އުމުރުން ދުވަސްވުމަކީ އިޚްތިޔާރެއް ނެތި އިރާދަކުރެއްވި ގޮތަށް ވާނޭ ކަމެކެވެ. ނަމަވެސް، ޖަޒުބާތީ ގޮތުން ފުރިހަމަވެ ބޮޑުވުމަކީ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެކެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން، މި ދުނިޔެ އެނބުރެނީ ހަމައެކަނި އަހަރެމެންގެ ވަށައިގެން ނޫންކަމާއި، އަހަރެމެންގެ ނިޔަތް ކިތަންމެ ރަނގަޅުވި ނަމަވެސް އެއީ އަމަލުތަކުން ކުރި އަސަރު ފޮހެލެވޭނޭ ކަމެއް ނޫންކަން ޤަބޫލުކުރަން ޖެހެއެވެ. އަދި މީހަކު އަހަރެމެންނަށް މާފުކުރުމަކީ ހުރިހާ ކަމެއް ކުރިން އޮތް ގޮތަށް ބަދަލުވުން ނޫންކަންވެސް ދަންނަން ޖެހެއެވެ.
އަހަރެމެން އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ. ބައެއް ކަންކަން ހަނދާން ނެތުމާއި، ބަސްމަގު ބަހައްޓާ ގޮތުންނާއި، ކަންކަން އޮޅުންއެރުމުގެ ސަބަބުން ގަސްތަކާ ނުލައިވެސް މީހުންގެ ހިތުގައި ޖެއްސިދާނެއެވެ. ކަމެއް ހަނދާން ނެތުމަކީ ކުށެއް ނޫނެވެ. އަދި ކުށެއް ކުރެވުމަކީ އެއީ ނުބައި މީހަކަށް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ.
ނަމަވެސް، “އަހަރެން ގަސްތަކު ނޫނޭ” ނުވަތަ “އަހަރެން ދުވަހަކުވެސް މީހަކަށް ދެރައެއް ނުދޭނަމޭ” ބުނެ އަބަދު އަމަލުތަކުގެ ޒިންމާއިން ރެކުމަކީ، ތިމާގެ ސަބަބުން އަނެކާއަށް ކުރާ އަސަރުތައް ދެނެގަތުމަށް ހުރަސްއެޅޭ ކަމެކެވެ.
ރަނގަޅު ނިޔަތަކަށް އިޙުތިރާމް ޙައްޤުވި ނަމަވެސް، އެއީ ތިމާގެ އަމަލުތަކުގެ ޒިންމާއިން ބަރީއަވާން އޮތް އުޒުރެއް ނޫނެވެ.
ވިސްނާލުމެއް ނެތި ބުނެވޭ ބަހަކުން ފެތުރިގެންދާ ދޮގު އަޑުތަކާއި، ކަމުގެ ހަޤީޤަތް ބެލުމެއް ނެތި ދެކެވޭ ވާހަކަތަކާއި، މީހުންނާއި ތަންތަނުގެ މަޢުލޫމާތު އޮޅުވާލައިގެން ދެކެވޭ ވާހަކަތަކާމެދު ފިކުރުކޮށްލާށެވެ. ކަމުގެ ހަޤީޤަތް ހާމަވާއިރު، އެތައް ބައެއްގެ އަބުރަށް ހުތުރުވެ، ކުށެއް ނެތް އެތައް ބަޔަކު ނުތަނަވަސްކަމާއި ހިތްދަތިކަން ތަހައްމަލުކުރަން ޖެހިދާނެއެވެ.
ގެއްލުމެއް ދިނުމުގެ ނިޔަތް ނެތަސް، އެ ދެވުނު ގެއްލުން އޭގެ ޒާތަކު ފިލައިގެން ނުދެއެވެ. ޒިންމާދާރުކަމާއެކު މުއާމަލާތް ކުރުމަކީ ވާހަކަދެއްކުމުގެ ކުރިން ވިސްނާލުމާއި، ކަމެއް ހިއްސާކުރުމުގެ ކުރިން އޭގެ ސައްޙަކަން ކަށަވަރުކުރުމެވެ. އަދި ކުށެއް ކުރެވިއްޖެނަމަ، އެކަން އިސްލާހުކުރުމުގެ ހިތްތިރިކަން ހުރުމެވެ.
