ފުލުހުންގެ މައި މަރުކަޒުގެ އެތެރެ އޮތީ އާދަޔާ ޚިލާފަށް ހަމަހިމޭންވެފައެވެ. އިންސްޕެކްޓަރ ބަދުރު އޭނާގެ މޭޒު ކައިރީގައި އިނދެގެން ބަލަމުން ދިޔައީ ސްކޫލެއްގެ ވަރަށް ދުވަސްވީ ރެކޯޑުތަކެކެވެ. އޭނާގެ ގާތުގައި އަނާޔާ ހުރިއިރު، ސަލީމް ދިޔައީ ވަކި ފައިލެއްގެ ގަނޑުތައް އެއްލަމުންނެވެ. އެމީހުން ތަހުޤީޤު ކުރަމުން ދިޔައީ ސްކޫލުގެ ޕްރިންސިޕަލް ޤަތުލުކޮށްލި މައްސަލައެވެ. އެ ހާދިސާ ހިނގި ދުވަހު ޕްރިންސިޕަލްގެ ކޮޓަރިއަށް ދިޔަ އެއްވެސް މީހަކު އެ ޖަރީމާއާ ގުޅުން ހުރިތޯ ބެލުމަށެވެ. ނަމަވެސް، މިހާތަނަށް ސާފު އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
އަނާޔާ ލިޔުންތަކާ ކައިރިވެލިއެވެ. “އެ ދުވަހު ޕްރިންސިޕަލާ ބައްދަލުކުރި ބެލެނިވެރިންގެ ކަންކަން އަހަރެމެން ޗެކްކޮށްފިން.” އަނާޔާ ބުންޏެވެ.
“އެ އެންމެންވެސް ނުކުމެގެން ދިޔަތަން މީހުންނަށް ފެނިފައިވޭ. އަދި އޭގެ ފަހުންވެސް ޕްރިންސިޕަލް ދިރިހުރި. އެ ދުވަހު ދިޔައީ ވަރަށް މަދު ބަޔަކު. އެއިން އެކަކަށްވެސް ޝައްކުކުރެވޭ ފަދަ ކަމެއް ނެތް.” އަނާޔާ ބުންޏެވެ.
ބަދުރު ސަލީމަށް ބަލައިލިއެވެ. “އެހެންވިއްޔާ ދެން އަހަރެމެން ބަލަންވީ ދަރިވަރުންގެ ރެކޯޑުތައް. ރަނގަޅަށް ބަލާތި.”
ސަލީމް ބޯޖަހައިލުމަށްފަހު އަނެއްކާވެސް ފައިލު ބަލަން ފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން، ބަދުރުގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޒިމާންއެވެ.
“އިންސްޕެކްޓަރ، އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެއް ފެނިއްޖެ. ސްޓޭޝަނަށް އާދޭ. އަހަރެމެން މިހާރު މިތިބީ މިކޮޅުގައި.”
“ކޮން އެއްޗެއް ފެނުނީ؟”
“އަހަންނަށް ހީވަނީ އެ މަޚްލޫޤު ފޮރުވިގެން އުޅޭ އިންސާނަކީ ކާކުކަން އެނގިއްޖެހެން.”
ބަދުރު ވަގުތުން ކޮޅަށް ތެދުވިއެވެ. “ތިތަނުގައި މަޑުކުރޭ. އަހަރެމެން އެބަ ދަން.”
އަނާޔާ ކަންބޮޑުވެފައި ބަދުރަށް ބަލައިލިއެވެ. “ޒިމާން ކީކޭ ބުނީ؟”
“އޭނާއަށް އެ މަޚްލޫޤަކީ ކާކުކަން އެނގިއްޖެކަމަށް ބުނީ.”
ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން، ޒިމާން އާއި ނައުމީ އެ އޮފީހަށް ވަދެގެން އައެވެ. ޒިމާންގެ އަތުގައި ބާ ފައިލެއް އޮތެވެ. އޭނާ އެ ފައިލު ބަދުރުގެ މޭޒުމަތީގައި ބޭއްވިއެވެ.
“މީގެ ވިހި އަހަރު ކުރިން، ގަސްގަނޑު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި.” ޒިމާން ފެށިއެވެ.
އަނާޔާގެ ލޯ ބޮޑުވެގެން ދިޔައެވެ. “ހަމަ އެތާނގަތަ؟”
“އާނ. އެކަމަކު ހިނގީ އަނެއް ފަރާތުގައި، އެހެން މަގަކުން.”
