ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކިޔަވައިދޭ ކްލާސްރޫމް ތައްޔާރުކުރުމުގެ އިތުރުން، އަމިއްލަ ނަފްސު ތައްޔާރުކުރުމުގެ މުހިންމުކަން

ދިރާސީ އާ އަހަރެއް ފެށުމާ ގާތްވުމުން، އާންމުގޮތެއްގައި އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކިޔަވައިދޭނެ މާހައުލާއި ކްލާސްރޫމް ތަރުތީބުކުރުމަށެވެ. މިއީ ދަރިވަރުންނަށް މަރުހަބާ ކިޔުމަށާއި، ކިޔަވައިދިނުމަށް ތައްޔާރުވުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެކެވެ.

ނަމަވެސް، މި ތައްޔާރީތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އެހެން ކަންތައްތަކެއް އެބަހުއްޓެވެ. ކްލާސްރޫމް ކިތަންމެ ފުރިހަމައަށް ޒީނަތްތެރިކޮށް، ކިޔަވައިދޭން ބޭނުންވާ ހުރިހާ ސާމާނެއް ހަމަޔަށް ހުރި ނަމަވެސް، އެ ތަޖުރިބާތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މުދައްރިސުގެ ތައްޔާރުކަން މާ މުހިންމެވެ.

ކާމިޔާބު އަދި ހިތްހަމަޖެހޭ ފެށުމަކަށްޓަކައި ނަފްސާނީގޮތުންނާއި، އިޖުތިމާއީގޮތުން އަދި ހަރުދަނާ އަޒުމަކާއެކު ތައްޔާރުވާންޖެހެއެވެ. ދިރާސީ އަހަރު ފެށުމުގެ ކުރިން ކްލާސްރޫމުން ބޭރުން ސަމާލުކަން ދޭންޖެހޭ ހަ ކަމެއް ތިރީގައި އެވަނީއެވެ.

ނިމިދިޔަ އަހަރުގެ ތަޖުރިބާތަކާއި ނިންމުންތައް މުރާޖައާކުރުން

ނިމިދިޔަ އަހަރުގެ ތަޖުރިބާތަކާއި، އާ އަހަރަށް ކަނޑައެޅި އަޒުމްތައް ހަނދާނުން ފުހެވިފައި ހުރެދާނެއެވެ. އެހެންކަމުން، މިހާރު މިއީ އެކަންކަން މުރާޖައާކޮށް އާކޮށްލަންވީ ވަގުތެވެ. ކުރިން ރަނގަޅަށް ހިނގި ކަންކަމާއި، ދަރިވަރުންނަށް ދަތިވި ކަންކަމާއި، ގެންނަންޖެހޭ ބަދަލުތަކާމެދު ފުންކޮށް ވިސްނާލުން މުހިންމެވެ. މިއީ ދަސްވި ކަންކަމުގެ އަލީގައި، ރަނގަޅުކުރަންޖެހޭ ކަންކަން އިތުރަށް ފުރިހަމަކޮށް، ކާމިޔާބު ކަންކަން ދަމަހައްޓަން ލިބޭ ފުރުސަތެކެވެ.

މި މަސައްކަތުގެ މަގުސަދު ހަނދާނަށް ގެނައުން

ކިޔަވައިދިނުމަކީ ހަމައެކަނި ތާވަލަކަށް ކުރާ ކަމަކަށް ހެދުމުގެ ބަދަލުގައި، މި މަސައްކަތުގެ މުހިންމުކަމާއި، ތިމާ މި ދާއިރާ އިޚްތިޔާރުކުރި ސަބަބު އަމިއްލަ ނަފްސަށް ހަނދާންކޮށްދޭންޖެހެއެވެ. ކިޔަވާކުދިންގެ ހަޔާތަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ފުރުސަތުތަކާއި، މި އަހަރު ދަރިވަރުންނަށް ފޯރުކޮށްދޭން ބޭނުންވާ ތަޖުރިބާތަކާއި އަގުތަކާމެދު ވިސްނާލުން މުހިންމެވެ.

