ދިވެހި ފިލްމީ ފަންނާނުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމަށާއި އެދާއިރާގެ ފަންނާނުންގެ ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖާއި ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، (އެންސީއޭ) އިން އިންތިޒާމުކުރާ ފޯރަމް މިރޭ 08:45 ގައި އޮލިމްޕަހުގައި އޮންނާނެ އެވެ.
ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން ބުނީ ފިލްމީ ދާއިރާގެ ވީހާވެސް ގިނަ ފިލްމީ ފަންނާނުން މި ފޯރަމްގައި ބައިވެރިވުމަށް އެދޭކަމަށެވެ. ފާއިތުވި ހަފުތާގައި އެންސީއޭއިން މިއުޒިކީ ފަންނާނުންނަށް ބޭއްވި ފޯރަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަންވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.
ފިލްމީ ފަންނާނުންގެ ފޯރަމުގައި އެކްޓަރުން، ޕްރޮޑިއުސަރުން، ޑައިރެކްޓަރުން، އެޑިޓަރުން، ސްކްރިޕްޓް ލިޔުންތެރިން، ސިނަމޮޓޮގްރާފަރުން، އެނިމޭޓަރުން، ކޮރިއޮގްރާފަރުން، ނެށުންތެރިންނާއި މޭކަޕް އާޓިސްޓުން ފަދަ ފިލްމު އުފެއްދުމުގެ މަސައްކަތުގެ ފަންނުވެރީންނަށް މި ދައުވަތު އާއްމުކޮށް އެންސީއޭ އިން ވަނީ ހުޅުވާލާފައެވެ.

އެންސީއޭ އިން ބުނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ކުރެހުމާއި އެހެނިހެން ވިޝުއަލް އާޓްސް ދާއިރާގެ ފަންނުވެރިންނަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ.
