އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުން މޮޅުވެ، ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި އެންޓީ ޔުނައިޓެޑް ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ. މިއަދު ހަވީރު ޖިބިއްލީ ޖޫނިއާރ އާއި އެންޓީ ޔުނައިޓެޑް ބައްދަލުކުރި މެޗު އެންޓީއިން ކާމިޔާބުކުރީ 3-0 އިން ނެވެ.
މިއަދުގެ މެޗަކީ ގުރޫޕް ސްޓޭޖްގައި މި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. އެންޓީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެފައިވާއިރު، ޖިބިއްލީ ޖޫނިއާރ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗަށް ނުކުތްއިރު މެޗު ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ޖިބިއްލީ ޖޫނިއާރއަށް ވެސް އޮތެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ސެމީ ފައިނަލްގެ ފުރުސަތު އޮތީ އެންޓީއަށެވެ. އަދި 4 ލަނޑަށްވުރެ ގިނަ ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް އެންޓީއަށް އޮތެވެ.
ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނު އެންޓީއިން މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 29 ވަނަ މިނިޓްގައި އެލްސައިދު މަހްމޫދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޢަލީ އަޔާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ޖިބިއްލީ ޖޫނިއާރއިން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދައްކައިފަ އެވެ. ލަނޑު ޖަހާނެ ފުރުސަތު ޖިބިއްލީ ޖޫނިއާރއަށް ވެސް ލިބުނު މި މެޗުގެ 37 ވަނަ މިނިޓްގައި ސުއައިދު ސައީދު ވަނީ އެންޓީގެ ލީޑު ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި އެންޓީއިން ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޑިފެންސް ކުރުމުގައި ރަނގަޅު ކުޅުމެއް ދެއްކި ޖިބިއްލީ ޖޫނިއާރއިން ވަނީ އެންޓީގެ ހަމަލާތައް ހުއްޓުވުމުގައި 77 ވަނަ މިނިޓާއި ހަމައަށް ކާމިޔާބު ހޯދާފަ އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ސުއައިދު ސައީދު ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއިއެކު އެންޓީއިން އުންމީދު އާކުރި ނަމަވެސް، އިތުރު ލަނޑެއް ޖެހޭގޮތެއް ނުވި އެވެ.
3-0 އިން އެންޓީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމުގެ ކެޕްޓަން ސުއައިދު ސައީދު އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެންޓީއިން ހަތަރު ޕޮއިންޓް ހަމަކުރިއިރު، މި ގުރޫޕްގެ އެއްވަނަ ހޯދި ސްޕޯރޓިންގް އަޒިއޯންއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަޒިއޯންގެ ފައިދާ ގޯލު ހަތަރެއްގައި އޮތްއިރު، އެންޓީގެ ފައިދާ ގޯލު ތިނެކެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ހަވީރު އެވެ. އެ ދުވަހު ކުޅުމަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ގުރޫޕް ބީގެ ދެވަނަ ހޯދި އެންޓީ ޔުނައިޓެޑް އެވެ.
