ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދައިފި  
ކުޑަހުވަދޫ ކައުންސިލް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 2 ގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި އެވެ. މި ޒޯންގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ކުޑަހުވަދޫ އާއި ނިލަންދޫ އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ކުޑަހުވަދޫއިން ނެވެ. ހާފުގެ ކުރީކޮޅު ކުޑަހުވަދޫއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ނިލަންދޫ ކީޕަރު ދިފާއުކުރިއިރު، މި ހާފުގައި ނިލަންދޫއިން ކުޅުނީ އެޓޭކަށްވުރެ ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ނެވެ. ގިނަ ވަގުތު ނިލަންދޫގެ ހާފުގެ ތެރޭގައި ބޯޅަ ގެންގުޅުނު ކުޑަހުވަދޫއިން ވަނީ 6 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ހާފުގެ މެދަކާއި ހިސާބުން ފޮނުވާލި ބާރު ހަމަލާއަކުން ކުޑަހުވަދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ އެބްރަހިމި އެވެ.

ކުޑަހުވަދޫގެ ލަނޑާއިއެކު ނިލަންދޫއިން ވަނީ ޓީމު ކުރިޔަށް ޖެހި ނަތީޖާ ހަމަހަމަކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ނިލަންދޫ ޓީމުގެ ތިން ކުޅުންތެރިއަކު ގުޅިގެން އުފެއްދި ހަމަލާއެއްގައި މެޗުގެ 10 ވަނަ މިނިޓްގައި ނިލަންދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާން އެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދީ ކުޑަހުވަދޫއިން ނެވެ. ކައުންޓާރ އެޓޭކަށް އިސްކަން ދީގެން ކުޅެމުންދިޔަ ނިލަންދޫއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. ދެވަނަ ފަހަރަށް ލީޑު ނެގުމަށްޓަކައި ކުޑަހުވަދޫއިން ޓީމު އެކުގައި ކުރިޔަށް ޖެހިގެން ކުޅެމުންދިޔަ ވަގުތެއްގައި ލިބުނު ފުރުސަތެއްގައި ނިލަންދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ޖަމާލް އެވެ.

މިވެސް ކިޔާލަން:  ގާފަރު ދެވަނަ މޮޅު ހޯދިއިރު، ބޮޑުފޮޅުދޫ ވެސް ފެށީ މޮޅަކުން  

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ކުޑަހުވަދޫއިން ނެވެ. ލިބިފައިވާ ލީޑު ދިފާއުކުރުމަށް ނިލަންދޫއިން މަސައްކަތް ކުރިއިރު، ލަނޑެއް ޖެހުމަށް ކުޑަހުވަދޫއިން ކުރަމުންދިޔަ މަސައްކަތް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުކުރަމުން ނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް ހޯދި ކުޑަހުވަދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 30 ވަނަ މިނިޓްގައި އަލީ އެބްރަހިމި ކާމިޔާބުކޮށްދިން ދެވަނަ ލަނޑުން ނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން މި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން ނެވެ. ޕެނަލްޓީ ޝޫޓްއައުޓް ކުޑަހުވަދޫ ކާމިޔާބުކުރީ 3-4 އިން ނެވެ.

5-6 އިން މެޗު ކާމިޔާބުކޮށް ސެންޓްރަލް ޒޯން 2 ގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަލީ އެބްރަހިމި އެވެ.

މުބާރާތުގެ އެހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ޓީމުގެ އަޙްމަދު ނަބީލް އެވެ. މުބާރާތުގެ މޯސްޓް ކޮމްޕްރޮމައިސިންގް ޕްލޭޔާރގެ މަގާމް ހޯދީ ދަރަނބޫދޫގެ ޓީމުގެ ޒަލޫފް ހަސަން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޑަހުވަދޫ ޓީމުގެ އަލީ އެބްރަހިމި އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަމީލް، ނިލަންދޫ ޓީމުގެ މޫސާ ޖަމާލް، ނިލަންދޫ ޓީމުގެ އަޙްމަދު ނަބީލް، ކުޑަހުވަދޫ ޓީމުގެ އަލީ އެބްރަހިމި އަދި ކުޑަހުވަދޫ ޓީމުގެ އަބްދުލްމާނިއު އެވެ.

މިވެސް ކިޔާލަން:  ގާފަރު ދެވަނަ މޮޅު ހޯދިއިރު، ބޮޑުފޮޅުދޫ ވެސް ފެށީ މޮޅަކުން  

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޑަހުވަދޫ ޓީމުގެ އަލީ އެބްރަހިމި އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ކުޑަހުވަދޫ ޓީމުގެ ކޯޗު އަލީ ނާސިރު އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ވ. ކެޔޮދޫ ޓީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top