މަޝްހޫރު ބޮލީވުޑް ބަތަލާ ތައްބޫ، ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އެންޓަޓެއިންމަންޓުން ނެޓްފްލިކްސްއަށް އުފައްދާ އާ ސީރީޒް “ޓަނަލް މެން” ގެ ކާސްޓާ ގުޅިއްޖެއެވެ. މިއީ ތައްބޫ ކުޅޭ ފުރަތަމަ ހިންދީ އޮރިޖިނަލް ސްޓްރީމިން ސީރީޒެވެ.
މި ސީރީޒަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ އުއްތަރަކަންދުގައި ބިމުއަޑީގެ ޓަނަލެއް ވެއްޓި، އޭގެ ތެރޭގައި ތާށިވި މަސައްކަތްތެރިން ސަލާމަތްކުރުމަށް ހިންގި ވަރުގަދަ އަދި ބުރަ އޮޕަރޭޝަނުގެ ހަޤީޤީ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިކްޝަނަލައިޒްޑް ޑްރާމާއެކެވެ. މުޅި ޤައުމު ނޭވާ ހިފަހައްޓާލައިގެން ތިބި އެ ހާދިސާގައި ފެނިގެންދިޔަ ހިތްވަރާއި، އެކުވެރިކަމުގެ ބާރާއި، އުންމީދު މި ސީރީޒުން ދައްކުވައިދޭނެއެވެ.
ފިލްމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ތައްބޫއަކީ މެއިންސްޓްރީމް އަދި އިންޑިޕެންޑެންޓް ސިނަމާގެ އިތުރުން ސަރަހައްދީ އެކި ބަސްބަހުގެ ފިލްމުތަކުގައިވެސް ކުޅަދާނަކަން ސާބިތުކޮށްދީފައިވާ ތަރިއެކެވެ. އޭނާ ކުޅެފައިވާ “މާޗިސް” އަދި “ޗާންދްނީ ބާރ” އިން ނެޝަނަލް ފިލްމް އެވޯޑް ހޯދާފައިވާއިރު، “މަޤްބޫލް”، “ހައިދަރު” އަދި “އަންދާދުން” ފަދަ ފިލްމުތަކުން އޭނާގެ މޮޅު އެކްޓިން ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި “ދަ ނޭމްސޭކް”، “ލައިފް އޮފް ޕައި” އަދި “ޑިއުން: ޕްރޮފަސީ” ސީރީޒްގައި އޭނާ އަދާކުރި ރޯލުތަކަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.
“ޓަނަލް މެން” ގެ ޝޯރަނަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ކާމިޔާބު ސީރީޒް “ދަ ރެއިލްވޭ މެން” ޑައިރެކްޓްކުރި ޝިވް ރަވައިލްއެވެ. އޭނާ މި ފަހަރުވެސް ގެނެސްދޭނީ އިންސާނީ އިޙުސާސްތަކާއި ހިތްވަރުގެ އަސަރުގަދަ ވާހަކައެކެވެ.
މިއީ ވައިއާރްއެފްގެ ސީއީއޯ އަކްޝޭ ވިދާނީގެ ދަށުން އެ ކުންފުނީގެ ހެޑް އޮފް ކޮންޓެންޓްގެ މަގާމާ ސައުގަތާ މުކަރުޖީ ހަވާލުވި ފަހުން ގެނެސްދޭ ފުރަތަމަ ޕްރޮޖެކްޓެވެ. އޭނާއަކީ މީގެ ކުރިން “ސްކޭމް 1992″، “މަހާރާނީ”، “ތައްބަރް” އަދި އިންޓަނޭޝަނަލް އެމީ އެވޯޑަށް ނޮމިނޭޓްވި “ރޮކެޓް ބޯއިސް” އާއި “އާރްޔާ” ފަދަ ފާހަގަކޮށްލެވޭ ސީރީޒްތައް ގެނެސްދިނުމުގައި އިސްކޮށް އުޅުނު ތަޖުރިބާކާރެކެވެ.
2023 ވަނަ އަހަރު ނެރުނު “ދަ ރޮމޭންޓިކްސް” އިން ފެށުނު ވައިއާރްއެފް އަދި ނެޓްފްލިކްސްގެ ކާމިޔާބު ޕާޓްނާޝިޕްގެ ދަށުން، މި އާ ސީރީޒްވެސް ދެއްކުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސް މެދުވެރިކޮށެވެ.
