ރިޝާން ދިޔުމަށްފަހު އާއިރާ މަޑުމަޑުން ކައުންޓަރު ފަހަތުން ބަދިގެއަށް ވަނެވެ. އަދި ދެ އަތުން މޭގައި އަތް އަޅާލައި އޭނާގެ ބާރަށް ތެޅެމުންދާ ހިތާއި ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
ރިޝާންއާނުލައި ދިރިއުޅެން ދަސްކުރުމުގައި އޭނާ ފަސް އަހަރު ހޭދަކުރިއެވެ. ނަމަވެސް، އެ ފަސް އަހަރުގެ ތެރޭގައި ކުރި އެއްވެސް މަސައްކަތަކުން، އަލުން އޭނާއާ ބައްދަލުވާނެ ވަގުތަކަށް ތައްޔާރުވެވިފައި ނުވާކަން މިއަދު އޭނާއަށް އިޙުސާސް ކުރެވިއްޖެއެވެ.
*****
އެރޭ އާއިރާ އެނބުރި އެމީހުން ދިރިއުޅޭ ކުލީ އެޕާޓްމަންޓަށް އައުމަށްފަހު ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ހުއްޓާ ފޯނު ރިންގުވާން ފެށިއެވެ. އެއީ ނުދަންނަ ނަންބަރެކެވެ. އާއިރާ ވަރަށް ފަރުވާތެރިކަމާއެކު ފޯނަށް ޖަވާބު ދިނެވެ. “ހަލޯ؟”
“އާއިރާ.”
އޭނާ ލޯ މަރާލިއެވެ. “މި ނަންބަރު ހޯދީ ކިހިނެއް؟”
“އެއީ މުހިންމު ކަމެއް ނޫން.”
“އަހަންނަށް އެއީ މުހިންމު ކަމެއް.”
މަދު ސިކުންތުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާ އެހިއެވެ.
“ކޮބައިތަ؟ ކޮންތާކު؟”
“ގޭގައި.”
“ކޮން ގެއެއްގައި؟”
އާއިރާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާގެ އަޑު މަޑުވެގެން ދިޔައެވެ.
“އަހަރެން ފަސް އަހަރު ހޭދަކުރީ އާއިރާ ހޯދުމުގައި. ދެން އަލުން އެ މަސައްކަތް ކުރުވަން ނޫޅޭ.”
“ރިޝާން، އާދޭސްކޮށްފައި ބުނަން. އަހަރުމެންގެ ދެމެދުގައި ހިނގި ހުރިހާ ކަމެއް ނިމިއްޖެ.”
“ތިޔައީ އަމިއްލަ ނަފްސަށް ވިސްނައިދޭ ގޮތްތަ؟”
“މިހާރު އަހަރެންގެ އަމިއްލަ ދިރިއުޅުމެއް އެބައޮތް.”
“ރަނގަޅު.”
އޭނާ ނުރުހުންވެފައި އެހިއެވެ. “ރަނގަޅޭ؟”
“އެންމެ ކުޑަމިނުން، އާއިރާ ހޯދޭނެ ވަޞީލަތެއް މިހާރު އެބައޮތްތާ.”
އެ ބަސްތަކުގެ މޮޔަކަމުން އާއިރާ ގާތަށް ހިނި އަންނަ ގޮތްވިއެވެ.
“ތިއީ މުޅިން ތަފާތު މީހެއް ފަދަ.”
“އަހަރެން މިއީ ތަފާތު މީހެއް.”
“އެކަން އަހަންނަށް އެނގޭ.”
“އެހެންވީމާ، އަހަރެން އެނގޭ ކަމަށް ހެދިގެން އުޅުން ހުއްޓާލާ.”
އާއިރާ ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ.
“އެއްދުވަސްވަރެއްގައި އަހަންނަށް ހަމަ ގައިމުވެސް އެނގުނު.”
އެއަށްފަހު ވެރިވި ހިމޭންކަން ދިގުލައި ދިޔައެވެ. ދެން ރިޝާން ބުންޏެވެ.
“މާދަމާރޭ ހަތެއް ޖަހާއިރު. އަހަރެން ކާރެއް ފޮނުވާނަން.”
“އަހަރެން ނުދާނަން.”
“އެހެންވީމާ އަހަރެން އަމިއްލައަށް އަންނާނަން.”
“ނާންނާތި.”
“ހަތެއް ޖަހާއިރު، އާއިރާ.”
