ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރި ވޯޓަރ ޕާކް ހުޅުވައިފި އެވެ.
މޫދު ކުޅިވަރުގެ ގޮތުގައި ކުޅުމަށް މީހުން ގަޔާވާފަދަ ގިނަ ކުޅިވަރުތަކެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މި ވޯޓާ ޕާކަކީ ބޭރުން އެތެރެކޮށްފައިވާ ވައިޖަހާ ޒާތުގެ (އިންފްލޭޓެބަލް) ވޯޓަރ ޕާކެކެވެ.
ދިއްދޫ ކައުންސިލުން ބުނީ އެތަނުގެ ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި ލައިފް ގާޑެއް ހޯދަން އިއުލާނު ކުރާނެ ކަމަށާއި ލައިފް ގާޑެއް ހަމަޖެއްސެންދެން އެ ޕާކަށް ދާ ކުޑަކުދިންގެ ރައްކާތެރިކަމަށް ބެލެނިވެރިން ސަމާލުކަން ދިނުމަށް ކައުންސިލުން އެދެއެވެ.
ދިއްދޫގައި ހުޅުވި ވޯޓަރ ޕާކާއި މެދު ރަށުގެ ރައްޔިތުންނާއި ކުޑަކުދިން ހިތްހަމަޖެހިފައި ތިބިއިރު އެފަދަ ތަނަކަށް ލައިފް ގާޑެއްގެ އިތުރުން ފެހި ނުޖަހާނެ ގޮތަކަށް ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނު ބެހެއްޓުން މުހިންމުކަން ގިނަބަޔަކު ފާހަގަކުރެއެވެ.
މޫދު ކުޅިވަރުގެ ގޮތުގައި ކުޅުމަށް މީހުން ގަޔާވާދފަދަ ގިނަ ކުޅިވަރުތަކެއް ކުޅެވޭގޮތަށް ހުރި މި ވޯޓަރ ޕާކް ބޭނުންކުރުމުގައި ސަމާލުވުމަށް ދިއްދޫ ކައުންސިލުން އެދިލައްވައެވެ.

ދިއްދޫގައި ހުޅުވި ވޯޓަރ ޕާކްގައި ކުޑަކުދިންނާއި ބޮޑެތިމީހުން ކުޅިވަރު ކުޅެނީ – ފޮޓޯ: ދިއްދޫ ކައުންސިލް
