“ފޯޓީ ޕްލަސް” އާއެކު ނޯޓީވާން ބާކީ އޮތީ އެންމެ ދުވަހެކެވެ. އަހަރުގެ ބޮޑު ފިލްމު އަންނަންވެސް ބާކީ އޮތީ ހަމަ އެންމެ ދުވަހަކެވެ. ސާޅީހުން މައްޗަށް ދިޔައިމާ ޔޫއްޕެ، ސީޒަން، ސަޢީދު، މަނިކް، ފައިސަލް، ލާނެތްވެގެން އުޅޭއިރު، ސްޓެޕް އައްޔަ، ދޮން އައްޔަ، އާނަންދު، ޝީލާ، އަޒޫ މިހެންގޮސް ދިގު ލިސްޓެއްހައި ސްޓާރުން މި ފިލްމުގައި ލާނެއްކަން އަރުވާވަރު ފެނިގެންދާންވެސް ބާކީ އޮތީ ހަމަ އެންމެ ދުވަހެކެވެ.

“ފޯޓީ ޕްލަސް” އިން ނޯޓީކަން ފެނިގެންދާނީ ހުނުމާއި މަޖަލުގެ ތެރެއިން ބިރުގެންފައި އަނެއްކާވެސް ހުނުމާއިއެކުގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ނެރޭ ބިރުވެރި އަދި ހެއްވާ މަޖާ ފިލްމު ބަލައިލަން ކެތްމަދުވެފައި ތިބި ފަރާތްތަކަށް މިމަހުގެ 05 ވަނަ ދުވަހުގެ ރޭ ވެގެންދާނީ ޚާއްޞަ ރެއަކަށެވެ.

ފޯޓީ ޕްލަސްގެ ރަސްމީ ޓްރެއިލާ ލޯންޗްކޮށްފައި ވާއިރު، ފެނިގެންދަނީ ބިރުން އިންދާވެސް ހެއްވާ މަންޒަރެވެ. ހެއްވާލާފަދަ ލާނެތް ޑައިލޮގް ތަކެވެ. “ފޯޓީ ޕްލަސް”ގެ ޓްރެއިލާ ލޯންޗްކޮށްދެމުން ރާއްޖޭގެ ފިލްމީ ދާއިރާގެ ރާނީ ނިޢުމާ ބުނީ “ފޯޓީ ޕްލަސް” އަކީ ނިޢުމާވެސް ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެއް ކަމަށެވެ.

“އަހަރުގެ އެންމެ ބޮޑު ފިލްމު. އަޅުގަނޑު އުއްމީދުކުރަނީ މި ނަން އައިގޮތަށް އަހަރުގެ އެންމެ ބޮޑު ފިލްމަށް މި ފިލްމު ވެގެންދާނެ ކަަމަށް. ނޯޓީ ފޯޓީ ބައްލަވާފަ ތިއްބެވި ބޭފުޅުންނަށް އެނގޭނެ “ފޯޓީ ޕްލަސް” އަދި މާ މަޖާވާނެކަން. ފެނުނު ބައެއް މަންޒަރުތަކުން، ބައެއް ޓްރެއިލާތަކުންވެސް އަޅުގަނޑުވެސް ހަމަ ހީނހީނ ހަލާކުވާވަރުވެފަ ހުރީ. އަޅުގަނޑު ހަމަ ގައިމުވެސް ވަރަށް ބޮޑު އިންތިޒާރެއް އެބަކުރަން މާޗް މަހުގެ ފަސްވަނަަ ދުވަހަށް.” އަހަރުގެ އެންމެ ބޮޑު ފިލްމުގެ ޓްރެއިލާ ލޯންޗްކުރުމުގެ އުފާ ލިބިގަންނަމުން ނިޢުމާ ބުންޏެވެ.

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ ”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. “ފޯޓީ ޕްލަސް” އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

ރާއްޖޭގައި އަލަށް ނެރޭ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ 20 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ފިލްމު އަޅުވަން ވާހަކަދައްކަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ފިލްމު އެޅުވުމަށްވެސް މިހާރުވަނީ ތާވަލުކުރެވިފައެވެ. އަތޮޅު ތެރޭގެ ތާވަލަށް ބަލައިލާއިރު:

މާރިޗް 14 އަދި 15 ގައި ބ. ތުޅާދޫގައި ފިލްމު ޕްރިމިއާކުރަން ދާނީ މިހާރު އެންމެ އުއްމީދީ އެއް ތަރި ޢަލީ އާޒިމް (ދޮން އައްޔަ) އެވެ. ތުޅާދޫ އަންހެންކުދިންނަށް ވަރަށް ނަސީބު ލައްވާލައިފިދޯއެވެ.

މާރިޗް 15 ގައި ފ. ނިލަންދު އަށް ފިލްމު ޕްރިމިއާކުރަން ދާނީ، ”ފޯޓީ ޕްލަސް“ ގައި ފެންނާނެ އެންމެ ތަފާތު އެއް ކެރެކްޓަރ ކުޅެފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ފ. ނިލަންދޫ ކުދިން، ޑާންސް އައިޓަމަކަށް، ސްޓެޕްކޮޅެއް ބޭނުމިއްޔާ މި ދަނޑިވަޅުގެ ބޭނުން ހިފަންވާނެއެވެ. ސްޓެޕް އައްޔަ ހުންނާނީ ޑާންސް ސްޓެޕް ބުނެދިނުމުގެ ފުރުޞަތު ލިބިއްޖެއްޔާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

މާރިޗް 14 ގައި ޅ. އަތޮޅު ނައިފަރުގައި ފިލްމު ޕްރިމިއާކުރަން ދާނީ ހާއްޕެ އެވެ.

މާރިޗް 14 ގައި ކުޅުދުއްފުއްޓަށް ”ފޯޓީ ޕްލަސް“ ގެ ނޯޓީކަން ދައްކައިލަން ދާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.