ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހާމިދުގެ “ދަލޭކަ” ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފި: ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދޭ!

ދިވެހި ފިލްމީ ދާއިރާގައި ހުނަރުވެރި އަދި އައިކޮނިކް އެކްޓިންއެއް ދައްކަމުން އަންނަ އެކްޓަރު އަދި ޕްރޮޑިއުސަރު ޙާމިދު ޢަލީގެ އައު ފިލްމު “ދަލޭކަ” ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. އޮންލައިންކޮށް ބުކިން ހަދަން ހުޅުވައިލި ފަހުން މި ފިލްމަށް ބެލުންތެރިންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

އޮންލައިންކޮށް ޓިކެޓް ބައްލަވައިގަންނަން އެދިފައިވާ ފަރާތްތަކަށް މިހާރު ޓިކެޓް ދޫކުރަން ފަށާފައިވާ ކަމަށް ޙާމިދު ބުންޏެވެ. އޮލިމްޕަހުގައި އަދި ޓިކެޓް ކައުންޓަރުން ފިލްމު “ދަލޭކަ”ގެ ޓިކެޓް ވިއްކަން ފަށާފައި ނުވި ނަމަވެސް، ޓިކެޓް ނެގުމަށް ގިނަ އަދަދެއްގެ ބަޔަކު ގުޅަމުންދާ ކަމަށާއި، މިހާރު ނަން ނޯޓުކޮށްގެން އޮންލައިންކޮށް ޓިކެޓް ވިއްކަމުން އަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން ފުރަތަމަ ޝޯގެ ބޮޑުބައެއް މިހާރު ވިކި، ޝޯ ފުރެން ކައިރިވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފަހަރު ފިލްމު ބަލަންދާ ބެލުންތެރިންނަށް ޚާއްޞަ އިނާމެއް ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އޮކްސިޖަން ރެސްޓޯރެންޓުގެ ފަރާތުން ދެއްވި ސްޕޮންސަރޝިޕްގެ ދަށުން، ކޮންމެ ރެއެއްގެ ޝޯއިން ގުރުއަތުން ހޮވޭ ނަސީބުވެރި ނަންބަރަކަށް، އެ ރެސްޓޯރެންޓުން ދެ މީހަކަށް ހިލޭ ބުފޭ ކެއުމެއް ލިބިގެންދާނެއެވެ. މި ފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި އޮކްސިޖަން ރެސްޓޯރެންޓުގެ ވެރިޔާ ފަޒީލަށް ހާމިދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ހާމިދު ބުނީ ފިލްމުގެ ޓިކެޓްތަކާއި ޕޯސްޓަރުތައް ރާއްޖެއިން ބޭރުން ޗާޕުކޮށްގެން ގެނެސް މިހާރު ގެނެސްފައިވާ ކަމަށާ “ދަލޭކަ” ފިލްމުގެ މަސައްކަތް މިހާރު ސައްތައިން ސައްތަ ނިމިފައިވާ ކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ފިލްމު ސެންސަރު ބޯޑަށް ހުށަހަޅާނެ ކަމަށްވެސް ޙާމިދު ބުންޏެވެ. އަދި މާދަމާއިން ފެށިގެން ސޯޝަލް މީޑިއާގައި ފިލްމުގެ އިތުރު އިޝްތިހާރުތައް އާންމުކުރަން ފަށާނެ ކަމަށްވެސް އޭނާ ބުންޏެވެ.

“ވަރަށް ގިނަ މީހުން ގުޅާފައި ބުނޭ އިޝްތިހާރު ބަލާފައި ވަރަށް ރީތިވާނެހެން ހީވެޔޭ. އެކަމަކު އަޅުގަނޑު އަބަދުވެސް ބުނަނީ ފިލްމު ބެލީމައޭ އެނގޭނީ. އަމިއްލަ ފިލްމެއް ރީއްޗޭ އަޅުގަނޑެއް ނުބުނާނަން، އެއީ ބެލުންތެރިން ނިންމާނެ ކަމެއް،” ހާމިދު ބުންޏެވެ.

މި ފިލްމުގެ ޓިކެޓް ނެގުމަށާއި، އަދި އަތޮޅުތެރޭގެ ރަށްރަށުގައި މި ފިލްމު އެޅުވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7762077 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ފިލްމުގެ ޓީމުން އެދެއެވެ.

މިވެސް ކިޔާލަން:  "އުދަބާނި 2"ގެ އެޑިޓިންގެ ބޮޑު ބައެއް ނިމިއްޖެ

ލާރނާސް ޕްރޮޑަކްޝަންގެ ފިލްމު “ދަލޭކަ”ގެ އާއްމުކޮށްފައިވާ ބައެއް މަންޒަރުތަކުންނާއި ޙާމިދު ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ދިވެހި ފިލްމީ ދާއިރާގައި ޙާމިދުގެ އައިކޮނިކް ކެރެކްޓަރ ‘އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރާލާ ޙާމިދު’ ފަދަ ވަރުގަދަ ކެރެކްޓާ ރޯލެއް މި ފިލްމުން އަނެއްކާވެސް ޙާމިދު ދައްކާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު އަބޫބަކުރު (މާއެނބޫ) ގެ ވާހަކައާއި ސްކްރީންޕްލޭއަކަށް ތައްޔާރުކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މުޙައްމަދު ޝާފިއު، އާމިރާ އިސްމާޢީލް އަޙްމަދު އީސަ (އާނަންދު)، ޝަހީދާ އަޙްމަދު (ޑޯރާ)، ހާމިދު ޢަލީ، މަރިޔަމް ޝަފާޒާ (ދޮނީ) އަދި އަޙްމަދު އާސިމެވެ.

ހުނަރުވެރި ތަރިންތަކަކާއެކު ގެނެސްދޭ “ދަލޭކަ” އޮލިމްޕަހުގައި ދައްކަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެރޭގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top