ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މައިކްރޯފައިބަރ ތުވާލި ރަނގަޅު ގޮތުގައި ދޮންނާނެ ގޮތް

ގޭތެރޭގެ އެކި ތަންތަން ސާފުކުރުމަށް މައިކްރޯފައިބަރ ތުވާލި ބޭނުންކުރުމަކީ ވަރަށް ފަސޭހަ އަދި އެހާމެ ފައިދާހުރި ގޮތެކެވެ. އުނދުނާއި، ދަގަނޑު ސާމާނާއި، އަދި ޓީވީ ސްކްރީން ފަދަ ތަންތަނުގައި ހުންނަ ހިރަފުހާއި، ކުނި އަދި ޖަރާސީމު ނައްތާލުމުގައި މި ތުވާލީގައި ހުންނަ ކުދި ފައިބަރުތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. ނަމަވެސް، މައިކްރޯފައިބަރ ތުވާލި ދޮންނަންވީ ރަނގަޅު ގޮތް ނޭނގޭނަމަ، އޭގެ ސަބަބުން ގޭތެރެ އިތުރަށް ހަޑިވުން އެކަށީގެންވެއެވެ. އެފަދަ ކަމަކުން ސަލާމަތްވުމަށްޓަކައި، މި ތުވާލިތައް ބެލެހެއްޓުމުގައި ސާފުކުރާ މާހިރުން ދޭ އެންމެ ރަނގަޅު އިރުޝާދުތައް ތިރީގައި އެވަނީއެވެ.

ބޭނުންވާ ތަކެތި:

  • ބޮޑު ސިންކެއް ނުވަތަ ދޮންނަ މެޝިނެއް
  • މަޑު ލިކުއިޑް ޑިޓާޖަންޓް (ސައިބޯނި)
  • މެޝް ލޯންޑްރީ ކޮތަޅު
  • ވައިޓް ވިނިގަރ
  • ހިއްކާ މެޝިން ނުވަތަ ހިއްކަން އަޅާ ރެކެއް

މައިކްރޯފައިބަރ ތުވާލި ދޮންނާނެ ގޮތުގެ އިރުޝާދު

މައިކްރޯފައިބަރ ތުވާލީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

1 – މައިކްރޯފައިބަރ ތުވާލި ވަކިކުރުން

މައިކްރޯފައިބަރ ތުވާލިތައް އެހެން ފޮތިތަކާ ވަކިން ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮޓަން ނުވަތަ ފޮތި ކުނޑި ބޭރުވާ ފަދަ ތަކެއްޗާއެކު ދޮވުމުން، މައިކްރޯފައިބަރ ތުވާލީގައި އެ ކުނޑިތައް ހިފާގޮތްވެ، އޭގެ ސާފުކުރުމުގެ ބާރު ދަށްވެއެވެ. ތުވާލި މަދުނަމަ، މެޝް ލޯންޑްރީ ކޮތަޅަކަށް ލައިގެން ދޮވުމަކީ ރަނގަޅު ގޮތެކެވެ.

2 – ފުރަތަމަ ދޮވެލުން

ވަރަށް ބޮޑަށް ހަޑިވެފައި ހުރި ތުވާލިތައް މެޝިނަށް އެޅުމުގެ ކުރިން ފިނި ފެނުން އަތުން ދޮވެލުމަކީ ބުއްދިވެރި ގޮތެކެވެ. މީގެ ސަބަބުން ތުވާލި ރަނގަޅަށް ސާފުވުމުގެ އިތުރުން، އެހެން ތުވާލިތައް ހަޑިވުމުން ސަލާމަތްކޮށްދެއެވެ.

3 – އެކަށީގެންވާ ސައިބޯނި ބޭނުންކުރުން

ތުވާލި ދޮވުމަށް ބޭނުންކުރަންވާނީ މަޑު ލިކުއިޑް ޑިޓާޖަންޓެވެ. ފޮތި މަޑުކުރާ އެއްޗެހި (ފެބްރިކް ސޮފްޓްނާ) ނުވަތަ މީރުވަސްދުވާ ކެމިކަލް ހުންނަ ސައިބޯނި ބޭނުން ނުކުރާށެވެ. މީގެ ސަބަބުން ތުވާލީގެ ފައިބަރުތައް ބެދި، ފެން ދަމާ މިންވަރު ދަށްވެއެވެ. އަދި މަދު މިންވަރަކަށް ސައިބޯނި ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.

