ބޮޑައީދަ ގޮތު ޒަމާނުއްފަށައިގެން ފޮނަދޫ މީހުން ފަސް ދޮހާ ފާހަގަ ކެރަމުން އުމަތް. ބޮޑައީދަށް ތައްޔާރަވުމަކޫ ފޮނަދޫ ވަރަށް ފޯރިޔާ އެއްކޮށް ދުރާލާ ކެރަމުން އައި ކަމެއް. ބޮޑައީދަ ޖެހޭން މަހަކަށް ވަން އިރޭ ރަށު ކަމުވޮށިގެންވަން މީހުން އިސްވެތިބެ ބޮޑައީދަށް ތައްޔާރަވާން ކުދުބޮޑަ އެންމެންވެގެން ފަށާޅެތް. ފިރިހެންވެރީން ލަނގިރި ފަރިތަ ކެރާން ފަށާޅަ. ލަނގިރި ފަރިތަ ކެރަން އިރޭ ލަނގިރި ފަރިތަކޮށް ނިންމަން އިރަށް އަންހެންވެރީން ސައިހިފއިގެން ލަނގިރި ފަރިތަކެރަން ތަނަށް ފިރިހެންވެރީންނަށް ސައިދޭން ދާޅެތް. މެހެން ސައިދިނުންވެސް އޮންނާނޫ އަންހެންވެރީން އެކި ބައިބަޔަށް ބަހާފާ. މިޔޯވެސް ވަރަށް ފޯރިޔާ އެއްކޮށް އެއް ބައި އަނިއް ބަޔާ ވާދަޔަށް ކޮށް އޮޅެނަ ކަމެއް. އެއް ބަޔަކަށް ވަނީން މައްޗަށް އަނެއް ބަޔަކު ސައި ހެދޭތޯ ބަލާނޫ.

އީދަކޮޅިވަރާ އެއްވަރަށް އީދަ ހެދިކާ ހެދުމަކޫ ވެސް ޖޯޝާ އެއްކޮށް، ކޮށް އޮޅެނަ ކަމެއް. ކޮންމަ ގެއަކުވެސް އެކި ވައްތަރަ ވައްތަރަގެ ހެދިކާ ހަދާޅެތް. ބޮޑަ އީދަށް ހަނދަން ހެދިކާ ތެރޭ އާންމުކޮށް ހުންނާނޫ ކުޅިފޮޅި، ފޮނިފޮޅި، އުޅާލި، ބަޑި، ކުހުރު. މި ހެދިކާ ހަދަން އިރޭ ވެސް ރަށު ރައްޔިތުން ތެރޭ އޮންނަން އެކުވެރިކަން ނިކަން ބޮޑަށް ފެނީގެންދޭ. ހެދިކާ ހަދާނޫ ކާރީ ހިސާބަގަނޑަ މީހުންނާ އެކުވެގެން ކޮންމަ ދޮހާކު ގެޔަކު ހެދިކާ އެއް ހަދަމުން.

މިހުރިހާ ކަމަކު އިތުރުން ބޮޑައީދު ރޭގަނޑު ފަޅަފެލުވާން އިސްޓޭޖް ޝޯތެކަށް ތައްޔާރަވާން ނެށުންތެއް ފަރިތަކެރުން ވެސް ކުރުވަށް ދާޅަ. ހަމަ މިކަމާ އެއްވަރަށް އީދަ ނަމާދަށްދަން ހެދުމު އިތުރަށް ކޮންމަ ދޮހަޔަކަށް ހެދުމެއް ހޯދުމަކޫވެސް މިފަހަކާ ހަމަޔަށްވެސް ކެރަމުން އައިކަމެއް.

ހެދިކާ ހަދާ، ހައްޖުދޮހާ ފަތިހުފަތިހާ ހީނާފަތް ކަނޑާ ހީނާފަތް ފުޑާ ހީނާފަތް އެޅުމުގެ މަސައްކަތް ފަށާޅެތް. ހަމަ މެހެން، އީދަދޮހާ ހެނދުނު ސަޔަށް ބޭނުންވަން ކުޅިބޮނޑި، ނޯނުއްވާ މަސްހުނި ހެދުމުގެ މަސައްކަތްވެސް އަންހެންވެރީން ރޯދަޔަށް ތިބެ ނިކަން ފޯރިޔާ އެއްކޮށް ކެރަމުން ދާޅެތް. އިރަ އޮއްސޭންވަން އިރަށް ކުޑަކުދޫން ހަތަރެސްފަޔު ހީނާފަތް އަޅާ ނިންމާ ބޮނޑި ކައްކާ ހިއްކާން، ދުމަށްޓު ޖަހާޅެތް.

​އީދަވިލޭރޭ ނުވޭއް ޖަހާލަންހައި އިރޭ އޮންނާޅަ އީދަ ބޮޑަބޭ ރޮޔެކެރުން. މި ބޮޑަބޭ ހަދާފާ ހުންނާނޫ ހިކިފަނާ، ދުނބުރިފަތް ލާފާ ހިކި ކަށަގަނޑަކު އައްސާފާ ނިކަން ރީއްޗަށް ހަދާލާފާ. އޭގެ ރޮޔެކޮށްލުމާ އެއްކޮށް އެޔޯ އީދަ ކޮޅިވަރަތެއް ފެށެނޫ. އަފޭން އަވަށު މެހެން އީދަ ބޮޑަބޭ ރޮޔެކެރުމަކޫ ތަންކޮޅެއް ކުރޫން ކޮށްއޮޅެނަ ކަމެއް ނޯނަސް މިހާރު ކެރަމުންދަން ކަމެއް.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.