އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތުގައި، ރޯޔަލް ރެޑްސް އާއި ކާލާމަންނަ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ރޯޔަލް ރެޑްސްއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރިއިރު، ކާލާމަންނައިން ސެމީ ފައިނަލާއި ގާތަށް ޖެހިލައިފި އެވެ.
މުބާރާތުގެ ދެ މެޗު ރޭ ވެސް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ކާލާމަންނަ އާއި ރޯޔަލް ރެޑްސް ޖޫނިއާރސް އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ތަފާތުބޮޑު ނަތީޖާއަކުން ރޯޔަލް ރެޑްސް ޖޫނިއާރސް ބަލިވި ނަމަވެސް، ކާލާމަންނަ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ކާލާމަންނަ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުން ނެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކާލާމަންނައިން ވަނީ ފުރަތަމަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހަތަރު މިނިޓްތެރޭ ކާލާމަންނައިން 6 ލަނޑު ޖެހިއިރު، ރޯޔަލް ރެޑްސް ޖޫނިއާރސްއިން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، އޭގެ ފަހުން ނެވެ. ފުރަތަމަ ހާފުގައި ވެސް ގިނަ ލަނޑުތަކެއް ފެނުނުއިރު، މި ހާފުގައި އެކަނި ވެސް ކާލާމަންނައިން 11 ލަނޑު ޖެހި އެވެ. ރޯޔަލް ރެޑްސް ޖޫނިއާރސްއަށް މި ހާފުގައި ޖެހުނީ 3 ލަނޑެވެ.
ދެވަނަ ހާފުގައި ވެސް ކާލާމަންނައިން ވަނީ މޮޅު ކުޅުމެއް ދައްކައި އިތުރު 11 ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ހާފުގައި ވެސް ރޯޔަލް ރެޑްސް ޖޫނިއާރސްއިން 3 ލަނޑު ޖެހި އެވެ. މި މެޗުގައި ކާލާމަންނަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ސޮފާ ޤާސިމް، ލިމްޔާ އަލީ ޤާސިމް، ނަޝާޔާ ހަސަން، ސުރުފާ ހުސައިން، ސަންފާ ނީޝާ، ސައުސަން އާދަމް އެވެ. ރޯޔަލް ރެޑްސް ޖޫނިއާރސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޚަދީޖާ އަޒްނާ ޢަބްދުﷲ އާއި އާއިޝަތު ޝާނިހާ މުޙައްމަދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާލާމަންނަ ޓީމުގެ ލިމްޔާ އަލީ ޤާސިމް އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ މުބާރާތުގެ ތަށި ހޯދާފައިވާ ހަމައެކަނި ޓީމު ކަމުގައިވާ ރޯޔަލް ރެޑްސް އާއި އެޕެކްސް އެވެ. މިއީ ރޯޔަލް ރެޑްސްގެ ދެވަނަ މެޗު ނަމަވެސް އެޕެކްސްގެ ފުރަތަމަ މެޗެވެ. ކުޅުނު ފުރަތަމަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައިވާ ރޯޔަލް ރެޑްސްއިން މި މެޗު ވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ނެވެ.
ފުރަތަމަ މިނިޓްގައި ލީޑު ނެގި ގޮތަށް އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި މެޗު ބާއްވައިގެން ކުޅުނު ރޯޔަލް ރެޑްސްއިން ފުރަތަމަ ހާފުގައި 14 ލަނޑު ޖެހި އެވެ. މި ހާފުގައި އެޕެކްސްއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. ދެވަނަ ހާފުގައި ވެސް ރޯޔަލް ރެޑްސްއިން ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައި އިތުރު 16 ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ހާފުގައި އެޕެކްސްއިން ވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ރޯޔަލް ރެޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް އަރުސާ، ފާތިމަތު ޖުނާ، އާއިޝަތު ޝަމްހާ ޢަލީ، ހައްވާ ޝާމަތު، ފާތިމަތު ޝާރަތު، މަރިޔަމް ހިންދު އެވެ. އެޕެކްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިޝަތު މޫމިނާ އާއި އާމިނަތު ޝުމޫހް ޢަލީ ފުއާދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލް ރެޑްސްގެ ފާތިމަތު ޖުނާ އެވެ.
މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ކުއީން ބީސް އާއި އެޕެކްސް ބައްދަލުކުރާއިރު، 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ޔުނީކް އާއި ބުލޫ ހާރޓްސް އެވެ.