4 – މަޑުމަޑުން ދޮވުން

މައިކްރޯފައިބަރ ތުވާލި ސާފުކުރުމަށް މާ ބާރަށް މެޝިން އެނބުރޭ ގޮތް ހަދާކަށް ނުޖެހެއެވެ. މަޑުމަޑުން ދޮވުމުން ތުވާލީގެ ފައިބަރުތައް ހަލާކުނުވެ ގިނަ ދުވަހު ހުރެއެވެ.

5 – ވައިޓް ވިނިގަރ ބޭނުންކުރުން

ފޮތި މަޑުކުރާ އެއްޗެހީގެ ބަދަލުގައި، ފެން ބަދަލުކުރާ ވަގުތު ބައި ޖޯޑު ވައިޓް ވިނިގަރ އަޅާށެވެ. މިއީ ތުވާލި ޤުދުރަތީ ގޮތުން މަޑުކޮށްދީ، އޭގައި ހުންނަ ނުބައި ވަސް ކަނޑުވައިދޭނެ ކަމެކެވެ.

6 – ރަނގަޅަށް ފެންލުން

ތުވާލީގައި ސައިބޯނީގެ އަސަރު އެއްވެސް ވަރަކަށް ހަރުލިޔަނުދީ ރަނގަޅަށް ފެންލާށެވެ. ސައިބޯނި ހުރެއްޖެނަމަ، ސާފުކުރާ ތަންތަނުގައި ރޮނގުދެމޭ ގޮތް މެދުވެރިވެއެވެ. ޝައްކުވާނަމަ، އިތުރު ފަހަރަކު ފެންލާށެވެ.

7 – ހޫނުކަން ކުޑަކުރުން

މައިކްރޯފައިބަރ ތުވާލި ހިއްކަންވާނީ ވައިން ނުވަތަ ހިއްކާ މެޝިނުގެ އެންމެ މަޑު ހޫނުމިނުގައެވެ. ގަދަ ހޫނަކީ މައިކްރޯފައިބަރުގެ ދުޝްމަނެކެވެ. އޭގެ ސަބަބުން ފައިބަރުތައް ވިރި، ތުވާލި ހަރުވެ، އޭގެ ބޭނުންތެރިކަން ގެއްލިގެންދެއެވެ. މެޝިނުން ހިއްކާނަމަ، ހިއްކައި ނިމުމާއެކު މެޝިނުން ނަގަންވާނެއެވެ.

8 – ޑްރަޔަރ ޝީޓް ބޭނުން ނުކުރުން

ހިއްކާ މެޝިނަށް ލާއިރު ޑްރަޔަރ ޝީޓް ބޭނުން ނުކުރާށެވެ. މީގެ ސަބަބުން ތުވާލީގައި ތެޔޮ ފަށަލައެއް ހިފާ، އޭގެ މަސައްކަތަށް ބުރޫއަރައެވެ.

ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތައް

މައިކްރޯފައިބަރ ތުވާލި ގިނަ ދުވަހު ބޭނުންކުރުމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުވާށެވެ.

  • ބްލީޗް، ފެބްރިކް ސޮފްޓްނާ، އަދި ޑްރަޔަރ ޝީޓް ބޭނުން ނުކުރުން: މިއީ މައިކްރޯފައިބަރުގެ ފެންވަރު ދަށްކޮށްލާ މައިގަނޑު ތަކެއްޗެވެ.
  • މެޝިނަށް މާ ގިނައިން ތަކެތި ނޭޅުން: ތުވާލިތައް ރަނގަޅަށް ސާފުވުމަށްޓަކައި މެޝިން ތެރޭގައި އެނބުރޭނެ ޖާގަ އޮންނަންވާނެއެވެ.
  • ހޫނުން ރައްކާތެރިކުރުން: އިސްތިރި ކުރުމާއި ހޫނު ފެން ބޭނުންކުރުމުން ދުރުހެލިވާށެވެ.
  • ރައްކާތެރި ތަނެއްގައި ބެހެއްޓުން: ތުވާލިތައް ބަހައްޓަންވާނީ ހިރަފުހާއި ތެތްކަމުން ދުރު، ސާފުތާހިރު ތަނެއްގައެވެ. މީގެ ސަބަބުން އޭގެ ސާފުކުރުމުގެ ބާރު ގިނަ ދުވަހަށް ދެމިހުންނާނެއެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top