ޤަދީމީ ޒަމާނުއްސުރެ ގުދުރަތީ މާހައުލުތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ވަނީ އެނގިފައެވެ. ދިރިއުޅޭ މާހައުލު ކޮންމެ ތަނެއްގައި އޮތް ނަމަވެސް، މޫޑު ރަނގަޅުކޮށްލުމަށްޓަކައި ގުދުރަތީ މާހައުލަކަށް ނިކުމެލުމަކީ އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި އެއް ގޮތެވެ. ސިޓީތަކުގައި ހުންނަ ފެހި ބިންތަކާއި، ބަގީޗާތަކަކީ ވެސް އިންސާނާގެ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ތަންތަނެވެ.
ނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި “ބްލޫ ސްޕޭސަސް” ނުވަތަ ފެނުގެ މާހައުލުތަކަކީ ވެސް ހަމަ އެހާމެ ފައިދާހުރި ތަންތަނެވެ. ވަކިން ހާއްސަކޮށް، ހާސްކަމުން ފުރިފައިވާ ސިކުނޑިއަކަށް ހަމަޖެހުން ލިއްބައިދީ، ހިތްހަމަޖައްސައިދިނުމުގައި ފެނުގެ މާހައުލުތައް މުހިންމު ދައުރެއް އަދާކުރެއެވެ. މާހިރުން ހާމަކުރާ ގޮތުގައި، ފެނުގެ ކައިރީގައި ނުވަތަ ފެނުގެ ތެރޭގައި ވަގުތު ހޭދަކުރުމުން އަމިއްލައަށް ވެސް ހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވޭނެއެވެ.
ފެނުގެ ކައިރީގައި ހުރުމަކީ ނަފްސާނީ ބުރަބޮޑުވުމާއި، ހާސްކަމާއި، ކަންބޮޑުވުމުގެ އިތުރުން ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ކަނޑާއި ކޯރު ފަދަ ތަންތަނުގެ ކައިރީގައި ހުރުމުން ހިތްހަމަޖެހުން ލިބޭ ސަބަބުތައް ތިރީގައި އެވަނީއެވެ.
ފެނުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވުން
ތާރީޚަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކަށް ފަރުވާކުރި މީހުން ވަނީ ފެނުގެ ފަރުވާގެ ބާރު ބަލައިގެންފައެވެ. ޔޫނާނީން ސިކުނޑިއާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ގުދުރަތީ ފެނާރުތަކުން ފެންވެރުމުގެ ހިދުމަތް ހޯދިއިރު، ޖަޕާނު މީހުން އަންނަނީ ފެނުގެ ޒަރީއާއިން ހަށިގަނޑާއި ރޫހު ތާހިރުކުރުމުގެ މުސްކުޅި އާދަކާދައެއް ކަމަށްވާ “މިސޯގީ” މިއަދުވެސް އަމަލުކުރަމުންނެވެ.
ޒަމާނީ ދިރާސާތަކުން ހާމަވާ ގޮތުގައި މިއީ ވަރަށް ބޮޑު ހަގީގަތެކެވެ. ފެނުގެ މާހައުލުތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ތަންތަންކަން ގިނަ ހެކިތަކުން ސާބިތުވެއެވެ. އެގޮތުން:
ފެނުގެ ސަބަބުން އަޖައިބުކުރުވަނިވި އިހުސާސްތަކެއް ގެނުވައިދޭ
ފެނުގެ ކައިރީގައި ހުރުމުން އަމިއްލަ ނަފްސަށްވުރެ ބޮޑު ކަމެއްގެ ތެރޭގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވެއެވެ. މިއީ ސިކުނޑިއަށް ބުނެދޭން ނޭނގޭ ފަދަ ހިތްގައިމު އަދި އަޖައިބުކުރުވަނިވި އިހުސާސެކެވެ. މީގެ ސަބަބުން އަމިއްލަ އެދުން ކުޑަވެ، އެހެން މީހުންނަށް އަޅާލުމާއި، ހިތްތިރިކަމާއި، ދިރިއުޅުމާ މެދު ހިތްހަމަޖެހުން އިތުރުވެގެންދެއެވެ.
ހިތްހަމަޖެހުމާއި މަޑުމައިތިރިކަން ލިއްބައިދޭ
އިންސާނާ ދުނިޔެއާ މުއާމަލާތްކުރަނީ އޭނާގެ ފަސް ހިއްސުގެ އެހީގައެވެ. ފެނުގެ މަންޒަރުތަކާއި، އޭގެ އަޑާއި، ވަހަކީ ސިކުނޑިއަށް ހަމަޖެހުން ގެނުވައިދޭ ކަންކަމެވެ. މޫދު ވައިގެ ލޮނުވަހާއި ރާޅުޖަހާ އަޑަކީ ކުޑައިރުގެ އުފާވެރި ހަނދާންތައް އާކޮށްދީ، މުޅި މޫޑު ބަދަލުކޮށްލާ ފަދަ ބާރެއް ލިބިގެންވާ ކަންކަމެވެ.
