މާރިޗް ފަހެއްގައި ރިލީޒްކުރުމަށް މިހާރު ނިންމާފައިވާ “ފޯޓީ ޕްލަސް” ގެ ޓިކެޓް ވިއްކުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ބުނެފިއެވެ.
މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ “ނޯޓީ ފޯޓީ” ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” ގެ ޓިކެޓް ބްކިން ހެއްދުން މިދިޔަ ހަފުތާއިން ފެށިގެން ކުރިއަށްދާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް ޝަފީޤް ވަނީ ބުނެފައެވެ.
“ފޯޓީ ޕްލަސް” ގެ ޓިކެޓް 12 ފެބްރުއަރީން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެ.” ފިލްމުގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް މިއަދު ބުންޏެވެ.
https://www.facebook.com/notea4t/videos/529871880751960/
“ފޯޓީ ޕްލަސް” ގެ ޓިކެޓް ނަން ނޯޓްކުރުން މިހާރުވެސް ކުރިއަށްދާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ. ޓިކެޓް ނަން ނޯޓްކޮށްލަން މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ޓިކެޓް ބޭނުންވަނީ ކޮން ޝޯއަކަށް، ކިތައް ޓިކެޓްކަން ލިޔެލާފައި އެސްއެމްއެސް ފޮނުވައިލުމުން އެ ނިމުނީއެވެ. ސާޅީހުން މައްޗަށް ދިޔައިމާ ލާނެތްވެގެން އުޅޭ “ފޯޓީ ޕްލަސް” ގެ ޓީމުން ޓިކެޓް ނަން ނޯޓްކޮށްލުން މިއޮތީ އެއްވެސް ލާނެތްކަމެއް ނުވަތަ ނޯޓީކަމެއް ނުދައްކައި ނިކަން ފަސޭހަކޮށްދީފައެވެ.
“ފޯޓީ ޕްލަސް” އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ. މިއީ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކުރާ ފިލްމެކެވެ.
ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.
https://www.facebook.com/notea4t/videos/396707734202496/
