“އޯހް، ތިޔަ ދެމީހުންގެ ލޯބިވެތިކަން ބަލާބަލަ،” އަހަރެންގެ ފަހަތުން އިވުނީ މަޑުމައިތިރި އަދި އެހާމެ ހިތްގައިމު އަޑެކެވެ. ފައުޒާ ހުރީ ހިނިއައިސްފައެވެ.
އަހަރެން ކުއްލިއަކަށް ލިޔާމްއާ ދުރަށް ޖެހިލަން އުޅުނީމެވެ. އެކަމަކު އޭނާ އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.
އަހަރެންގެ ހިތުގެ ވިންދު އަވަސްވެފައި ހުރި މިންވަރު އިހުސާސްވުމުން އޭނާ މަޑުމަޑުން ހީލާފައި ކަންފަތް ކައިރީ ބުންޏެވެ، “އެއީ ހަމައެކަނި ފައުޒާއޭ.” ދެން އޭނާ އަހަރެންގެ ގައިން އަތް ދޫކޮށްލިއެވެ.
އަހަރެން އެނބުރި ބަލާލިއިރު ފައުޒާ ހުރީ ވަރަށް އުފަލުންނެވެ.
“ކަލޭ ތިޔަ ކުރަނީ ކީއް؟” އަހަރެން ހީލަމުން އެހީމެވެ.
“އެންމެން އެބަ ހޯދާ އަޒްމާރާ. ތިޔަ ދެމީހުން މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ، މިއަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭނެ،” އޭނާ ވިސްނައިދިނެވެ.
“އަހަރެން ބޭރުގައި ހުރުމަށް ދެއްކޭނެ ވަރަށް ރަނގަޅު އުޒުރެއް އެބައޮތް،” އަހަރެން ބުނީމެވެ. “އަހަރެން ފޫހިވެގެން ބޭރުގަ އުޅުނީއޭ ބުނެވޭނެއެއްނު!”
“އެހާ ގިނަ އިރުވަންދެން މަޑުކުރީ ކީއްވެ؟” އޭނާ އެއް ބުމަ އަރުވާލަމުން އެހިއެވެ.
“ވާރޭ ވެހެން ފެށީމާ އޭނާއަށް ކުޅިން ބޭރަށް ނުނިކުމެވުނީ،” ލިޔާމް އޮޅުންފިލުވައިދިނެވެ.
“އެއީ ކީއްވެ؟” އަހަރެމެން ގެއާ ދިމާއަށް ހިނގައިގަތުމުން ފައުޒާ ސުވާލުކުރިއެވެ.
“އަހަރެން ފަހުން ކިޔައިދޭނަން،” އަހަރެން ބުނީމެވެ.
ލިޔާމްގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލައިގެން ގެއަށް ވަނެވެ. އަދި ކުރިމަތީ ކޮޓަރިއަށް ދެވުމުން އަހަރެން ބިންމަތީގައި ބެހެއްޓިއެވެ.
ފައުޒާ ވަގުތުން އަހަރެންގެ ގާތަށް އައެވެ.
“އާދޭ،” އޭނާ އަހަރެންގެ އަތުގައި ހިފާ ސިޓިންގް ރޫމާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
އަހަރެން ލިޔާމްއަށް ބަލާލާފައި ފުން ނޭވާއެއްލީމެވެ. އަދި އޭނާގެ އާއިލާގެ ކުރިމަތީގައި ކުޅޭނެ ‘ޑްރާމާ’ އަށް ތައްޔާރުވީމެވެ.
އަޒްމާރާގެ ނަޒަރުން —-
އަހަރެމެން ބަދިގެއަށް ވަންއިރު، ކިޔާމް އާއި ވެލީނާ އަދި ލަޔިލް ތިއްބެވެ. ކިޔާމް ހުރީ ކައުންޓަރުގައި ލެނގިލައިގެން އޭނާގެ ފައިތިލައަށް ބަލާށެވެ. ލަޔިލް މޭޒުދޮށުގައި އިށީނދެގެން ކާން އިންއިރު، ވެލީނާ ދިޔައީ އެ ދެމީހުންގެ ދެމެދުގައި ދެކޮޅަށް ހިނގަމުންނެވެ.
“އަޒްމާރާ؟” ވެލީނާ ހައިރާންވެފައި އެހިއެވެ. “ކޮންތާކު އުޅެފަ ތިޔަ އައީ؟”
ކިޔާމް އިސްއުފުލާ ބަލާލަން ބޭނުންވިކަން އަހަންނަށް އެނގުނެވެ. ނަމަވެސް އޭނާ ގަދަކަމުން ބިންމައްޗަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
ލިޔާމް އަހަރެންގެ ކައިރިންލާފައި ގޮސް، ކިޔާމްއަށް ރުޅިވެރިކަމާއެކު ބަލާލުމަށްފަހު މޭޒުދޮށުގައި އިށީނެވެ.
“އަހަރެން އުޅުނީ ފެންގަނޑު ކައިރީގަ. ގޭތެރެއިން ބޭރަށް ނުކުމެލާ ހިތްވީ،” އަހަރެން ކިޔައިދިނީމެވެ.
“ލިޔާމްއާ އެކުތަ؟” ވެލީނާ އޭނާގެ ކޮއްކޮ ލިޔާމް އަށް ބަލާލިއެވެ.
“އެއީ ކަލެއާ ބެހޭ ކަމެއްތަ؟” ލިޔާމް އިސްއުފުލާ ވެލީނާއަށް ބަލާލިއެވެ.
“އާދޭސްކޮށްފައި ބުނަން، ޒުވާބު ނުކުރޭ،” އަހަރެން އާދޭސްކުރީމެވެ.
މި ގޭތެރޭގައި މައްސަލަތައް ޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މިއީ ވާނެ ކަމެއްކަން އެނގުނު ކަމުގައިވިޔަސް، އަހަރެން މިތާ ނެތްނަމަ އެމީހުން ޒުވާބު ނުކުރާނެކަން އަހަންނަށް އެނގެއެވެ.
“ޒުވާބު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް،” ލިޔާމް ފޫހި ގޮތަކަށް ބުންޏެވެ. “ކިޔާމް އަނެއްކާވެސް އަޒްމާރާއަށް ހަމަލާދިނީ، އެހެންވެ އޭނާ ބޭނުންވީ ބޭރަށް ނުކުންނަން. އަހަރެމެން ދެމީހުން ކުރެ މީހަކާ ނުލައި އޭނާއަށް ގެއިން ބޭރަށް ނުދެވޭނެ… އެހެންވެ އަހަރެން ދިޔައީ.”
“އަހަރެން އޭނާއަށް ހަމަލާއެއް ނުދެން!” ކިޔާމް ކުއްލިއަކަށް އިސްއުފުލާ ބުންޏެވެ.
