ނަމަވެސް، އޭގެ ދިހަ އަހަރު ފަހުން، އެ އެއްބަސްވުމުގެ ތިރީގައިވާ ސޮޔަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ހަނދާނަށް ވެދާނެކަމުގެ އެއްވެސް އިޙުސާސެއް އޭނާއަކަށް ނެތެވެ. އަދި އޭނާގެ ފަރާތުން އެއްވެސް އުންމީދެއް ނުކުރުމަށް އިންޒާރުދިން މީހާ، ދުވަހަކު ނަމަވެސް އޭނާގެ ހަމައެކަނި ހާޒިރީއަށްވުރެ މާ މަތިވެރި ކަމަކަށް އެދެވުނުނަމައޭ ހިތަށްއަރާނެ ކަމަކަށްވެސް އޭނާ އުންމީދެއް ނުކުރެއެވެ. އޭނާދެކެ ލޯބިވާތީ، މަޑުކުރުމަށް އެދެވުނުނަމައޭ ޒިމާންގެ ހިތަށް އަރާނެ ދުވަސް އަންނާނެއެވެ. ނަމަވެސް އެކަން އެނގުމުގެ ކުރިން، އޭނާއަށް މީރާ ގެއްލިގެންދާން ޖެހޭނެއެވެ.
*****
ފުރަތަމަ ރޭ ވެގެންދިޔައީ އެ ދެމީހުންނަށްވެސް އުނދަގޫ ރެއަކަށެވެ. ޒިމާންގެ ނިދާކޮޓަރިއަކީ މީރާ ބޮޑުވި މުޅި ގޭގެ ބޮޑުމިނަށްވުރެވެސް ބޮޑު ތަނެކެވެ. ކޮޓަރީގެ ބޮޑެތި ބިއްލޫރި ދޮރުތަކުން ފެންނަން އޮތީ ބަނދަރުގެ ހިތްގައިމު މަންޒަރެވެ. އަގުބޮޑު ފޮތިތަކުން ފަރުމާކޮށްފައިވާ ބޮޑު އެނދާއި، ރާއްޖޭގެ ހޫނުގަދަ ރޭގަނޑަށް ފިނިކަން ގެނެސްދޭ އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައިވެއެވެ.
މީރާ އެނދުގެ އަރިމަތީގައި އިށީނދެގެން އިނީ އަތް ބަހައްޓާނެ ތަނެއްވެސް ނޭނގި ހާސްވެފައިވާ ހާލުގައެވެ. ޒިމާން ހުރީ ކުޑަދޮރު ކައިރީގައި ދުރުން ފެންނަ އޮޑިދޯނިފަހަރުގެ އަލިތަކަށް ބަލަހައްޓައިގެންނެވެ.
“އެނދުގެ އެއްފަރާތުގައި ނިދިދާނެ.” މީރާއަށް ފުރަގަސްދީގެން ހުރެ ޒިމާން ބުންޏެވެ.
“ރަނގަޅު.”
“އަހަންނަށް އުނދަގޫވެދާނެތީ ކަންބޮޑުނުވޭ.”
“ނުވާނެ.”
“އަދި އަހަރެން ހޭލެވުނަސް ހާސްނުވާތި. އެއީ އާންމުކޮށް ވާގޮތެއް.” މީރާ ބޯޖަހާލިއެވެ.
އެރޭ ޒިމާނަށް އެތައް ފަހަރަކު ހޭލެވުނެވެ. އެއްފަހަރަކު އޭނާ ކުއްލިއަކަށް ތެދުވެ އިށީނުމުން، ކޮންމެވެސް ބޮޑު ކަމެއް ދިމާވީ ކަމަށް ހީކޮށް މީރާ ބިރުގަތެވެ. އަދި އަނެއް ފަހަރު އޭނާ ފާޚާނާއަށް ގޮސް މޫނު ދޮވެލައިގެން އެތައް އިރަކު މަޑުކުރިއެވެ.
ފަތިސްވާން އުޅެނިކޮށް އޭނާ އެނދަށް އައިސް މީރާއަށް ފުރަގަސްދީގެން އޮށޯތެވެ. އޭނާގެ ނޭވާލުމުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ބުނާނެ އެއްޗެއް މީރާއަކަށް ނޭނގުނެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ގޮތުގެ އެއްވެސް ތަމްރީނެއް އޭނާގެ ނެތެވެ. އަދި އޭނާއަކީ ޒިމާންގެ ޑޮކްޓަރެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް، ބަޔާންކުރަން ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައި ތާށިވެފައިވާ މީހެއްގެ ސިފަތައް ޒިމާންގެ ކިބައިން އޭނާއަށް ފެނުނެވެ.
