ސާވޭކުރާ ކުންފުންޏެއް ކަމަށްވާ، ވޯޓާ ސޮލިއުޝަންއިން މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ލޭޒާ ޓެކްނެލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ މި މަސައްކަތް ކޮށްފައިވަނީ ތިމާވެއްޓާއި ސާރވޭ ކުރުމުގެ ޚިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ވޯޓަރ ސޮލިއުޝަންސް އިންކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ މި ވީޑިއޯ އަކީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްކޭންކޮށް ނިންމައި މިސްކިތާއި ބެހޭގޮތުން ހަދާފައިވާ ދިރާސާ ވީޑީއޯ ޑޮކިއުމެންޓްރީއެއް ކަމަށެވެ.
މިއީ ރާއްޖޭގެ މުހިންމު އާސާރީ ތަންތަނުގެ މައުލޫމާތު ގިނަ ދުވަހަށް ރައްކާތެރިކޮށް ބެހެއްޓުމުގެ ގޮތުން 2018 ވަނަ އަހަރު ހެރިޓޭޖް މިނިސްޓްރީ އާއި ވޯޓާ ސޮލިއުޝަން އާދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ކުރި މަސައްކަތެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ވޯޓާ ސޮލިއުޝަންއިން ކުރި މި މަސައްކަތަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ތައުރީފު ކުރައްވާ ވިދާޅުވީ، މިއީ ތަރިކަތައް ރައްކާތެރިކުރުމުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓާ ސޮލިއުޝަންއިން ހަދާފައިވާ ވީޑިއޯ ޑޮކިއުމެންޓަރީ ހަވާޅުކުރުމުގެ ތެރެއިން – ފޮޓޯ: ހެރިޓޭޖް
މި ޑޮކިއުމެންޓަރީގައި ލަކުޑިން ހަދާފައިވާ ބައިތަކުގެ ހަލާކުވެފައިވާ ތަންތަނާއި މަރާމާތު ކުރަން ބޭނުންވާ ތަންތަން އަސްލު ހުރިގޮތަށް މިހާރު ވަނީ ޑިޖިޓަލްކޮށް ރައްކާކޮށްފައެވެ. މިކަމުގެ ސަބަބުން ހުކުރު މިސްކިތް ދިރާސާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިސްކިތާބެހޭ އާސާރީ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިސްކިތުގައި ހިރިގަލުން ހަދާފައިވާ ތަންތަނުގެ ލިޔެ ކިޔުންތަކާއި ކެނޑުންތަކާއި އެހެނިހެން މައުލޫމާތުވެސް ޑިޖިޓަލްކޮށް ރައްކާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިފަދަ ވީޑިއޯ ޑޮކިއުމެންޓެއް އޮތުމުން ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ހިރިގަލުން ތައްޔާރުކޮށްފައިވާ މިސްކިތްތައް ދިރާސާ ކުރާ ފަރާތްރަކަށް މައުލޫމާތު ލިބިގެންދާނެ ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ދެކިލައްވައެވެ.