މީހުންނަކީ އާންމުކޮށް މާފުކުރަން ފަސޭހަ ބަޔެކެވެ. އަހަރެމެންގެ އުނިސިފަތަކަށް ކެތްކޮށް، މާފަށް އެދުމުން އެކަން ޤަބޫލުކޮށް، އަހަރެމެންގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ބަލައިގެންފާނެއެވެ. ނަމަވެސް، މާފުކުރުމަކީ ކުރިން އޮތް އިތުބާރު އެގޮތުގައި ދެމިއޮތުމެއް ނޫނެވެ.
ތިބާ ބުނި ބަސްތަކަށް މީހުން މާފުކޮށްފާނެއެވެ. ނަމަވެސް، ފަހުން ތިބާއާ މަޢުލޫމާތު ހިއްސާކުރުމުގައި އެމީހުން ބޮޑަށް ސަމާލުވާނެއެވެ. ރައްކާތެރިކަމެއް ނެތި ދެކެވޭ ވާހަކަތަކާއި ފަރުވާކުޑަ ވިސްނުމުގެ ސަބަބުން، މީހުން ތިބާއަށް ކުރާ އިތުބާރު މަޑުމަޑުން ގެއްލިގެންދާނެއެވެ.
ހުރިހާ ކަމެއް އެނގޭނޭ ހަމަ އެކަކުވެސް ނޫޅޭނެއެވެ. ކުށެއް ކުރެވުމަކީ އިންސާނީ ތަބީއަތެވެ. ނަމަވެސް، ހަޤީޤަތް ބެލުމެއް ނެތި، އަދި އޭގެ ނަތީޖާއަށް ވިސްނާލުމެއް ނެތި، ޔަގީންކަމާއެކު ވާހަކަދެއްކުމަކީ ބޮޑު މައްސަލައެކެވެ.
އިންސާނީ ގުޅުންތަކުގައިވެސް ކަން އޮތީ މިހެންނެވެ. ބައެއް މީހުން އުންމީދުކުރަނީ އެމީހުންގެ ދަތިތައް އެންމެން ހަނދާން ބެހެއްޓުމަށާއި، އެމީހުންނަށް ކުރެވޭ ކުށްތަކަށް އެންމެން މާފުކުރުމަށެވެ. ނަމަވެސް، އެމީހުންގެ ފަރާތުން އަނެކުންނަށް މިފަދަ އޯގާތެރިކަމެއް ނުލިބެއެވެ. އަނެކުންނަށް ދެރައެއް ދެވުމުން ކެތްތެރިކަމަށް އެދުނު ނަމަވެސް، އަނެކެއްގެ ފަރާތުން ކުށެއް ފެނުމުން ކެތްތެރިކަން ދެއްކުމަށް އެމީހުންނަށް އުނދަގޫވެއެވެ.
އަނެކުންގެ ބޭނުންތަކަށް އިސްކަން ނުދީ، އަބަދު ތިމާގެ ބޭނުންތައް އެމީހުން ފުއްދައިދޭނެ ކަމަށް އުންމީދުކޮށްގެން ނުވާނެއެވެ.
ކޮންމެ ގުޅުމެއްވެސް ދެމިއޮންނަނީ ދެފަރާތުގެ ދެނެގަތުމާއި، އިޙުތިރާމާއި، މަސައްކަތުންނެވެ. ކޮންމެ މީހަކީވެސް އަމިއްލަ ތަކުލީފުތަކާއި، ޒިންމާތަކާއި، އިޙުސާސްތަކެއް ވާނޭ މީހެކެވެ. އަހަރެމެންގެ ބޭނުންތަކަށްޓަކައި އެހެން މީހުން އެމީހުންގެ ދިރިއުޅުން ތަރުތީބުކުރުމަކީ ލާޒިމު ކަމެއް ނޫނެވެ.
ބައެއް ފަހަރު، އަހަރެމެންގެ ކުށްތައް ބުނެދިނުމާއި ހަނދާންކޮށްދިނުން މީހުން ހުއްޓާލަފާނެއެވެ. އެއީ އެމީހުން އަޅާނުލަނީ ކަމަށް އަހަރެމެންނަށް ހީވެދާނެއެވެ. ނަމަވެސް، އޭގެ ހަޤީޤަތަކީ އެއް ވާހަކައެއް ތަކުރާރުކޮށް ބުނެބުނެ އެމީހުން ވަރުބަލިވުމެވެ. އެމީހުން ހަނުހުރުމަކީ ތަދު ފިލައިދިޔުން ނޫންކަމަށް ވެދާނެއެވެ. އޭގެ މާނައަކީ އަހަރެމެންނަށް ވިސްނައިދޭން ކުރި އުންމީދު އެމީހުން ދޫކޮށްލީއެވެ.