“ފެންފޮދެއް ބޯލަން ބޭނުންތަ؟” މަޑުމައިތިރިކަމާއެކު މީރާ އެހިއެވެ.
“ނޫން.”
“މީހަކަށް ގުޅަންވީތަ؟”
“ނޫން.”
މީރާ ހަނުހުއްޓެވެ. އިރުކޮޅަކުން އަނެއްކާވެސް ޒިމާން ވާހަކަދެއްކިއެވެ.
“ހަމައެކަނި ތިތާ މަޑުކޮށްލާ.”
“އަހަރެން މިހުރީ މިތާ.”
ޒިމާން އިތުރު ޖަވާބެއް ނުދެއެވެ. އެންމެ ފަހުން އޭނާގެ ނޭވާލުން ހަމައަކަށް އެޅި، ނިދިއްޖެއެވެ.
ޖެހިގެން އައި ދުވަހު ޒިމާން އުޅުނީ ރޭގަނޑު އެއްވެސް ކަމެއް ނުހިނގާކަމަށް ދައްކައިގެންނެވެ. އޭނާގެ ބައްދަލުވުންތަކަށް ގޮސް، ފޯނު ކޯލްތަކަށް ޖަވާބުދީ، ކޮންމެ ދުވަހަކުވެސް ފެންނަ ފަރުވާތެރި ހަރުކަށި ގޮތުގައި ވިޔަފާރީގެ ކަންކަން ނިންމަމުން ދިޔައެވެ.
މީރާ އެ ރޭގެ ވާހަކައެއް ނުދައްކައެވެ. ޒިމާނަކީ އޭނާގެ ނުކުޅެދުންތެރިކަން ފެންނަ ފަދަ އެއްވެސް ވާހަކައެއް ދައްކަން ބޭނުންވާ މީހެއް ނޫންކަން މީރާއަށް ވަރަށް އަވަހަށް ދަސްވިއެވެ.
ފުރަތަމަ މަދު ހަފުތާތަކުގައި އެ ދެމީހުންގެ ގުޅުން އޮތީ ހަމައެކަނި ރަސްމީ އުސޫލެއްގެ ތެރޭގައެވެ. މީރާ އޭނާގެ ޒިންމާތައް އަދާކޮށް، ޒިމާންގެ ތާވަލުތައް ތަރުތީބުކޮށް، ވިޔަފާރި ދަތުރުތަކުގައި ބައިވެރިވަމުން ދިޔައެވެ. ރޭގަނޑު، އެ ދެމީހުންގެ ދެމެދުގައިވާ ނުފެންނަ ފާރު ހުރަސްނުކޮށް، އެނދުގެ ދެފަރާތުގައި ނިދަމުން ދިޔައެވެ.
ނަމަވެސް، އެއް ރެއަކު ކަންތައްތައް ބަދަލުވެގެން ދިޔައެވެ. ޒިމާންއަށް ބިރުވެރި ހުވަފެނަކުން ހޭލެވުނީ ވަރަށް ބާރަށް ނޭވާލަމުންނެވެ. އޭނާގެ ދެއަތުން އެނދުގެ ފޮތިގަނޑުގައި ބާރަށް ހިފަހައްޓައިގެން، ކޮޓަރީގައި ނެތް އެއްޗަކަށް ބަލަހައްޓައިގެން އިނެވެ.
މީރާ ތެދުވެ އިށީނެވެ. “ޒިމާން؟”
އޭނާއަށް މީރާގެ އަޑު އިވޭހެންނެއް ހީނުވެއެވެ. އޭނާގެ ނޭވާލުން އަވަސްވެ، ކޮންމެވެސް މީހަކު ކޮޓަރިއަށް ވަދެދާނެކަމަށް ބަލަހައްޓައިގެން އިނެވެ.
“ޒިމާން، ތިއިނީ ރައްކާތެރިކަމާއެކު އަމިއްލަ ކޮޓަރީގައޭ ތިހުރީ.”
ޒިމާން އޭނާގެ ނިތްކުރީގައި އަތް އެޅިއެވެ. “ވާހަކަ ނުދައްކާ.”
މީރާ ހުއްޓާލިއެވެ. އިރުކޮޅަކު ލޯ މަރައިގެން އިނދެ، އޭނާގެ ނޭވާލުން ހަމައަކަށް އެޅުވުމަށް ޒިމާން މަސައްކަތް ކުރިއެވެ. އެއަށްފަހު، މީރާއަށް ބަލާލުމެއް ނެތި އޭނާ އަތް ދިއްކޮށްލިއެވެ. އޭނާގެ އަތް މީރާގެ އަތުގައި ބައްދާލިއެވެ.
