ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ހިލްޓޮން މޯލްޑިވްސް އަމީންގިރި ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ. ގުރޫޕް ޑީގައިވާ ތިން ޓީމުގެ މެދުގައި ކުޅެވުނު ލީގު ބުރުން އެއްވަނަ ހޯދި ޕަޓީނާއަށް ދެވަނަ ބުރުން ޖާގައެއް ލިބިފައިވާއިރު، މި ގުރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދާ ދެވަނަ ޓީމު ޔަގީންކުރުމަށް ކުޅެވުނު ޕްލޭއޮފް މެޗުގައި ބައްދަލުކުރީ ގުރޫޕްގެ ދެވަނަ މަގާމްގައި އޮތް ހިލްޓޮން އާއި ތިންވަނަ މަގާމްގައި އޮތް ހުވަފެންފުށްޓެވެ. ގުރޫޕް ސީގެ މެޗެއް ވެސް އިއްޔެ ކުޅެފައިވެ އެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 15
ފަނަރަވަނަ މެޗުގައި ބައްދަކުރީ ގުރޫޕް ސީގައި ހިމެނޭ ސަންގެއްޔާއި އާއި ހެލެނގެއްޔެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 2-3 އިން ކާމިޔާބުކުރީ ސަންގެއްޔެވެ.
މި މެޗުގެ 14 ވަނަ މިނިޓްގައި ސަންގެލިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަޒްމަތެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ހެލެނގެއްޔަށް ފުރަތަމަ ހާފުގައި އެކަން ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ވަނީ އެކަން ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ޝާފީ އެވެ.
ލީޑު ނެގުމަށް ދެ ޓީމުން ކުރި މަސައްކަތް މިފަހަރު ވެސް ކާމިޔާބު ކުރީ ސަންގެލިން ނެވެ. ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ލިބުނީ ހެލެނގެލި ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ. ދެވަނަ ފަހަރަށް ސަންގެލިން ނެގި ލީޑުގައި ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ހެލެނގެލިން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރި އެވެ. 32 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލާމިއު އަޙްމަދު މަޖީދެވެ.
ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ހެލެނގެލިން ލަނޑެއް ޖެހޭތޯ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކުރުމުގެ ކުރިން ސަންގެލިން އިތުރު ލަނޑެއް ޖަހައި ތިންވަނަ ފަހަރަށް ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޝައުފާން އެވެ.
3-2 އިން މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައި ދެވަނަ ބުރުން ޖާގައެއް ސަންގެލި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ޒަމީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ޒަމީން / ފޮޓޯ: ރިސޯޓް ލީގު – އެފްބީ
މެޗު 16
ސޯޅަވަނަ މެޗަކީ ގުރޫޕް ޑީއިން ދެވަނަ ބުރަށް ދާނެ ދެވަނަ ޓީމެއް ކަނޑައެޅުމަށް ކުޅުނު ޕްލޭއޮފް މެޗެވެ. މި މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގެ ދެވަނަ މަގާމްގައި އޮތް ހިލްޓޮން އާއި ހުވަފެންފުށްޓެވެ. ގުރޫޕް ސްޓޭޖްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރި ހިލްޓޮން، ޕްލޭއޮފް މެޗު ވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކުއެވެ.
2-5 އިން ހިލްޓޮން ކާމިޔާބުކުރި މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުވަފެންފުށްޓެވެ. 8 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސާޖިދު އިބްރާހިމް އެވެ. 14 ވަނަ މިނިޓްގައި އަލީ ޝާހު ހިލްޓޮންއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު 18 ވަނަ މިނިޓްގައި ޢަބްދުއްރަޙީމް އަބޫބަކުރު ހިލްޓޮންއަށް ލީޑު ނަގައިދިނެވެ. 22 ވަނަ މިނިޓާއި 26 ވަނަ މިނިޓްގައި އަލީ ސާހު ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. 30 ވަނަ މިނިޓްގައި ހުވަފެންފުށްޓަށް ޢަބްދުﷲ ޝަހީން ލަނޑު ޖަހައިދީ މާގިނައިރެއް ނުވެ އަޙްމަދު އަހްސަމް ހިލްޓޮންގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހިލްޓޮންގެ އަލީ ސާމް އެވެ.
