ބަންދުގައި ހޭދަކުރަން ޖެހުނު ފުރަތަމަ ރޭ އަނާޔާއަށް އިޙުސާސްކުރެވުނީ އޭނާ ހީކުރި ވަރަށްވުރެވެސް ދިގު ރެއެއްގެ ގޮތުގައެވެ. ކުޑަ ގޮޅީގެ އެކަނިވެރިކަން ފޫއަޅުވާލަނީ ދޭތެރެއަކުން ކޮރިޑޯއިން އިވޭ އޮފިސަރުންގެ ފިޔަވަޅުތަކުގެ އަޑެވެ. ބޯމަތީގައި ހުރި ފަނޑު ފްލޮރެސެންޓް ބޮކި ދިޔައީ ނިވިދިއްލެމުންނެވެ. ހަނި ކުޑަދޮރުން އޭނާއަށް ފެންނަނީ ކަޅުވިލާތަކުން ބައްދާލާފައިވާ ރޭގަނޑުގެ އުޑުމަތިން މަދު މިންވަރެކެވެ.
އަނާޔާ އިނީ އުނގުމަތީ އަތް ބާއްވާލައިގެން އެނދުގެ އަރިމަތީގައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އޭނާއަށް ސިފަވަނީ ޝާހިދުގެ މޫނެވެ. ދެން ނިހާއެވެ. އަދި ލެއިން ލިޔެފައިވާ ބިރުވެރި ބަސްތަކެވެ. “ތީ ޤާތިލެއް!”
އޭނާގެ ދެއަތުން ނިތްކުރީގައި ބާރަށް ފިއްތާލިއެވެ.
“ކީއްވެ؟” އޭނާ މަޑުމަޑުން ބުނެލިއެވެ. “މި ހުރިހާ ކަމެއް އަހަންނަށް މިވަނީ ކީއްވެ؟”
ޖަވާބެއް ނުލިބުނެވެ. އެހެން މީހެއްގެ ފުރާނަ ދުއްވާލިކަމުގެ ތުހުމަތުގައި ޖަލު ގޮޅިއެއްގެ ދަގަނޑު ތޭރިތަކުގެ ފަހަތުގައި ރެއެއް ވޭތުކުރަން ޖެހިދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ޚިޔާލެއް ނުކުރެއެވެ. އަތުގައި ބިޑި އަޅުވައިގެން ގެންދިޔައިރުވެސް ހިނގަމުންދިޔައީ ކީއްކަމެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް، މި ހުރިހާ ކަމަކަށްވުރެވެސް އޭނާއަށް އެންމެ ބޮޑު ހިތްދަތިކަމެއް ގެނެސްދިނީ، އޭނާ އެންމެ އިތުބާރުކުރާ މީހުންވެސް އޭނާއަކީ ޤާތިލެއް ކަމަށް ދެކެން ފަށައިފާނެކަމުގެ ބިރެވެ.
*****
ޕޮލިސް ސްޓޭޝަނުން ބޭރުގައި، މި ހާދިސާ ވެފައިވަނީ އާންމުންގެ މެދުގައި ބޮޑު މައުޟޫއަކަށެވެ. މީސްމީޑިއާގައި ވާހަކަތައް ފެތުރި، ސްޓޭޝަން ބޭރުގައި ނޫސްވެރިން ފުރިބާރުވަމުން ދިޔައެވެ. ބައެއް މީހުން އަނާޔާއަކީ ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ބަލަމުންދިޔައިރު، އަނެއްބަޔަކު އޭރުވެސް އޮތީ ޝާހިދުގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައި ނިންމާފައެވެ.
ހަމީދުގެ ގޭގައި ޝާކިރާ އިނީ ހާސްކަމާއެކު ޚަބަރު ބަލާށެވެ.
“ޓީވީ ނިއްވާލާ!” އޭނާ އަމުރުކުރިއެވެ.
ޓީވީ ކައިރީގައި ހުރި ޒިމާން އޭނާގެ މަންމައަށް ބަލައިލިއެވެ. “މަންމާ..”
