. އެކަމާ ދޭތެރޭ އަހަރެމެން އެއްވެސް ޝައްކެއް ނުކުރަން.” ޒޯޔާ ބުންޏެވެ. އަޔާންވެސް ޒޯޔާގެ ވާހަކައާ އެއްބަސްވިއެވެ.
“އަޔާން، އަހަރެން ދެން ދަނީ. ތި ދެމީހުން ދައްކަން ވަރަށް ބައިވަރު ވާހަކަ ހުންނާނެ. އެހެންވީމަ އަހަރެން އެ ދޭތެރެއަށް ހުރަހަކަށް ވާކަށް ނެތިން.” އަފްޒާ ބުނެލިއެވެ.
“ފަހަރީ، އެކަމު އަދި އެއްވެސް މީހެއް ގާތު ނުބުނައްޗޭ މިވާހަކަ.” އަޔާންގެ ވާހަކައަށް އަފްޒާ ބޯޖަހާލިއެވެ.
އަފްޒާ ދިޔުމުން އެތައް އިރަކު އެ ދެމީހުން ވާހަކަދައްކަން ތިއްބެވެ. އަދި އާފިޔާއާ ކުރިމަތިލާނެ ގޮތަކާމެދު ވާހަކަދެއްކިއެވެ. ޒޯޔާ ބޭނުންވީ ވަގުތުން ވަގުތަށް ގޮސް އާފިޔާއަށް ހުރިހާ ކަމެއް ސާފުކޮށްދޭށެވެ. ނަމަވެސް އަޔާން ލަފާ ދިނީ ވިސްނުންތެރިކަމާއެކު ހަމަޖެހިގެން މިރޭ އެވާހަކަ ދެއްކުމަށެވެ. ބައްޕަވެސް އެވަގުތު ހުންނަން އޭނާ ބޭނުންވިއެވެ. ޒޯޔާ އެއްބަސްވިއެވެ.
*****
އަފްޒާ އެދުވަހު ހަވީރުއްސުރެ އެ ރެޔަށް ޚާއްސަ ކެއުމެއް ތައްޔާރުކުރަން ފޯރި އަރުވާލާފައި އުޅުނެވެ. އޮފީހުން އައީއްސުރެ ރިޔާޒް ހުރީ އަފްޒާ އުޅޭގޮތުން ހައިރާންވެފައެވެ. މާ ޚާއްސަ އުފަލެއް ލިބިގެން އުޅޭ މީހެއް ފަދައިން އުޅޭތީ އެތައް ފަހަރަކު ސުވާލުކުރިވެސްމެއެވެ. ނަމަވެސް އަފްޒާގެ ފަރާތުން ސީދާ ޖަވާބެއް ނުލިބުނެވެ. އަފްޒާ ނުބުނި ނަމަވެސް އޭނާއަށް އެވާހަކަ ރިޔާޒް ގާތު ނުބުނެ ކެތްވަނީއެއް ނޫނެވެ.
“އަފްޒާ. ދެން ބުނަންވީނު ތި ވެގެން އުޅޭގޮތެއް.” ރިޔާޒް އަނެއްކާވެސް އެހިއެވެ.
“މީހަކު އަންނަނީތަ؟” ރިޔާޒް އެހިއެވެ.
“އާނ، އުހުނ.” ގަސްތަކާނުލައި ބުނެވުމުން އަވަހަށް އޮޅުވާލަން މަސައްކަތްކުރިއެވެ.
“ކާކު؟ ޒޯޔާ ދޯ؟” ރިޔާޒަށް ޔަޤީނާ ގާތަށް ހީވިއެވެ.
ދެން ސިއްރު ނުކުރެވޭނެކަން އެނގުމުން އެންމެ ފަހުން އަފްޒާ ބުންޏެވެ. ނަމަވެސް އެ ދެމީހުންގެ ހަނދާންތައް އެނބުރި އައި ވާހަކައެއް ނުބުނެއެވެ.
“އަހަންނަށް ޝައްކުވިޔޭ. އެހެންޏާ އުޅޭގޮތާ ތަފާތުވެފަ، އާދަޔާ ޚިލާފަށް އުފާވެގެން އުޅޭތީ. މިވީ ދޮޅު އަހަރު ތެރޭ ތިކަހަލަ އުފާވެރިކަމެއް ފެނުނީ ޒޯޔާއާ ބައްދަލުވި މަދު ފަހަރުތަކުގައި ވިއްޔަ.” ރިޔާޒް ބުންޏެވެ.