ބަދުރު އެ ފައިލު ހުޅުވައިލިއެވެ. “ސްކޫލް ކުދިން ގޮވައިގެން ޕިކްނިކަކަށް ދިޔަ ބަހެއް، ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން އެ އެކްސިޑެންޓް ހިނގީ.”
ސަލީމް އިސްއުފުލައި ބަލައިލިއެވެ. “އެއްވެސް ކުއްޖަކު ސަލާމަތްވިތަ؟”
ޒިމާން އިރުކޮޅަކު މަޑުޖެހިލިއެވެ. “ހަމައެކަނި އެންމެ ކުއްޖެއް. އަށް އަހަރުގެ އަންހެން ކުއްޖެއް. އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވި. އެކަމަކު ސަލާމަތްކުރާ މީހުންނަށް ފެނުނުއިރުވެސް ކޮންމެވެސް ގޮތަކުން އެކުއްޖާ ދިރިހުރި.”
އަނާޔާގެ ހަނދާނުގެ ތެރެއިން ކޮންމެވެސް އެއްޗެއް ހޭލަން ފެށިއެވެ. ކުޑަކުއްޖެއްގެ އަޑެވެ. ވަރަށް ފަރިތަ ޖުމްލައެކެވެ.
“އަހަރެން ކުޑައިރު އަހަރެމެންގެ ސްކޫލް ބަސް އެކްސިޑެންޓްވި. މޫސުން ގޯސްވެގެން ވެއްޓުނީ. އެކަމަކު އަހަރެން ސަލާމަތްވި. މައިންބަފައިން ބިރުގަތްވަރުން ދުވަހަކުވެސް ދެން ސްކޫލް ޕިކްނިކަކަށް ނުފޮނުވާ.”
އަނާޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް އެ އަޑު އެނގެއެވެ. އެ އަޑު އޭނާ ކުރިން އަހާފައިވެއެވެ.
ބަދުރު ފައިލުން އިސްއުފުލައި ބަލައިލިއެވެ. “އެއީ ފަހުން ޤަތުލުކުރެވުނު ޕްރިންސިޕަލްގެ ސްކޫލް.”
އަނާޔާ ބަދުރަށް ބަލަހައްޓައިގެން ހުއްޓެވެ. “އެ ކުޑަކުއްޖަކީ ކާކު؟”
ޒިމާން އަނާޔާއާ ދިމާއަށް އެނބުރުނެވެ. “ސްކޫލް ބަސް އެކްސިޑެންޓަކުން ސަލާމަތްވި ވާހަކަ މީހަކު ބުނި ހަނދާން އެބަހުރިތަ؟”
އަނާޔާގެ އަނގަ ހުޅުވުނެވެ. އެކަމަކު ވަގުތުން އެއްޗެއް ނުބުނެވުނެވެ. ދެން ހަނދާންތައް އެއްފަހަރާ ސިކުނޑިއަށް ޖަމާވާން ފެށިއެވެ.
ސްކޫލް ޕިކްނިކަށް ދިޔުން މަނާކުރި ސަބަބު ކިޔައިދިން ރަހުމަތްތެރިޔާގެ އަޑެވެ. އޭނާގެ ވަސް ދެނެގަނެވިގެން ފަހަތުން އައިކަމަށް ބުނި މަޚްލޫޤުގެ އަޑެވެ. ޒިމާންއަށް ލޮކޭޝަން ފޮނުވި ރެއެވެ. ދަތުރުފަތުރުކުރާ އުޅަނދުތަކުގެ މަތިން އުދުހިފައި ދިޔަ ބިރުވެރި ސިފައެވެ. އަދި އަނާޔާ އެ ވާހަކަ ކިޔައިދިނުމުން، އެސްފިޔަޖަހާލުމެއް ނެތި ކްރިސްޓަލް ލޮލާ ބެހޭގޮތުން ލީޒާ އުފެއްދި ކުއްލި ޝައުޤުވެރިކަމެވެ.
އަނާޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “ނޫން..”
ޒިމާން އަނާޔާއަށް ބަލައިލިއެވެ. “އޭނާގެ ނަން އެނގޭތަ؟”
އަނާޔާ ސަލީމާ ދިމާއަށް އެނބުރުނެވެ. ހަމަ އެވަގުތު، ދަރިވަރުންގެ ރަޖިސްޓްރީގައި އޮތް ދެ ނަމެއްގެ މަތީގައި ސަލީމްގެ އިނގިލި ހުއްޓުނެވެ.
