ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދިވެހި ފިލްމު ބަލާ އޯޑިއަންސާއި ހަމައަށް ފުރަތަމަ ފަހަރަށް ގެނެސްދޭ ފިލްމު “އެހެނަސް” ވެބްސީރީޒްގެ ފަރުދާ ކަހާލައި، ސީރީޒް އާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.

“އެހެނަސް – އަންވެއިލްޑް”ގެ ނަމުގައި “އެހެނަސް” ވެބްސީރީޒްގެ ފޭސްބްކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން، ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އިން ފެށިގެންގޮސް، ހުރިހައި އެކްޓަރުންނާއި ޓެކްނިކަލް ކްރޫގެ ބަސްދީގަތުންތަކެއް ހިމަނާފައިވެއެވެ. މި އިންޓައިވިއުތަކުން އެކަނިވެސް “އެހެނަސް” ވެބްސީރީޒުން ގެނެސްދޭ މެސެޖްގެ ނާޒުކުކަމާއި އޭގެ އަސަރުގަދަކަން ހާމަވެގެން ދެއެވެ.

’އައި ކިޔު ޕްރޮޑަކްޝަންސް‘ އިން ’އާރް ޓޫ ޒެޑް‘ އާއި ’އާރް ސްކޮޔާޑް‘ އާއި ގުޅިގެން އުފައްދާ ވެބްސީރީޒް “އެހެނަސް” ގެ ޑައިރެކްޓަރަކީ ޒުވާން ޑައިރެކްޓަރ ރަވީ ފާރޫޤް އެވެ.

ގަނާކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ބާރުއެޅުން މައިގަނޑު ގޮތެއްގައި ޕްރޮމޯޑްކުރުމުގެ މަޤްޞަދުގައި ބައިސްކޯފުން އުފައްދާ ސީރީޒްއެކެވެ. ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ ”އެހެނަސް ހަމަ ލޯބިވެޔޭ…“ އަށް ބިނާކޮށް ހަދާ ވެބް ސީރީޒުން ދައްކުވައިދޭނީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކެކެވެ.

މި ސީރީޒުން ފެނިގެންދާ ގިނަ ފަންނާނުންނަކީ ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ނަމަވެސް ’ޓިކް ޓޮކް’ގައި އެންމެ ކުރީ ސަފުގައި އުޅޭ ފަންނާނުން ތަކެކެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކު ފިޔަވައި ”އެހެނަސް“ ގެ ކާސްޓްގެ 99 ޕަސަންޓަކީ އަލަށް ތައާރަފުވާ އެކްޓަރުންނެވެ.

މީގެ އެންމެ މުހިއްމު ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ފިލްމު ”ބޮސް“ އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މިއަދު ނޫހުގެ ނޫސްވެރިޔާ މަރިޔަމް ވަހީދާ (ޔަމް)، އަދި އަލީ އުސާމް ހިމެނެ އެވެ.

“އެހެނަސް – އަންވެއިލްޑް” ވީޑިއޯގައި މި ހުރިހައި ފަންނާނުންގެ އަސަރުގަދަ އިންޓަވިއުތަކެއް ހިމަނާފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.