“ރިޔާޒަށް ނޭނގި ދެން ކާކަށް އެނގޭނީ. އަހަރެން ނުބުންޏަސް ރިޔާޒަށް އެނގޭނެ.” އަފްޒާ ބުންޏެވެ.
*****
އެރޭގެ އިޝާ ނަމާދަށްފަހު ޒޯޔާ އާފިޔާއާ ނަސީރު ގާތު އޭނާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންކަމަށް ބުންޏެވެ. އަދި އެމީހުންނާ ބައްދަލުކުރަން ވަރަށް ޚާއްސަ މީހަކު އަންނާނެކަމަށް ބުންޏެވެ. ނަމަވެސް އެއީ ކާކުކަމެއް ނުބުނެއެވެ.
“ކޮން ވާހަކައެއްތަ ދަރިފުޅު ދައްކަން ތި އުޅެނީ؟” އާފިޔާ އެހިއެވެ.
“މަންމަ ވަރަށް އުފާވާނެ ވާހަކައެއް. މަންމަ މިވީ ދުވަސްތަކުގައި ވަރަށް ގިނައިން އަހަރެންގެ ކައިވެނީގެ ވާހަކަ ދެއްކީމެއްނު. އަހަރެން އެކަމާ ވަރަށް ވިސްނައިފިން. އެވާހަކަ ދައްކަން މިއުޅެނީ. އެކަމަކު އެވާހަކަ ދައްކާނީ އޭނަ އައިމަ.” އާފިޔާގެ މޫނަށް ބަލަން އިނދެ ޒޯޔާ ވާހަކަދެއްކީ ހިނިތުންވެލާފައެވެ. އާފިޔާއަށް އެއްވެސް ޝައްކެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
“އަސްލުވެސްތަ؟ މަންމަ ހާދަ އުފާވެއްޖޭ.” އާފިޔާ ނަސީރަށް ބަލައިލީ އެންމެ ފަހުން އޭނާގެ އުއްމީދުތައް ހާސިލުވަނީއޭ ބުނާފަދަ ގޮތަކަށެވެ.
އިންތިޒާރުގައި ސިޓިންރޫމުގައި ތިއްބާ ޒޯޔާގެ ފޯނަށް މެސެޖެއް އައެވެ. އަޔާން ބޭރުގައި ހުރިކަން އަންގާލިއެވެ. ޒޯޔާ ބޭރަށް ނުކުތެވެ.
އާފިޔާ ހުރީ ކެތްމަދުވެފައެވެ. ފައިސަލްއާއި ޒޯޔާގެ ކައިވެންޏަކީ އޭނާ މީގެ އެތައް އަހަރެއް ކުރިންވެސް އެދެމުން އައި ކަމެކެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެންމެ ފަހުން އެކަން ފުރިހަމަވަނީއެވެ. އަޔާންއޭ ކިޔުނު މުސީބާތުން އަބަދަށް ސަލާމަތްވަނީއެވެ.
ފަސްވަރަކަށް މިނެޓު ފަހުން ޒޯޔާއާއެކު ސިޓިންރޫމަށް އައިސް ވަން މީހާ ފެނުމާއެކު އާފިޔާއަށް ލިބުނު ސިހުމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ކުއްލިއަކަށް ނަސީރަށް ބަލައިލެވުނެވެ. ނަސީރުވެސް ހައިރާންކަމާއެކު އެއްފަހަރު ޒޯޔާއަށް އަނެއް ފަހަރު އާފިޔާއަށް ބަލައިލިއެވެ.
“ޒޯޔާ. މިޔޯ؟ ކީއްކުރަން އޭނަ މިގެއަށް ތި ވެއްދީ؟” އާފިޔާގެ އަޑަށް ކުއްލިއަކަށް ރުޅިވެރިކަން ވެރިވިއެވެ.
“ކިހިނެއްވީ މަންމާ؟ މަންމަ ބޭނުންވަނީ އަހަރެން ކައިވެނި ކުރާކަށްނު؟” ޒޯޔާ މަޑުމައިތިރިކަމާއެކު އެހިއެވެ.