“ލީޒާ ހައިދަރު.” ސަލީމް މަޑުމަޑުން ބުންޏެވެ.
އަނާޔާ ލޯ މަރައިލިއެވެ. “ތާނިޔާ ސަޢީދު.”
އެ ދެ ނަންވެސް އޮތީ އެއް ސްކޫލެއްގެ ލިސްޓުގައެވެ.
އިރުކޮޅަކަށް މުޅި ކޮޓަރި ހަމަހިމޭންވިއެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން އަނާޔާ ލޯ ހުޅުވައިލިއެވެ. “ލީޒާ.”
ހަޤީޤަތް ފާޅުވުމާއެކު މުޅި ކޮޓަރީގެ ފިނިހޫނުމިން ދަށްވެގެން ދިޔަ ފަދައެވެ. ބަދުރު އެ ބާ ފައިލު މޭޒުމަތީގައި ބޭއްވިއެވެ. “މިހާރު އަހަރެމެންނަށް އެނގެންވީ ބަސް އެކްސިޑެންޓަށްފަހު ވީގޮތް.”
ޒިމާން އަނާޔާއަށް ބަލައިލިއެވެ. “ލީޒާއަކީ ހަމައެކަނި ސަލާމަތްވި ކުއްޖާ. އެ ހާދިސާއަށްފަހު އޭނާގެ މައިންބަފައިން ވަރަށް ބިރުގަތް. ދުވަހަކުވެސް ސްކޫލް ޕިކްނިކަކަށް ދިޔަނުދިން.”
“އެކަމަކު އޭގެއިން މި ޤަތުލުތަކުގެ ސިއްރެއް ނޭނގެއެއްނު.” ސަލީމް ބުންޏެވެ.
“ނޫން.” ބަދުރު ޖަވާބު ދިނެވެ. “އެއިން އެނގެނީ ގުޅުން. އޭނާ ކޮށްފައިވާ ކަންކަން އަދިވެސް އަހަރެމެން ހޯދަން އެބަޖެހޭ.”
އަނާޔާގެ އަތް ތުރުތުރުއަޅަން ފެށިއެވެ. “އަހަރެން އޭނާ ދަންނަތާ ހަތަރު އަހަރު ވެއްޖެ. އޭނާއަކީ އަހަރެންގެ އެކުވެރިއެއް. އަހަރެންގެ ގެއަށް އައި. އަހަންނާއެކު ހީނ ސަމާސާކުރި. އަހަރެންގެ ކައިރީގައި އިށީނދެގެން އިނީ. އަހަންނަށް މިހާ ބޮޑަށް އަނދިރިވެފައި ހުރެވުނީ ކިހިނެއް؟”
ބަދުރުގެ އަޑު މަޑުމައިތިރިވިއެވެ. “އޭނާއަކީ ކާކުކަން އަނާޔާއަކަށް ނޭނގޭނެ.”
“އެކަމަކު އަހަރެން އޭނާއަށް އިތުބާރު ކުރިން.”
“މީހަކަށް އިތުބާރު ކުރުމަކީ ކުށެއް ނޫން.”
އަނާޔާ މޫނު އަނބުރައިލިއެވެ. ދެން އޭނާގެ ހަނދާނަށް އައީ އެއްފަހަރަކު ލީޒާ ސަމާސާއަކަށް ހަދާފައި ބުނި ވާހަކައެކެވެ.
“އަހަރެން ޝާހިދުދެކެ ލޯބިވާނަމަ، އަހަރެން މަރާލާނީ ޝާހިދެއް ނޫން، ނިހާ. އޭރުން ނިހާ ނެތިގެން ގޮސް، ޝާހިދު ވާނީ އަހަރެންގެ މީހަކަށް.”
އެދުވަހު އެއީ އާދައިގެ ސަމާސާއެކެވެ. ނަމަވެސް މިއަދު އެ ޖުމްލައިން ގައިން ހީބިހި ހިލުވައިލިއެވެ.
އަނާޔާ އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. “ބަދުރު..”
“ކީކޭ؟”
“އޭނާ އެއްފަހަރަކު އަހަރެން ގާތު ވާހަކައެއް ބުނި. ޝާހިދު ހޯދަން ބޭނުންނަމަ ނިހާ މަރާލާނެކަމަށް ބުނި.”