“ކީއްވެ ތިހެން ތިޔަ ބުނީ؟” ވެލީނާ ސިހިފައި އެހިއެވެ.
“ކަންތައްވީ ގޮތް ކަލެއަށް އެނގޭނެ! އަހަރެން ދުވަހަކުވެސް އޭނާއަށް އަނިޔާއެއް ކުރާކަށް ގަސްތެއް ނުކުރަން!” ކިޔާމް މޭޒު ކައިރިއަށް ޖެހިލިއެވެ.
“ކަލޭ ފުރަތަމަ އޭނާގެ ގައިގައި ދަތްއަޅާކަށްވެސް ގަސްތެއް ނުކުރަމެއްނު، އެކަމަކު އެކަންވީ،” ލިޔާމް ފަރުވާކުޑަ ފާޑަކަށް ބުންޏެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައިކަން އަހަންނަށް ފާހަގަވިއެވެ. “ކަލޭ އޭނާ ގާތުގަ މަޑުން ހުރެވިދާނެ ކަމަކަށް ހީކުރުމަކީ އަހަންނަށް އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން. އަހަރެމެން ‘އެގޮތް ބަދަލު’ ކުރަން ރާވާފައި އޮތްނަމަ، އޭނާ ހުންނަންވާނީ އެއްވެސް އަނިޔާއެއް ނުލިބި.”
“ބަދަލޭ؟” އަހަރެން އެހީމެވެ.
ނަމަވެސް އެމީހުން އަހަރެންގެ ސުވާލަށް އަޅައެއް ނުލިއެވެ.
“އަހަންނަށް އިތުބާރު ނުކުރެވޭނެޔޭ؟” ކިޔާމް މަލާމާތުގެ ރާގަކަށް ބުންޏެވެ. “ކަލެއަކީ އެހެން މީހުންނަށް ބަރުދާސްތު ނުކުރެވޭ ފަދަ ނުރައްކާތެރި މީހެއް. އަހަރެން މިއީ އެކަހަލަ މީހެއް ނޫން، އެހެންވީމާ އަހަރެން މިއީ އޭނާއަށް އޮތް ނުރައްކަލެއް ކަމަށް ނުދެކޭ!” ކިޔާމް ރުޅިއައިސްގެން މޭޒުމަތީގައި އަތުން ޖެހިއެވެ.
ސިހިފައި އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ވެލީނާ މާފަށް އެދޭ ފަދަ ގޮތަކަށް އަހަންނަށް ބަލާލުމުން، އަހަރެން ބޯހޫރުވާލީމެވެ. އެމީހުން އެގޮތަށް އުޅެނީ އޭނާގެ ކުށަކުން ނޫނެވެ.
“ދެން ތީ ވަކިން މާތް މީހެއްތަ؟،” ލިޔާމް މަޑުމަޑުން ތެދުވިއެވެ. “މިފަހަރު ނުރައްކާތެރި މީހަކަށް ތިޔަވީ ކަލޭ. މިފަހަރު ދަށްކޮށްލެވޭ މީހަކަށް ތިޔަވީ ކަލޭ. ކިހިނެއް އިހުސާސްވަނީ؟” ލިޔާމްގެ އަޑުގައި ހުރީ ގަދަ ރުޅިވެރިކަމެވެ.
އެ ދެތިން ޖުމްލައިން، އެތައް އަހަރެއްގެ ހިތްހަމަނުޖެހުން އެކުލެވިގެންވާކަން އެންމެންނަށްވެސް އެނގުނެވެ. އެކަމުގެ ސަބަބުން އަހަރެން ފިނިވެގެން ދިޔައެވެ.
“ހުއްޓާލާ، އާދޭސްކޮށްފައި ބުނަން،” އަހަރެން މޭޒު ކައިރިއަށް ޖެހިލީމެވެ. “ޒުވާބު ކުރާނެ ކަމެއް ނެތް. އަހަރެމެން އެންމެންނަށްވެސް ކުށް ކުރެވޭނެ. އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ.”
“ލިޔާމް. ކިޔާމް.” ދާމިން ދޮރުން އެތެރެއަށް ވަނެވެ.
އޭނާގެ ސީރިއަސް ރާގުގެ ސަބަބުން އަހަރެމެން އެންމެން އޭނާއަށް ބަލާލީމެވެ.
“ބައްޕަ ބޭނުންވޭ ކަލޭމެން ދެމީހުންނާ ވާހަކަދައްކަން،” އޭނާ ބުންޏެވެ.
އެ ދެމީހުން އެކަކު އަނެކަކަށް ރުޅިވެރިކަމާއެކު ބަލާލުމަށްފަހު، ހިމޭންކަމާއެކު ބޭރަށް ނުކުތެވެ.
“އަޒްމާރާ، ކަލޭވެސް،” ދާމިން ބުންޏެވެ.
“ކީކޭ؟” އަހަރެން ހައިރާންވެފައި އެހީމެވެ.
“ކަންބޮޑުނުވޭ، ހިނގާ ދާން،” އޭނާ ދޮރު ހުޅުވާލުމަށްފަހު ބުންޏެވެ.
އަހަރެން އޮޅުންބޮޅުންވެފައި ހުރެ ވެލީނާއަށް ބަލާލީމެވެ.
“ދޭ،” ވެލީނާ ބުންޏެވެ.
އަހަރެން ބަދިގެއިން ނުކުމެ ސިޓިންރޫމާ ދިމާލަށް ހިނގައިގަތީމެވެ. އެ ތިން ފިރިހެނުން ތިބީ ސިޓިންރޫމުގައި މަޑުކޮށްގެންނެވެ.
“އޭނާ އިނީ އޮފީހުގަ،” ދާމިން ބުންޏެވެ. “މިކޮޅަށް.”
އަހަރެން އޭނާގެ ފަހަތުން ދިޔައިރު، ލިޔާމް އާއި ކިޔާމް ތިބީ އަހަރެންގެ ފަހަތުގައެވެ. ދެމީހުންވެސް ތިބީ ހިމޭނުންނެވެ. މިވަނީ ކީއްކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާގެ ދަރިންގެ މެދުގައި ޖެހިފައިވާ މައްސަލަ އަލްޔާންއަށް އެނގުނީ ހެއްޔެވެ؟ ނުވަތަ އެކަން ހުއްޓުވަން އުޅެނީ ހެއްޔެވެ؟ އެކަމުގެ އަސްލަކީ އަހަރެންކަން އޭނާއަށް އެނގޭ ހެއްޔެވެ؟ މި ހުރިހާ ސުވާލެއް އަހަރެންގެ ހިތުގައި އެނބުރެމުން ދިޔައެވެ.
އަލްޔާންގެ އޮފީސް ދޮރުމައްޗަށް ދެވުމުން، ދާމިން ދޮރުގައި ޓަކިވެސް ޖަހާނުލާ އެތެރެއަށް ވަނެވެ.