ފޯނު ކަނޑާލިއެވެ.
*****
ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތު، އެޕާޓްމަންޓް ކައިރިއަށް ކަޅުކުލައިގެ އެސް.ޔޫ.ވީއެއް މަޑުކޮށްލިއެވެ. އާއިރާ ދާން ދެކޮޅު ހެދިއެވެ. ދިހަ މިނެޓު ފަހުން، އެހެން ކާރެއް އައިސް މަޑުކޮށްލިއެވެ. އެ ކާރުން ފޭބީ ރިޝާންއެވެ. ކުޑަދޮރުން ބަލަން ހުރި އާއިރާގެ މަންމަ، އެއީ ކާކުތޯ އޮޅުންފިލުވަން ބޭނުންވިއެވެ. “އެއީ ކާކު؟”
“އެއީ އެއްވެސް މީހެއް ނޫން މަންމާ.”
“އެއްވެސް މީހަކު ނޫންނަމަ، ބޭރުގައި ތިން މީހުން ބައިތިއްބާފައި އެހެން ނާންނާނެ.”
އާއިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އެއީ ޔުނިވަރސިޓީ ދުވަސްވަރުގެ ރަހުމަތްތެރިއެއް.”
އޭނާގެ މަންމަ އާއިރާގެ މޫނަށް ބަލާލިއެވެ. އެއީ އެއަށްވުރެ ބޮޑު ކަމެއްކަން މަންމައަށް ވިސްނުނެވެ.
“ގޮސް އޭނާއާ ވާހަކަދައްކާ.”
“މަންމާ..”
“ބައެއް ވާހަކަތަކަކީ މާގިނަ ދުވަހު ހިތުގައި ހިފަހައްޓައިގެން އުޅުމުން ބަރުވާ ކަންތައްތައް.”
އެންމެ ފަހުން އާއިރާ ބޭރަށް ނުކުތެވެ. ރިޝާން ހުރީ އޭނާގެ ކާރު ކައިރީގައި މަޑުކޮށްލައިގެންނެވެ. އޭނާ އާއިރާއަށް ބަލައިލި ވަގުތު، އެ މޫނުމަތިން ފެންނަން ހުރި ހަރުކަށިކަން ކުޑަ ހިނދުކޮޅަކަށް ފިލައިދިޔައެވެ.
“ތިއައީ ވަރަށް ތަފާތު މީހެއް މިހާރު އާއިރާ.”
އާއިރާ ކުޑަކޮށް ހިނިތުންވެލިއެވެ.
“ރިޝާންވެސް.”
އޭނާ ކާރުގެ ދޮރު ހުޅުވައިދިނެވެ.
“އަރާ.”
“ކޮންތާކަށް މިދަނީ؟”
“ވާހަކަ ދައްކާލެވޭނެ ތަނަކަށް.”
އާއިރާ ކުޑަކޮށް ފަސްޖެހުނެވެ.
“އަހަރެން އެއްވެސް އެހީއެއް އަދި ރިޝާންގެ ފައިސާއަކަށް ބޭނުމެއް ނޫން.”
ވަގުތުން ރިޝާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ރަނގަޅު. ސަބަބަކީ މިރޭ އަހަރެންވެސް ފައިސާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.”
އެ ކާރު ދުއްވައިލީ ހުޅުމާލެއާ ދިމާލަށެވެ. އިރުއޮއްސި އަނދިރިވަމުންދިޔަ އުޑުގެ ދަށުގައި، ރާޅުތައް ބަނިވަމުންދިޔަ އަތިރިމަތީގެ ހިމޭން ސަރަހައްދަކަށް އެމީހުން މަޑުކުރިއެވެ.
މިނެޓްތަކެއް ފާއިތުވެގެން ދިޔައިރުވެސް، ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެންމެ ފަހުން އާއިރާ ސުވާލުކުރިއެވެ.
“ކީއްވެ އަހަރެން ތިޔަ ހޯދަނީ؟”
ރިޝާން އާއިރާއާ ދިމާލަށް އެނބުރުނެވެ. “ތިއީ ސީރިއަސް ސުވާލެއްތަ؟”
“އާނ.”
“ސަބަބަކީ ކަލޭ ގެއްލުނީމަ.”
“އަހަރެން ދިޔައީ.”
“ކަލޭ ފިލީ.”
“އަހަރެންގެ ސަބަބުތަކެއް ހުރި.”
“އެހެންވީމާ ބުނެދީ.”
