ރާއްޖޭގެ އާޓްސް އަދި ކަލްޗަރގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ފަންނާނުންގެ ވިސްނުން އިތުރަށް ހުޅުވާލަންޖެހޭކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގެ ވިޝުއަލް އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑު ތިޔަ ބޭފުޅުންގެ މައްސަލަތަކާއި ޝަކުވާތަށް އަޑު އަހައިފިން. މިކަންކަން ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން މުހިންމު. އަދި ހަމަމިއާއިއެކު އަޅުގަނޑުމެންނަށް މި މައްސަލަ ހައްލުކުރަން ފޮށިން ބޭރުން ވިސްނުން މުހިންމު. އަދި މިކަން ބެލެނިވެރިންގެ ސްޓޭޖުން ކުރުން މުހިންމު.” ފޯރަމްގެ ބައިވެރިންގެ ވާހަކަތައް އަޑު އެއްސެވުމަސްފަހު މިނިސްޓަރ އޮފް އާޓްސް ކަލްޗާ ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވިއެވެެ.

ކުރެހުންތެރިން، ފޮޓޯގްރާފަރުން، ގްރެފިކް ޑިޒައިނަރުން އަދި އަތްތެރި މަސައްކަތުގެ ފަންނުވެރީން ހިމެނޭގޮތަށް ރޭ ބޭއްވި “ފަންނާނުންގެ ފޯރަމް 2019” ގައި ރާއްޖޭގެ ވިޝުއަލް އަރޓްސްގެ ދާއިރާގައި މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކަކުން، އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

ރޭގެ ފޯރަމްގައި އެންމެ ގިނަ ފަންނާނުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވިޝުއަލް އާޓްސްގެ ދާއިރާއަށް އެންމެ އެކަށޭނެ ސަމާލުކަމާއި، އަހަންމިއްޔަތުކަން އާންމުންގެ މެދުގައި ނެތްކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން މިދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނެ ފުރުޞަތު ހަނިކަން ބައިވެރިން ފާހަގަކުރިއެވެ. މީގެ އިތުރުން ފޮޓޯގްރާފަރުންނާއި ގްރެފިކްސް ޑިޒައިނަރުންގެ ޒުވާން ޖީލެއް ރާއްޖޭގައި ފައްކާވަމުން އަންނައިރު މި ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ދާއިރާއަށް އަންނަ ބިދޭސީންގެ އަދަދު ރާއްޖޭގައި ގިނަވުންކަންވެސް އެ ދާއިރާގެ ފަންނާނުން ފާހަގަކުރިއެވެ.

މި ފޯރަމްގެ ބައިވެރިންވަނީ ރާއްޖޭގައި އެވޭލާ ޒަމާނުންސުރެ ކުރިއަރަމުންދާ ލިޔެލާ ޖެހުންފަދަ ފަންނުތައް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.

ވިޝުއަލް އާޓްސްގެ ދާއިރާގެ ފަންނުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، އާޓްސްގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއްކަމަށާއި، މިހާތަނަށް އައިރު މިދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

އެގޮތުން މި ދާއިރާ ހަރުދަނާކުރުމަށް ބެލެނިވެރިންގެ ވިސްނުމުގެ ހިސާބުންފެށިގެން ތަރައްޤީކުރަންޖެހޭކަމަށެވެ. މި ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ފަންނާނުންގެ ވިސްނުން އިތުރަށް ހުޅުވާލަންޖެހޭކަމަށާއި، މި ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންވެސް ކުދިންގެ ފަންނުވެރިކަން ބަލައިގަނެ، އެކަމަށް ހިތްވަރުދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ވިޝުއަލް އަޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން “ފަންނާނުންގެ ފޯރަމް” އެއް ބާއްވާފައިވާއިރު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންވަނީ މިއުޒިކީ ދާއިރާއާއި، ފިލްމީ ދާއިރާގެ ފަންނުވެރިންނަށްވެސް ފޯރަމްތައް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.

ރޭގެ ފޯރަމް އަށް ވަޑައިގެން ހުރިހާ ފަންނާނުންނަށާ ދެއްވި ޚިޔާލުތަކަށް ޝުކުރު މިނިސްޓަރ ޔުމްނާ ވަނީ ޝުކުރު ދަންނަވާފައެވެ. އިތުރު ޚިޔާލުތައް ހުރިނަމަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވުމަށްވެސް މިނިސްޓަރ އެދިލައްވައެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ޕީއެސްއެމް އެމްވީ އިން

ފޮޓޯތައް: އެންސީއޭ

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.