އެތެރެ ހީވަނީ ޑޮކްޓަރެއްގެ ކޮޓަރިއެއް ހެންނެވެ. މޭޒެއްގެ ކުރިމަތީގައި ގޮނޑިތައް ހުރިއިރު، ފޮތް ހަރުގަނޑު ފުރިފައި ހުރީ މުހިންމު ފޮތްތަކުންނެވެ. ހުރިހާ އެއްޗެއް ހުރީ ވަރަށް ތަރުތީބުކޮށެވެ.
“އިށީނދޭ،” އޭނާ އަމުރުކުރިއެވެ. އަހަރެން އިށީނީ ލިޔާމް އާއި ކިޔާމްގެ މެދުގައެވެ. “ޝުކުރިއްޔާ،” އޭނާ ދާމިންއަށް ބޯޖަހާލުމުން ދާމިން ބޭރަށް ނުކުތެވެ.
“އަލްޔާން، މިވަނީ ކީއް؟” އަހަރެން އެހީމެވެ. “މިއީ ކޮން ކަހަލަ ކުޅިވަރެއް؟”
“އަހަރެންވެސް ބޭނުންވަނީ އެކަން އެނގެން. އަހަންނަށް ވަރަށް އުނދަގޫވާ ފަދަ ޚަބަރުތަކެއް ލިބިއްޖެ، އެއީ ތެދެއްތޯ ބަލަން ބޭނުން،” އޭނާ ހުރީ ހިތްހަމަނުޖެހި، މާޔޫސްވެފައެވެ.
“އެއީ ކޮން ކަމެއް؟” އަހަރެން ހާސްވާން ފެށިއެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެފައިވާކަން އެމީހުންނަށް އިވޭނެކަން އަހަންނަށް އެނގެއެވެ.
އޭނާ ކިޔާމްގެ ލޮލަށް ބަލާލިއެވެ. “ކަލޭ އަޒްމާރާގެ ގައިގައި ދަތްއެޅިންތަ؟” އޭނާގެ ސުވާލު ހުރީ ވަރަށް ސީދަލަށެވެ.
“އަލްޔާން…” ހައިރާންކަމާއެކު އަހަރެން ވާހަކަދައްކަން ފެށީމެވެ.
“އާނ، އަހަރެން އެކަން ކުރިން،” އަހަރެންގެ ވާހަކަ މެދުކަނޑާލުމަށްފަހު ކިޔާމް ބުންޏެވެ.
“ކިޔާމް،” އަލްޔާން ހިތްހަމަނުޖެހިފައި ބުންޏެވެ. “އެހެން މީހުންގެ ފަރާތުން މިކަން ފެނުނަސް، ކަލޭގެ ފަރާތުން މިކަން ފެނިދާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން.”
“އަލްޔާން، އާދޭސްކޮށްފައި ބުނަން،” އަހަރެން ބުނީމެވެ. “އޭނާ އަހަންނަކަށް ހަމަލާއެއް ނުދޭ. އެއީ ގަސްތުގައި ކުރި ކަމެއް ނޫން.” މި ވާހަކަ ކިޔައިދޭން އުނދަގޫވި ނަމަވެސް، އަހަރެން އޭނާގެ މޭޒަށް ބަލަހައްޓައިގެން ހުރެ ބުނީމެވެ. “އޭނާ ހަމައެކަނި އަހަންނާ ކައިރިވެލީ، އެ ވަގުތު އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލުނީ. މީގެ ކުރިން މިފަދަ ކަންކަން ނުވާކަމަށް ހަދައިގެން ނުތިބެމާ ހިނގާ.”
އޭނާ އެއް ބުމަ މައްޗަށް އަރުވާލަމުން އަހަންނަށް ބަލާލިއެވެ. “އެއީ ތަފާތު ވަގުތެއް. ހާލަތްވެސް ތަފާތު.”
“މުޅިއަކުން އެހެންނެއް ނޫން،” އަހަރެން އޭނާގެ ވާހަކަ ހުއްޓުވީމެވެ. “އަހަރެންގެ ސަބަބުން ކަލޭގެ ދަރިއަކީ ދަށް މީހެއްގެ ގޮތުގައި ދެކޭކަށް އަހަރެން ބޭނުމެއް ނޫން.”
“އެއީ ކަލޭގެ ސަބަބުންވާ ކަމެއް ނޫން އަޒްމާރާ. މިއީ ކަލެއަށްޓަކާ ކުރާ ކަމެއް. އެހެން ބުނީމާ މި ހަނދާންވީ… އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟” ލިޔާމް ކުރިއަށް ޖެހިލަމުން އެހިއެވެ.
“ކަލޭ އަޒްމާރާ ސަލާމަތްކުރި،” އަލްޔާން އޮޅުންފިލުވައިދޭން ފެށިއެވެ. “އެކަންވެސް ފާހަގަނުކޮށް ދޫކޮށެއް ނުލެވޭނެ.”
“އަލްޔާން، ކަލޭ ބޭނުންވަނީ ކީއްކުރަން؟ ސީދާ މައުޟޫއަށް އާދޭ،” އަހަރެން ޝަކުވާ ކުރީމެވެ.
“ޕްރިންސެސް، އަދިވެސް ކަލޭގެ ބާރު އަހަރެންގެ މައްޗަށް ހިނގާ ކަމަށް ހީނުކުރާތި. އަހަރެން މިއީ ރަސްކަލެއް، އަހަންނަށް އިޙްތިރާމް ކުރަން ދަސްކުރޭ،” އަލްޔާން އަހަންނަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.
“އޯހް، ކުޑަކުޑަ ކޮމެންޓަކުން ކަލޭގެ ކިބުރުވެރިކަމަށް ތިޔަހާ ބޮޑު އަސަރެއް ކުރިޔަ ނުދީ. އަހަރެން މިއީ ކަލެއަށްވުރެ އެތައް ސަތޭކަ އަހަރެއް ދޮށީ މީހެއް. ކަލޭ ޖެހޭނީ އަހަންނަށް އިޙްތިރާމް ކުރަން،” އަހަރެންވެސް ރައްދުދެމުން ސީދާ އަލްޔާންގެ ލޮލަށް ބަލާލީމެވެ.
ފުރަތަމަ ދޫދިނީ އަލްޔާންއެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް އައުމަށްފަހު، ބާރަށް ހީނގަތެވެ.
“އަބަދުވެސް މޮޅުވަނީ ކަލޭ،” އޭނާ ބޯހޫރުވާލަމުން ބުންޏެވެ.
“އެއީ އެތައް ސަތޭކަ އަހަރެއްގެ ތަމްރީނު،” އަހަރެން ހިނިތުންވެލީމެވެ.