މީގެ މާނައަކީ ކޮންމެ ފާޑުކިޔުމަކީ ރަނގަޅު އެއްޗެއް ނޫންކަމާއި، ކޮންމެ ތުހުމަތަކީ ހަޤީޤަތެއް ނޫންކަމެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ މިނިވަންކަމާއި ކުށް ކުރެވުމުގެ ފުރުސަތު އޮންނަން ޖެހެއެވެ. ނަމަވެސް، ޖަޒުބާތީ ގޮތުން ފުރިހަމަވުމަކީ ތިމާގެ އަމިއްލަ ނަފްސާ މި ސުވާލު ކޮށްލުމެވެ. މީހުންނަށް އަހަރެން ދެނެގަންނަން އުނދަގޫވަނީ ހެއްޔެވެ؟ ނުވަތަ މީހުން އަހަރެން ދެނެގަންނަން ޖެހޭނެކަމަށް ޤަބޫލުކުރެވި، އަހަރެން އެމީހުން ދެނެގަތުމަށް ކުރާ މަސައްކަތް ހުއްޓާލީ ހެއްޔެވެ؟
ބޮޑުވުމަކީ، ދުނިޔެ އަބަދު އަހަރެމެންނަށް ދޫދޭނެކަމަށް ބަލައިގެން، ޒިންމާދާރުކަމެއް ނެތި އުޅުމެއް ނޫނެވެ. އޭގެ މާނައަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަދެއްކުމުގެ ބަދަލުގައި އަނެކާގެ ވާހަކަ އަޑުއެހުމެވެ. އުޒުރު ދެއްކުމުގެ ބަދަލުގައި މާފަށް އެދުމެވެ. އަދި ޒިންމާދާރުވުމަކީ އަމިއްލަ އަބުރަށް ދެވޭ ހަމަލާއެއްގެ ބަދަލުގައި، އަމިއްލަ ނަފްސު އިސްލާހުކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކުމެވެ.
އެންމެން އަހަރެމެންނާމެދު ދެކޭގޮތް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އަދި އެންމެން ރުއްސައެއްވެސް ނުލެވޭނެއެވެ. ނަމަވެސް، ބަސްމަގު ބަހައްޓާ ގޮތުގައި ފަރުވާތެރިވެ، މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުވެ، އަދި ވަށައިގެންވާ މީހުންނަށް އިޙުތިރާމްކުރާ މީހަކަށް ވުމަށް އަހަރެމެންނަށް އިޚްތިޔާރު ކުރެވިދާނެއެވެ.
ދުނިޔެ އެނބުރެނީ ހަމައެކަނި ތިބާގެ ވަށައިގެނެއް ނޫނެވެ. ނަމަވެސް، ތިބާ މީހުންނާމެދު އަމަލުކުރާ ގޮތަކީ މި ދުނިޔޭގައި ތިބާ ދޫކުރާނޭ ނިޝާނެވެ.
ރަނގަޅު މީހަކަށް ވުމަކީ ހަމައެކަނި “ގަސްތުގައި” މީހަކަށް ގެއްލުމެއް ނުދިނުމެއް ނޫނެވެ. އެއީ ތިމާގެ ފަރުވާކުޑަކަމުން މީހަކަށް ދެރައެއް ލިބިއްޖެނަމަ، އެކަން ޤަބޫލުކޮށް، އެކަން އިސްލާހުކޮށް، އަމިއްލަ ނަފްސު ބަދަލުކުރުމަށް ތައްޔާރަށް ހުރުންވެސް މެއެވެ.
އަހަރެމެންގެ ފަރާތުން އަނެކުންނަށް އޯގާތެރިކަން ނުދީ، އެހެން މީހުންގެ ފަރާތުން ނިހާޔަތަށް އޯގާތެރިކަން ލިބޭނެކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. މާފަކީ ހަދިޔާއެކެވެ. އިތުބާރަކީ ހޯދަންޖެހޭ އެއްޗެކެވެ. އަދި ހަޤީޤީ ހަރުދަނާކަން ފެށެނީ އަނެކުންގެ އިޙުސާސްތަކަކީވެސް ތިމާގެ އަމިއްލަ އިޙުސާސްތަކާ އެއްވަރަށް މުހިންމު އެއްޗެއްކަން ދެނެގަނެވޭ ހިސާބުންނެވެ.