ވިސްނުންތެރިކަމާއި އަމިއްލަ ނަފްސާ މެދު ފިކުރުކުރުމަށް މަގުފަހިކޮށްދޭ
ފެނަކީ ހަރަކާތްތެރި އެއްޗަކަށް ވުމުން، އެއަށް ސަމާލުކަން ދިނުމަކީ ސިކުނޑި ހަމަޖައްސައިދޭ ކަމެކެވެ. ފެނުގެ ހަރަކާތްތަކަށް ސަމާލުކަން ދިނުމުން، އެ ވަގުތު ދިރިއުޅުމުގެ އެހެން ހުރިހާ އުނދަގޫތަކަކާ ދުރަށް ދެވި، ހަމަހިމޭންކަމާއެކު އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޖިސްމާނީ ހަރަކާތްތަކަށް ހިތްވަރު ލިބޭ
ފެނުގެ ކައިރީގައި ވަގުތު ހޭދަކުރުމަކީ ފެތުމާއި، ޑައިވްކުރުން ފަދަ ހަރަކާތްތަކަށް ލިބޭ ހިތްވަރެކެވެ. މިއީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ފެތުމަކީ މުޅި ހަށިގަނޑަށް ދެވޭ އެންމެ ފުރިހަމަ ކަސްރަތެވެ. މީގެ ސަބަބުން ހަށިގަނޑުގެ ވަރުގަދަކަން އިތުރުވެ، ހިތުގެ ދުވެލި ހަމަހަމަކޮށްދެއެވެ.
ކަނޑާއި މޫދު
ކަނޑަކީ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ފެނުގެ މާހައުލެވެ. އަތިރިމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިތަނުގެ ފައިދާ ލިބެއެވެ. މޫދާ ކައިރީގައި ދިރިއުޅުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ކަމެކެވެ.
ކޯރުތަކާއި ފެންގަނޑުތައް
ސާފު ފެނަކީ އިންސާނާ ދިރިހުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން ސިޓީތަކުގައި ވެސް ފެނުގެ މާހައުލުތައް ކޮންމެވެސް ސިފައެއްގައި ހުރެއެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ސާފު ފެންގަނޑެއް ނުވަތަ ކޯރަކާ 3 ކިލޯމީޓަރަށް ވުރެ ގާތުގައެވެ.
ފެނާރުތަކާއި މަސްނޫއީ ފެންގަނޑުތައް
ސިޓީތަކުގައި ހުންނަ ފެންއަރުވާވަޑާންތަކާއި، ސްވިމިން ޕޫލުތަކަކީ ވެސް ނަފްސާނީ ހަމަޖެހުން ގެނުވައިދޭ ތަންތަނެވެ. މީގެ ފައިދާ ބޮޑުކަމުން، ސިޓީތައް ފަރުމާކުރާ ފަރާތްތަކުން މިހާރު އަންނަނީ “ބްލޫ އިންފްރާސްޓްރަކްޗާ” ނުވަތަ ފެނުގެ ވަސީލަތްތައް ސިޓީތަކުގައި އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޑިޖިޓަލްކޮށް ފެނުގެ މަންޒަރުތައް ބެލުން ނުވަތަ އަޑުއެހުން
ފެނުގެ މާހައުލަކަށް ދިއުމަށް ދަތިވާ ނަމަ، އިންޓަނެޓްގެ ޒަރީއާއިން ފެނުގެ މަންޒަރުތައް ބެލުމާއި އަޑުއެހުމުން ވެސް މި ފައިދާގެ ބައެއް ހޯދިދާނެއެވެ. ނިދުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށާއި، ހިތްހަމަޖައްސާލުމަށް ފެނުގެ އަޑުތައް ބޭނުންކުރުމަކީ ވަރަށް އާންމު ކަމެކެވެ. މާހިރުން ބުނާގޮތުގައި ހަފުތާއަކު މަދު ގަޑިއިރަކު މިފަދަ މަންޒަރުތައް ބެލުމުން ވެސް ބޮޑު ބަދަލެއް ފެންނާނެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ޕްލޭންގައި ފެނުގެ މާހައުލު ހިމެނުން
ފެނުގެ މާހައުލުތަކަކީ މޫޑު ރަނގަޅުކޮށްދޭ ކަމެއް ނަމަވެސް، މިއީ ނަފްސާނީ ފަރުވާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ ނަމަ، ފެނުގެ މާހައުލުން ލިބޭ ހަމަޖެހުމާއެކު، ސިއްހީ މާހިރުންގެ ލަފަޔާއި ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާކުރާ ޑޮކްޓަރުންނާއި ތެރަޕިސްޓުންނަށް، ގުދުރަތީ މާހައުލުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ގޮތް ބުނެދެވިދާނެއެވެ. ބައެއް ފަރުވާދޭ ފަރާތްތަކުން މިހާރު ވެސް ގުދުރަތީ މާހައުލުގެ ބާރު ފަރުވާގެ ތެރޭގައި ހިމަނައެވެ.
