‘އޭތް… ޚިޔާލެއް ދީ ދެން..’ ޖަމްޝީދާގެ ކަންފަތްބުޑުގައި ވަޖީހް މިހެން ބުނެލީ ސިއްރުންނެވެ. ނަމަވެސް އަމިއްލަ އަޑުންނެވެ. ބޮލީވުޑްގެ މަޝްހޫރު ފަންނާނު ރާޖޭޝްވަރީއާ ކައިރީގައި ބުނެލަނީ ‘ބައްދަލުވުމުން ދީވާނާ ވެއްޖެ’ ކަމަށެވެ. ވަޖީހް ގެ އަންހެނުން ކައިރީގައި ބުނަނީ ‘ވާރޭގެ ޕަރީ ތެމިތެމި އެ ހުރީ..’ މިހެންނެވެ. މިހެެންގޮސް ދިވެހި ފިލްމީ ސިނަމާގެ އެތަކެއް ތަރިންނާއެކު ވަޖީހް ވަނީ ގިނަ ވާހަކަތަކެއް ދައްކާފަ އެވެ.

އިސްމާއީލް ވަޖީހަކީ ރާއްޖޭގައި އުފެދުނު ކާމިޔާބު އެކްޓަރުންގެ ތެރޭގައި އިސް ސަފުގައި ގިންތިކޮށްލެވޭނެ އެކްޓަރެކެވެ. އިހުސާސް، ޗުއްޓީ، ރިހުން، ކުލުނު، މާޒީ އަދި ރަންމުތް އެއީ އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ. ޑްރާމާތަކަށް ބަލާއިރު ‘ކައްތިރި’ އަދި ‘ހަމަ އެކަނި ދަރިފުޅަށްޓަކައި’ ފާހަގަކޮށްލެވެއެވެ.

ދިވެހި ފިލްމު ‘ރަންމުތު’ ގައި ބޮލީވުޑްގެ ބަތަލާ ރާޖޭޝްވަރީއާ އެކު ވަޖީހް އެކްޓުކޮށް ދިވެހި ފިލްމީ ތާރީޚްގައި އެންމެ ފުރަތަމަ ބޮލީވުޑްގެ ފަންނާނަކާއެކު ލަވައެއް ކުޅުނު ދިވެހި އެކްޓަރުގެ ޝަރަފް ވަނީ ހޯދާފަ އެވެ. ވަޖީހު އޭނާގެ އެންމެ ރަން ޒަމާނުގައި ރާއްޖޭގެ މަޝްހޫރު ހުރިހާ ބަތަލާއިންނާ އެކުހެން މަސައްކަތްކޮށްފައިވެ އެވެ.

ވަޖީހު ގެ އެންމެ ރަން ޒަމާނުގައި ރާއްޖޭގެ މަޝްހޫރު ހުރިހާ ބަތަލާއިންނާ އެކުހެން މަސައްކަތްކޮށްފައިވޭ

އެކްޓަރެއްގެ އިތުރުން އިސްމާާޢީލް ވަޖީހަކީ ތަޢުލީމީ ދާއިރާގައި ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ގެ މަގާމު ޖަމާލުއްދީން ސުކޫލްގައި އަދާކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން ޓީވީއެމް ޕްރޮގްރާމް ކޯޑިނޭޓަރެއްގެ މަޤާމުވެސް ވަޖީހު އަދާކުރި އެވެ.

ރާއްޖޭގެ ފިލްމު އުފައްދާ މީހުންގެ އަގުވަޒަންކުރުމަށް 1994 ގައި ބޭއްވުނު ޤައުމީ ފިލްމު އެވޯޑް- 1 ގައި ދިވެހި ފިލްމު ‘އިހްސާސް’ އިން އެންމެ މޮޅު އެކްޓަރުގެ މަގާމު އިސްމާޢީލް ވަޖީހް ވަނީ ހޯދާފަ އެވެ.

ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި ވަޖީހު އާއި އޭނާގެ އާއިލާ ސިންގަޕޫރަށް ބަދަލުވީ 2001 ވަނަ އަހަރު އެވެ. ވަޖީހް ގެ 5 ކުދިން އެބަތިބިއެވެ. އޭނާގެ އަންހެނުންނަކީ ސިންގަޕޯރ-އިންޑިޔަން އެކެވެ. ސިންގަޕޫރު ގެ ރައްޔިތެވެ. ވަޖީހް މިހާރު ވަޒީފާ އަދާކުރަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ސަރުކާރުގެ ގަވަމެންޓް ސެންޓަރ ގައެވެ.