“އަހަންނެއް ޤަބޫލެއް ނޫން.”
“ކީއްވެ؟” ޒޯޔާ އެހިއެވެ.
“އެއީ ހަމަ އަހަރެން ޤަބޫލު ނޫނީ.” އާފިޔާގެ ރާގު އަދިވެސް ހުރީ ހަރުކަށިކޮށެވެ.
“ކީއްވެ؟” ޒޯޔާ އަނެއްކާވެސް އެހިއެވެ.
“ކޮންމެ ކަމެއްގެ ސަބަބު ބުނެދޭކަށް ނުޖެހޭނެ. އަހަރެން ހުއްޓާ ލާހިކެއް ނޫން ޒޯޔާއަށް ތި އަޔާންއަކާ އިންނާކަށް.” އާފިޔާ ބުނަމުން ދުރަށް މޫނު އަނބުރާލިއެވެ. އޭނައަށް އަޔާންގެ މޫނު ފެނުނަސް ކެތްނުކުރެވޭ ކަހަލައެވެ.
“މަންމަ ކުރިންވެސް ތިހެން ބުނީމެއްނު.” ޒޯޔާ އެހެން ބުނެލުމާއެކު އާފިޔާ ކުއްލިއަކަށް ޒޯޔާއާ ދިމާއަށް އެނބުރުނެވެ.
“ކީކޭ ތިބުނީ؟”
“މީގެ 9 އަހަރު ކުރިންވެސް މަންމަ ދިނީ ތި ޖަވާބެއްނު. އެކަމަކު ވީ ކިހިނެއް؟” ޒޯޔާ އެހިއެވެ.
“ތި ދައްކަނީ ކޮން ވާހަކައެއް؟” އާފިޔާ ބިރުން އުޅުނު ކަންތައް ވެއްޖެކަން އެނގުމުންވެސް އޭނާ އުޅުނީ ނޭނގޭކަމަށް ހަދާށެވެ.
“މަންމަ އަދި ކިހާ ދުވަހަކު ތިހެން އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން އެކްޓް ކުރާނަންތަ؟” ޒޯޔާ އެހިއެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.
“އަހަރެން އެއްވެސް ކަމެއް ނުކުރަން. ކާކު ޒޯޔާ ބޮލަށް އެރިގެން ތި އުޅެނީ؟” އާފިޔާ އެހިއެވެ.
“މަންމާ. ތި ޑްރާމާ ހުއްޓާލާ ދެން. މަންމަގެ ތި ޑްރާމާ ބަލަބަލާ އަހަރެން ވަރުބަލިވެއްޖެ މިހާރު.” ޒޯޔާ ބުންޏެވެ.
“އަހަރެން ހީކުރީ މަންމަ ހަޤީޤަތުގައިވެސް އަހަރެންދެކެ ލޯބިވާކަމަށް. އެކަމަކު މިއަދު އެނގިއްޖެ މަންމަ އެއްވެސް އިރަކު އަހަރެންދެކެ ލޯބި ނުވާކަން. މަންމަ ބޭނުންވީ ހަމައެކަނި އަހަންނަކީ މަންމަގެ ބާރުގެ ދަށުގައި ހުރި، ބޭނުންއިރަކު ކޮންޓްރޯލް ކުރެވޭނެ މީހެއްގެ ގޮތުގައި ބަހައްޓަން.” ޒޯޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ތިހެން ނުބުނޭ. މަންމަ އަބަދުވެސް ދަރިފުޅުދެކެ ލޯބިވިން. މަންމަ ބޭނުންވީ ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދޭން. އުފާވެރި ދިރިއުޅުމެއް ހޯދައިދޭން.” އާފިޔާ ބުންޏެވެ.
“ހުސް ދޮގު. ވީއިރު މި ހުރިހާ ދުވަހު މިކަން ސިއްރުކޮށްގެން އަހަރެމެން ދެމީހުން ދުރުކުރަން މަސައްކަތްކުރީ ކީއްވެ؟ އަހަރެން މީ މީހެއްގެ އަނތްބެއްކަން އެނގިހުރެވެސް އަހަރެން އެހެން މީހަކާ ދެވަން މަސައްކަތްކުރީ ކީއްވެ؟” ޒޯޔާ ހަޅޭއްލަވައިގަތެވެ.
