ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށާއި ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރެވޭ “ރައްޔިތުންގެ ޚިޔާލު” އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.
މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، މި އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މެނޭޖްމަންޓް ބޯޑު ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އޮންލައިން ޕޯރޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައި ވިދާޅުވިއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ފެބްރުވަރީ 15އާއި ހަމައަށް ހުށަހެޅޭ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވިގެންދާނެ ކަމަށެވެ. އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމާއި، އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިއަދު އިފްތިތާޙުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ޚިޔާލުލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ. އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓް www.police.gov.mv އަދިwww.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެއެވެ.

ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯރޓަލްގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން ފޯކަސް ގްރޫޕްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ މިނިވަން ބައެއް މުއައްސަސާތަކާއެކު ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް ބުނެއެވެ.
This morning we launched an online platform for public feedback. We want members of the public to tell us how policing can be improved and share public experience with our officers. We believe in the notion, policing by consent. Here is the link: https://t.co/FAryD9Tn0g
— Mohamed Hameed (@M_Hameedh) January 2, 2019