އަދިވެސް ވަޖީހް ގެ ވިސްނުމުގައި ދިވެހި ފިލްމީ ސިނަމާއިން ފެނުމުގެ ޝައުޤުވެރިކަން އެބަހުއްޓެވެ. ވަޖީހް ބޭނުންވަނީ ވަރަށް ވަރުގަދަ ‘ޓަފް ކެރެކްޓަރ’ ރޯލަކުން ފެންނާނެވެ. ދިވެހި ފިލްމީ ދާއިރާ ދޫކޮށްލެވުނު ކަމަށް އަދިވެސް ވަޖީހް ގަބޫލެއް ނުކުރެއެވެ.

މުނިއަވަސް ގެ ކަޅި އަށް ވަޖީހް ވަނީ ލައްކަ ވާހަކަތައް ކިޔައިދީފަ އެވެ. އެހެންކަމުން މިހަފުތާގައި މި ސެގްމެންޓް ފަޅުފިލުވައިލަދޭނީ އިސްމާޢީލް ވަޖީހް އެވެ.

 ވަޖީހް ފިލްމު ކުޅުމުގައި އުޅުނުއިރު ނެށުމުގެ ތެރެއިންނާއި ބައެއް ލަވަތަކުގައި ކޮރިއޮގްރާފް މަސައްކަތް ކޮށްފައިވޭ. ޚާއްޞަކޮށް ‘ހޯދާ މަ ހޯދާ.’ މި ލަވައަކީ އަދިވެސް ވަޖީހް ގެ ރަމްޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ލަވައެއް.

ކީއްވެގެން އެކްޓިން ދާއިރާ ޚިޔާރުކުރީ؟ އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ކޮންކަމަކަށް؟

: ޕްރައިމަރީ ލެވެލްގަ އުޅުނުއިރުވެސް ވަރަށް އެކްޓިން އަށް ޝައުޤުވެރިވޭ. އޭރު އެކަމަކު ގޭގަ ފެމެލީ ކުދިންނާއެކު އޮންނާނެ ކުދިކުދި ޑްރާމާ ކުޅުން. އެ އޭޖްގަ ގިނަވާނީ ނެފިއުސް، ކަޒިންސް މާ ބޮޑެތިވާނެ. ދެން ނެފިއުސްއާ އެކީ ބައެއް ފަހަރަށް ތަމްސީލް ޝޯ ބާއްވަން، ގޭ މީހުންނަށް ޓިކެޓް ވިއްކާވެސް ހަދަން. ހަހަހަ. މިއުޒިކް ޝޯ ވެސް ބާއްވަން.

ބިސްކޯދު ޑަބިޔަލުގަ ބެރުޖަހައި، މައުތު އޯގަންވެސް ކުޅޭނެ. މަށަށް އެކަމަކު އެނގެނީ ނަށަން އެކަނި. ލަވަވެސް ނުކިޔޭ. 😂

ދެން ސްކޫލުން ޕްރައިމަރީ 4 ގަ އުޅެނިކޮށް ލިބުނު ރޭޑިއޯ ޑްރާމާ އެއްގެ ބައެއް ކުޅެން. ރޭޑިއޯ މޯލްޑިވްސް އަށްގޮސް ރެކޯޑް ކުރީ. “ދި އެނަރމަސް ޓަރނިޕް” ކިޔާ އިންގްލިޝް ރޭޑިއޯ ޑްރާމާއެއް އެއީ.

ސެކަންޑަރީ ސްކޫލްގަ އުޅުނުއިރުވެސް ކިތަންމެ ކުޑަ ރޯލެއް ލިބުނަސް ކުޅެން އެއްބަސްވަން. ހުންނާނެ ބައެއް ސްޓޭޖް ޑްރާމާގަ ހަމައެކަނި އެކްސްޓްރާ އެއްގެ ގޮތުގަވެސް. އޮފީސް މަންޒަރެއްގަ ޓައިޕިސްޓެއްގެ ބައިވެސް އަދާކުރިން.

އެންޓަޓެއިންމެންޓް ދާއިރާ އަށް ވަނީ ހަމަ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމުންނޭ ބުނެވޭނީ.