“ނުދާތި.” އޭނާ މަޑުމަޑުން ބުންޏެވެ.
މީރާގެ ހިތަށް އަސަރުކުރިއެވެ. “އަހަރެން ކޮންމެހެންވެސް މަޑުކުރާނަން.”
ނުތަނަވަސްވެފައިވާ ދުނިޔެއެއްގައި އޭނާއަށް ހިފެހެއްޓޭނެ ހަމައެކަނި އެހީތެރިއަކީ އެއީކަމަށް ބަލައި، އޭނާ މީރާގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިނެވެ. އެންމެ ފަހުން، މީރާގެ އަތުން ދޫކޮށްނުލައި އޮވެ، ފަތިސްވުމުގެ ކުރިން އޭނާއަށް ނިދިއްޖެއެވެ.
ހެނދުނުވުމުން، އެއްވެސް އެއްޗެކޭ ބުނުމެއް ނެތި އޭނާ މީރާގެ އަތުން ދޫކޮށްލިއެވެ. މީރާވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އެ ރެއަށްފަހު، އެމީހުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލެއް އައެވެ.
ޒިމާނަށް ބިރުވެރި ހުވަފެންތައް ފެންނަން ފެށުމުން، އޭނާއަށް ނޭނގި ނަމަވެސް މީރާއާ ގާތްވާން ފެށިއެވެ. ބައެއް ފަހަރު، އޭނާގެ ހިތަށް ހަމަޖެހުމާއި އަމާންކަން ލިބޭތީ، މީރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެއެވެ. އަނެއްބައި ފަހަރު، އޭނާގެ ނޭވާ ހަމައަކަށް އެޅެންދެން މީރާގެ އަތުގައި ހިފަހައްޓައިގެން އޮވެއެވެ. އަދި ބައެއް ފަހަރު، ކުއްލިއަކަށް ހޭލެވުމުން މީރާއާ ގާތަށް ޖެހިލައި، މީރާގެ ނޭވާގެ އަޑު އިވުމުން ނޫނީ އޭނާއަށް ހަމަޖެހުމެއް ނުލިބެއެވެ.
އެއީ ލޯބީގެ އިޒްހާރެއް ކަމަށް މީރާ ދުވަހަކުވެސް ނުދެކެއެވެ. ބިރުގަންނަ ވަގުތުތަކުގައި އިންސާނުން ހިތްހަމަޖެހުން ހޯދާނެކަން އޭނާއަށް އެނގެއެވެ. އަދި ހިތްހަމަޖެހުން ހޯދުމަކީ މުޅި އުމުރަށް އެކުގައި އުޅުމުގެ ވަޢުދެއް ނޫންކަންވެސް އޭނާ ދަނެއެވެ. އެހެންނަމަވެސް، މުޅި މަޖިލީހެއް ބިރުގަންނުވާލާ ފަދަ ހިމޭންކަމެއް ލިބިފައިވާ މީހަކު، މާޒީގެ ހަނދާންތަކާއެކު ބިރުގަންނަ ކުޑަކުއްޖެއް ފަދައިން ފެނުމުން، އޭނާއަށް ހަމްދަރުދީ ނުވެއެއް ނުހުރެވުނެވެ.
ޖެހިގެން އައި މަސްތަކުގައި، އެހެން މީހުންނަށް ފާހަގަނުވާ ކުދިކުދި ކަންތައްތައް މީރާއަށް އެނގެން ފެށިއެވެ. ބޯކޮށް ވާރޭވެހޭ އަޑު އިވުމުން ޒިމާންގެ ބޭބެ މަރުވި ރޭގެ ހަނދާންތައް އާވާތީ، ގުގުރުމާއެކު ވާރޭވެހޭ ރޭތައްދެކެ އޭނާ ނުރުހެއެވެ. އޭނާ ސައި ބޯން ބޭނުންވަނީ ހަކުރު މަދުކޮށް ކަމާއި، ރަނގަޅަށް ނިދި ލިބިއްޖެނަމަ ހެނދުނު ސައި ބޯން ބޭނުންވާކަން މީރާއަށް އެނގުނެވެ.
ބޭބެ މަރުވި ދުވަސް އައުމުން އޭނާ އާދަޔާ ޚިލާފަށް ހިމޭންވެއެވެ. ގިނަ ފަހަރަށް މެންދަމުން އަލިވާއިރުވެސް، ބެލްކަނީގައި ކަނޑަށް ބަލަން އިންނަނީއެވެ. ކުއްލިއަކަށް މީހަކު އޭނާގެ ގައިގައި އަތްލުމަކީ އޭނާ ޤަބޫލުކުރާ ކަމެއް ނޫނެވެ. ނަމަވެސް ނިދީގައި އޭނާއަށް ނޭނގި މީރާގެ އަތުގައި ހިފަހައްޓާލެވެއެވެ.