“މިބުނީނު ޓީވީ ނިއްވާލާށޭ!”
ޒިމާން ރިމޯޓް ނަގައި ޓީވީ ނިއްވާލިއެވެ. ޝާކިރާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ.
“މަގޭ ދަރިއަކީ ޤާތިލަކަށް ނުވާނެ.”
ޒިމާން މަންމަގެ ކައިރިއަށް ޖެހިލިއެވެ. “ދޮންތައަކީ އެކަހަލަ މީހެއް ނޫން.”
“ދެން ކީއްވެ އޭނާ ހައްޔަރުކުރީ؟”
“އަހަންނަކަށް ނޭނގެ. އެކަމަކު އަހަރެން ހަޤީޤަތް ހޯދާނަން.”
ޝާކިރާ ޒިމާންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. “އަނާޔާ ގެއަށް ގެނެސްދީ، ޒިމާން.”
ޒިމާން ބޯޖަހައިލިއެވެ. ނަމަވެސް އޭނާގެ އަމިއްލަ ބާރުގައި ނެތް ކަމަކަށް ޔަޤީންކަން ދޭކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނު، އިންސްޕެކްޓަރ ބަދުރު އަނާޔާގެ ކޭސް ފައިލް ހިފައިގެން ތަހުޤީޤުކުރާ ކޮޓަރިއަށް ވަނެވެ. ސަލީމް އޭރުވެސް އެތަނުގައި އިނެވެ.
“އެއްވެސް ކުރިއެރުމެއް ލިބުނުތަ؟” ބަދުރު އެހިއެވެ.
“އެރޭ ވީ ކީއްކަން ކަށަވަރުވާ ވަރަކަށް ނުލިބޭ، ސަރ.”
“ބަޔާންތަކުގެ ޚަބަރަކީ ކޮބާ؟”
“ޒިމާންއާއި އެހެން މީހުން ބުނަނީ އެމީހުން ތިބީ ނިދާފައޭ. ލީޒާ ބުނީ އޭނާއަށް ހޭލެވުނީ އަނާޔާ ހަޅޭއްލަވައިގަތް އަޑަށޯ.”
“އަނާޔާގެ ވާހަކަޔޯ؟”
“އޭނާ އަދިވެސް ބުނަނީ އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް.”
ބަދުރު ފައިލް ހުޅުވާލިއެވެ. “ޝާހިދު މަރާލި ވަގުތު އަނާޔާ ބޭރުގައި އުޅުނުކަން ސާބިތުވާ އެއްވެސް ހެއްކެއް ފެނުނުތަ؟”
“ސީދާ ހެއްކެއް ނެތް.”
“އެއްވެސް މަންޒަރު ދުށް މީހަކު؟”
“ނޫން.”
ބަދުރު ފައިލް ލައްޕާލިއެވެ. “ދެން ކީއްވެ އަހަރެމެން އޭނާއާމެދު މި މައްސަލަ ނިމިފައިވާކަމަށް ބަލައިގެން މިއުޅެނީ؟”
ސަލީމް ފަސްޖެހުނެވެ. “ސަރ، ހާލަތު އޮތީ ވަރަށް ޝައްކުވާ ގޮތަކަށް. އެންމެ ފުރަތަމަ އެކަން އެންގީ އޭނާ. އޭނާއަށް އާދަޔާ ޚިލާފު ހުވަފެންތައް ފެނޭ. އަދި ލެއިން ލިޔެފައިވާ މެސެޖުގައި އޮތީ އޭނާގެ ނަން.”
“ޝައްކަކީ ހެއްކެއް ނޫން، ސަލީމް.”
“އަޅުގަނޑަށް ވިސްނޭ.”