ބަދުރު އޭނާއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުއްޓެވެ. “އޭނާ އެހެން ބުނީ ސީރިއަސްކޮށްތަ؟”
“ނޫން. އަހަރެމެން ތިބީ ސަމާސާ މޫޑެއްގައި. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން..” އަނާޔާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
ބަދުރު ސަލީމާ ދިމާއަށް ބަލައިލިއެވެ. “ޕްރިންސިޕަލްގެ ޤަތުލާއި، އަދި އެހެން ޝިކާރަތަކާ ލީޒާއާ ގުޅުވައިދޭ ހުރިހާ ހެއްކެއް ހޯދާ. ސްކޫލް ރެކޯޑުތަކާއި، ދުވަސްވީ ރިޕޯޓުތަކާއި، މީގެ ހަތް އަހަރު ކުރީގެ މައްސަލައާ ގުޅުންހުރި ހުރިހާ ލިޔުމެއް އަހަރެން ބޭނުން.”
މާޒީގެ ޞަފުހާތައް ހުޅުވެން ފެށިއެވެ. މީގެ ވިހި އަހަރު ކުރިން، ލީޒާ އެ ސްކޫލް ބަސް އެކްސިޑެންޓުން ސަލާމަތްވިއެވެ. ނަމަވެސް އެ ހާދިސާއަކީ އޭނާގެ މުސީބާތްތަކުގެ ފެށުމެއް ނޫނެވެ. ބާރުގަދަ “ނޫ ހިޔަންޏެއް” އޭނާގެ ފަހަތުން އަޅުވައިލިއެވެ. އޭގެ ކުރިން އައި ރުޅީގައި އޭނާ ވަނީ ޅަ ނޫ ހިޔަންޏެއް މަރާލާފައެވެ. މިހާރު އޭގެ ބަދަލުހިފަން އޭނާގެ ފަހަތުން އަޅުވައިލައިގެން މި އުޅެނީ އެއަށްވުރެ މާ ބާރުގަދަ މަޚްލޫޤެކެވެ. އޭނާއަށް ފިލައިގެން ދުވެވިދާނެއެވެ. ވަގުތީގޮތުން ސަލާމަތްވެވިދާނެއެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން އޭތި އޭނާ ހޯދާނެކަން ލީޒާއަށް ކަށަވަރެވެ.
އެރޭވެސް އޭނާ ދިޔައީ ފިލަން ދުވަމުންނެވެ. ނޫ ހިޔަނި ހުރީ މާ ދުރަކު ނޫނެވެ. އޭނާ ވަރުބަލިވެއްޖެއެވެ. ނަމަވެސް ހުއްޓުމަކީ މަރެވެ. އެހެން ވަގުތެއްގައިނަމަ ކަނު އަނދިރީގެ ތެރެއަށް އޭނާ ގެއްލިދާނެއެވެ. އެކަމަކު މިފަހަރު އެ މަޚްލޫޤު މާ ހަލުތްވެވެ. މާ އަޒުމް ވަރުގަދައެވެ. ފަހަތުން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ހުރިހާ ދުވަހަކު ފިލައިގެން ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން، އޭނާ ދުވުން ކުރިއަށް ގެންދިޔައެވެ.
މީގެ ހަތް އަހަރު ކުރިން، ޑިފެންސް ސަރަހައްދުގައި، ކޮލެޖް އަންހެން ކުއްޖަކު ހަމަހިމޭން މަގަކުން ގެއަށް ދިޔުމަށް ހިނގާފައި ދިޔައެވެ. ގަހެއްގެ ހިޔަލުގައި ޒުވާން ފިރިހެނަކު ފޯނާ ކުޅެން އިނެވެ. އެ އަންހެން ކުއްޖާ އޭނާ ކައިރިން ލާފައި ދިޔުމުން، އޭނާ މަތިން ތިރިއަށް ބަލައިލުމަށްފަހު ފުމެލިއެވެ. އެ ކުއްޖާ ހުއްޓިފައި، އޭނާއަށް ރުޅިވެރި ބެލުމަކުން ބަލައިލިއެވެ. ފިރިހެން ކުއްޖާ ބިރުގަތް ކަމަށް ހެދި، އެއްލޯ މަރައިލަމުން އަނެއްކާވެސް ފުމެލިއެވެ. އެ ކުއްޖާ ކުރިއަށް ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހުވެސް އޭނާ އިނީ އެ މަގުމަތީގައެވެ. މިފަހަރު އެ ކުއްޖާ ކައިރިވަމުން އައި ވަގުތު، އޭނާ ހަޑިހުތުރު ލަވައެއް ކިޔަން ފެށިއެވެ. އެ ކުއްޖާ އަޅާނުލައި ދިޔަނަމަވެސް، މަގުގެ ވަކި ހިސާބަކަށް ދަންދެން އެ އަޑު އިވެމުން ދިޔައެވެ.