އަޔާން ޒޯޔާގެ ގައިގައި ހިފަހައްޓާލިއެވެ. އޭނާ ޒޯޔާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.
“ޒޯޔާ އަމިއްލައަށް ވަރީގެ ފޯމުގައި ސޮއިކުރީ. ދެން މިހާރު ކީކޭ ތި ކިޔަނީ؟ އަހަރެން އަތުގައި އަދިވެސް އެ ފޯމު އެބައޮތް.” އާފިޔާ ބުންޏެވެ.
“އަދިވެސް އެ އެބައޮތޭ!؟ އަހަރެން އެދުވަހު ދަމުން ބުނީމެއްނު އެ ވީދާލާށޭ.” ޒޯޔާގެ ރޮމުން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
“އަހަރެން އެ ބޭއްވީ އޭގެ ބޭނުން ޖެހިދާނެ ކަމަށް.” އާފިޔާ އަދިވެސް މަސައްކަތްކުރީ އޭނާގެ ކުށެއް ނެތްކަން ސާބިތުކުރާށެވެ.
“މިހާރު އަހަންނަށް ވިސްނިއްޖެ. އެހެންވީމަ ރޭގަ އަހަރެން ގެއަށް އައިއިރު އެ ދެއްކީ އަހަރެމެން ދެމީހުންނަށް ތަނެއްދޮރެއްވެސް ނާންގާ ވަރީގެ ކަންކަން ނިންމާ ވާހަކަ ދޯ؟” ޒޯޔާ އެހެން ބުނެލުމާއެކު އާފިޔާ ދުރަށް މޫނު އަނބުރާލިއެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ހުރި ނަސީރާ ދިމާއަށް ޒޯޔާ ބަލައިލުމާއެކު އޭނާ އިސްޖަހާލި ގޮތުން ޒޯޔާއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. އޭނާ އެންމެ ލޯބިވި ދެމީހުން އޭނާގެ މުޅި ދިރިއުޅުމާ ކުޅެލީއެވެ.
“ތީތަ މަންމަމެން އަހަރެންދެކެ ވީ ލޯތްބަކީ؟ އަހަންނަށް ނުވެސް އެނގި އަހަރެންގެ ދިރިއުޅުމަށް ހިތަށް އެރި ގޮތެއް ތި ހަދާލީ. މަންމަމެންނަށް ކޮން ޙައްޤެއް އޮތީ ތިހެން ކަންތައް ކުރުމުގެ؟ އަހަރެން މީ މަންމަމެންގެ ދަރިއަކަށް ވުމަކީ އަހަންނަށް ހިތުހުރިހާ ގޮތެއް ހެދުމުގެ ހުއްދަ ލިބުމެއް ނޫނޭ.” ޒޯޔާ ބުންޏެވެ.
މަންމައާއި ބައްޕަގެ ފަރާތުން ލިބުނު ބޮޑު ދޯކާގެ ސަބަބުން ހިތް ކުދިކުދިވެފައިވާ ޒޯޔާ އަޔާންގެ ގައިގައި ބައްދާލިއެވެ.
“އަޔާން އަހަރެން ގެންދޭ. އަހަރެން ބޭނުމެއް ނޫން މިގޭގަ ހުންނާކަށް. އަހަރެންގެ އުފަލަށް ނުބަލާ ބައެއްގެ ކައިރީގަ އުޅޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ގެންދޭ.” ޒޯޔާ އާދޭހުގެ ރާގުގައި ބުންޏެވެ. އަޔާން ބޯޖަހާލިއެވެ.
