ނޮވެމްބަރު ފަހެއް ގައި ރިލީޒްކުރަން ނިންމާފައިވާ ޑާކް ރެއިން އެންޓަޓެއިންމަޓުގެ ކްރައިމް ތްރިލާ ފިލްމު “ގޮށްރާޅު” ރިލީޒްކުރުން ފަސްކުރަން ނިންމައިފި އެވެ.
ފިލްމު އެޅުވުން ފަސްކުރި ސަބަބު ހާމަކުރަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ރާއްޖޭގެ މަޝްރަހު މިދުވަސްވަރު ހަލަބޮލިވެފައި އޮތުމާއި ހަލަބޮލި މާހައުލެއް އޮތްވާ މިފަދަ ހަލަބޮލި ފިލްމެއް ބެލުމަށް ބެލުންތެރިން ވެސް ބޭނުންނުވެދާނެ ކަމަށް ބަލާފައި ކަމަށް މޮގާ ބުންޏެވެ.
މޮގާ ބުނީ މިހާރުގެ ހާލަތު ހަމައަކަށް އެޅުމުން ވަރަށް އަވަހަށް ފިލްމު ރިލީޒްކުރާނެ ތާރީހެއް ހާމަކުރާނެކަމަށެވެ.
ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާ މި ފިލްމަކީ އަޙްމަދު ޝިނާންގެ ސޯލޯ ޑައިރެކްޝަން އެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މޫމިން ފުއާދެެވެ. ޖުމައްޔިލްގެ އިތުރުން “ގޮށްރާޅު” ގެ މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެ އެވެ. މިއީ ޒަކިއްޓެ ދިވެހި ސިނަމާއަށް ތައާރަފުވާ ފިލްމެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބް، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް އަދި ހަމްދާންވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
“ގޮށްރާޅު” ފިލްމަކީ ވިޝުއަލް އާޓްސް ދާއިރާ އިން އެނިމޭޝަންގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ އަހުމަދު ޝިނާންގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަނެވެ. 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް “4426” ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޙްމަދު ޝިނާން އެވެ. މީގެ އިތުރަށް ‘ފަތިސްހަނދުވަރުގެ ފެށުން – ތްރީޑީ’ ގައިވެސް ސިނާން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.
“ގޮށްރާޅު” ފިލްމްގައި ކިޔައި ދޭނީ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ގޭންގްތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެކެވެ.
