ހައުސްފުލް ޝޯ އަކާއި އެކު ޑާކްރެއިން އެންޓަޓެއިންމެންޓުގެ ކްރައިމް ތްރިލާ ‘ގޮށްރާޅު’ ރޭ އޮލިމްޕަހަށް ބިންދާލައިފިއެވެ. ފިލްމު ލޯންޗުކޮށްދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެ ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޝިނާންގެ ބައްޕަ، އާދަމް ޝަރީފް އުމަރުއެވެ.
މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތަޢުފީޤް ޕްރޮޑިއުސްކޮށްފައިވާ “ގޮށްރާޅު” ފިލްމުން ދައްކުވައިދެނީ މުޖުތަމައުތެރޭގައި އާންމުވެފައިވާ ބޮޑު މައްސަލައެކެވެ.
ހިތްގައިމު ކެމެރޭ މަސައްކަތާއި، މޮޅު ޑައިރެކްޝަން އަކާއި އެކްޓިންއެއް ފެނިގެންދިޔަ ‘ގޮށްރާޅު” ބަލައި ނިމުނުއިރު ބެލުންތެރީން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިކަން އެނގިގެންދިޔައީ އޮލިމްޕަސް ތެރެ އެއް އަޑަކުން ގުގުމައިލި ތަރުހީބުގެ ހޫނު އަތްތިލަބަޑީގެ އަޑުންނެވެ.
ފިލްމު ބެލި ބައެއް މީހުންނާއި ވާހަކަދައްކައިލުމުން ގިނަބަޔަކު ބުނީ މިވަރުގެ ވަރުގަދަ ފިލްމެއް ރާއްޖެއިން އަދި ނުދެކޭ ކަމަށެވެ.
“ހަމަ އޮބިނަސް ޓުދަ މަހާ މެކްސް. ވަރަށް ފައްކާ އިނގޭ. އައިއޭމް ރިއަލީ ސްޕީޗްލަސް.” ޒުވާން ޖޯޑެއްކުރެން ފިލްމާއިމެދު ދެކޭގޮތް އަހައިލުމުން ފިރިހެން ކުއްޖާ ބުންޏެވެ.
“އަސްލު ހަމަ ވަރަށް ފުރިހަމަ އާޓް ޕީސް އެއް.” އަންހެން ކުއްޖާވެސް ހުރީ ނިކަން ބޮޑަށް ފިލްމާއިމެދު ހިތްހަމަ ޖެހިފައިކަން އެނގުނެވެ.
ފިލްމު ބެލި އެންމެންގެ ތަޢުރީފް ދިޔައީ އޮހެމުންނެވެ. 100 ރުފިޔާ އަށް އެކަށީގެންވާ ވަރުގެ ފިލްމެއް ބަލައިލެވުނު ކަމަށް ބައެއް ބެލުންތެރިން ބުންޏެވެ. އަނެއް ބަޔަކު ބުނީ މިވަރުގެ މަސައްކަތެއްގެ އަގު، މިހާރު ޓިކެޓް ވިއްކާ ވަރަށް ބަލާފަ ކުޑަކަމަށެވެ.
“ގޮށްރާޅު” ފިލްމަކީ އެހާ ދިގު ފިލްމެއް ނޫނެވެ. ނަމަވެސް ދިވެހި އޯޑިއަންސްގެ ހިތްތަކަށް މި ރާޅުން ވަރަށް ރަނގަޅަށް އަސަރުކުރާނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހުގައި ރަސްކަން ކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމުތަކަކީ ރާއްޖޭގެ އެހެން ޕްރޮޑަކްޝަން ހައުސްތަކަށް ގޮންޖަހާލެވޭ ވަރުގެ ފިލްމު ތަކެއްކަން އަނެއްކާވެސް މިޔޮތީ ސާބިތުކޮށްދީފައެވެ.
މި ފިލްމުގެ މުހިއްމު ތަރިއަކީ ޑާކް ރެއިންގެ އެންމެ އާންމު މޫނު، ޖުމައްޔިލް ނިމާލްް (ޖުމަލް) އެވެ. ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާހަސަން އިރުފާން (ޒަކިއްޓެ)، އާއި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދިޔައެވެ. ތަރިންގެ އެކްޓިންއާމެދު ވެސް ބެލުންތެރީން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.
މިއީ ބެލުންތެރީން މާޔޫސް ނުވާނެ ވަރުގެ މޮޅު ފިލްމެއްކަން، ޑާކްރެއިންގެ ކާމިޔާބު ޑައިރެކްޓަރ ޢަލީ ޝިފާޢުވެސް މީގެ ކުރިން ވަނީ ދީފައެވެ. އެކަން ރޭ ފެނިގެންދިޔަ ޝޯ އިން މިވަނީ އެނގިފައެވެ. އަނެއްކޮޅުން ފިލްމުގެ ޒުވާން ޑައިރެކްޓަރ އަޙްމަދު ޝިނާންގެ އެކަނި ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފިލްމުން ޝިނާންގެ ހުނަރުވެސް ސާބިތުކޮށްދީފިއެވެ.
މާލޭގައި ގިނަވެފައިވާ ކުށްކުރުމުގެ ހާލަތު ނިކަން މޮޅަށް ސިފަކޮށްފައިވާ “ގޮށްރާޅު” ގެ ޝޯ ތައް ކުރިއަށް ހުރީއެވެ. ޓިކެޓް ނަގަން އަދިވެސް ލަހެއް ނުވެއެވެ.
ރޭގަ ފިލްމު ރިލީޒިންގަ ފެނިގެން ދިޔައީ ވަރަށް ހިތްގައިމު މަންޒަރެއް. ބައްޕައަކު، އޭނާގެ ދަރިފުޅު ކޮށްފައިވާ ބުރަ މަސައްކަތެއް އިފްތިތާހްކޮށްދިނުމަކީ ބަފަޔަކަށް ލިބިގެންދާނެ ކިހާ ބޮޑު ޝަރަފެއް. އަނެއްކޮޅުން ދަރިޔަކަށް ލިބިގެންދާނެ ކިހާބޮޑު އުފަލެއް. ޝިނާންގެ މަސައްކަތަށް ސާބަހާ ތަޢުރީފް ޙައްޤު. އޮބި ފިލްމެއް. އެންމެންވެސް ބަލަން ދާންވާނެ. މަވެސް އަދި އެއް ފަހަރު ދާނަން، އަނެއް ބިޓު ގޮވައިގެން.
