ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް ޚާންގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ދިއްލީގެ އެފް-1 ޓްރެކުގައި ނަގަން ފަށައިފި
ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އަދި ޑައިރެކްޓަރު ސިދާތު އާނަންދު، ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެކްޝަން ތުރިލާ ފިލްމު “ކިންގް” ގެ ވަރުގަދަ މަންޒަރުތަކެއް ނެގުމުގެ މަސައްކަތް އިންޑިއާގެ ވެރިރަށް ދިއްލީގެ ފޯމިއުލާ ވަން (އެފް-1) ޓްރެކުގައި މިއަދު ފަށައިފިއެވެ.

މަޝްހޫރު މީޑިއާ “ޕިންކްވިލާ” އިން ހާމަކޮށްފައިވާ ގޮތުން، މި ފިލްމުގެ މި ވަރުގަދަ އެކްޝަން މަންޒަރުތައް ނެގުމަށްޓަކައި ދިއްލީގެ މުޅި އެފް-1 ސާކިޓް ކުރިއަށް އޮތް ތިން ދުވަހަށް ވަނީ އެއްކޮށް ބަންދުކޮށްފައެވެ. މި މަންޒަރުތަކުގެ ތަފްސީލުތައް ސިއްރުކޮށްފައި ވީނަމަވެސް، މިއީ ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަށް ހެދުމަށް ސިދާތު އާނަންދާއި ބައިނަލްއަޤުވާމީ އެކްޝަން ޓީމުން ގިނަ ހަފުތާތަކެއް ވަންދެން ރޭވުންތައް ރާވައި، ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުގައި މިއީ މި ފިލްމުގެ ޝޫޓިންގެ އެންމެ ފަހު މަރުހަލާއެވެ. އަދި މި ހިނގާ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފިލްމުގެ ހުރިހާ ޝޫޓިންއެއް އެއްކޮށް ނިންމާލުމަށް ޕްރޮޑަކްޝަން ޓީމުން ދަނީ ތައްޔާރުވަމުންނެވެ. ގްރީން ސްކްރީން ބޭނުންކުރުމުގެ ބަދަލުގައި ހަޤީޤީ ލޮކޭޝަންތަކުގައި ޝޫޓްކުރުމަކީ ޝާހްރުކް ޚާން މީގެ ކުރިން ނުފެންނަ ފަދަ ތަފާތު، އަސްލު ގޮތަކަށް ދައްކުވައިދިނުމަށް ޑައިރެކްޓަރު ނިންމާފައިވާ ނިންމުމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން، މި މަހުގެ 23 ގެ ފަހުން ފިލްމުގެ އިތުރު ލަވަތަކާއި ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ވަނީ މި ފިލްމުގައި ޝާހްރުކްއާ އެކު “ޑެޑީ ކޫލް” ނަމަކަށް ކިޔާ ޚާއްސަ ލަވައެއްގެ ޝޫޓިންވެސް ނިންމާލައިފައެވެ. މިއީވެސް މި ފިލްމުން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ކަންތަކެވެ.

މިވެސް ކިޔާލަން:  ޕްރިޔަންކާ ގެ އެންމެ ބޮޑު ފޭން ސުނީތާ ގެ އިންޓަވިއުއެއް އިންޑިޔާ ގެ ޓީވީ ޗެނަލަކުން ނަގައިފި

ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި މާފްލިކްސް ޕިކްޗާސް ގުޅިގެން، ގޯރީ ޚާން، ސިދާތު އާނަންދު އަދި މަމްތާ އާނަންދު ޕްރޮޑިއުސްކުރާ “ކިންގް” ގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ޖެކީ ޝްރޮފް، ރާނީ މުކަރްޖީ، ޖައިދީޕް އަހްލާވަތު، އަރްޝަދު ވަރްސީ، އަބޭ ވަރްމާ ރާގަވް ޖުޔާލް އަދި ފިލްމަކުން ެައަލަށް ފެންނަ ސުހާނާ ޚާން ހިމެނެއެވެ.

މި ފިލްމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top