ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަބީ ޚުޝީ ކަބީ ޣަމް” ގެ ތީމަށް ތައްޔާރުކުރާ އިސްތިހާރަކުން ރިތިކް އާއި ކަރީނާ އަލުން އެކުގައި

މަޝްހޫރު ހިންދީ ފިލްމު “ކަބީ ޚުޝީ ކަބީ ޣަމް” ގެ ތީމަށް ތައްޔާރުކުރާ އިސްތިހާރަކުން ރިތިކް ރޯޝަން އާއި ކަރީނާ ކަޕޫރު ޚާން އަލުން އެކުގައި ފެނިގެންދާތީ، ގިނަ ބައެއްގެ މާޒީގެ ފޮނި ހަނދާންތައް ވަނީ އާވެފައެވެ.

މީގެ 25 އަހަރު ކުރިން ރިލީޒްކުރި މި ފިލްމުގައި “ރޯހަން” އަދި “ޕޫ” ގެ ރޯލުން ފެނިގެންދިޔަ މި ޖޯޑަކީ، ފިލްމު ރިލީޒްކުރިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އަދިވެސް ސަޕޯޓަރުންގެ މެދުގައި ވަރަށް މަޤުބޫލު ޖޯޑެކެވެ. މި ދެ ތަރިން އިސްތިހާރަކުން އަލުން އެކުގައި ފެންނާނެކަން ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ވަނީ އާންމުކޮށްފައެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ދަނީ މި ދެ ތަރިން އެކުގައި ފެނުމުން އެމީހުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުކުރަމުންނެވެ.

ކަރަން ޖޯހަރް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މި ވީޑިއޯގައި، “ޕޫ” ގެ ކެރެކްޓާއާ އެއްގޮތަށް ކަރީނާ ލިޕްގްލޮސް ހާކަނިކޮށް ފެނެއެވެ. އަދި ރިތިކް ލެދަރ ޖެކެޓެއް ލައިގެން، އޭނާގެ ކެރެކްޓާ “ރޯހަން ރައިޗަންދް” ފިލްމުގައި ފެނިގެންދިޔަ ގޮތަށް ބޫޓުގެ ނާޑުވާ އައްސަނިކޮށް ފެނެއެވެ. މި ކުރު ވީޑިއޯ ނިމެނީ އެ ދެ ތަރިންގެ މޫނު ފުރިހަމައަށް ދައްކާނުލައެވެ.

މި ވީޑިއޯއާއެކު ކަރަން ލިޔެފައިވަނީ، “ބައެއް ވާހަކަތަކަކީ 25 އަހަރު ފަހުންވެސް ނިމުމެއް އަންނާނެ ވާހަކަތަކެއް ނޫން” ކަމަށެވެ.

މި ޕޯސްޓަށް ކޮމެންޓްކުރި ބައެއް ސަޕޯޓަރުން ބުނެފައިވަނީ، މިއީ އެމީހުން އެންމެ ބޭނުންވި އަދި އެންމެ އިންތިޒާރުކުރި ޖޯޑު ކަމަށެވެ. އަދި ބައެއް މީހުން ވަނީ މި ދެ ތަރިން އެކުގައި ފިލްމަކުން ފެންނަން ބޭނުންވާކަމަށް ވެސް ބުނެފައެވެ. ފިލްމު އުފައްދާ ތާހިރާ ކަޝްޔަޕް އަދި ފަރާ ޚާން ވެސް ވަނީ މި ވީޑިއޯއަށް ޝައުޤުވެރި ކޮމެންޓްތަކެއް ކޮށްފައެވެ.

މިވެސް ކިޔާލަން:  ބޮކްސް އޮފީހުގެ ވިޔަފާރި އެންމެ ރަނގަޅު ވިހި ފިލްމުގެ ތެރޭގައި "ވޯރ" އާއި "ސާހޯ"

“ކަބީ ޚުޝީ ކަބީ ޣަމް” އާ ބެހޭގޮތުން

2001 ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރްގެ މި ފިލްމަކީ އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ޝާހްރުކް ޚާން، ކާޖޮލް، ރިތިކް ރޯޝަން އަދި ކަރީނާ ކަޕޫރު ފަދަ މަޝްހޫރު ތަރިން ފެނިގެންދިޔަ ފިލްމެކެވެ. މިއީ ބައްޕަގެ ނިންމުމާ ދެކޮޅަށް ރާހުލް (ޝާހްރުކް) އަންޖަލީ (ކާޖޮލް) އާ ކައިވެނީގެ ގޮތުން ގުޅުމުން، ރައިޗަންދް އާއިލާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާތަކެއް ދައްކުވައިދޭ އާއިލީ ފިލްމެކެވެ.

މި ފިލްމުގައި ރިތިކް ކުޅެފައިވަނީ ރާހުލްގެ ކޮއްކޮ ރޯހަންގެ ރޯލެވެ. އޭނާ މަސައްކަތް ކުރަނީ ވަކިވެފައިވާ އާއިލާ އަލުން ގުޅުވައިދިނުމަށެވެ. ކަރީނާ ކުޅެފައިވަނީ އަންޖަލީގެ ކޮއްކޮ “ޕޫ” ނުވަތަ ޕޫޖާގެ ރޯލެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު، ކަރީނާ އެންމެ ފަހުން ފެނިގެންދިޔައީ މެގްނާ ގުލްޒާރުގެ “ދާއިރާ” އިންނެވެ. ރިތިކް މިހާރު ތައްޔާރުވަމުންދަނީ އޭނާގެ މަޤުބޫލު ފިލްމު ސިލްސިލާ “ކްރިޝް” ގެ ހަތަރުވަނަ ފިލްމު “ކްރިޝް 4” އަށެވެ. މިއީ އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސް މެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top