އާއިރާ ކަނޑާ ދިމާލަށް ބަލައިލިއެވެ.
“އަހަރެންގެ އާއިލާގެ ހުރިހާ އެއްޗެއް ގެއްލުނީ. އަހަރެން ހުރީ ބިރުގަނެފައި. ދެން ވާނެ ގޮތެއް ނޭނގިފައި.”
“އަދި؟”
“އަދި އަހަރެން ހީކުރީ ކަލެއަށް މިއަށްވުރެ ރަނގަޅު މީހަކު ޙައްޤުވާނެ ކަމަށް.”
ރިޝާން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ކޮން އެއްޗަކަށްވުރެ ރަނގަޅު މީހެއް؟”
“އެއްވެސް އެއްޗެއް ނެތް އަންހެނަކަށްވުރެ ރަނގަޅު މީހެއް.”
ރިޝާން މުޅިން އާއިރާއާ ދިމާލަށް އެނބުރުނެވެ. “ކާކު އެހެން ބުނީ؟”
“އެކަކުވެސް ބުނާކަށް ނުޖެހޭ.”
“ކަލޭ ދިޔުމުން އަހަރެން ހީކުރީ ކީކޭކަން އެނގޭތަ؟”
އާއިރާ ބޯ ހޫރާލިއެވެ.
“އަހަރެން ހީކުރީ އާއިރާއަށް ކަމެއް ދިމާވީ ކަމަށް. ބަލިވީ ނޫނީ ބަޔަކު ރަހީނުކުރީ ކަމަށް، ނޫނީ މަރުވީ ކަމަށް، ނޫނީ ބަޔަކު ބިރުދެއްކުމުން ކޮންމެވެސް ތަނެއްގައި ފިލައި އިނީ ކަމަށް.”
އޭނާގެ އަޑު މަޑުވިއެވެ. “އަހަރެންނަށް ކުރެވުނު ކުށަކީ ކޮބައިތޯ ބަލަން މަސްތަކެއް ހޭދަކުރިން.”
އާއިރާގެ ލޮލުން ކަރުނަ ހިލުނެވެ. “އަހަރެން މާފަށް އެދެން.”
“މާފަށް؟”
އޭނާ ފަހަތަށް ޖެހިލިއެވެ. “އެ ބޭނުންކުރި ނަންބަރަށް އަހަރެން ކިތައް ފަހަރު ގުޅިކަން އެނގޭތަ؟”
އާއިރާ އިސްދަށަށް ޖެހިއެވެ.
“އެ އެޕާޓްމަންޓަށް އަހަރެން ކިތައް ފަހަރު ދިޔައިން ކަން އެނގޭތަ؟”
އާއިރާ އެއްވެސް އެއްޗެއް ނުބުނެ އިސްޖާހާލިއެވެ.
“މީހަކު އާއިރާ ފެނުނު ކަމަށް ބުނާ ކޮންމެ ފަހަރަކު، އަހަރެން އެތަނަކަށް ކިތައް ދަތުރު ކުރިންކަން އެނގޭތަ؟”
“ރިޝާން..”
“އާއިރާ، އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް ހުރި.. މީހުން މުޅި އުމުރު އެ އެއްޗެއް ހޯދުމަށް މަސައްކަތްކުރާ ހުރިހާ އުފަލެއް އަހަރެން ހޯދިން. ނަމަވެސް އެންމެ އަންހެނަކު އަހަންނަކަށް މިޔޮއް ހުރިހާ ދުވަހު އުޅެގެންވެސް ނުފެނުނު.”
އާއިރާ ރޯން ފެށިއެވެ. ރިޝާން ވަރަށް ގިނައިރު ވަންދެން އޭނާއަށް ބަލަން ހުއްޓެވެ. އޭނާ ވަކިވި ދުވަހުން ފެށިގެން ރިޝާންގެ ހިތުގައި އުފެދިފައިވާ ސުވާލު ކުރިއެވެ.
“ދުވަހަކުވެސް އަހަރެންދެކެ ލޯބިވިންތަ އާއިރާ؟”
އައިރާ އޭނާއަށް ބަލާލިއެވެ. އަދި މިފަހަރު އޭނާގެ ބޮޑާކަމުގެ ފުރަގަހަކު ނުފިލިއެވެ. “އާނ.”
“ދެން އެހެން ވެއްޖެޔާ މިހެން މިވީ ކީއްވެ؟”
“ބިރުގަތީމަ.”