ބަދުރު ފޮޓޯތަކާ ދިމާއަށް ބަލައިލިއެވެ. ޝާހިދާއި ނިހާގެ މަރާ ދެމެދު ކޮންމެވެސް ގުޅުމެއް ވާކަން އޭނާއަށް ޔަޤީނެވެ. އެކަމަކު ހުރިހާ ތުހުމަތެއް އަނާޔާއާ ދިމާއަށް އަމާޒުވާ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. މި މައްސަލައިގައި ޤުދުރަތީ ނޫން ކޮންމެވެސް ކަމެއް އެކުލެވިގެންވެއެވެ. އޭނާ އެ އިޝާރާތްކުރަނީ ހަމައެކަނި ލެއިން ލިޔެފައިވާ ބަސްތަކަކަށް ނޫނެވެ.
އޭނާ ދައްކަނީ ފުށުއެރުންތަކުގެ ވާހަކައެވެ. ބަޔާން ނުކުރެވޭ ހަރަކާތްތަކާއި ގެއްލިފައިވާ ވަގުތުތަކުގެ ވާހަކައެވެ. އަދި އަނާޔާ ބިރުގެންފައި ހުރީ ހަމައެކަނި ފުލުހުންދެކެ ނޫންކަމާއި، އޭނާއަށް ސިފަކޮށްދޭން ނޭނގޭ އެހެން ކަމަކަށް ވާކަމުގެ އިޙުސާސެވެ. ކުށްވެރިންގެ ބިރުވެރިކަން ބަދުރަށް މީގެ ކުރިން ފެނިފައިވެއެވެ. އަދި އަމިއްލަ ބާރުން ނެއްޓިފައިވާ ހާލަތްތަކުގެ ސަބަބުން ކުށެއްނެތް މީހުން ވާނުވާ ނޭނގި ބިރުގަންނަ މަންޒަރުވެސް އޭނާއަށް ފެނިފައިވެއެވެ. އަނާޔާގެ މޫނުމަތިން ފެންނަނީ ސިއްރެއް ފޮރުވަން އުޅޭ މީހެއްގެ ބިރެއް ނޫނެވެ. އެއީ ބޮޑު ސިއްރެއްގެ ތެރޭގައި ތާށިވެފައިވާ މީހެއްގެ ސިކުނޑީގެ ބިރުވެރިކަމެވެ.
*****
އެދުވަހުގެ ފަހުގެ ވަގުތެއްގައި، ބަދުރު އަނާޔާއާ ވާހަކަދައްކަން އެދުނެވެ. އޮފިސަރަކާއެކު އިންޓަވިއު ރޫމަށް ވަދެގެން އައި އަނާޔާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު، އެ ދެލޮލުގައި ކުރިން ހުރި ދިރުން ވަނީ ގެއްލިފައެވެ.
އޭނާ އިށީނެވެ. “އަހަންނާ ބައްދަލުކުރަން ބޭނުންވީތަ؟”
ބަދުރު ބޯޖަހައިލިއެވެ. “ހާލު ކިހިނެއް؟”
އަނާޔާ މަލާމާތުގެ ހިނިތުންވުމެއް ރައްދުކުރިއެވެ. “މިހާރު ތި ސުވާލުގެ މާނައެއް އެބައޮތްތަ؟”
ބަދުރު ވަގުތުން ޖަވާބެއް ނުދެއެވެ. “އަނާޔާ، ކަނުލައި އަޑުއަހާ. ތަހުޤީޤު އަދިވެސް ކުރިއަށްދަނީ.”
“އަހަންނަށް އެނގޭ.”
“ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ ފުރުސަތު އެބައޮތް.”
އަނާޔާ އިސްއުފުލައި ބަލައިލިއެވެ. “ހަޤީޤަތެއްތަ؟”
“ވަކީލު އެކަމަށް މަސައްކަތްކުރަމުން ދަނީ.”
އަނާޔާ އަނެއްކާވެސް އޭނާގެ އަތަށް ބަލައިލިއެވެ.
“އެކަމަކު ދޫކޮށްލިޔަސް، ތުހުމަތުތަކެއް ފިލައިގެން ނުދާނެ. މީހުންނަށް މިހާރު މި މައްސަލައިގެ ވާހަކަ އެނގިއްޖެ. އެމީހުން ގޮތް ނިންމާނެ.” ބަދުރު ބުންޏެވެ.