އޭނާގެ އާއިލާއާ ބެހޭގޮތުން އޭނާ ވާހަކަދައްކަނީ ވަރަށް މަދުންނެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކާލާއިރު، އޭނާ ބޭނުންކުރާ ބަސްތަކުގެ ފަހަތުގައިވާ ހިތާމަ މީރާއަށް އިޙުސާސްކުރެވެއެވެ. އަދި އޭނާއަކީ މީހުން ދައްކާ ފަދަ ރަހުމެއް ނެތް މީހެއް ނޫންކަންވެސް މީރާއަށް އެނގުނެވެ.
އޭނާގެ ކުރީގެ މުވައްޒަފެއްގެ ދަރިއެއްގެ ބޭސްފަރުވާއަށް އޭނާ ޚަރަދުކުރީ، އެއީ ކާކުގެ ފަރާތުން ލިބުނު އެހީއެއްކަން އެ އާއިލާއަށްވެސް ނޭނގޭ ގޮތަށެވެ. އޮޑި ހަލާކުވެގެން ދަތި ހާލުގައި އުޅުނު މަސްވެރިއަކަށްވެސް އޭނާ އެހީތެރިވީ ވަރަށް ސިއްރުންނެވެ. އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އޭނާ ފައިސާ ދެނީ އަމިއްލަ ކަމެއްގެ ގޮތުގައެވެ. އެކަމަށް މީހުން ތައުރީފުކުރުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. މި ކަންކަމުން ހާމަވީ ދުނިޔެއަށް ނުފެންނަ އޭނާގެ ދެވަނަ ސޫރައެވެ.
މީރާގެ ހިތުގައި އޭނާއަށްޓަކައި ލޯބި އުފެދެން ފެށިއެވެ. އެއީ އޭނާގެ މުއްސަނދިކަމަކަށް ނޫނެވެ. އޭނާގެ ރީތި ގަނޑުވަރެއް ފަދަ ގޭގައި އުޅެން ލިބޭތީއަކުންވެސް ނޫނެވެ. އަދި އަގުބޮޑު ހަދިޔާތައް ގަނެދޭތީއެއްވެސް ނޫނެވެ. އޭނާގެ ހިތުގައި ލޯބި އުފެދުނީ، އޭނާގެ ހިތާމަތަކާއި، އެހެން މީހުންނަށް ނުފެންނަ އޭނާގެ އޯގާތެރިކަން ފެނުމުންނެވެ. އަދި އޭނާ ދުނިޔެއަށް ދައްކާ ސޫރައިގެ ފަހަތުގައި ފޮރުވިފައިވާ އަސްލު އިންސާނާ ފެނުމުންނެވެ.
އޭނާއަށް ހިމޭންކަން ބޭނުންވާ ވަގުތާއި، ހިތްހަމަޖައްސައިދޭން ވާހަކަދައްކަންވީ ވަގުތު މީރާއަށް ދެނެގަނެވުނެވެ. އޭނާ އެކަނި ދޫކޮށްލަންވީ ވަގުތާއި، މާޒީގެ ކަންކަމާ ހިތާމަކޮށް އަމިއްލަ ނަފްސަށް އަދަބު ނުދިނުމަށް ހަނދާންކޮށްދޭންވީ ވަގުތުވެސް މީރާއަށް އެނގުނެވެ.
މަސްތައް އަހަރުތަކަށް ބަދަލުވެގެން ދިޔައިރު، ހިތަށް ދަތިވާ ކޮންމެ ވަގުތަކު އޭނާ އެންމެ ފުރަތަމަ ހޯދާ މީހަކީ މީރާ ކަމުގައި ވިއެވެ. އޭނާ މީރާދެކެ ލޯބިވެޔޭ ދުވަހަކުވެސް ނުބުނެއެވެ. އަދި މުސްތަޤުބަލާ ބެހޭ އެއްވެސް ވަޢުދެއްވެސް ނުވެއެވެ. ނަމަވެސް ކޮންމެ ރެއަކު އަނދިރިވުމުން، އޭނާ މީރާގެ އަތުގައި ހިފަހައްޓައެވެ. އަދި ކޮންމެ ރެއަކުވެސް މީރާ އޭނާގެ ގާތުގައި ހުރެއެވެ.
(ނުނިމޭ)