: ކުޅެފަހުރި ވީޑިއޯ ލަވަތަކުގެ އިތުރަށް ގިނަ ފިލްމު ތަކަކާއި ސިލްސިލާ ފިލްމުތަކެއްގައި ވަޖީހް ވަނީ އެކްޓްކޮށްފަ. ފިލްމު ކުޅެން ފުރުޞަތު ލިބުނީ ކިހިނެތް؟

: ކުރިންވެސް ބުނިހެން، އެކްޓް ކުރުމަކީ އަހަރެން އަބަދުވެސް ޝައުޤުހުންނަ ކަމެއް. އެހެންވީމާ 1981 ގައި އަހަރެން ދަސްކުރާ މުދައްރިސު ކޯހުގެ ދަސްވެނިވުމުގެ ހަފުލާގަ ޑްރާމާއެއްގަ ކުޑަކުއްޖެއްގެ ބައި ކުޅުނިން، އެއީ ފާޑަކަށް ހެއްވާމަޖާ ޑްރާމާއެއް. ދެން އަހަންނަށް ހީވަނީ އެއީ 1982 ގައިހެން އޭރު މާފުށީގަ ބޭއްވި ޔޫތު ކޭމްޕެއްގަ އޮފިޝަލަކަށް ދިއުމަށް ދައުވަތު ލިބުނު. މިހާރު މާ ރަނގަޅަށް ތާރީޚް ޔަގީނެއް ނޫން. ކޮންމެއަކަސް ކޭމްޕްގެ ސެގްމެންޓެއްގަ އޮތް އިޖްތިމާއީ މައްސަލަތަކަކަށް ބިނާކޮށް ކުރު ޑްރާމާއެއް ހުށައަޅަން. އެހެންވީމަ އޭރު އަހަންނާއެކު ވަޒީފާގައި އުޅުނު ޙުސައިން ޙަލީމް އާއި ދެމީހުން އެކްޓްކުރިން އަންހެނެއްގެ ރޯލެއްގަ. އެކަންވީ ވަރަށް މަޖާކަމަކަށް، އަސްލު އެއީ އަހަރުމެންނަށް ކައްކަން އުޅުނު އަންހެންވެރިންގެ ތެރޭގައި އަސްލަށްވެސް ހިނގިކަމެއް. އެވެރިން ވަރަށް ރުޅިގަދަވި އެކަމާ. އަނެއްދުވަހު ހެނދުނު އަހަރުމެންނަށް ސައިހަދަންވެސް ދެކޮޅުހެދި. ނަސީބަކުން ކަންވީގޮތް ރަނގަޅަށް ކިޔައިދިނުމުން އެންމެފަހުން ސައިހެދީވެސް.

އޭގެ ދުވަސްކޮޅެއް ފަހުން ސީޑީއެސް (ކަލްޗުރަލް އެންޑް ޑްރާމާ ސޮސައިޓީ)ގެ ނަމުގައި ތަމްސީލު ކުޅުމަށް ކަށިމާ އަޙްމަދު ޝާކިރު، ކޮޕީ މުޙައްމަދު ރަޝީދު، ޝާހިދު ޙަލީމް އަދި ސޯދުބެ އުފެއްދެވި ގްރޫޕުގެ މެންބަރަކަށް ވުމަށް ފުރުޞަތު ލިބުނު. އެދުވަސްވަރު ސީޑީއެސް އަކީ ރާއްޖޭގަ އެންމެ މަޤްބޫލު ތަމްސީލު ކުޅޭ ގްރޫޕް. މަޝްހޫރުވެފައިވަނީ ލޯބީގެ އަދި ބިރުވެރި ތަމްސީލުތައް ކުޅޭތީ. އޭގައި ބައިވެރިވުމަށް ފުރުޞަތު ލިބުނުކަން އެއީ ލިބުނު ނަސީބެއް.

1984 ގައި އަހަރެން ޓީވީމޯލްޑިވްސް އަށް ގުޅުނުފަހުން، އެއްދުވަހަކު އަހަރެންގެ ބޭބެގެ ރައްޓެއްސެއް ކަމަށްވާ ޑޭޒީމާގޭ މުޙައްމަދު ހިލްމީ އަހަރެންގެ ބޭބެއާއި ބައްދަލުކުރައްވަން ދުރުވިއިރު އަހަންނަށް އެތަނުގައި ހުރެވުނު. ކުއްލިއަކަށް ހިލްމީ އައްސަވައިފި ހިލްމީ ހައްދަވާ ފިލްމު ‘ޗުއްޓީ’ ގައި އެކްޓުކުރަން ބޭނުންހޭ. އަހަންނަށް އެހާ ޔަޤީންކަމެއް ނެތް އެކަމަކު ހިލްމީ އަހަރެން އެއްބަސްކުރެއްވެވި. އެއީ ފިލްމީ ދާއިރާއަށް ވަދެވުނު ގޮތަކީ. އެ ފިލްމުގައި އަހަރެން ކުޅުނީ ނުބައިބައި އެހެންނަމަވެސް އެއީ އެ ފިލްމުގެ ލީޑް ރޯލަކީވެސް.