އަނާޔާ ކަރުއެލުވާލިއެވެ. “އަހަރެން ޝާހިދެއް ނުމަރަން.”
“އަހަންނަށް އެނގޭ ތިހެން ބުނާކަން.”
“އަހަރެން އެހެން މި ބުނަނީ އެއީ ހަޤީޤަތް ކަމަށްވާތީ!”
ބަދުރު އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “އަހަރެން ޤަބޫލެއް ނުކުރަން ތީ ޝާހިދު މަރާލި މީހާ ކަމަކަށް.”
އެ ކޮޓަރިއަށް ވަން ފަހުން ފުރަތަމަ ފަހަރަށް އަނާޔާ ސީދާ ބަދުރުގެ ލޮލަށް ބަލައިލިއެވެ.
“ދެން އަހަރެން މިތާ ބައިންދާފައި މި އިނީ ކީއްވެ؟”
“ސަބަބަކީ، އޭނާ މަރާލި މީހަކާ އަނާޔާއާ ކޮންމެވެސް ގުޅުމެއް ވާކަމަށް އަހަންނަށް ޤަބޫލުކުރެވޭތީ.” ބަދުރު ޖަވާބުދިނެވެ.
އަނާޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ތީގެ މާނައަކީ ކޮބާ؟”
“އަދި އަހަންނަކަށް ސީދާ ބުނާކަށް ނޭނގެ. އެކަމަކު އަނާޔާއާ މި މަރުތަކާ ގުޅިގެން ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް އެބަ ހިނގާ. އަހަރެން ބޭނުންވަނީ އެ ގުޅުމަކީ ކޮބައިކަން ދެނެގަންނަން.”
އަނާޔާ ހިމޭންވެ ބަދުރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެވަގުތު، އޭނާއަށް ފެނުނު ސިއްރުވެރި މަޚްލޫގުގެ ވާހަކަ ބުނެދޭން ހިތަށްއެރިއެވެ. އެ ރުއްގަނޑު ނިމޭ ހިސާބުން ހިނގި ހާދިސާއާއި، އަނދިރީގެ ތެރެއިން ވިދަމުންދިޔަ ބިރުވެރި ދެލޮލުގެ ވާހަކައެވެ. ނަމަވެސް އަމިއްލަ ނަފްސަށްވެސް ރަނގަޅަށް ދޭހަނުވާ ކަމެއް އެހެން މީހަކަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އިންސްޕެކްޓަރު އެ ވާހަކަ ޤަބޫލުކުރާނެ ހެއްޔެވެ؟ ނުވަތަ ނިންމާނީ އޭނާގެ ސިކުނޑީގެ ހަމަޖެހުން ގެއްލިފައިވާކަމަށް ހެއްޔެވެ؟
“އިންސްޕެކްޓަރ، ހަޤީޤަތަކީ ސަރގެ ޚިޔާލަށްވެސް ނުގެނެވޭ ފަދަ ކަމަކަށް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟” އޭނާ މަޑުމައިތިރި އަޑަކުން އަހައިލިއެވެ.
ބަދުރު ކުރިއަށް ޖެހިލިއެވެ. “އެހެންވިއްޔާ ބުނެދީބަލަ.”
އަނާޔާ ފަސްޖެހުނެވެ. “އަހަންނަކަށް ނޭނގެ ކިޔައިދޭނެ ގޮތެއް.”
ބަދުރު އިރުކޮޅަކު އޭނާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ. “އެހެންވިއްޔާ، އެންމެ ފުރަތަމަ އެނގޭ މިންވަރަކުން ފަށާ.”
އަނާޔާ އިސްދަށަށް ޖަހައިލިއެވެ. “އަހަންނަށް އެނގޭ ކަމަކީ އަހަރެން ޝާހިދު ނުމަރާކަން. ނިހާވެސް ނުމަރާކަން. އަދި.. ކޮންމެވެސް އެއްޗެއް އަހަރެންގެ ފަހަތުން އަޅުވައިގެން އުޅޭކަން.”
