ރާއްޖޭގައި އަލަށް ނެރޭ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” ގެ ޓިކެޓް މިއަދު މެންދުރުފަހު ދޭއްޖެހިއިރު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ. މި ފިލްމު އަޅުވަން ނިންމާފައިވަނީ މާރިޗް 05 ގައެވެ.

“ފޯޓީ ޕްލަސް”ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ޓިކެޓް ވިއްކުން ކުރިއަށް ދާނީ ކޮންމެ ދުވަހަކު 1400 ން 1600 އަށާއި 20:00 ން 22:00 އަށް ކަމަށެވެ. ޓިކެޓް އަގަކީ 100ރ. އަށެވެ.

ޝަފީޤް އިތުރަށް ބުނީ ފިލްމު އަޅުވާ ދުވަސް ކައިރިކޮށްފައި ހެނދުނު ވެސް އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެކަމަށެވެ. މިއަދު ޓިކެޓް ވިއްކަން ފަށާފައިވާއިރު “ފޯޓީ ޕްލަސް”ގެ ހޮޓްލައިނަށް ގުޅައިގެން ޓިކެޓް ބުކިން މިހާރުވެސް ހެދޭނެ ކަމަށް ޝަފީޤް ބުންޏެވެ.

“ފޯޓީ ޕްލަސް”ގެ 20 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ފިލްމު އަޅުވަން ވާހަކަދައްކަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އެންމެ ފުރަތަމަ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހު 17 ގައި ހދ. ކުޅުދުއްފުށީގަ އެވެ.

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ “ނޯޓީ ފޯޓީ” ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” އަކީ 2016 ގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމެކެވެ.

ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ “ފޯޓީ ޕްލަސް” އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.