ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ދިވެހިބަހުގެ އެކަޑަމީން ބުނެފިއެވެ.
ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ދަރުބާރު ގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ އެ މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޞާލިހުގެ ލަފާފުޅާއި އެކުގައި ކަމަށެވެ.
އަޝްރަފް ވިދާޅުވީ މިހާރުވެސް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަންތަކެއް އެބަހުރިކަމަށެވެ. އަދި ސަރުކާރު ވުޒާރާތަކުގެ ތެރެއިން އިނގިރޭސި ނަންނަން ދީފައިވާ ތަންތަނަށް ދިވެހި ނަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކުގެ އަސާސީ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.
“މިހާރު ވެސް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަންތަކެއް އެބަހުރި. ހަމައެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މިސާލަކަށް، އެޑިއުކޭޝަން މިނިސްޓްރީއަށް ތައުލީމާ ބެހޭ ވުޒާރާ ކިޔާ ގޮތަށް، އެހެން އިދާރާތަކަށް ވެސް އެ ފަދަ ނަންތަކެއް ކަނޑައަޅަން،” އަޝްރަފް ވިދާޅުވި އެވެ.
މި މަސައްކަތް ނިންމައި، އަމަލީ ގޮތުން އެއަށް އަމަލު ކުރަން ފެށޭނީ ކަމާ ގުޅޭ އެހެން އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
ދިެވހިބަހުން މޮށިއުޅޭ އަވަށްތެރި އިންޑިޔާގެ މަލިކުގެ އެކި ތަންތަނަށް ނަން ދިނުމުގައިވެސް ދިވެހިބަސް ބޭނުންކޮށްފައި ހުންނަތަން ފެންނަކަން ފާހަގަކޮށްލެވެއެވެ.
