އައްޑޫ ސިޓީ ނޭޗަރ ޕާރކު ދަންނަން ހެއްޔެވެ؟ އެނގިފައިނުވާނަމަ، މޯލްޑިވިއަން އައިޑަލްއިން ވިދާލި ޙަސަން ޝަހުދާން އާއި އައިޑަލްގެ ތިންވަނަ ސީޒަން ކާމިޔާބުކުރި އައިޝަތު އަޒަލް ޢަލީ ޒާހިރު މި ދައްކާ ވާހަކައެއް އަޑުއަހައިލަމާ ހިނގާށެވެ. އައްޑޫ ސިޓީގައި އޮންނަ ހިތްގައިމު ޤުދުރަތީ ޕާކްގެ ހިތްގައިމުކަން ބަޔާންކޮށްދީ “އަފިރިންގެ ނޭޗަރ ޕާރކު” މި ނަމުގައި ޚާއްސަ ލަވައެއް މިހާރު ވަނީ ނެރެފައެވެ. ލަވަ ކިޔައި، ވީޑިއޯ ކުޅެފައިވަނީ އަޒަލް އާއި ޝަހުދާން އެވެ.
“އަފިރިންގެ ނޭޗަރ ޕާރކު” ލަވައަކީ އައްޑޫ ސިޓީ ހިތަދޫ ޗަމްޕާޕޫލުމާގޭ އާތިފާ ސަޢީދުގެ ފަރާތުން އައްޑޫ ނޭޗަރ ޕާރކަށް ހަދިޔާކޮށްފައިވާ ލަވައެކެވެ. މި ލަވަ ތައްޔާރުކުރުމުގައި ބައިވެރިވި ހުރިހާ ފަންނުވެރިންވެސް މަސައްކަތްކޮށްފައިވަނީ އައްޑޫ ނޭޗަރ ޕާރކަށާއި މުޅި އައްޑޫ ސިޓީއަށް ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ހިލޭ ސާބަހަށްކަމަށް އެ ފަރާތުން ބުނެއެވެ.
“އަފިރިންގެ ނޭޗަރ ޕާރކު” ލަވައިގެ މެލޮޑީ ހަދާފައިވަނީވެސް ޝަހުދާން އާއި އަޒަލް އެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ފާތުމަތު ސަޢީދެވެ. ނޭޗަރ ޕާރކުގެ ހިތްގައިމުކަމާއި އެތަނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ދައްކައިދޭ މި ލަވައިގެ ވީޑިއޯ ގްރަފީ ހަދާފައިވަނީ ގްރެފައިޓް އައިލެންޑުންނެވެ.
ނޭޗަރ ޕާރކުގެ ފޭސްބުކް ޕޭޖަށް އަޕްލޯޑުކޮށްފައިވާ “އަފިރިންގެ ނޭޗަރ ޕާރކު” ލަވައަށް މީސް މީޑިއާގައި އަންނަނީ ބޮޑު މަޤުބޫލުކަމެއް ލިބެމުންނެވެ.
https://www.facebook.com/anpmaldives/videos/2334809649872695/
އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މިތަން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕާރކު ހުޅުވުމާއެކު މިތަނަށް ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
“އަފިރިންގެ ނޭޗަރ ޕާރކު” ލަވައަށް މީސް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުން ދިޔަނަމަވެސް، އައްޑޫ ބަހުން އެ ލަވަ ކިޔާފައި ނެތެމުން ގިނަބަޔަކު އެކަމަށް ރައްދުދެމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.
ލ. އަތޮޅު ކައުންސިލް ރައީސް އަދި ގަމު ކައުންސިލް ރައީސަށް ލ. އަތޮޅު ކައުންސިލާއި ލ. ގަމު ކައުންސިލުން އިސްނަންގަވައިގެން މިފަދަ ޤުދުރަތީ ޕާކެއް، ލ. ގަމު ބޮޑުފެންގަނޑު ސަރަޙައްދާއި ހަވިއްތަ ސަރަހައްދުގައި ކިހާ ސަޅިކޮށް ހަދާލެވޭނެތޯ އެވެ. ބޮޑުފެންގަނޑު ސަރަހައްދުން ފެށިގެން، ހަވިއްތައާއި ހަމައަށް، އައްޑު ޕާކުން އެފެންނަ ފަދަ ބުރިޖެއް އަޅާފައި ބޭއްވިދާނެއެވެ. މިއީ ބޮޑު ޚަރަދެއް ދާނެ ކަމެއްކަން މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް މިއީކީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. މިކަމުގެ ފައިދާ އަކީ ހިމާޔަތްކޮށް ރައްކައުތެރިކުރަން ޖެހިފައިވާ ދެ ސަރަހައްދު ހިމާޔަތް ކުރެވުމެވެ. ފަތުރުވެރީން ޒިޔާރާތް ކޮށްލާނެ ރީތި ތަނެއް ބިނާވުމެވެ. ގަމާއި ފޮނަދޫ އަދި އަތޮޅުގެ ރައްޔިތުން ހިތްއުފާކޮށްލަން ދާނެ ޕާކެއްވެސް ލިބުމެވެ. މިކަން ކުރުމުގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖާއި، ޤައުމީ އަރުޝީފާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް އިސް ރޯލެއް އަދާކުރެވިދާނެއެވެ. 1980 ގެ އަހަރުތަކުގައި ރައްޔިތުން މަސައްކަތްކުރި ބީދައިން މިފަދަ ކަމަކަށް ރަނގަޅަށް ރައްޔިތުން މޯޓިވޭޓް ކޮށްލެވިއްޖެއްޔާ ރައްޔިތުން މަސައްކަތުވެސް ނުކުންނާނެއެވެ. ވަކީން ޚާއްޞަކޮށް ޒުވާނުންނެވެ. ހަމަ މިފަދައިން ކުޅިތައް އޮންނަ ރަށްރަށް ކަމަށްވާ މާބައިދޫ ފަދަ ރަށްރަށުގައި މިފަދަ ޕާކު ހެދިދާނެއެވެ.