“ތިޔަ ދެމީހުންގެ މެދުގައި ތި ހިނގަނީ ކޮންކަމެއް؟” ލިޔާމް ވާނުވާ ނޭނގިހުރެ އެހިއެވެ.
“އަހަރެމެންނަކީ ކުރީގެ ރައްޓެހިން،” އަލްޔާން ކިޔައިދިނެވެ. “ކަލޭގެ މަންމައާ ދިމާވުމުގެ މާ ކުރިންވެސް އަހަރެމެން ދަންނަން.” އޭނާގެ ދަރިފުޅުގެ ލޮލަށް ބަލާލަމުން ބުންޏެވެ.
“ކީކޭ؟” ކިޔާމްއަށް ބުނެވުނެވެ.
“އަހަރެން ބުނީމެއްނު އަހަރެން މިއީ ވަރަށް ދުވަސްވީ މީހެކޭ،” އެމީހުންގެ މޫނުމަތިން ފެނުނު ހައިރާންކަމުން އަހަންނަށް ހެވުނެވެ. “އަހަރެން ސަމާސާއެއް ނޫން ކުރީ.”
“ވަޓް އެވަރ،” ލިޔާމް ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ލެނގިލިއެވެ. “އެކަމަކު… އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟”
އަލްޔާން ފުން ނޭވާއެއްލިއެވެ. “ކިޔާމްއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރެވޭކަން އަހަންނަށް ޔަގީންވަންދެން، އަޒްމާރާ ބެލެހެއްޓުމުގެ ޒިންމާ އޭނާއަށް ދެން ނުދެވޭނެ.”
“ކީކޭ؟” އަހަރެމެން އެންމެންނަށް އެއްފަހަރާ ބުނެވުނެވެ.
“އަހަރެން ކަލޭ ނުވަތަ އަހަރެންގެ އާއިލާ ނުރައްކަލަކަށް ހުށައެއްނާޅާނަން. އަޒްމާރާގެ ރައްކާތެރިކަމުގެ ހުރިހާ ޒިންމާއެއް ދެން އުފުލާނީ ލިޔާމް. މިހާރު އަހަންނަށް އެނގޭ އޭނާއަށް އިތުބާރު ކުރެވޭނެކަން،” އޭނާ ލިޔާމްއަށް ބަލާލާ ހިނިތުންވެލިއެވެ.
“އަހަންނަކަށް ނުވިސްނުނު…” ލިޔާމް މަޑުމަޑުން ބުންޏެވެ.
“އަލްޔާން، ތިކަން ކުރުމުގެ ބޭނުމެއް އެބައޮތްތަ؟” އަހަރެން ކުރިއަށް ޖެހިލީމެވެ.
“އެއީ އިއްތިފާގުން ވީ ކަމެއް!” ކިޔާމް ބާރަށް ބުންޏެވެ.
“ބަރާބަރު!” އަލްޔާން ކޮޅަށް ތެދުވިއެވެ. “އަހަރެން ކަންބޮޑުވަނީވެސް އެހެންވެ. ކިޔާމް، ކަލެއަށް ހީވީ ހުރިހާ ކަމެއް އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށް. އެކަމަކު އަޒްމާރާގެ ރީތިކަމުގައި ޖެހި، ކަލޭގެ ބުއްދި އިސްކުރުމުގެ ބަދަލުގަ އިހުސާސްތަކަށް ދޫކޮށްލެވުނީ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލުނީ. އެކަމަކު ލިޔާމް އަމިއްލަ ނަފްސު ހިފަހައްޓާ، އަޒްމާރާއަށް އެހީތެރިވެ އޭނާގެ ފުރާނަ ސަލާމަތްކުރި،” އަލްޔާން މޭޒު ވަށާލާފައި އައިސް އަހަރެމެންގެ ކުރިމަތީގައި ހުއްޓެމުން މޭޒުގައި ލެނގިލިއެވެ. “ކިޔާމް، މިއީ އަދަބެއް ނޫން. މިއީ ރައްކާތެރިކަމަށްޓަކާ އެޅި ފިޔަވަޅެއް.”
“އަހަންނަށް ވިސްނިއްޖެ ބައްޕާ،” ކިޔާމް އަހަރެންގެ ލޮލަށް ބަލާލަން ބޭނުން ނުވެ އިސްދަށަށް ޖެހިއެވެ.
“ލިޔާމް؟” އަލްޔާން ލިޔާމްއަށް ބަލާލިއެވެ.
“އާނ، އަހަންނަށް ވިސްނިއްޖެ،” ލިޔާމް ބޯޖަހާލިއެވެ. އޭނާ ހުރީ ވަރަށް ސީރިއަސްކޮށެވެ.
“ދެން ދިޔަސް އެންމެ ރަނގަޅު،” އަލްޔާން ދޮރާ ދިމާލަށް އަތުން އިޝާރާތް ކުރިއެވެ.
އަހަރެމެން އެންމެން ތެދުވެގެން ބޭރަށް ނުކުތީމެވެ. ސިޓިންރޫމާ ހަމައަށް ދެވުނީ އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.
“ކަލެއަކީ އަހަންނަށްވުރެ މޮޅު މީހެއް ކަމަށް ހީނުކުރާތި،” ލިޔާމްއާ ދިމާލަށް ކިޔާމް އެނބުރިލަމުން ބުންޏެވެ.
“އަހަރެން ދުވަހަކުވެސް އެހެންނެއް ހީނުކުރަން، ކޮއްކޯ،” ލިޔާމް ރައްދުގައި ބުންޏެވެ.
“މިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާތި، ނުރައްކާތެރި މީހަކީ ކަލޭ. މަށެއް ނޫން.”
“އަހަރެން ހަނދާންނައްތައެއް ނުލާނަން.”
ކިޔާމް ބަދިގެއާ ދިމާލަށް ދިޔައިރު، ލިޔާމް ބާރަށް ސިޑިން މައްޗަށް އެރިއެވެ. އަހަރެން ކިޔާމް ދާތަން ބަލަން ހުރުމަށްފަހު، ލިޔާމްގެ ފަހަތުން ދިޔައީމެވެ.
“މިވަނީ ކީއް؟” އަހަރެން ލިޔާމްގެ ކައިރީގައި އެހީމެވެ.
“މަށަށް ހީވަނީ، އަހަރެން އުފަންވި ފަހުން ފުރަތަމަ ފަހަރަށް ބައްޕަ އަހަންނަށް އިތުބާރުކޮށްފިހެން،” ލިޔާމް ކުރިއަށް ބަލަހައްޓައިގެން ހުރެ ޖަވާބުދިނެވެ.
ލިޔާމްގެ ނަޒަރުން….