“އަހަރެން މި ހުރިހާއިރު އެއްޗެކޭ ނުބުނެ މި މަޑުކުރީ ހަޤީޤަތް ހާމަވީމަވެސް މަންމަމެންނަށް ކުޑަކޮށްވެސް ކުރެވުނު ކުށް އިޙުސާސްކުރެވުނުތޯ ބަލާލަންވެގެން. އެކަމަކު މިހާރު އެނގިއްޖެ ކުޑަކޮށްވެސް ދެރަނުވާކަން. އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންގެ ޝަކުވާއެއް ނެތް. ހިތްބުރަކަމެއްވެސް ނެތް. އެކަމަކު ޒޯޔާއާ ދޭތެރޭ ތި ކަންތައް ކުރި ގޮތް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. އަހަރެން މި ދަނީ ޒޯޔާ ގޮވައިގެން އަހަރެންގެ ގެޔަށް.” އަޔާން ޒޯޔާ ގޮވައިގެން ދާން ހިނގައިގަތް ވަގުތު ނަސީރު އެމީހުން ހުއްޓުވިއެވެ.
“މަޑުކުރޭ ދަރިފުޅާ. ދަރިފުޅުމެންނަށް ތި ކުރެވިގެން އުޅެނީ ކުށްހީއެއް. ބައްޕަ އެއްވެސް އިރަކު ދަރިފުޅުގެ ރުހުމާ ދެކޮޅަށް ދަރިފުޅުގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ކުރާކަށް ބާރެއް ނާޅަން. ރޭގަވެސް އެކަމާ ދެކޮޅަށް ބައްޕަ ވާހަކަ ދެއްކީ. ރަނގަޅު، ބައްޕަ ދަރިފުޅުގެ މާޒީ ސިއްރުކުރިން. އެއީ ދަރިފުޅަށް ކަމެއް ވެދާނެތީ ގަތް ބިރެއްގެ ސަބަބުން. ޑޮކްޓަރުވެސް ދަރިފުޅު އަމިއްލައަށް ހަނދާންވާން ދޫކޮށްލަން ބުނީމަ. މާބޮޑަށް ހަނދާން ކޮށްދޭން އުޅެފިއްޔާ ދަރިފުޅަށް ކޮންމެ ގޮތެއްވެސް ވެދާނެކަމަށް ބުނީމަ ބައްޕައަށް ނުކެރުނީ ކިޔައިދޭން. ކިތަންމެ ފަހަރަކު ކިޔައިދޭން ހިތަށް އެރި، އެކަމަކު އެ ރިސްކް ނަގާކަށް ނުކެރުނު ބައްޕައަކަށް. ބައްޕައަށް މަޢާފްކުރޭ.” ނަސީރު ޒޯޔާގެ ކުރިމަތީގައި މަޢާފަށް އެދުނީ ހިތުގެ އެންމެ ފުންމިނުންނެވެ.
“ބައްޕާ، ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ދެން މިގެޔަކު ނޫޅެވޭނެ. އަހަންނަކަށް އަހަރެންގެ ފިރިމީހާއަށް ޤަދަރު ނުކުރާ، އަހަރެންގެ އިޙުސާސްތަކަކީ ބޭކާރު އެއްޗެއް ކަމަށް ނުބަލާ ތަނެއްގައި ނޫޅެވޭނެ. ފަހަރުގައި ބައްޕަ ތިބުނީ ތެދެއް ކަމަށް ވެދާނެ. އެކަމަކުވެސް އަހަރެން މަޢާފުކުރުމަކީ އަލުން މިގޭގައި މަޑުކުރުމެއް ނޫން. ދެން ހުރީ މަންމަގެ ނަމަށްވެސް ހުރި ހުތުރެއް. އެއީ އަމިއްލަ އެދުމުގެ ކުރިމަތީ އެހެން އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ އަގެއް ނެތްކަމަށް ދެކޭ މީހެއް. މަޢާފަށް އެދުން އޮތީ މާދުރުގައި، ކުޑަމިނުން އެއީ ތިމާމީހާ ކުރި ކުށެއް ކަމަށް ޤަބޫލެއްވެސް ނުކުރޭ. ދެން އަހަރެން ކިހިނެއް މިގޭގަ މަޑުކުރާނީ؟ މިގޭގަ ދެން އަހަރެން ހޭދަކުރާ ކޮންމެ ސިކުންތެއްވެސް އަހަރެންގެ ހިތްދަތިކުރުން ނޫން ކަމެއް ނުކުރާނެ.” ޒޯޔާ އެހެން ބުނުމަށްފަހު އަޔާންއާއެކު އެގެއިން ނުކުތެވެ.
