ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އަބުރަށް ހުތުރުވާގޮތަށް ވީޑިއޯއެއް ހެދި ސޯޝަލް މީޑިއާ އިންފްލުއެންސަރަކަށް، އަބުރުގެ ދަޢުވާކުރާނެ ކަމުގެ ނޯޓިސް ފޮނުވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާގެ ޤާނޫނީ ޓީމުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި ޢާންމުވި ވީޑިއޯއަކާ ގުޅިގެން، ޝާހްރުކް ޚާންގެ ފަރާތުން ބަދަލު ހޯދުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ބުނެ އެ އިންފްލުއެންސަރު ޚަބަރު ފެތުރުމާ ގުޅިގެންނެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ނަމަވެސް، އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާހްރުކް ޚާންގެ ޤާނޫނީ ވަކީލުން ވަނީ އެފަދަ އެއްވެސް ޤާނޫނީ ނޯޓިހެއް އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތައް ފަތުރަނީ އަމިއްލަ މަޤްބޫލުކަން ހޯދުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށްވެސް އެ ޓީމުން ފާހަގަކޮށްފައިވެއެވެ.
ޝާހްރުކް ޚާންގެ ޤާނޫނީ ޓީމުން އިތުރަށް ބުނެފައިވަނީ، އޭނާގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި، ރަސްމީ ނޫން މަސްދަރުތަކުން ފަތުރާ މިފަދަ ޚަބަރުތައް ޤަބޫލުނުކުރުމަށް އެދޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޝާހްރުކް ޚާންގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާގެ ދިފާޢުގައި ވާހަކަދައްކަމުންނެވެ.