އެއްވެސް ވިސްނުމަކާ ނުލައި އަހަރެން އަޒްމާރާ ގޮވައިގެން ކޮޓަރިއަށް ވަނީމެވެ. އެއީ އަހަރެންގެ އާދައެވެ. އަހަރެން ގިނަ ވަގުތު ހޭދަކުރަނީ އެތަނުގައެވެ. އޭނާވެސް އަހަރެންގެ ފަހަތުން ހިމޭންކަމާއެކު އައެވެ. އަހަރެން ކަމަކާ މެދު ވަރަށް ބޮޑަށް ވިސްނަމުންދާކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ.
ބައްޕަ އަހަންނާ ބެހޭގޮތުން އެހާ އޯގާތެރިކޮށް ވާހަކަދެއްކި އަޑެއް އަހަރެން ދުވަހަކުވެސް ނާހަމެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އެއީ ހަގީގަތަކަށް ވާން އަހަރެން ބޭނުންވިއެވެ. އަދި އެގޮތުގައި އަބަދަށް ދެމިއޮތުމަށް އެދެވުނެވެ.
އަޒްމާރާގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަތުވެއްޖެއެވެ. އެކަން ކިޔައިދޭނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އޭނާގެ ސަބަބުން އަހަރެން އުފާވެއެވެ. އޭނާގެ ކޮންމެ ކަމަކުން އަހަންނަށް އުފާވެރިކަން ލިބެއެވެ.
އޭނާ ކޮޓަރިއަށް ވަނުމާއެކު، އަހަރެން ދޮރު ލައްޕާލުމަށްފަހު އޭނާގެ ގައިގައި ބައްދާލީމެވެ. އަދި އޭނާގެ ތުންފަތުގައި ބޮސް ދިނީމެވެ. އޭނާގެ ވަހާއި، އެ އިހުސާސާއި، އެ ހޫނުމިން އަހަރެންގެ ހަށިގަނޑަށް ބޭނުންވިއެވެ.
އަހަރެން ދުރުވެލުމުން އޭނާ އިނީ ހިނިތުންވެފައެވެ. އެކަމުން އަހަރެންގެ މޫނުމައްޗަށްވެސް ހިނިތުންވުން ވެރިވިއެވެ.
“މަށަށް ހީވަނީ މިހާރު ތިހުރީ ވާހަކަދައްކަން ތައްޔާރަށްހެން،” އޭނާ ހީނލަމުން ބުންޏެވެ.
“ކޮން ވާހަކައެއް؟” އަހަރެން އޭނާ އުފުލާލައި، އެނބުރިލީމެވެ. “ދައްކާނެ ވާހަކައެއް އަހަންނަކަށް ނޭނގެ. މީގެ ކުރިން ދުވަހަކުވެސް މިފަދަ އިހުސާސެއް ނުކުރެވޭ! މަށަށް މިހާ ދިރުން ހުރި ކަމުގެ އިހުސާސެއް ކުރިން ނުވޭ!”
އޭނާ މަޑުމަޑުން ހީނލިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ،”
އަހަރެން އޭނާ ބިންމަތީގައި ބެހެއްޓުމުން، އޭނާ އަހަރެންގެ ކަރުގައި އަތް އަޅުވައި ބައްދާލަމުން، އޭނާގެ ބޯ އަހަރެންގެ މޭމަތީގައި ލައްކޮށްލިއެވެ.
“އަހަރެންވެސް އުފާވަނީ އަހަންނަށްވެސް މީގެ ކުރިން ދުވަހަކުވެސް މިފަދަ އިހުސާސެއް ކުރެވިފައި ނުވާތީ. ކަލޭގެ ސަބަބުން އަހަރެން އުފާވެސްވޭ، ރުޅިވެސް އާދޭ، ފޯރިވެސް އަރާ، އަދި ހަމަ އެހެންމެ ފޫހިވެސްވޭ. މި ހުރިހާ އިހުސާސެއް އެއްފަހަރާ ކުރެވޭތީ އަހަރެން ހީވަނީ ބޮމެއް ގޯވާހެން ގޮވާފާނެހެން!” އޭނާ އަހަރެންގެ ގަޔާ ދުރަށް ޖެހިލައި، އެނދުމައްޗަށް އަރައި ކޮޅަށް ހުއްޓުނެވެ. “އަހަންނަށް ހީވަނީ އަހަންނަށް އުދުހިވިވެސްދާނެހެން!”
އޭނާ އެނދުމަތީގައި ފުންމަނިކޮށް އަހަންނަށް ހެވުނެވެ. “އެތައް ސަތޭކަ އަހަރެއްވީ ކަނޑުރެއްސިއަކާ އަޅާ ބަލާއިރު، ކަލޭގެ އުޅުން ހީވަނީ ދެ އަހަރުގެ ކުޑަކުއްޖެއްހެން.”
“އެނގޭ، އެއީ ލިބިފައިވާ ހަދިޔާއެއް!” އޭނާ ހީނލިއެވެ.
އަހަރެން ‘ލޭއިންސި’ ބާރުމިނުގައި ގޮސް އޭނާގެ ގައިގައި ހިފައި، އެނދުމަތީގައި ބާއްވާލީމެވެ.
އޭނާ އަހަންނަށް ބަލަހައްޓައިގެން އޮތްއިރު ނޭވާ ވަނީ އަވަސްވެފައެވެ. އޭނާގެ މަޑު ނޫކުލައިގެ ލޮލުން އަނެއްކާވެސް ދަނބުކުލައިގެ ދިހުމެއް ފެންނަން ފެށިއެވެ. އަދި އޭނާގެ ހިނިތުންވުމުން މުޅި މޫނު އަލިވެގެން ދިޔައެވެ.
“އަޒްމާރާ އަށްވުރެ ރީތި އަންހެނަކު އަހަރެން ދުވަހަކުވެސް ނުދެކެން،” އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. “އަސްލު އެއީ ވަރަށް ބޮޑުވެސް ކަމެއް. ސަބަބަކީ އަހަރެން ވަރަށް ގިނަ ރީތި އަންހެނުން ދެކެފައިވާތީ… ވަރަށް ގިނަ،” އަހަރެން އޭނާއާ ސަމާސާކޮށްލީމެވެ.
“ހުއްޓާލާ!” އޭނާ ހީނލަމުން އަހަރެންގެ މޭގައި ޖަހާލިއެވެ.
“އެކަމަކު ތެދަށް ބުނަންޏާ، އަޒްމާރާ، ކަލޭ ފެނުމުގެ ކުރިން ދުވަހަކުވެސް މީހަކަށް އަހަރެންގެ ހިތް މިވަރަށް ދެވިފައެއް ނުވޭ.”