“އަހަރެން ދެކެތަ؟”
“ރިޝާން އަހަރެން ދޫކޮށްފައި ގޮސްފާނެތީ.”
މި ޖަވާބުގެ ހިތްދަތިކަމުން ރިޝާންގެ މޫނުމަތިން ފެނުނީ މަލާމާތުގެ އަސަރެކެވެ.
“އާއިރާ އަހަރެން ބޭރުކޮށްލީ.. ފޮނުވާލީ، ހަމަ ގެއްލިދާނެތީ ބިރުން؟”
އާއިރާ އޭނާގެ މޫނުގައި އަތްއެޅިއެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރިޝާންއަށް މިހާރު އެ ފެނުނީ، ކުރިން ކުތުބުޚާނާގައި އޭނާގެ ގާތުގައި އިށީނދެގެން އިނދެ، އޭނާގެ ސަމާސާ ވާހަކަތަކަށް ހީނ، އަދި އެކަކަށްވެސް ރައްކާތެރިކުރަން ނުކެރުނު މުސްތަޤުބަލެއްގެ ހުވަފެން ދެކެމުންދިޔަ އަންހެން ކުއްޖާއެވެ.
*****
ޖެހިގެން އައި ހަފުތާގައި، ރިޝާން އަނެއްކާވެސް އާއިރާއަށް ބައްދަލުކުރުމަށް ދަޢުވަތު ދިނެވެ. މިފަހަރު އޭނާ އާއިރާ ގެންދިޔައީ ބަނދަރު ފެންނަ ގޮތަށް ހުރި ރެސްޓޯރެންޓެއްގެ ހިމޭން ތަނަކަށެވެ. އެތަނުގެ މާހައުލުން އާއިރާއަށް އުނދަގޫވެ ނުތަނަވަސް ވިއެވެ . އެތަނުގެ ކޮންމެ އެއްޗަކީވެސް އެހާމެ އަގުބޮޑު، ފުރިހަމަ އަދި ޖެހިލުންވާ ފަދަ ތަކެއްޗެވެ.
ރިޝާންއަށް އެކަން ފާހަގަކުރެވުނެވެ. “އާއިރާ ހަމަޖެހިލަބަލަ. ކާމް ޑައުން.”
“އަހަރެން މިހުރީ ހަމަޖެހިގެން..”
“ދެން ތި އަތްދަބަހުގައި ތިހާ ބާރަށް ހިފަހައްޓައިގެން ތިއިނީ މީހަކު އަތުލައިގަނެފާނެތީ އުޅޭ ގޮތަކަށްނުން.”
އައިރާ ރިޝާންއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. ދެމީހުން އަލުން ބައްދަލުވި ފަހުން ފުރަތަމަ ފަހަރަށް ރިޝާން ހީނލިއެވެ. އެއީ އިޚްލާޞްތެރި ހިނިތުންވުމެކެވެ. ދެން އޭނާގެ ކޯޓުގެ ޖީބުން ކުޑަ ދުވަސްވީ ލަކުޑި ފޮށްޓެއް ނަގައި މޭޒުމަތީގައި ބެހެއްޓިއެވެ.
އާއިރާ އެއަށް ބަލަން އިނެވެ. “އެއީ ކޯއްޗެއް؟”
“ހުޅުވާލަބަލަ އާއިރާ.”
އާއިރާ މަޑުމަޑުން އެ ފޮށީގެ މަތި ނެގިއެވެ. އޭގެ ތެރޭގައި އޮތީ އާދައިގެ ރަން އަނގޮޓިއެކެވެ. އޭނާގެ އިނގިލިތައް ތުރުތުރުލާން ފެށިއެވެ. އޭނާއަށް އެ ފަރުމާ ފާހަގަކުރެވުނެވެ.
މީގެ އަހަރުތަކެއް ކުރިން، ޖަވާހިރު ފިހާރައެއްގެ ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު ރިޝާން އެފަދަ އަނގޮޓިއަކަށް ތަޢުރީފުކުރި ހަނދާން އޭނާ ވިއެވެ.
އާއިރާ އޭނާއަށް ބަލާލިއެވެ. “މިޔޯ.. މި؟”
“މިއީ މީގެ ފަސް އަހަރު ކުރިން އަހަރެން ގަތް އެއްޗެއް.”
އާއިރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
“އަހަރެން އުޅުނީ އާއިރާ ގާތު ކައިވެނިކުރަން އަހަން..”
(ނުނިމޭ)
