ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ އަސަރުގަދަ ލޯބީގެ ފިލްމު “މަޖުނޫން” އޮލިމްޕަހުގައި ދެއްކުން ނިންމާލުމާ ގާތްވެފައިވާއިރު، މި ފިލްމު އޮލިމްޕަހުގެ ބޮޑު ސްކްރީނުން ބަލައިލަން ލިބޭނެ އެންމެ ފަހު ވީކެންޑަކީ މާދަމާ ފެށޭ ވީކެންޑެވެ.
އޮލިމްޕަސް ސިނަމާގައި ކާމިޔާބު ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ “މަޖުނޫން” ބަލައިލަން ބޭނުންވާ ފަރާތްތަކަށް، މި ހިނގާ މަހުގެ 19، 20 އަދި 21 ވެގެންދާނީ މި ފިލްމު އޮލިމްޕަހުން ބަލައިލަން ލިބޭނެ އެންމެ ފަހު ހަފުތާބަންދަށެވެ..
ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޓީމުން މައުލޫމާތު ދެއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމުގެ ޓިކެޓްތައް ހަލުވިކަމާއެކު ވިކެމުންދާތީ، ވީހާވެސް އަވަހަކަށް ޓިކެޓް ނެގުމަށް ޕްރޮޑަކްޝަން ޓީމުން އިލްތިމާސްކުރެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް “މަޖުނޫން” އަންނަނީ ވަރަށް ކާމިޔާބުކަމާއެކު ދައްކަމުންނެވެ. އަތޮޅުތަކުގެ ގިނަ ރަށްރަށުންވެސް މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓުން ބުނި ގޮތުގައި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންކަމުން މާލެއިން އަދި މި ފިލްމު ނުބަލާ ތިބި ފަރާތްތަކަށް މި ފެށޭ ވީކެންޑަކީ ފިލްމު ބަލައިލަން ލިބޭނެ އެންމެ ފަހު ރަނުގެ ފުރުސަތެވެ.