ބަދުރުގެ މޫނުމަތީގެ ނުތަނަވަސްކަން އިތުރުވިއެވެ. “ކޮންމެވެސް އެއްޗެކޭ؟”
އަނާޔާ އިސްއުފުލައި ބަލައިލިއެވެ. “ކޮންމެވެސް މީހެއް. ނޫނީ އެއްޗެއް. ކިޔާނެ ނަމެއް އަހަންނަކަށް ނޭނގެ.”
“އަނާޔާއަށް އެ ސޫރަ ފެނުނުތަ؟”
ގަދަ ނޫކުލައިގެ އިސްތަށިގަނޑާއި، ބިއްލޫރިކޮޅެއް ފަދައިން ވިދަމުންދިޔަ ދެލޯ އަނާޔާގެ ހަނދާނަށް އައެވެ. “އާނ.”
“ކޮންތާކުން؟”
“އެ ރުއްގަނޑު ކައިރިން.”
ބަދުރު އޭނާގެ ނޯޓުފޮތުގައި ކޮންމެވެސް އެއްޗެއް ލިޔެލިއެވެ. “އެއީ އަނާޔާ ވެއްޓުނު ރޭ ފެނުނު އެއްޗެއްތަ؟” އަނާޔާ ބޯޖަހައިލިއެވެ.
“ދެން އޭގެ ފަހުން؟”
“އަނެއްކާވެސް ފެނުނު.”
“ކޮންތާކުން؟”
އަނާޔާ އަނެއްކާވެސް ވިސްނާލިއެވެ. “އަހަންނަކަށް ޔަޤީނެއް ނޫން އެއީ އަސްލެއް ކަމެއް ނުވަތަ ނޫންކަމެއް.”
ބަދުރު ލިޔުން ހުއްޓާލިއެވެ. “އަނާޔާ، ތި ބުނާ ވާހަކައަކާމެދު އަމިއްލައަށް ޔަޤީންވާން ޖެހޭނެ.”
“އަހަންނަށް އެ ސޫރަ ފެނުނުކަން ޔަޤީން. އެކަމަކު އެއީ ކޮން އެއްޗެއްކަމެއް ޔަޤީނެއް ނޫން.”
ފުރަތަމަ ފަހަރަށް، ބަދުރަށް އިޙުސާސްކުރެވުނީ މި ބޮޑު ސިއްރުގެ މުހިންމު ފުންމިނަކާ ހަމައަށް އޭނާއަށް ވާސިލުވެވެން ފަށައިފި ކަމެވެ.
*****
އޭގެ މަދު ގަޑިއިރުތަކެއް ފަހުން، ކަފާލާތުގެ ކަންކަން ހަމަޖެއްސުމަށް އަނާޔާގެ ވަކީލު އައެވެ. ޤާނޫނީ މަރުހަލާތައް ކުރިއަށް ދިޔަނަމަވެސް، ހާސްކަމާއި ބިރުވެރިކަމަކަށް ބަދަލެއް ނައެވެ. ޕޮލިސް ސްޓޭޝަނުން ނުކުމެވުނު ކަމުގައި ވިޔަސް، ކުރިން އޭނާ އުޅުނު އާދައިގެ ދިރިއުޅުމަކަށް އަނބުރާ ނުދެވޭނެކަން އަނާޔާއަށް އެނގެއެވެ. ތުހުމަތުގެ ހިޔަނި އޮތީ ތަހުޤީޤުކުރާ ކޮޓަރީގެ ފާރުތައް ފަހަނައަޅައި، މުޅި މުޖުތަމައަށް ފެތުރިފައެވެ.
އިރުއޮއްސެމުން ދިޔަ ވަގުތު، ޚަބަރު ފަތުރާ ވަސީލަތްތަކުން ދިޔައީ މި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދެމުންނެވެ. ސްޓޭޝަނުން ބޭރުގައި ނޫސްވެރިން ތިބީ އޭނާގެ އެންމެ ފޮޓޯއެއް ނަމަވެސް ނަގަން ކެތްމަދުވެފައެވެ.