އެވަގުތު ޒޯޔާގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ގުޅަނީ ފައިސަލްއެވެ. އޭނާ ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް އޭނާ ފޯނެއް ނުނެގިއެވެ. ދެން އައީ މެސެޖެކެވެ. ބިޒީތޯ އަހާފައެވެ. ކޮންމެހެންވެސް ޒޯޔާއާ ދައްކަން ޖެހޭ ވާހަކައެއް އޮތް ވާހަކަ ބުނެފައެވެ.
“ޒޯޔާ، ތި ފޯނު ނަގާފަ ވާހަކަ ދައްކާ. ވަރަށް މުހިންމުވީމަ ރިޕީޓްކޮށް ގުޅާނީ.” އަޔާން ބުނެލިއެވެ.
ދެން ޒޯޔާ އިސްވެ ފައިސަލްއަށް ގުޅިއެވެ. ފައިސަލް ފޯނު ނެގިލެއް އަވަސްކަމުން ހީވީ ޒޯޔާގެ ކޯލުގެ އިންތިޒާރުގައި އިންހެންނެވެ.
“ޒޯޔާ، އަހަރެން މި އުޅެނީ ދެދުވަސް ފަހުން ފުރަންވެގެން. އޭގެ ކުރިން އަހަރެން ބޭނުން ޒޯޔާގެ މާޒީއާ ބެހޭގޮތުން ހުރިހާ އެއްޗެއް ކިޔައިދޭން. ރޭގަ އަހަންނަށް ޔަޤީންވެއްޖެ މިހާރު ޒޯޔާއަށް ހަޤީޤަތް ކިޔައިދޭން ޖެހޭ ރަނގަޅު ވަގުތު ޖެހިއްޖެކަން.” ފައިސަލް ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ.
“ފައިސަލް، އަހަންނަށް ހީވަނީ މިހާރު ތިވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތްހެން.” ޒޯޔާ ބުނީ މަޑުމައިތިރިކަމާއެކުގައެވެ. އެއްވެސް ރުޅިވެރިކަމެއް، ހިތްހަމަނުޖެހުމެއް ނެތެވެ.
“އެކީއްވެ؟ އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހިފަ ދޯ ތިހިރީ؟ އަހަރެން ކުރިންވެސް ބުނެދިނީމެއްނު ކީއްވެކަން އޭރު އަހަންނަށް ހަޤީޤަތް ކިޔައިނުދެވުނީ؟” ފައިސަލް ބުންޏެވެ.
“ނޫން ފައިސަލް. އަހަރެން ފައިސަލްދެކެ ހިތްހަމަނުޖެހިފައެއް ނޫން މިހިރީ.” ޒޯޔާ ބުންޏެވެ.
“ދެން ކީއްވެ؟”
“އެއީ މިހާރު އަހަންނަށް ހުރިހާ ކަމެއް ހަނދާންވެއްޖެ. އަހަރެންގެ އަމިއްލަ އާއިލާއިން އަހަރެމެން ދެމީހުންނަށްވެސް އޮޅުވާލައިގެން ކައިވެނި ހަމަޖައްސަން އުޅުނުކަމާ ހުރިހާ އެއްޗެއް. އަދި ފައިސަލް އެކަމާ ފާޅުގައި ދެކޮޅު ހެދީމަ އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި.” ޒޯޔާ ބުންޏެވެ.
“ތިބުނީ ހަމަ ރަނގަޅަށްތަ؟ ހަމަ އަސްލަށްވެސް ޒޯޔާ ހުރިހާ ކަމެއް ހަނދާންވީތަ؟ ތީ ވަރަށް އުފާވެރި ޚަބަރެއް. އަހަރެން ބޭނުން ފުރުމުގެ ކުރިން ޒޯޔާއާ ބައްދަލުކޮށްލަން. ވާނެތަ؟” ފައިސަލް ހުރީ ހަޤީޤަތުގައިވެސް އުފާވެފައެވެ.
އޭނާ ޒޯޔާދެކެ ކިތަންމެ ލޯބިވި ނަމަވެސް ގަދަކަމުން، އޮޅުވާލައިގެން އެ ލޯބި ހާސިލްކުރުމަކީ އޭނާ އެއްވެސް އިރަކު ބޭނުންވި ކަމެއް ނޫނެވެ. ވިސްނި ކަމެއްވެސް ނޫނެވެ. ވުމާއެކު، ޒޯޔާއަށް ޒޯޔާގެ ލޯބި ލިބުމަށް މަގުފަހިވުމަކީ އޭނައަށް ލިބުނު ހަޤީޤީ އުފަލެކެވެ.