ދެ ދުވަހު ކޮލެޖަށް ނުގޮސް ހުރުމަށްފަހު، އެ ކުއްޖާ އަނެއްކާވެސް އެ މަގުން އެނބުރި އައެވެ. ޒުވާނާ އައިސް އޭނާގެ ކުރިމައްޗަށް އެރިއެވެ.
“ތަނަކަށް ދަނީތަ؟ ވަރަށް ގިނަ ދުވަސް ވެއްޖެ ނުފެންނަތާ. މަށަށް ތި މޫނު ރަނގަޅަށް ބަލައިލަން ފުރުސަތެއް ދީބަލަ.”
“ދުރަށް ދޭ.” އެ ކުއްޖާ ބުންޏެވެ.
ޒުވާނާ އޭނާގެ އަތުކުރީގައި ހިފެހެއްޓިއެވެ. “ފުރަތަމަ ތި ނަންބަރު ދީ.”
“މަގޭ އަތުން ދޫކުރޭ.”
އޭނާ ހޭން ފެށިއެވެ. “ހާދަ ރުޅިގަދަ ކުއްޖެކޭ! މަށަށް ކަމުދޭ.”
އެ ކުއްޖާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ އަތް ޖަހައިގަނެ މިނިވަންވެ، އެ ޒުވާނާގެ އަތުގައި ހިފައި ގަހުގެ މުލާ ދިމާއަށް ހޫރާލިއެވެ. ޒުވާނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ސަލާމަތްވާން މަސައްކަތްކުރި ނަމަވެސް، އެ އަންހެން ކުއްޖާގެ ބާރު މާ ގަދައެވެ. ދެން އޭނާއަށް ފެނުނީ އެ ކުއްޖާގެ ދެލޮލެވެ. އެ ދެލޯ ވަނީ މުޅިން ރަތްވެފައެވެ. ކަންތައް ވަމުންދާ ގޮތް ޒުވާނާއަށް ދެނެގަނެވުމުގެ ކުރިން، އޭނާގެ އަތުގައި އޮތް ގަލަން ޖަހައިގަނެ، އެ ކުއްޖާ އެ ގަލަން އޭނާގެ ކަރަށް ހަރައިލިއެވެ. ޒުވާނާ ޒަޚަމްގައި އަތްއަޅައިގެން ބިންމައްޗަށް ވެއްޓުނެވެ. އެ ކުއްޖާ ގަލަން އެއްލައިލުމަށްފަހު، ފުރާނަ ނެތް މަސްގަނޑު ދޫކޮށްލާފައި އެތަނުން ގެއްލުނެވެ. އެ އަންހެން ކުއްޖަކީ ލީޒާއެވެ.
*****
ފުލުހުންގެ މަރުކަޒުގައި ސަލީމް ދިޔައީ ސްކޫލް ރެކޯޑުތައް ބަލަމުންނެވެ. “މީގެ ހަތް އަހަރު ކުރިން މަރާލެވުނު ފިރިހެން ކުއްޖާ ދިރިއުޅުނީ ލީޒާގެ ގެއާއި އޭނާގެ ކޮލެޖާ ދެމެދުގައި. އޭނާ ކޮންމެ ދުވަހަކުވެސް އެ މަގުން ދަތުރުކުރާނެ.” ސަލީމް ބުންޏެވެ.
ބަދުރު ބޯޖަހައިލިއެވެ. “އަދި ޕްރިންސިޕަލް ޤަތުލުކުރި ދުވަހު، ލީޒާ އާއި ތާނިޔާ ސްކޫލަށް ދިޔައީ އެމީހުންގެ މާކްސްޝީޓް ނަގަން.”
އޭނާ އަނާޔާއަށް ބަލައިލިއެވެ. “ތާނިޔާ އަނާޔާގެ ޙަޔާތަށް ވަނީ މާ ފަހުން، އަނާޔާގެ ވަކީލެއްގެ ގޮތުގައި. އޭނާ ދިޔައީ އަނާޔާގެ ހާލަތުގެ މަޢުލޫމާތުތައް ލީޒާއަށް ފޯރުކޮށްދީ، އަނާޔާގެ ބަޔާންތައް އޮޅުވާލުމުގައި ލީޒާއަށް އެހީތެރިވަމުން ކަމަށް ވެދާނެ.”
