މިމަހު 05 ގައި ރިލީޒްކުރާ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންގެ “ފޯޓީ ޕްލަސް”ގެ ރަސްމީ ޓްރެއިލާ އާއްމުކޮށްފިއެވެ. މި ފިލްމަކީ އިސްމާޢީލް ޝަފީޤް ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ފަސްޓްލުކް މިދިޔަ އަހަރު ނެރުނު ފަހުން، ކުރުކުރު ޓީޒާތަކެއް މިހައިތަނަށް ނެރެމުން އައި “ފޯޓީ ޕްލަސް”ގެ ރަސްމީ ޓްރެއިލާ ރިލީޒްކޮށްފައިވަނީ ވީމީޑިއާ އާއި ޔޫއްޕެ ޕްރޮޑަކްޝަނާ ޝައި ޕްރޮޑަކްޝަން އިން ރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.

ފޯޓީ ޕްލަސްގެ ރަސްމީ ޓްރެއިލާ ލޯންޗްކޮށްދިނީ ވީމީޑިއާ އިން ރޭ ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނު، ދިވެހި ފިލްމީ ދުނިޔޭގެ ރާނީ ނިޢުމާ މުޙައްމަދު އެވެ. ޓްރެއިލާ ލޯންޗްކޮށްދެމުން ނިޢުމާ ބުނީ “ފޯޓީ ޕްލަސް” އަކީ ނިޢުމާވެސް ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެއް ކަމަށެވެ.

“އަހަރުގެ އެންމެ ބޮޑު ފިލްމު. އަޅުގަނޑު އުއްމީދުކުރަނީ މި ނަން އައިގޮތަށް އަހަރުގެ އެންމެ ބޮޑު ފިލްމަށް މި ފިލްމު ވެގެންދާނެ ކަަމަށް. ނޯޓީ ފޯޓީ ބައްލަވާފަ ތިއްބެވި ބޭފުޅުންނަށް އެނގޭނެ “ފޯޓީ ޕްލަސް” އަދި މާ މަޖާވާނެކަން. ފެނުނު ބައެއް މަންޒަރުތަކުން، ބައެއް ޓްރެއިލާތަކުންވެސް އަޅުގަނޑުވެސް ހަމަ ހީނހީނ ހަލާކުވާވަރުވެފަ ހުރީ. އަޅުގަނޑު ހަމަ ގައިމުވެސް ވަރަށް ބޮޑު އިންތިޒާރެއް އެބަކުރަން މާޗް މަހުގެ ފަސްވަނަަ ދުވަހަށް.” އަހަރުގެ އެންމެ ބޮޑު ފިލްމުގެ ޓްރެއިލާ ލޯންޗްކުރުމުގެ އުފާ ލިބިގަންނަމުން ނިޢުމާ ބުންޏެވެ.

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ ”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. “ފޯޓީ ޕްލަސް” އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

ރާއްޖޭގައި އަލަށް ނެރޭ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ 20 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ފިލްމު އަޅުވަން ވާހަކަދައްކަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އެންމެ ފުރަތަމަ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހު 17 ގައި ހދ. ކުޅުދުއްފުށީގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.