: އެކްޓިންގ ކެރިއަރ ގަ މިހައިތަނަށް ކިތައް ފިލްމު، ޑްރާމާ އަދި ސީރީޒް ކުޅެވިއްޖެ؟

: އަހަރެން ކުޅުނު ފިލްމުތައް އެހާ ގިނައެއް ނޫން. ޗުއްޓީ، ކުލުނު، އިހްސާސް، ރިހުން، މާޒީ، ހުވަފެން، ރަންމުތް، ރާއްޖެ އަލީ. ޕްރޮޑިއުސަރަށް ފަންޑު ނުލިބުނީމަ ‘ރާއްޖެ އަލީ’ ނުނިމި އޮތީ ޝެލްފް ކުރެވިފަ.

އަސްލު އެހާ މަދު ފިލްމެއް ކުޅެވުނީ އޭރު ފިލްމު ކުޅެން މިޖެހެނީ ސްކޫލް ޗުއްޓީއާ ދިމާކޮށްފަ، އަދި އެތަކެއް ސަބަބަކާއިހުރެ އޭރު ފިލްމެއް ނިންމާލަން ނަގާ އެތަކެއް އަހަރެއް.

ޓީވީ ޑްރާމާތައް ވެސް މަދުވާނެ، އެކަމަކު ހަނދާނެއްނެތް ކިތަކެއް ކަމެއް.

: ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ބަލައިލިޔަސް، މުނިފޫހިފިލުވުމުގެ ދާއިރާގަ، ޚާއްޞަކޮށް ފިލްމީ ދާއިރާގައި އުޅޭ މީހުންނަކީ އެހާ މުހިންމު ނޫން ބައެއްގެ ގޮތުގަ ސިފަކުރާތަން އެބަފެނޭ. އަދި މިކަމަކީ އަދިވެސް ރާއްޖޭގެ މުޖުތަމަޢުގައިވެސް އޮތްކަމެއް. ބުނާނެ މިއީ މީހުންގެ އަގު ހިފެހެއްޓޭ ދާއިރާއެއް ނޫނޭ. އެހެންވީމަ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން މަސައްކަތްކުރި ދުވަސްވަރު އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ކޮންކަމެއް ނުވަތަ ކަންތައްތަކެއް؟

: އާނ. ފިލްމީ ދާއިރާާއަކީ އެހާ ރަނގަޅު ދާއިރާއެއްކަމަކަށް އެދުވަސްވަރު މީހުން ނުދެކޭ. އަހަރެން ބުނާނީ މިހާރުވެސް ބައެއް މީހުން އެކަން ދެކެނީ އެގޮތަށް. އެކަމަކު އެފަދަ މާގިނަ ގޮންޖެހުންތަކަކާ އަހަންނަށް ދިމައެއް ނުވޭ، ފަހަރެއްގައި ވެދާނެ އަހަރެން މި ދާއިރާއިން ފެނިގެންދިޔައީ ވަރަށް ޝަރަފުވެރި ޑްރާމާ ކްލަބެއް ‘ސީޑީއެސް’ އިން ކަމަށް ވީމާކަމަށްވެސް. އޭގެ ފައުންޑަރުންނަކީ ވަރަށް އިހްތިރާމު ލިބިގެންވާ ބޭފުޅުންކޮޅެއް. އޭގެ ސަބަބަކީ އެބޭފުޅުން ބޭނުންފުޅުވި ކްލަބުގެ ކޮންމެ މެންބަރަކީ އާއްމުންގެ ގަދަރު ލިބިގެންވާ ބަޔަކަށް ވުމަށް. އަދި އެހެން ނޫނަސް އަހަރެން ބުނާނީ އާއްމުންގެ އިހްތިރާމު ލިބޭނީ ވަކި ހަމައެއްގެ ދަށުން އަމަލުތައްވެސް ބެހެއްޓިގެން. އާއްމުން ދަންނަ މޫނަކަށް ވުމަށްފަހު އާއްމުންނާ މުއާމަލާތުކުރުމުގައި ޖެހޭނެ ވަރަށް ފަރުވާތެރިވާން، މުޖުތަމައުގައި އުޅުމުގައިވެސް ހަމަ އެގޮތަށް ބަލަން ޖެހޭނެ. އަހަރެން ފިލްމުކުޅެން ފެށިއިރުވެސް އަހަންނަކީ ޓީޗަރެއް އަދި ޓީވީ ޕްރެޒެންޓަރެއް، އެހެންވީމަ އަހަރެންގެ އޯޑިއަންސަށް ވަކިން ޚާއްޞަކޮށް ދަރިވަރުންނަށް މިސާލެއްގެ ގޮތުގައި އަހަރެން ޖެހޭނެ ހުންނަން. އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ޒިންމާތަކެއް ހުރޭ ދަރިވަރުންނާއި ބެލެނިވެރިންނަށް.

