ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން، އޭނާގެ އަބުރަށް ހުތުރުވާފަދަ ވީޑިއޯއެއް އިންސްޓަގްރާމްގައި އާންމުކުރި އިންފްލުއެންސަރަކަށް ގާނޫނީ އިންޒާރު ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅާ ކުރިމަތިލާން ޖެހިފައިވަނީ އިންފްލުއެންސަރެއް ކަމަށްވާ ސުވިގްޔާ ޝަރުމާއަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ރޫހާނީ ލީޑަރު ސަދުގުރޫގެ ހަރަކާތެއްގައި ޝާހްރުކް ބައިވެރިވި ގޮތާ މެދު އޮޅުވާލައި، ދޮގު މައުލޫމާތު ފެތުރި ކަމަށެވެ.
އިންޑިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ބައެއްގެ ސަމާލުކަން ހޯދި އެ ވީޑިއޯގައި ޝާހްރުކް އެހެން މީހުންނާ ވާހަކަދައްކަނިކޮށް ފެނެއެވެ. ނަމަވެސް ޝަރުމާ އެ ވީޑިއޯއާ އެކު ލިޔެފައިވަނީ އެ ބައްދަލުވުމުގައި ޝާހްރުކް “ހިމޭނުން ހުރުމަށް” އެދިފައިވާ ކަމަށެވެ. ނޮވެމްބަރު 23 ވަނަ ދުވަހު ފޮނުވި ގާނޫނީ އިންޒާރުގައި ޝާހްރުކްގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ، އެ ވީޑިއޯގެ އަސްލު މަގްސަދު އޮޅުވާލައި، އެކްޓަރުގެ އަބުރާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް ކަންތައްތަކެއް ސިފަކޮށްފައިވާ ކަމަށެވެ.
ބާރަތިޔާ ނިޔާޔާ ސަންހިތާ 2023 ގެ 356 ވަނަ މާއްދާއާ ހަވާލާދީ ފޮނުވި މި އިންޒާރުގައި ބުނެފައިވަނީ، އެއްވެސް ހެއްކެއް ނެތި އާންމު މަޝްހޫރު މީހުންގެ އަބުރަށް ހުތުރުވާފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ޝާހްރުކްގެ މަގްބޫލުކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޝަރުމާއަށް ދީފައިވާ 48 ގަޑިއިރުގެ މުހުލަތުގައި ފަސް ކަމެއް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި އިންސްޓަގްރާމްގައި ހުރި އެ ވީޑިއޯ ވަގުތުން ނެގުމާއި، އެ ވާހަކަ އިތުރަށް ނުފެތުރުމާއި، ވީޑިއޯއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ފޮހެލުން ނުވަތަ އިސްލާހުކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ވީޑިއޯގެ އަސްލާއި، އެއާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.
ޝާހްރުކް ޚާން މިވަގުތު މަސައްކަތް ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ‘ކިންގް’ ރިލީޒްކުރުމުގެ ތައްޔާރީތަކުގައެވެ. މި ފިލްމަކީ އޭނާގެ ދަރިފުޅު ސުހާނާ ޚާނާއެކު ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރްޖީ ފަދަ މަޝްހޫރު ތަރިންވެސް ފެނިގެންދާނެއެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށެވެ.