ޒޯޔާ އެކަމަށް އެއްބަސްވަމުން ފޯނު ބޭއްވިއެވެ. އަދި އަޔާންއާއެކު ދާން ހިނގައިގަތެވެ. ކާރަށް އެރި ވަގުތު ދޮރުމަތީގައި ބަލަހައްޓައިގެން ހުރި އާފިޔާ ފެނުނު ނަމަވެސް ޒޯޔާ މަޑެއް ނުކުރިއެވެ. އާފިޔާގެ އެ ކުށަކީ އެހާ ފަސޭހައިން މަޢާފު ކުރެވޭނެ ކުށެއް ނޫނެވެ. އަދި އަމުދުން އެކަން ހަނދާން ނައްތައެއް ނުލެވޭނެއެވެ.
*****
އަޔާން ޒޯޔާ ގޮވައިގެން ގެއަށް ދިޔައިރު އަފްޒާ ހުރީ އެމީހުންގެ އިންތިޒާރުގައެވެ.
“ރިޔާޒް. އެމީހުން އައިއްސި.” އަފްޒާ ކުޑަދޮރުން ބޭރު ބަލަން ހުރެފައި ކާރު މަޑުކޮށްލިތަން ބަލަން ހުރެފައި ބުންޏެވެ.
އެމީހުންނަށް އެ ގެއިން ކީ ހޫނު މަރުޙަބާއެކެވެ. އަފްޒާ އެކަމަށް އެދިއެދި ހުރިކަން ތަކުރާރުކޮށް ހާމަކުރިއެވެ. ރިޔާޒްވެސް ހެވިދިލިފައި ހުރިއިރު، މިއީ އޭނާވެސް އެތައް ދުވަހަކު ކުރި އިންތިޒާރެއްކަން އެނގެއެވެ.
“ދޮންބެދައްތާ. ރާދު ވަރަށް މިސްވި.” ރާއިޒު ދުވެފައި އައިސް ޒޯޔާގެ ގައިގައި ބައްދާލަމުން ބުންޏެވެ.
ރިޔާޒް ކަންބޮޑުވެފައި އަފްޒާއަށް ބަލައިލި ނަމަވެސް އަފްޒާ ހުރީ އެ މަންޒަރު ބަލަން ހެވިފައެވެ. އެއްވެސް ހާސްކަމެއް ނުތަނަވަސްކަމެއް އެ މޫނަކު ނެތެވެ.
“ވަރަށް ބޮޑަށް ސޮރީ ދޮންބެދައްތަ ރާދު މަތިންވެސް ހަނދާން ނެތުނީމަ. އެކަމު ދެން އެހެނެއް ނުވާނެ. މިހާރު ދޮންބެދައްތަ ހުރިހާ ކަމެއްވެސް ހަނދާން ވެއްޖެ.” ޒޯޔާ ރާއިޒުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ރިޔާޒްގެ މޫނުމަތީގައިވި ނުތަނަވަސްކަމާއި ކަންބޮޑުވުން ހައިރާންކަމަށް ބަދަލުވެ ހަޤީޤީ އުފާވެރިކަމަކަށް ބަދަލުވިއެވެ. އޭނާއަށް ކުރިން ޒޯޔާގެ ހަނދާންތައް އެނބުރި އައިކަމެއް އެނގިފައެއް ނެތެވެ. އޭނާ އަފްޒާއަށް ބަލައިލީ އެކަން އެނގޭހޭ އަހައިލާފަދަ ގޮތަކަށެވެ. އަފްޒާ ބޯޖަހައިލިއެވެ.
“ޒޯޔާ. ދޮންބެ ވަރަށް އުފާވެއްޖެ. މިދުވަހަށް އިންތިޒާރު ކުރެވުނު ވަރެއްވެސް ނޭނގެ. މިހާރު މި އެނގުނީ ފަހަރި ހަވީރުއްސުރެ ދެފައި އެއްތާކު ނުޖެހި މި އުޅުނީ ކީއްވެކަން. އެއީ ވަކި ޒޯޔާ އަންނާތީކީ ނޫން، އެޔާއެކު ހަނދާންތައްވެސް އައީމަ.” ރިޔާޒް ޒޯޔާގެ ބޮލުގައި ފިރުމާލަމުން ވަރަށް ލޯތްބާއެކު ބުނެލިއެވެ.