“އޯހް، ލިޔާމް،” އޭނާ މަޑުމަޑުން ބުންޏެވެ. “ލިޔާމްއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައިވާ ފަދަ ލޯތްބެއް ދުވަހަކުވެސް އެހެން މީހަކަށްޓަކައި އުފެދިފައެއް ނުވޭ. އަހަންނަށް ނޭނގި ހުއްޓާ ލިޔާމްގެ ލޯބީގަ އަހަރެން ވަރަށް ބޮޑަށް ޖެހިއްޖެ. އަހަރެން ގަބޫލުކުރަން އަހަރެން ލިޔާމް ދެކެ ލޯބިވާކަން،” އޭނާ އިއުތިރާފުވިއެވެ.
“އަހަރެންވެސް އަޒް ދެކެ ލޯބިވޭ،” އަހަރެންގެ ސިކުނޑީގެ ހުއްދައަކާ ނުލައި އެ ބަސްތައް ދުލުން ބޭރުވިއެވެ. އެކަމަކު އަހަރެން އެކަމާ ދެރައެއް ނުވަމެވެ. އެއީ ތެދެކެވެ.
“ވާއޮ.. އަޒް .. ތީތި ސަޅި،” އޭނާ ހިނިތުންވެލަމުން އަނެއްކާވެސް އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ.
އަހަރެން އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ބާނާލައި، އޭނާގެ ހުރިހާ ކަމެއް އިހުސާސް ކުރަމުން ދިޔައީމެވެ. އޭނާގެ ހަށިގަނޑުން ބޭރުވަމުންދާ ހޫނުން އަހަރެންގެ ހަންގަނޑުގައި ރޯވަމުންދާ ކަހަލައެވެ. އޭނާގެ ކޮންމެ އިހުސާސަކާއި ވިސްނުމެއް އަހަރެން ބޭނުންވިއެވެ. އޭނާގެ ސަބަބުން އަހަރެން މިއީ މާ ރަނގަޅު މީހަކަށް ވެއްޖެއެވެ.
އޭނާގެ ލޯތްބަށް ފުރުސަތު ދިނުމުން ކުރެވޭ އިހުސާސް ވަރަށް ފުރިހަމައެވެ.
އަހަރެން އޭނާގެ ކަރުދޮށުގައި ބޮސްދޭން ފެށީމެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވަމުންދާ އަޑު އަހަންނަށް އިވޭކަން އެކަންޏެއް ނޫނެވެ، އޭނާގެ ލޭނާރުތަކުން އެކަން އަހަރެންގެ ތުންފަތަށް އިހުސާސް ކުރެވެއެވެ. އެ ލޭނާރުތަކުގައި ދައުރުވަމުންދާ މީރު ލެޔާއި އަހަރެންގެ ދަތްތަކާ ދެމެދު ވަނީ ހަމައެކަނި ތުނި ހަންކޮޅެކެވެ.
އެވަގުތު އަހަރެންގެ ‘ލޭއިންސި’ ދަތްތައް ދިގުވާން ފެށިކަން އިހުސާސްވިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ.
“ލިޔާމް،” އޭނާ މަޑުމަޑުން އަހަރެންގެ ނަން ކިޔާލުމުން އަހަރެންގެ އިންސާނީ ސިކުނޑިއަށް އަސަރުކުރިއެވެ. ނަމަވެސް އަހަރެންގެ ތެރޭގައިވާ ‘ފުރޭތަ’ ސިކުނޑި ހުރީ އޭނާގެ ކަރާއި އެ ތެޅެމުންދާ ލޭނާރުތަކަށް ގެއްލި ހުސްވެފައެވެ.
“އަޒްމާރާ،” އަހަރެން ބުނީމެވެ. އަހަރެން ބޭނުންވީ އިންޒާރެއް ދޭށެވެ، ނަމަވެސް އަހަރެންގެ އަޑު ނުކުތީ ވަރަށް ވޭނީ ގޮތަކަށެވެ.
“ލިޔާމް؟ ކިހިނެއްވީ؟” އަޒްމާރާ ތެދުވެ އަހަރެން ދުރަށް ފޮނުވާލަން މަސައްކަތް ކުރިއެވެ، ނަމަވެސް އަހަރެން އެ ފުރުސަތެއް ނުދިނީމެވެ. “ލިޔާމް؟” އޭނާގެ ހިތުގެ ތެޅުން އިތުރަށް އަވަސްވިއެވެ. “ކިހިނެއްތަ ތި ވަނީ؟”
“ނުގުޑި އޮވޭ،” އަހަރެން އާދޭހާއެކު ބުނީމެވެ. އަދި އޭނާގެ ލޮލަށް ބަލާލީމެވެ.
އޭނާ ސިހިފައި އަތުން އަނގަ ފޮރުވާލިއެވެ. “ލިޔާމް!”
“އާދޭސްކުރަން އަޒްމާރާ، ނުގުޑި އޮވެބަލަ،” އަހަރެން އޭނާއަށް އަނިޔާއެއް ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ބިރުގަންނަވާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާ ހަރަކާތްކުރާ ވަރަކަށް، އޭނާގެ ގައިން ދުވާ މީރު ވަސް ވައިގެ ތެރެއަށް ފެތުރެއެވެ. އަދި އޭނާގެ ހިތުގެ ތެޅުން! އެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނާގެ ގައިގައި ދަތްއަޅަން މަޖުބޫރުކުރާ ފަދަ ގޮތަކަށެވެ. އަހަރެންގެ ނަޒަރު އަނެއްކާވެސް އޭނާގެ ކަރަށް ހުއްޓުނެވެ.
“ލިޔާމް،” އަޒްމާރާ ފުން ނޭވާއެއްލުމުން އޭނާގެ ހިތުގެ ތެޅުން މަޑުވާން ފެށިއެވެ. “ލިޔާމް، މަށަށް ބަލާބަލަ،” އޭނާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
އަހަރެން ގަދަކަމުން އޭނާގެ ކަރުން ނަޒަރު ވަކިކޮށް، އޭނާގެ އެ ނޫކުލައިގެ ފުން ލޮލަށް ބަލާލީމެވެ.
“އަހަރެންގެ އަޑަށް ސަމާލުކަންދީ ލިޔާމް، ލިޔާމްއަށް މިކަން ވާނެ،” އޭނާގެ އަޑު އިވެނީ ހަމަޖެހިލައިގެން ނިދަން ކިޔައިދޭ ނާނާއެއް ފަދައިންނެވެ. “އަހަރެންގެ ހިތުގެ ތެޅުމަށް އަޅާނުލާ، ލޭގެ މަތިން ހަނދާން ނައްތާލާ، ލިޔާމް.”
މިކަމާ ދެކޮޅަށް ހަނގުރާމަ ކުރުން ދިޔައީ ދުވަހެއް ދުވަހަކަށް އުނދަގޫވަމުންނެވެ.