އަނާޔާ ބަލައި އައީ ޒިމާންއާއި ޝާރިޤެވެ. އަނާޔާ ސްޓޭޝަނުން ބޭރަށް ފިޔަވަޅު އެޅި ވަގުތު، ކެމެރާތަކުގެ ފްލެޝްތައް އޭނާގެ ދެލޮލަށް އެޅި، ފުސްވެގެން ދިޔައެވެ.
“މިސް އަނާޔާ! ޝާހިދު އަދީލް މަރާލީ އަނާޔާތަ؟”
“ނިހާގެ މަރާ އަނާޔާއާ އޮތީ ކޮން ގުޅުމެއް؟”
“ލެއިން ލިޔެފައިވާ މެސެޖާމެދު ބުނަނީ ކީކޭ؟”
“ތީ ކުށެއް ނެތް މީހެއްތަ؟ ނުވަތަ ފުލުހުންނަށް އެކަށީގެންވާ ހެކި ނުހޯދުނީތަ؟”
ސުވާލުތައް އޮހެމުން ދިޔައީ އެއްވެސް ހުއްޓުމެއް ނެތިއެވެ. އަނާޔާގެ ހިނގުން ހުއްޓުނެވެ. އޭނާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް، އާންމުންގެ ކުރިމަތީގައި އިސްދަށަށް ޖަހަން މަޖުބޫރުވިއެވެ. މޫނު ފޮރުވަން އޭނާ ބޭނުންވިއެވެ. އެތަނުން ގެއްލިގެން ދާން ހިތަށްއެރިއެވެ.
ޒިމާން ވަގުތުން އަނާޔާއާއި ނޫސްވެރިންނާ ދެމެދަށް ވަނެވެ. “ދުރަށް ޖެހިލާ! ދެން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވޭނެ.”
ޝާރިޤް އަނާޔާގެ އަނެއް އަތުގައި ހިފާލިއެވެ. “ހިނގާ ދާން، އަނާޔާ.”
ފަހަތުން އިވެމުންދިޔަ ހަޅޭކާއި ސުވާލުތަކުގެ އަޑު އަހަމުން، އަނާޔާ ގޮސް ކާރަށް އެރިއެވެ. ކާރުގެ އެތެރޭގައި އޭނާ އިނީ އެއްވެސް ބަހެއް ނުބުނެއެވެ.
ޒިމާން ކުރިމަތީ ލޯގަނޑުން އަނާޔާއަށް ބަލައިލިއެވެ. “އެމީހުން ދައްކާ ވާހަކަ އަޑުނާހާ.”
އަނާޔާ ކާރުގެ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. “އެ އެންމެންވެސް ޤަބޫލުކުރަނީ އަހަރެން އެކަން ކުރި ކަމަށް.”
“އެމީހުންނަކަށް ހަޤީޤަތެއް ނޭނގޭނެ.”
“އެކަމަކު.. އެއްވެސް މީހަކު އަހަރެންގެ ވާހަކަ ޤަބޫލުނުކޮށްފިއްޔާ ދެން ވާނީ ކިހިނެއް؟”
ޒިމާންގެ ދުލުގައި އެވަގުތު ދޭނެ ޖަވާބެއް ނެތެވެ.
ޝާރިޤް އަނާޔާއާ ދިމާއަށް އެނބުރިލިއެވެ. “އަހަރެމެން އަނާގެ ވާހަކަ ޤަބޫލުކުރަން.”
އަނާޔާ އޭނާއަށް ބަލައިލުމާއެކު، ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.