އެހެންވީމާ އެގޮތަށް ބަލާއިރު މި އިންޑަސްޓްރީގައި އުޅުނުއިރު ތި ބުނި ފަދަ އެއްވެސް ގޮންޖެހުން ތަކަކާ ދިމައެއް ނުވޭ.

: މިދާއިރާގައި މިހާދުވަހު މަސައްކަތްކުރިއިރު ޑައިރެކްޓަރުންގެ ފަރާތުން ދަސްވީ ކޮން ކަންތައްތަކެއް؟ އަދި އެންމެ ކަމުދާ ރޯލަކަށް ކުޅެވުނީ ކޮން ރޯލެއް؟

: ޑައިރެކްޓަރުންގެ ފަރާތުން އަހަންނަށް ދަސްވި ކަންތައް ތައް އަހަރެން ފިލްމު ކުޅުނުއިރު އަބަދުވެސް ބޭނުންކުރަމުން ދިޔައިން. އަހަންނަކީ ތަމްރީނު ލިބިފަވާ އެކްޓަރެއް ނޫން، އެހެންވީމަ ހުރިހައި އެއްޗެއްވެސް އަހަރެން ދަސްކުރަން ޖެހުނީ އަހަރެންގެ ޑައިރެކްޓަރުންގެ ފަރާތުން. މުހައްމަދު ހިލްމީ އަށް އަހަރެން ތަޢާރަފުވި ހިސާބުން އެބޭފުޅާ ކުރެއްވި ވަރަށް ޔުނީކް ކަމެއްގެ ވާހަކަ ހިއްސާކޮށްލާނަން. އެބޭފުޅާ މި ހައްދަވާގޮތަކީ ސްޓޯރީ ލައިން އަހަންނަށް ކިޔުއްވައިދެއްވާނެ އެތައް ފަހަރަކު. އެހެން ހައްދަވަނީ ކެރެކްޓަރ އަށް އަހަރެންގެ އަސްލު ނަން ބޭނުންކުރައްވައިގެން. އެހެން ހެއްދެވުމުން ފިލްމުގަ ދައްކަން ބޭނުންވާ ކެރެކްޓަރ ތެރެއަށް ވަނުމަށް އަހަންނަށް ވަރަށް ފަސޭހަވި. އޭރުން މަގޭ ސިކުނޑީގަ ފިލްމުގެ ވާހަކަ ކުރެހިގެންދާނީ އެ ފިލްމުގައި ޚުދު އަހަރެން އުޅޭކަމަށް. އެއީ ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. ‘އިހްސާސް’ އިން އަހަންނަށް ފިލްމު އެވޯޑް ލިބުނު މައިގަނޑު ސަބަބަކީވެސް އެއީ. އެ ޑައިރެކްޓަރަކީ ހުސައިން ޝިހާބު ނުވަތަ އަލީ ވަހީދު، އަބްދުﷲ ސުޖާއު ނުވަތަ މާއެނބޫ އަދި ފީރޯޒް އަހަންމަދޭ ވިޔަސް، ސީން އެއްގައި ކަންތައްތައް ކުރަންވީގޮތަށް އަހަރެން އަމިއްލަ އަމިއްލައަށް ނިންމާކަށް ދޫކޮށެއް ނުލާނެ. އެހެންވީމަ އެގޮތަކީ ކެރެކްޓަރ ތެރެއަށް ވަނުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް.

ފިލްމު ‘އީހްސާސް’ ގެ މަންޒަރެއްގައި ވަޖީހް

: އެންމެ ކަމުދާ ރޯލަކަށް ކުޅެވުނީ ކޮން ރޯލެއް؟

:އަހަރެން ކުޅުނު ފިލުމުތަކުން ‘ހުވަފެން’ ނޫނިއްޔާ ހުރިހައި ފިލްމަކީވެސް އޮރިޖިނަލް ފިލްމުތައް. އެހެންވީމަ ކޮންމެ ކެރެކްޓަރ އެއްވެސް ޔުނީކް. އެ ހުރިހައި ކެރެކްޓަރ އަކީވެސް ކަމުދިޔަ ކެރެކްޓަރ ތައް. އެކަމަކު އެންމެ ޗެލެންޖިން ކެރެކްޓަރ އަކީ ‘އިހްސާސް’ ގައި ކުޅުނު ކެރެކްޓަރ. އެއީ ވަރަށް ވަރުގަދަ ރޯލެއް. ހަމަ އެހެންމެ ‘މާޒީ’ ގަ ކުޅެފައިން ކެރެކްޓަރ ވެސް ރަނގަޅު.