“ކަލެއަށް އެނގެނީ ކޯއްޗެއް!” އަހަރެން ރުޅިވެރިކަމާއެކު އޭނާއާ ދިމާލަށް ބާރަށް ބުނީމެވެ. މިއީ އަހަރެންގެ ތެރޭގައިވާ ‘ފުރޭތަ’ ވާހަކަދައްކާ ގޮތެވެ. އަހަރެންގެ އަމިއްލަ ނަފްސު ގެއްލެމުން ދިޔައީއެވެ. “ކަލެއަކީ ކާކު؟ ކަނޑުރެއްސިއެއް! ކަލެއަކަށް ނޭނގޭނެ މިފަދަ ބޭނުންތަކެއް! މިފަދަ އަނދައިގަތުމެއް ކަލެއަކަށް އިހުސާސެއް ނުކުރެވޭނެ!”
އަޒްމާރާ ކުޑަކޮށް ސިހުނެވެ، ނަމަވެސް އަވަހަށް ހަމަޖެހިލިއެވެ. “އަހަންނަށް ލިޔާމް އެނގޭ.” އޭނާ ބުންޏެވެ. އޭނާގެ ދެއަތުން އަހަރެންގެ މޫނުގައި ހިފާލިއެވެ. “އަހަންނަށް ބިރުވެރި ލިޔާމް ވެސް އެނގޭ، ގޮތްދޫނުކުރާ ލިޔާމް ވެސް އެނގޭ، އަދި މަލާމާތްކުރާ ލިޔާމް ވެސް އެނގޭ. އެކަމަކު އެންމެ ބޮޑަށް އަހަންނަށް އެނގެނީ އަހަންނަށް އަނިޔާއެއް ކުރަން ބޭނުން ނުވާ، އޯގާތެރި ލޯބިވާ ލިޔާމް. އަހަންނަށް އެނގޭ އޭނާ ލިޔާމްގެ ތެރޭގައިވާކަން، އަދި އޭނާ މި ލިޔާމްގެ އެހެން ބައިތަކަށްވުރެ ވަރުގަދަކަންވެސް އެނގޭ. އެހެން ނޫންނަމަ، އަހަރެން ލިޔާމްގެ ހުރިހާ ސިފައެއްދެކެ ލޯތްބެއް ނުވީސް،” އޭނާ ރަކިވެލަމުން ކުޑަކޮށް ހީނލިއެވެ.
އެ ހިނިތުންވުން. އެއީ ހިތަށް ފިނިކަން ގެނުވައިދޭ، ރަނގަބީލެއްގެ އަޑުފަދަ ހިނިތުންވުމެކެވެ. އެއީ އޭނާ ސަލާމަތްކޮށްދިން ކަންތަކެވެ… އަދި އަހަރެންވެސް ސަލާމަތްކޮށްދިން ކަންތަކެވެ.
އަހަރެން ފުން ނޭވާއެއްލަމުން އޭނާގެ ގަޔާ ދުރަށް ޖެހިލީމެވެ. ސިކުންތެއްގެ ތެރޭގައި ކޮޓަރީގެ އަނެއް ފަރާތަށް ގޮސް އޭނާއަށް ފުރަގަސްދިނީމެވެ.
ސާފުވައިން އަހަރެންގެ ފުއްޕާމޭ ފުރާލީމެވެ. އޭނާގެ ވަސް އަހަންނަށް މަދުވި ވަރަކަށް، ކަރުތެރޭގައި ހުރި ދިލަ ތަދު ކުޑަވަމުން ދިޔައެވެ. ލެޔަށް އޮތް ފެންބޮވުންވެސް ކުޑަވަމުން ދިޔައެވެ.
އަހަރެންގެ ދަތްތައް އަލުން ކުޑަވިކަން އިހުސާސްވުމުން، އެންމެ ފަހުން އަހަރެން އޭނާއާ ދިމާލަށް އެނބުރުނީމެވެ.
“އަހަރެން ހީކުރަނީ ކިޔާމްއާ އަހަންނާ މާ ބޮޑު ތަފާތެއް ނެތްކަމަށް،” އަހަރެން ހިތާމަވެރި ހިނިތުންވުމަކާއެކު އޭނާއަށް ބަލާލަމުން ބުނީމެވެ.
“ތިއީ ތެދެއް ނޫން،” އޭނާ އެނދުމަތީގައި އިށީނދެގެން އިނދެ އަހަންނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނެވެ. “ލިޔާމް ދަތެއް ނާޅަމެއްނު.”
“މިއީ ސަމާސާ ކަމެއް ނޫން،” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.
“އަހަރެންވެސް މިއީ ސަމާސާއެއް ކަމަކަށް ނުދެކެން،” އޭނާ ބާރަށް ބުނަމުން އެނދުން ފުންމާލިއެވެ. “އަހަންނަށް މިއީ މަޖާ ކަމެއް ނޫން. ލޭއިންސިއަކާ އެކު އުޅުމުގެ ނުރައްކާ އަހަންނަށް އެނގޭ. އިތުބާރު ކުރޭ، ލިޔާމްގެ ބޭބެއަކީ އަހަރެން ދެނެގަތް ފުރަތަމަ މީހާއެއް ނޫން.”
“ކީކޭ!” އަހަރެން ހައިރާންވެފައި އެހީމެވެ.
“އެއީ ކަލޭ އުފަންވުމުގެ މާ ކުރިން… ހަމަޖެހިބަލަ،” އޭނާ ފޫހި ރާގަކަށް ބުންޏެވެ. އޭނާ މޭމަތީގައި ދެއަތް ބަނދެލިއެވެ. “ލިޔާމް، އަސްލު މައުޟޫއަކީ، މިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް. ނުރައްކާތައް އަހަންނަށް އެނގޭ، އަދި އެކަމާއެކު ދިރިއުޅެން އަހަރެން މިހުރީ ތައްޔާރަށް. ލިޔާމް އެކަމަށް ތައްޔާރު ނޫންނަމަ… އަހަންނަށް ވިސްނޭ،” އޭނާ ބިންމައްޗަށް ބަލާލިއެވެ.
“ތައްޔާރު ނޫން ނަމައޭ؟” އަހަރެން ގާތްގަނޑަކަށް ހަޅޭއްލަވައިގަތީމެވެ. “އަޒްމާރާ ތިޔަ ދައްކަނީ ސީރިއަސް ވާހަކައެއްތަ؟ އާނ، އެކަމަކަށް އަހަރެން ތައްޔާރެއް ނޫން! އެކަމަކު އަޒްމާރާ، އަޒްމާރާއާ ނުލާ ދިރިއުޅޭކަށްވެސް އަހަރެން ތައްޔާރެއް ނޫން،” އަހަރެން އޭނާގެ ގާތަށް ޖެހިލީމެވެ. “އަހަރެން ދުވަހަކުވެސް އަޒްމާރާއަށް އަނިޔާއެއް ކުރާކަށް ބޭނުމެއް ނޫން.” އަހަރެން އޭނާގެ ކޮނޑުގައި އަތް ބާއްވާލީމެވެ.
