އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތް ފަށައިފި އެވެ. މިމަހުގެ 8 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތް ޓީމެއް ވާދަކުރެ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ގުރޫޕް އޭގައި ހިމެނޭ ޔުނީކް އާއި ކާލާމަންނަ އަދި ބުލޫ ހާރޓް އާއި ރޯޔަލް ރެޑްސް ޖޫނިއާރގެ އިތުރުން، ގުރޫޕް ބީގައި ހިމެނޭ އެޕެކްސް އާއި ކުއީން ބީ އަދި ރޯޔަލް ރެޑްސް އެވެ.
ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ވޭތުވެދިޔަ ތިން އަހަރުގެ ރަނަރަޕް ޔުނީކް އާއި ރޯޔަލް ރެޑްސް ޖޫނިއާރ އެވެ. ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން މި މެޗު ކާމިޔާބުކުރީ ޔުނީކް އެވެ. މުޅި މެޗު ކޮންޓްރޯލްކޮށް، މެޗު ފެށީއްސުރެ ނިމެންދެން މޮޅު ކުޅުމެއް ދެއްކި ޔުނީކްއިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަންޖާ ރެޕަނޯވީ އެވެ. ޔުނީކްގެ ފުރަތަމަ ލަނޑަށް މާގިނައިރެއް ނުވެ އިންޝާ އަޙްމަދު ރިފްއަތު ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޔުނީކްއިން 12 ލަނޑު ޖެހިއިރު، ރޯޔަލް ރެޑްސް ޖޫނިއާރއަށް ޖެހުނީ އެންމެ ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޚަދީޖާ އަޒްނާ ޢަބްދުﷲ އެވެ. މި ހާފުގައި ޔުނީކްގެ ލަނޑުތައް ޖަހައިދިނީ އަންޖާ ރެޕަނޯވީ އާއި އިންޝާ އަޙްމަދު ރިފްއަތުގެ އިތުރުން، ފާތިމަތު ޝިފާ އާއި ސަންފާ ސިޔާނާ އެވެ.
ދެވަނަ ހާފުގައި ވެސް ޔުނީކުން ވަނީ ތަފާތު ބޮޑު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާފުގައި ޔުނީކުން އިތުރު 12 ލަނޑު ޖެހިއިރު، މި ހާފުގައި ވެސް ރޯޔަލް ރެޑްސް ޖޫނިއާރއިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޚަދީޖާ އަޒްނާ ޢަބްދުﷲ އެވެ. މި ހާފުގައި ޔުނީކްގެ ލަނޑުތައް ޖަހައިދިނީ އަންޖާ ރެޕަނޯވީ އާއި އިންޝާ އަޙްމަދު ރިފްއަތުގެ އިތުރުން، ފާތިމަތު ޝިފާ އާއި ސަންފާ ސިޔާނާ، އާއިޝަތު ފަރިޔާލް އެވެ.
24-2 އިން ޔުނީކް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނީކްގެ އަންޖާ ރެޕަނޯވީ އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މިރޭ އެވެ. މިރޭ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، މުބާރާތް ބޭއްވި ތިން އަހަރު ވެސް ޗެމްޕިއަންކަން ހޯދައި ތަށި މިލްކްކޮށްފައިވާ ރޯޔަލް ރެޑްސް އާއި ކުއީން ބީސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކާލާމަންނަ އާއި ބުލޫ ހާރޓް އެވެ.