މިވެސް ކިޔާލަން:  ޢާލިމް މުޙައްމަދު: އިކޮނޮމިކްސް ކިޔަވައިދިނުމުގައި 11 އަހަރު

ގުޅުން ބަދަހިކުރުމުގެ އުކުޅުތައް މުރާޖައާކުރުން

ދިރާސީ އަހަރެއްގެ ކާމިޔާބީ ބިނާވެފައިވަނީ ދަރިވަރުންނާ އޮންނަ ގުޅުމުގެ މައްޗަށެވެ. ދަރިވަރުންގެ ނަންތައް ދަސްކުރުމާއި، ކިޔަވައިދިނުމުގެ ބޭރުން އެކުދިން ދެނެގަތުމާއި، އެކުދިންނަށް ރައްކާތެރި އަދި އަޅާލާ މީހެއްގެ ގޮތުގައި ތިމާ ފެނިގެންދާނެ ގޮތްތައް ރޭވުން މުހިންމެވެ. އާއިލާތަކާ ގުޅުން ބަދަހިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވާނެއެވެ. ހަނދާންކުރަންވީ ކަމަކީ، ފިލާވަޅުތައް ކިތަންމެ މުހިންމު ނަމަވެސް، ކިޔަވައިދިނުން ފުރިހަމަވަނީ ބަދަހި ގުޅުމެއް އޮވެގެން ކަމެވެ.

މަސައްކަތުގެ އެކުވެރިންނާ ގުޅުން އާކުރުން

މަސައްކަތުގެ މާހައުލުގައި ތިބޭ އެކުވެރިންނަކީ ނަފްސާނީގޮތުންނާއި ފަންނީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ ފަރާތްތަކެވެ. އަހަރު ފެށުމުގެ ކުރިން އެކުވެރިންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށްލުމަކީ ހާސްކަން ކުޑަވެ، އާ ހިތްވަރެއް ލިބޭނެ ކަމެކެވެ. އާ މުވައްޒަފުންނަށް މަރުހަބާ ކިޔައި، ގުޅުން ބަދަހިކުރުމަކީ އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމެކެވެ.

އަމިއްލަ އިމެއް ކަނޑައެޅުން

ކިޔަވައިދިނުމުގެ މަސައްކަތަކީ ހުސްވަގުތުކޮޅެއް ނުލިބޭ ވަރަށް ދެމިގެންދާނެ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، އަމިއްލަ ދިރިއުޅުމާއި މަސައްކަތާ ދެމެދު ދަމަހައްޓާނެ ރަނގަޅު އިންތަކެއް މިހާރުއްސުރެ ކަނޑައަޅަންޖެހެއެވެ. އާއިލާއަށް ވަގުތު ހުސްކުރުމާއި، އަމިއްލަ ނަފްސަށް އަޅާލުމާއި، ވަރުބަލިކަން ފިލުވައިލުމަށް ކުރާނެ ކަންކަން ރޭވުމަކީ ދިގު މުއްދަތަކަށް މަސައްކަތުގައި ދެމިހުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަަރާމުކުރުން

ޗުއްޓީ ނިމޭއިރު މާބޮޑަށް ވަރުބަލިވެފައި ހުރުމަކީ އާ އަހަރު ފެށުމަށް ހުރަސްއެޅޭނެ ކަމެކެވެ. ހުރިހާ ވަގުތެއް ތައްޔާރުވުމުގައި ހޭދަކުރުމުގެ ބަދަލުގައި، ހަކަތަ ރައްކާކުރުމަށް އިސްކަންދޭންވާނެއެވެ. އަހަރުގެ ކުރީކޮޅު ކުރިމަތިވާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހޯދުމަކީ އިސްރާފެއް ނޫނެވެ. އެއީ ހަރުދަނާ ރޭވުމެކެވެ.

މިވެސް ކިޔާލަން:  ޓީޗަރެއްގެ އިހުސާސް

ޚުލާސާކޮށް ދަންނަވާނަމަ، ދިރާސީ އާ އަހަރަށް ތައްޔާރުވުމުގައި ކްލާސްރޫމް ތަރުތީބުކުރުމަކީ އެއް ބައެވެ. އޭގެ އިތުރުން، އަމިއްލަ މަގުސަދުތައް އާކޮށް، އާ ކަންކަން ދަސްކޮށް، އެކުވެރިންނާ ގުޅުން ބަދަހިކޮށް، އަދި އެކަށީގެންވާ އަރާމު ހޯދައިގެން ނަފްސު ތައްޔާރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top