*****
އެރޭ، އެހެން އޮފިސަރުން ދިޔަތާ އެތައް އިރެއް ފަހުންވެސް ބަދުރު އިނީ އޭނާގެ އޮފީހުގައެވެ. އޭނާ އަނެއްކާވެސް ފޮޓޯތައް ނަގައި މޭޒުމަތީގައި އަތުރާލިއެވެ. ޝާހިދެވެ. ނިހާއެވެ. “އޭ” އަކުރެވެ. އަދި އެ އެމީހުންގެ ގާތުގައި ލިޔެފައިވާ މެސެޖެވެ.
އޭނާ އެ ފޮޓޯތައް އެއްވަރަކަށް ބެހެއްޓިއެވެ. ދެން، ތަހުޤީޤުގެ ތެރޭގައި ނަގާފައިވާ އަނާޔާގެ ފޮޓޯއަށް ބަލައިލިއެވެ. އަނާޔާގެ މޫނުމަތީގައިވާ ކުލަވަރުން ބަދުރަށް އުނދަގޫތަކެއް ވެގެން ދިޔައެވެ. އޭނާ ބަލަހައްޓައިގެން ހުރީ ހަމައެކަނި ކެމެރާއަކަށް ނޫނެވެ. ކެމެރާގެ ފަހަތުގައި ހުރި މީހެއްގެވެސް ފަހަތުގައި ހުރި އެހެން ފަރާތަކަށް އޭނާގެ ނަޒަރު ހުއްޓިފައިވާ ކަހަލައެވެ.
ބަދުރު ފޯނު ނަގައި ސަލީމަށް ގުޅިއެވެ.
“އެ ރުއްގަނޑު ނިމޭ ހިސާބާ ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދާ.”
“ސަރ؟”
“އަނާޔާއަށް އެ ބީރައްޓެހި ސޫރަ ފެނުނު ކަމަށް ބުނާ ސަރަހައްދު. އަހަރެން ބޭނުން އެތަނުގެ ތާރީޚާއި، އެތަނުގައި ހިނގާފައިވާ އެކްސިޑެންޓްތަކާއި، މީހުން ގެއްލިފައިވާ ހާދިސާތަކާއި، އަދި އެތަނާ ގުޅޭގޮތުން ފުލުހުންގެ ރެކޯޑުގައި ހުރި ހުރިހާ ވާހަކައެއް.”
“ލައްބަ، ސަރ.”
“އަދި ސަލީމް..”
“ލައްބަ، ސަރ؟”
“އެއީ ވެދާނެ ކަމެއް ނޫންކަމަށް ބަލައި، އެއްވެސް ކަމެއް ފަސޭހައިން ދޫކޮށްނުލާތި.” ބަދުރު ފޯނު ކަނޑާލިއެވެ.
އޮފީހުން ބޭރުގައި، މުޅި މާލެ އޮތީ ހަމަހިމޭންވެފައެވެ. ނަމަވެސް އަނާޔާގެ ހިތާއި ސިކުނޑީގެ ތެރޭގައި، އެ ކްރިސްޓަލް ދެލޯ އަދިވެސް ހޭލައި ހުއްޓެވެ.
އޭނާއަށް ޖަލު ގޮޅިން ސަލާމަތްވެވިއްޖެއެވެ. އެކަމަކު މި ބިރުވެރި ސިއްރުގެ ދަލުން އަދި ސަލާމަތެއް ނުވެވެއެވެ. އަދި އެންމެ ބިރުވެރި ހަޤީޤަތް އަދި އޮތީ އޭނާގެ އިންތިޒާރުގައެވެ. އެ ހަޤީޤަތް ފަޅާއަރައިގެން ދާއިރު، އެއީ ހަމައެކަނި މި މަރުތަކުގެ ސިއްރު ހާމަކޮށްދޭނެ ކަމެއް ނޫނެވެ. އޭގެ މާކުރިން، އެ ދެލޮލުގެ މާނައަކީ ކޮބައިކަން އެހެން އެއްވެސް މީހަކަށް ނޭނގެނީސް، އަނާޔާއަށް އެ ކްރިސްޓަލް ދެލޯ ފެންނަމުން ދިޔަ ސަބަބުވެސް ހާމަވެގެންދާނެއެވެ.
(ނުނިމޭ)