: ވަޖީހް ގެ ފޭސްބްކް އެކައުންޓަށް ބަލައިލާއިރު އެބަފެނޭ ފޭނުން ވަޖީހް ގެ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުހުންނަކަން. އަދި މިހާރުވެސް ވަޖީހް ގެ ލަވަތައް ބެލުމަށްވެސް މީހުން ވަރަށް ފޯރި ހުންނަކަންވެސް މިއީ ހަގީގަތެއް. އަދި ހަމަ އެހެންމެ ވަޖީހް ގެ ޚަބަރެއް އޮންލައިންއެއްގަ ޖެހިޔަސް އެ ކިޔުމަށްވެސް މީހުން ވަރަށް ޝައުގުވެރިވޭ.

:މިހާތަނަށް އައިއިރު ވަޖީހުގެ ފޭނުންގެ ފަރާތުން އެންމެ އާދަޔާޚިލާފް ކަމަކަށް ކޮށްފަ އޮތީ ކޮންކަމެއް؟

: އެކްޓިން އާ ދުރުގައި އުޅުނަސް އަހަރެންގެ ފޭނުންނާ ދުރެއް ނުވަން. ފޭނުންގެ ސަބަބުން އަދިވެސް އަހަރެން އެކްޓަރެއްގެ ގޮތުގަ މިހުންނަނީ. އެހެންވީމަ ފޭނުން އަހަންނަށް ދޭ ލޯތްބާއި އިހްތިރާމަށްޓަކައި އަހަރެން ޖެހޭ ޝުކުރު އަދާކުރަން.

: މިހާތަނަށް އައިއިރު ވަޖީހުގެ ފޭނުންގެ ފަރާތުން އެންމެ އާދަޔާޚިލާފް ކަމަކަށް ކޮށްފަ އޮތީ ކޮންކަމެއް؟

: ފޭން އެއްގެ ފަރާތުން ތަފާތު އާދަޔާޚިލާފް ކަމެއް ކުރިމަތިވެފައެއް ނެތް.

: ފިލްމީ ދާއިރާއިން މިހައިތަނަށް އައިއިރު ވަޖީހު އަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބާ؟

: އަހަރެންގެ ފިލްމު ކެރިއަރަކީ އެހާ ދިގު ކެރިއައެއްވެސް ނޫން. އެހެންވީމަ މާ ގިނަ ކާމިޔާބީ ތަކަކަށް އުއްމީދެއްވެސް ނުކުރަން. އެކަމަކު އަހަރެންގެ ފޭނުންގެ ފަރާތުން ލިބުނު ލޯތްބަކީ ލިބުނު އެންމެ ބޮޑު ކާމީޔާބީ. މިހާރުވެސް އަހަރެން މަތިން ހަނދާންވަނީ ވެސް އެ ސަބަބާއި ހުރެ. ބެސްޓް އެކްޓަރ އެވޯޑް ލިބުމަށްވުރެން މާބޮޑު ކާމިޔާބީއެއްގެ ގޮތުގަ އަހަރެން އެކަން ދެކެނީ.

ފިލްމު ސެޓްގަައި އަދި ފިލްމު ‘ޗުއްޓީ’ ގެ ޕޯސްޓަރެއްގައި ވަަޖީހް

: ރާއްޖޭގެ ފިލްމީ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ މީހަކަށް ވަޖީހް ދޭނެ ނަސޭހަތަކީ ކޮބާ؟

: އަހަރެންގެ ނަސޭހަތް! ހަމައެކަނި ފިލްމު އިންޑަސްްޓްރީގަ އެކަންޏެއް ނޫން، އެކަމަކު ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގަަވެސް ކުރިއަރައި ދިއުމަށްޓަކައި އަހަރުމެން ފޯކަސް ކުރަން ޖެހޭނެ ހިތްވަރާާއެކު ގަދައަޅައި މަސައްކަތް ކުރުމަށް. ވަރުގަދަ އަޒުމެއް އޮންނަން ޖެހޭނެ.