އެރޭގެ ކެއުމުގެ ވަގުތުތައް ހޭދަވީ އުފަލާއި ހަމަޖެހުމުގައެވެ. ޒޯޔާ އެރެއިން ފެށިގެން ދެން އެގެއިން ނުދާނެކަމަށް ބުންޏެވެ. އަދި ދެން އޭނާގެ ގެއަކީ ހަމައެކަނި އެއީކަމުގައިވެސް ބުންޏެވެ. އާފިޔާ އާއި ނަސީރުގެ ވާހަކަ ނުދެއްކުމަށްވެސް ބުންޏެވެ.
“ޒޯޔާ. ފަހަރި ބުނަންތަ ވާހަކައެއް؟ ކޮންމެ ގޮތެއް ވިޔަސް އެއީ ޒޯޔާގެ މަންމައާ ބައްޕަ. ކޮންމެ ގޮތަކަށް ކަންތައްތައް ހިނގާފައި އޮތަސް އެ ގުޅުމަކީ ނުކެނޑޭނެ ގުޅުމެއް. އެހެންވީމަ މަޢާފުކޮށްފަ ހިތްހެޔޮކޮށްލާ.” އަފްޒާ ނަސޭޙަތެއް ދިނެވެ.
“ފަހަރީ. އަހަރެން މަންމައަށް މަޢާފުކުރާނީ މަންމަ އަމިއްލައަށް ކުށް ޤަބޫލުކޮށް އައިސް އަމިއްލައަށް މަޢާފަށް އެދުނު ދުވަހަކުން. އަހަންނަށް އަހަރެންގެ މަންމަ ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް ޔަޤީން މިދިޔަ ދުވަސްތަކުގައި މަންމަ ހުންނާނެ މިގޭ އެންމެންނަށްވެސް ވަރަށް ދަތިކޮށް އިހާނެތިކޮށް ހިތާފައި. އެ ހުރިހާ ކަމެއް ކިހިނެއް އަޅާނުލާ ދޫކޮށްލާނީ؟” ޒޯޔާ ބުންޏެވެ.
އަފްޒާ އިސްދަށަށް ޖަހާލިއެވެ. ޒޯޔާ އެބުނީ ތެދެކެވެ. ނަމަވެސް އަފްޒާ އިސްކަން ދިނީ މަސްލަޙަތަށެވެ. އެވާހަކަ ދައްކައިގެން ޒޯޔާގެ ހިތް އާފިޔާއަށް ގޯސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ޒޯޔާއަށް އެނގޭނީ ކަންތައް ކުރާނެ ގޮތެއް. އަހަރެން މިބުނީ އަހަންނަށް ފެންނަ ގޮތް.” އަފްޒާ އެންމެ ފަހުން ބުނެލިއެވެ.
ކެއުން ނިންމާލުމަށްފަހު އަޔާން ޒޯޔާ ގޮވައިގެން ދިޔައީ އެމީހުންގެ އެންމެ މަޤުބޫލު މަންޒިލަށެވެ. ހުޅުމާލޭގެ އަތިރިމަތީގައި އެމީހުންގެ ލޯބި ފެށުނު އެ ހިތްގައިމު މަންޒިލަށެވެ. އެތާނގައި ދެމީހުން އަތުގުޅުވާލައިގެން ހިނގަމުން ލޯބި ވާހަކަތައް ދައްކަމުން ދިޔައިރު، ކޮންމެ ފިޔަވަޅަކާއެކު މާޒީގެ ހިތްދަތިކަން ފަހަތަށް ދޫކުރަމުން ދިޔައެވެ.
އެ ހިތްގައިމު ހަނދުވަރުގެ އަލީގައި ދެމީހުން ދެމީހުންނަށް ވަޢުދެއް ވިއެވެ. ދުވަހަކުވެސް ވަކިނުވުމުގެ ވަޢުދެވެ.
(ނިމުނީ)
