މުޖުތަމައުގެ ކުރިމަގުކަމުގައިވާ އަދުގެ ތުއްތު ކުދިންނަށް ދަސްކޮށްދެވޭ އެންމެ ފުރަތަމަ ބަހަކަށް ދިވެހިބަސް ވާންޖެހޭކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ދަރިންގެ ހިތުގައި ބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. މުއާމަލާތުކުރުމުގައި ދިވެހިބަސް ބޭނުންކުރަން ފަސްޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ބަހާމެދު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށެވެ.

ތުއްތުކުދިންގެ އިތުރުން ޅަފަތުގެ ތައުލީމުގައިވެސް ދިވެހިބަސް ކިޔަވައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރ ވަނީ ފަހަގަކުރައްވާފައެވެ. އަދި ޓެކޮނިލޮޖީއާއި ރައްޓެހި، ކުދިން ޝައުގުވެރިވާފަދަ ގޮތަކަށް ކިޔަވައިދެމުންދާ މާއްދާއަކަށް ދިވެހިބަސް ހަދަންޖެހޭ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި އާދަޔާޚިލާފު ޖަލްސާގައި މާލޭގެ ސްކޫލްތަކުގެ ދަރިވަރުންވަނީ ދުވަހާއި ގުޅުންހުުރި، ވަރަށް ތަފާތު އަދި އެހާމެ ޝައުޤުވެރި ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ދައުލަތުފެ ވަޒީރުންނާއި ސަރުކާރު އެކިއެކި އަދާރާ ތަކުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.