“ލިޔާމް، ކަނޑުރެއްސިންގެ ޝާހީ އާއިލާގެ މީހަކާ ލޯބީގެ ގޮތުން ގުޅުމުން ނިކުމެދާނެ ނަތީޖާ ލިޔާމަށް ރަނގަޅަށް އެނގޭހެނެއް އަހަންނަކަށް ހީއެއްނުވޭ.” އޭނާ އިސްއުފުލާލައި އަހަރެންގެ ލޮލަށް ބަލާލިއެވެ. އޭނާގެ ލޮލުގައި ހުރީ ހިތާމަވެރިކަމާއި ރުޅިވެރިކަމެވެ. “އަހަރެމެންގެ ގުޅުމަކީ ޤާނޫނާ ޚިލާފު ކަމެއް. މުޅިން ޤާނޫނާ ޚިލާފު. ލޭއިންސިން މި ޤާނޫނަށް މާ ބޮޑު ސަމާލުކަމެއް ނުދެނީ މި ގުޅުމުގެ ސަބަބުން އެމީހުންނަށް ނުރައްކަލެއް ނެތީމަ. އެކަމަކު ކަނޑުރެއްސިންގެ ތެރޭގައި މި ޤާނޫނަކީ ހުރިހާ ކަމަކަށްވުރެ މަތީގައިވާ ކަމެއް، އަދި މީގެ އަދަބަކީ އެންމެ ބޮޑު އަދަބު،” އޭނާ އަނެއްކާވެސް ނަޒަރު ވަކިކޮށްލިއެވެ. “މަރު.”
“ލޯބީގެ ސަބަބުން އެމީހުންގެ އަމިއްލަ ނަސްލުގެ މީހަކު މަރާލަނީއޭތަ ތިބުނީ؟” އަހަރެން ހައިރާންވެފައި އެހީމެވެ. ކަނޑުރެއްސިންނާ ބެހޭގޮތުން އަހަރެން އަޑުއަހާފައިވާ ވާހަކަތަކާ މިއީ މުޅިން ތަފާތު ގޮތެކެވެ. އެކަމަކު މި ފަހަކަށް އައިސް އަހަރެންގެ އާއިލާއާ ދެކޮޅަށް އެމީހުން ކުރަމުންދާ ކަންތައްތަކުން އެނގެނީ އެއީ ތަފާތު ބައެއް ކަމެވެ.
“ހަމައެކަނި ކަނޑުރެއްސިއެއް ނޫން، އެ ލޭއިންސިވެސް މަރާލާނެ،” އޭނާ އަދިވެސް އަހަރެންގެ ލޮލަކަށް ނުބަލައެވެ.
މަރު. މި ގުޅުމުގެ މާނައަކީ އަހަރެމެން ދެމީހުންނަށްވެސް އޮތީ މަރު. ކާކަށްތޯ މާ ބޮޑު ނުރައްކަލެއް އޮތީ ނުވަތަ ކާކުތޯ މާ ބޮޑު ގުރުބާނީއެއް ވަނީ ބަލާކަށް ނުޖެހެއެވެ، ސަބަބަކީ ދެމީހުންނަށްވެސް އޮތީ އެއް އަދަބެކެވެ.
“އެކަމަކު އެންމެ ދެރަ ކަމަކީ، އެމީހުން ދުވަހަކުވެސް އަހަރެން މަރައެއް ނުލާނެ. އެމީހުން ކޮންމެވެސް ވާހަކައެއް އުފައްދާނެ، ލިޔާމް އަހަރެން ހައްލާލީ ކަމަށް ބުނެ ހުރިހާ އިލްޒާމެއް ލިޔާމްގެ ބޮލުގައި އަޅުވާފަ، އެއްވެސް ސަބަބެއް ނެތި ލިޔާމް މަރާލާނީ،” އަޒްމާރާ އަހަންނަށް ބަލާލިއިރު އޭނާގެ ލޮލުގައި ކަރުނަ ހުއްޓެވެ.
އަހަރެން ހުރީ ހިނިތުންވެފައެވެ. “ވަރަށް ރަނގަޅު.”
“ލިޔާމް، ސަމާސާ ކުރުން ހުއްޓާލާ… މިއީ މަޖާ ކަމެއް ނޫން،” އޭނާ އަހަރެންގެ ގަޔާ ދުރަށް ޖެހިލައި ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ.
“އަޒްމާރާ، އަހަރެން މި ހީލީ މަޖާވެގެންނެއް ނޫން. އަހަރެން މިހުރީ ވަރަށް އުފަލުން،” އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ.
“މިއީ އުފާވެރި ޚަބަރެއް ނޫން،” އޭނާ އަދިވެސް އަހަންނަށް ނުބަލައި މަޑުމަޑުން ބުންޏެވެ.
“އާނ، މިއީ އުފާވެރި ކަމެއް، ލޯބިވާ،” އަހަރެން އޭނާގެ ކޮނޑުގައި ހިފައި އަހަންނާ ދިމާލަށް އަނބުރާލީމެވެ. “މިހާރު އަހަރެންވެސް މިވަނީ އަޒްމާރާއާ އެއްވަރަށް ގުރުބާނީއެއް ވެފަ. އަޒްމާރާގެ އާއިލާއަށް މީހަކު މަރާލެވޭ ފަދައިން އަހަންނަށްވެސް އަޒްމާރާ މަރާލެވިދާނެ،” އޭނާ ޒުވާބު ކުރަން އަނގަ ހުޅުވާލިއެވެ. “އެއްޗެއް ނުބުނާތި. މިއީ ތެދެއް. އަޒްމާރާއަށް އަނިޔާއެއް ލިބިދާނެތީ އަހަރެން އިންތިހާއަށް ބިރުގަތް ނަމަވެސް، އެއީ ހަގީގަތް. މިހާރު އަހަރެމެން ދެމީހުންނަށް އޮތް ނުރައްކާ އެއްވަރުވީމާ… އަހަރެމެންގެ ލޯބިވެސް ހަމަހަމަވީ. އަހަރެން ހިނިތުންވަނީ އެހެންވެ،” އަހަރެން ކިޔައިދިނީމެވެ.
“ލިޔާމް ތިޔައީ މޮޔައެއް،” އޭނާ ބޯހޫރުވާލިއެވެ.
“އަހަރެން މޮޔައަކަށް ނުވިނަމަ، އަޒްމާރާ ދެކެ ލޯތްބެއް ނުވީސް،” އަހަރެން ސަމާސާކޮށްލީމެވެ.
“ހާހާ، ވަރަށް މަޖާ،” އޭނާ ލޯއަރުވާލިއެވެ.
“އާނ، އަހަންނަށް އެނގެއޭ،” އަހަރެން އަނެއްކާވެސް އޭނާގެ ތުންފަތުގައި ބޮސް ދިނީމެވެ.
— ނުނިމޭ —