: މިއަދު ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އާއިމެދު ވަޖީހް ދެކެނީ ކިހިނެތް؟

: އަހަރެން ވަަރަށް ބޮޑަށް އެދެން މިހާރުވެސް އަހަންނަކީ ފިލްމު އިންޑަސްޓްރީގެ މީހަކަށް ވުމަށް. އަހަންނަށް އިވޭ އަޑުތަކާއި އަދި މަދުން ނަމަވެސް ފެންނަ މަންޒަރުތަކުން އެބަ އެނގޭ ރަނގަޅު ބަދަލުތަަކެއް އަތުވެއްޖެކަން. ބަލާބަލަ އިންޑަސްޓްރީގަ މިހާތު ތިބި ރީތި އަދި ހުނަރުވެރި އަންހެންކުދިންނަށް. އައްޒަ، މަޖޫ، ރިޝްމީ، ރިޝްފާ މިއީ ލިސްޓްގަ ހިމެނިދާނެ މަދު ނަންކޮޅެއް. އެމީހުންނަށް އެތަކެއް ބައިވަރު ފުރުސަތުތަކެއް ދެވެން އެބައޮތް. ޔަގީނުންވެސް އިންޑަސްޓްރީގަ ރަނގަޅު ކަންތަައްތަަކެއް އެބަ ހިނގާ، ކުރިމަގުގަ މި ދާއިރާއަށް ނިކުންނަން ތިބި ކުދިންނަށް. މި ދާއިރާާގައި ޒަމާާނެއް ދިޔަ ފިލްމެއްގައި ޕާޓީއެއް ބާާއްވައިގެން އުޅޭ މަންޒަރެއް ކުޅެލަން އެންމެ ހަތް މީހުން ނުލިބިގެން އުޅެން ޖެހުނު ޒަމާނެއްވެސް. މިހާާރު އަސްލުގަަވެސް މި ދާއިރާ ވަަރަށް ސަޅި.

ވަޖީހް ވަނީ ފިލްމީ ދާާއިރާާގަައި އެދުވަސްވަރު ހަރަކާތްތެރިވި މަޝްހޫރު ތަރިންނާއިއެކު އެކްޓްކޮށްފައި

: މަޝްހޫރުވެ ސަޕޯޓަރުން އިތުރުވީމަ ހަމަ ކޮންމެ ކޮންމެ ގޮތަކަށް އުޅުމާ އާއްމުކޮށް މީހުންތެރޭގަ އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެތާ. ވަޖީހް ދެކޭގޮތުގަ ރާއްޖޭގަ ސެލެބްރިޓީއެއްގެ ގޮތުގައި ހުންނައިރު އެންމެ އުނދަގޫ ކަމަކީ ކޮބާ؟

: އަސްލު މަށަށް ހީވާާގޮތުން މިރާއްޖޭގަ އެއްވެސް ތަަރިއަކީ ހޮލީވުޑް ނުވަތަ ބޮލީވުޑް ސްޓާރެއްގޮތަށް ސްޓާާރުންނަަށް ވާާ ތަަނެއް ނޫންހެން. ކިތަންމެ އާއްމުވެ ކިތަންމެ މަޝްހޫރު ވިޔަސް އަހަަރުމެން ހިމެނޭނީ ހަަމަަ މި ކުޑަކުޑަ މުޖުތަަމަަޢުގެ ބަޔަަކަށް. އަހަރުމެންނަކީ ހަމަ ކޮންމެ ކޮންމެ މީހަކު ދަންނަ، ކޮންމެ ދުވަހަަކުހެން ފެންނަ މީހެއް. އަހަރުމެންނަކީ ހަމަަ މި ކުޑަކުޑަ މުޖުތަަމައުގެ ފަރުދެއް. އެހެންވީމަ އަހަަންނަަކަަށް އިހްސާސެއް ނުކުރެވޭ ވަކިންތަަފާތު ގޮތަަކަށް. އެހެންވެ ހަމަ އެހެން މީހުންނެކޭ އެއްގޮތަށް އަހަންނަކަށް އުނދަަގުލެއް ނޫން އެހެން މީހުންނާ އެކުގަ މީހުންތެރެއަށް ނުކުމެ އުޅޭކަށް. މީގަ މުހިންމު ކަމަކީ އަނެއް އިންސާނާާއާާއިމެދު ގަދަަރުކުރެވޭ ކުރެވުން.