ޒިމާންގެ މޫނުމަތިން ހަރުކަށިކަން ފެނުނެވެ. “އެހެންވިއްޔާ މި ހުރިހާ ދުވަހު ތާނިޔާ ހުރީ އޭނާއަށް އެހީވާންތަ؟”
“ނޫނީ އޭނާ ހުރީ ލީޒާގެ ބާރުގެ ދަށުގައި.” ބަދުރު ޖަވާބު ދިނެވެ. “އެކަން އަހަރެމެން ކަށަވަރު ކުރަން ޖެހޭނެ.”
އަނާޔާ އިސްދަށަށް ޖަހައިލިއެވެ. “އަހަރެން ލީޒާ ގާތު އެ ކްރިސްޓަލް ލޮލުގެ ވާހަކަ ނުބުނިނަމަ، ފަހަރުގައި ޝާހިދު އާއި ނިހާ އަދިވެސް ދިރިތިބީސް.”
ބަދުރު ކައިރިވެލިއެވެ. “އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ.”
“އެކަމަކު އަހަރެން ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދިނިން. ގަސްގަނޑުގައި ވީ ކަންތައްވެސް ކިޔައިދިނިން.”
“އަމިއްލަ ނަފްސު ދިފާޢުކުރަން އޭނާ އެހެން ގޮތެއްވެސް ހޯދީސް. މީހުން މެރުމަކީ އޭނާ އަމިއްލައަށް ނިންމި ނިންމުމެއް. އެ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާ.”
އަނާޔާ ކަރުނަތައް ފޮހެލިއެވެ. “އަހަރެން ހީކުރީ އަހަންނަށް އޭނާ އެނގޭކަމަށް.”
ބަދުރު ފައިލުގައިވާ ނަންތަކަށް ބަލައިލިއެވެ. “ބައެއް ފަހަރު އަހަރެމެން އެންމެ އިތުބާރުކުރާ މީހަކީ، އަހަރެމެންނަށް އޮޅުވާލަން އެންމެ މޮޅަށް ދަންނަ މީހާ.”
އެރޭ، ލީޒާ ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. އޭނާގެ ސިފަ ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އިސްތަށިގަނޑު އޮތީ ރީތިކޮށް އައްސާލާފައެވެ. މޫނުމަތީގައިވަނީ މަޑުމައިތިރިކަމެވެ. ނަމަވެސް، އޭނާ އިސްއުފުލައި ބަލައިލި ވަގުތު، ލޯގަނޑުން ފެންނަ ސޫރަ ބަދަލުވިއެވެ. ހިނދުކޮޅަކަށް އޭނާގެ ދެލޯ ގަދަ ރަތްކުލައަކަށް ބަދަލުވެގެން ދިޔައެވެ.
އޭނާ ހިނިތުންވެލިއެވެ. “އަނާޔާ ހަނދާންވެއްޖެ.”
ކޮޓަރީގެ ކޮންމެވެސް ދިމާއަކުން ދެވަނަ އަޑެއް ސިއްރުން ބުނެލި ފަދައެވެ. “ކަލެޔަކަށް އަބަދަކު ނުފިލޭނެ.”
ލީޒާގެ ހިނިތުންވުން ގެއްލުނެވެ. “އަހަރެން ވިހި އަހަރު ވަންދެން ސަލާމަތުން މިހުރީ. މިކަމުންވެސް އަހަރެން ސަލާމަތްވާނަން.”
އޭނާ ލޯގަނޑާ ދުރަށް އެނބުރުނެވެ. ހަމަ އެވަގުތު އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ސްކްރީނަށް މެސެޖެއް އެރިއެވެ. “ފުލުހުންނަށް އެނގިއްޖެ.”
ލީޒާ އެ މެސެޖަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އިނގިލިތައް ފޯނުގެ ވަށައިގެން ބާރުވެގެން ދިޔައެވެ. އެ ހަޤީޤަތް ދެން އިތުރަށް ސިއްރުވެފައި ނޯންނާނެކަން އޭނާއަށް އެނގުނެވެ. އަދި އެ ހަޤީޤަތް އަލުން ފަޅާއަރުވާލީ ކާކުކަންވެސް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަނާޔާއެވެ.
(ނުނިމޭ)
