ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާ ގުޅިގެން ވިމަން އެންޓްރަޕްރެނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް)ގެ ފަރާތުން ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ކޯހެއް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ފަށައިފިއެވެ.

 

މިއީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާ ވިމަން އެންޓްރަޕްރެނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހިންގާ މިފަދަ ދެވަނަ ކޯސް ކަމަށް އެންސީއޭ އިން މަޢުލޫމާތު ދެއްވައެވެ.

އެންސީއޭ އިން މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން ނިމުނު ކޯހާ ޚިލާފަށް މިފަހަރުގެ ކޯހުގައި ކަސަބު ވިޔަން ދަސްކޮށް ދިނުމުގެ އިތުރުން ހެދުމެއް ކަނޑައިގެން އެއްކޮށް ނިންމަންވެސް ބައިވެރިންނަށް ދަސްކޮށް ދެވޭނެ ކަމަށެވެ. އެންސީއޭ އާއި ވިމަން އެންޓްރަޕްރެނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިފަދަ ފުރަތަމަ ކޯހެއް ހިންގާފައިވަނީ ޖެނުއަރީ މަހުގެ 06 ން 15 ގެ ނިޔަލަށެވެ.

 

ރޭ ފެށި ކޯސް ކުރިއަށް ދާނީ މިހިނގާ ޖެނުއަރީ 17 ން 31 އަށް ކަމަށާއި މި ކޯހުގައި ޖުމްލަ 17 އަންހެނުން ބައިވެރިވެލައްވާ ކަމަށް އެންސީއޭ އިން މަޢުލޫމާތު ދެއްވައެވެ. މި ކޯހަކީ ރާއްޖޭގައި އުވިގެންދާ ކަސަބު ވިޔުމުގެ މަސައްކަތް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ހިންގަވާ ކޯހެއް ކަމަށް އެންސީއޭ އިން މަޢުލޫމާތު ދެއްވައެވެ.

 

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއި ވިމަން އެންޓްރަޕްރެނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ކަސަބު ވިޔަން ދަސްކޮށްދޭ ކޯހުގެ ތެރެއިން – ފޮޓޯ: އެންސީއޭ.

 

އެންސީއޭ އިން ވިދާޅުވީ ރާއްޖޭގެ ތާރީޚީ އާދަކާދައިގެ ތެރޭގައި ހިމެނޭ މަސައްކަތްތެރިކަން ދިރުވާ އަލާކުރުމަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އެފުދުނު ފަހުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެއް ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި ޖަމާޢަތްތައް އިސްނަގައިގެން ކުރިއަށް ގެންދަވާ އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަރާތްތަކުން ކުރިއަށް ގެންދަވާ އެކިއެކި ޕްރޮގްރާތަކަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އެހީތެރިވުމުގެ މަސައްކަތް ކުރައްވަވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.