އެހެން އުޅެނިކޮށް މީހަކު އައިސް ގޮވާލަފާނެ ނޫނީ އެކުގަ ފޮޓޯއެއް ނަގާފާނެ. މީގަ ދެކޮޅުހަދަން ޖެހޭވަރުގެ އުނދަގޫކަމެއް ނެތް. އެހެންވީމަ ތިބުނިގޮތަށް އެއްވެސް އުނދަގުލެއް ނުވޭ. 😊

: މިދާއިރާއިން ހާސިލްކުރަން ބޭނުންވާ ކަމަކީ ކޮބާ؟ މިސާލަކަށް ކުޅެލަން ބޭނުންވާ ތަފާތު ރޯލެއް ނުކުޅެވި އޮތިއްޔާ އެކަހަލަ ކަމެއް ވިޔަސް އެބައޮތްތަ؟

: އަހަރެން އަދިވެސް ނުދެކެން އަހަންނަކީ މިދާއިރާާގައި ކުރިން އުޅުނު އާޓިސްޓެއްގެ ގޮތުގަައެއް. ގައިމުވެސް ރަސްމީކޮށް އެހެން ނުދެކެން! 😊އަހަރެން އަދިވެސް އުއްމީދުކުރަން ވަރަށް ޓަފް ކެރެކްޓަަރ ރޯލެއް ކުޅެލުމަށް. ފަައިޓް ސީންސް ވެސް ހިމެނޭ، މިބުނީ ވަރަށް ވަރުގަދަ ފައިޓް ސީން ހިމެނޭ ރޯލެއް. އޭރުން ވަރަށް ސަޅިވާނެ. އަދި އަހަރެން އަދިވެސް އުއްމީދުކުރަމުން މި އަންނަނީ ގައުމީ އިނާމު ލިބޭނެ ދުވަހަކަށް. މިއީ އަހަރެން ވަރަށް އެދޭ ކަމެއް. 😍

ވަޖީހް ގެ އުއްމީދަކީ ވަަރުގަދަ ފަައިޓް ސީންތަކެއް ހިމެނޭ ފިލްމެއްގައި އެކްޓްކޮށްލުން

: ދޭތެރެއަކުން އަޑުއިވޭ ވަޖީހް އަލުން އަނބުރާ ފިލްމީ ދާއިރާއަށް އަންނަން އުޅޭވާހަކަ. މި އަހަރު މިދާއިރާއިން ކުރަން ހުރީ ކޮން ކަންތައްތަކެއް؟

: ހަޤީޤަތުގަ އަހަރެން މިދާާއިރާާ ދޫކޮށެއް ނުލަަން. އަދިވެސް އަހަރެން ވަރަށް ބޮޑަށް ޤަބޫލުކުރަން އަހަންނަަނީ ހަމަ މި އިންޑަސްޓްރީގެ މީހެއް ކަަމަށް. މިހާރުގެ ހާލަަތު ހުރިގޮތުން ލިބޭ ހުށައެޅުމެއް ގަަބޫލުކުރެވެން ނެތީ.

: ސަޕޯޓަރުންނަށް ދޭން ބޭނުންވާ ޚާއްޞަ މެސެޖެއް އެބައޮތްތަ؟

: އަހަރެންގެ ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރުއަދާކުރަން ބޭޭނުންވޭ. ސަބަބަަކީ އަދިވެސް ސްޓާރެއްގެ ގޮތުގައި އަހަރެން ހުރުމަށް ލިބިފައިވާާ އެންމެ ބޮޑު ބާރަަކީ ފޭނުން. އަހަންނަކީ މި އިންޑަސްޓްރީގެ މީހެއްކަން ކަން އިހްސާސް ކުރެވޭ ހަމައެކަނި ސަބަަބަަކީ މިހާާ ދުވަސްވީއިރުވެސް މެދުކެނޑުމެއްނެތި ފޭނުންގެ ފަރާާތުން ލިބޭ ލޯތްބާާއި ތާއިދު. އަހަރެންވެސް ފޭނުން ދެކެ ލޯބިވަން. އަދި ވަަރުގަދަ ފިލްމެއް އަނެއްކާާވެސް ކުޅެލައިގެން އެމީހުން އުފާާކޮށްލަަދެވިއްޖެއްޔާ ވަރަށް ފަައްކާވާާނެ، އިންޝާﷲ.

އިސްމާޢީލް ވަޖީހް ވަަރަށް ބުރަކޮށް އުޅުއްވަމުންވެސް މުނިއަވަސް އަށް ވަގުތުކޮޅެއް ދެއްވައި ފިލްމީ ދާއިރާއަށް ވަަރަށް އަގުހުރި ފިލާވަޅުތަކެއް ހިމެނޭ މަޢުލުމާތު ތަކެއް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މުނިއަވަސް އިން ވެސް އެދެނީ ވަޖީހް އުއްމީދުކުރާ ފަދަ ފިލްމަކުން ކައިރި މުސްތަަގުބަަލެއްގައި ފެނިގެން ދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.