ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުގެ ހުރިހާ ސްކޫލެއްގައި، ކިޔަވާ ކުދިން ޖަމާއަތުގައި މެންދުރު ނަމާދު ކުރުން މަޖުބޫރު އުސޫލެއްގެ ގޮތުގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އަލަށް ގެނައި މި ބަދަލާ ގުޅިގެން، ސްކޫލުގެ ކިޔެވުން ކުރިއަށްދާ ވަގުތުތަކުގެ ތެރެއިން، ދަރިވަރުން އެކުގައި ޖަމާއަތުގައި މެންދުރު ނަމާދު ކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ޚާއްޞަ ވަގުތެއް މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މި ވަގުތުގެ ތެރޭގައި، ބަންގި ގޮވުމާއި، ނަމާދުކުރާ ތަން ތައްޔާރުކުރުމުގެ އިތުރުން ޖަމާއަތް ހަދައިގެން އިމާމުވެ ނަމާދު ކުރުމުގެ ޒިންމާތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވަނީ ދަރިވަރުންނެވެ.
މި އުސޫލު ތަންފީޒު ކުރުމުގެ ގޮތުން ޔޫއޭއީގެ ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމަށް ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ދަރިވަރުން ވަރަށް ފޯރިއާއެކު މި އައު އުސޫލުގައި ބައިވެރިވެ، ސްކޫލުތަކުގައި އެކުގައި ޖަމާއަތުގައި ނަމާދު ކުރަމުންދެއެވެ.
ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސްކޫލުތަކަކީ ހަމައެކަނި ތައުލީމު އުނގަންނައިދޭ ތަންތަނެއް ނޫނެވެ. އެއީ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚުލާގާއި އިސްލާމީ ރިވެތި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މުހިންމު ބިނާއެކެވެ. މި ފިޔަވަޅަކީ ދަރިވަރުން އިސްލާމްދީނާ އޮންނަ ގުޅުން ބަދަހިކޮށް، ދީނީ އަދި ސަގާފީ އަގުތައް ދަސްކޮށްދިނުމަށް އެޅުނު މުހިންމު ބާރެކެވެ.
މި ނިންމުމާއެކު، ކުދިންގެ އާންމު ތައުލީމާއި ޖުމްލަ ތަރައްގީއަށް މަސައްކަތްކުރާ ފަދައިން، ތުއްތު އުމުރުން ފެށިގެން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމުގެ މުހިންމުކަން ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.
